އޭ ޤަޠަރާއެވެ! ޞުލްޙަވެރިއެއް ނުވާނަމުއެވެ!



ޤަޠަރާއި ޢަރަބީންނާ ދެމެދުގައި ޚިލާފު އުފެދުނީ، ޤަޠަރުގެ ރަސްމީ މީޑިއާއިން ޝާއިޢުކޮށް، އެއަށްފަހު އަނބުރާ ގެންދިޔަ، ޤަޠަރުގެ އަމީރުގެ ބަސްފުޅުން ކަމަށް ހީކުރުމަކީ ކުށެކެވެ. އަދި އެކަމުގެ ސަބަބަކީ، ދައުޙާއާއި، ޠަހްރާނާ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމެއް ވެސް ނޫނެވެ. އަދި އެއީ، ހުރިހައި ރަތް ރޮނގެއް ހުރަސްކޮށްފުމަށްދާންދެން، އުޚުއްވަތްތެރި ކުޑަކުޑަ ޤަޠަރުން ކޮށްފައިވާ ދެއުޅިއެއްނުވާ ކަންތައްތަކެއް ވެސް ނޫނެވެ. އަޞްލު މައްސަލަ އެއަށްވުރެ މާ ބޮޑެވެ.

އާދޭހެވެ. ޢަރަބި ހަރުބަހެއްގައިވާ ފަދައިން، "ގަނޑުއެޅޭ ވަރަށްވުރެ އިރުނުތަން މާބޮޑެވެ." ޤަޠަރު ސަރުކާރުން ވަރަށް ނުރައްކާތެރި ކަންތައްތަކެއް ކުރާކަން ކަށަވަރުވެފައި ނުވާނަމަ، ސަޢޫދިއްޔާއާއި، ޔޫއޭއީއާއި، މިޞްރާއި، ބަޙުރައިނުން، ޤަޠަރާ ގުޅުން ކަނޑާލުމަކީ ކުރާނެ ކަމެއް ނޫނެވެ. ޑިޕްލޮމެޓިކް ގުޅުން ކަނޑާލުމުގެ އިތުރުން، އެ ޤައުމުތަކުގެ އެއްގަމާއި، ކަނޑާއި، ވައިގެ މަތުތައް ޤަޠަރަށް ބަންދުކޮށް، އެހާ ބޮޑަށް ގުޅުން ކަނޑައިލާނީ، މަޢާފުނުކުރެވޭ ވަރުގެ ބޮޑެތި ޖަރީމާތަކެއް ހާމަވުމުން ކަމާމެދަކު ޝައްކެއް ނެތެވެ.

ސަޢޫދިއްޔާއާއި، މިޞްރާއި، ޔޫއޭއީ ފަދަ ހައިބަބޮޑު ޤައުމުތަކަކުން، ޤަޠަރުން އެބުނާ ފަދަ ކުދިކުދި ސަބަބުތަކަކާހެދި އެ ޤައުމާ ގުޅުން ކަނޑާލުމަކީ، ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އެފަދަ ހައިބަބޮޑު ޤައުމުތަކަކުން އެވަރުގެ ކަމެއް ކުރާނީ، އެ ޤައުމުތަކުގެ ޤައުމީ ސަލާމަށް ނުރައްކާވުމުންނެވެ. އެ ޤައުމުތަކުން ނެރެފައިވާ ބަޔާންތަކުގައި ވެސް ބަޔާންކޮށްފައިވަނީ، އެފަދައިންނެވެ. އެ ތިން ޤައުމުގައި ފިތުނަ އުފައްދައި، އެ ތިން ޤައުމުގައި ޓެރަރިޒަމް ފެރުތުމަށް ޤަޠަރުން މަސައްކަތްކޮށްފައި ވާކަމުގެ ސާބިތު ހެކި ފެންނަން އެބަހުއްޓެވެ. އެ ތިން ޤައުމުގައި ހައިޖާނު އުފެއްދުމަށްޓަކައި، އެއްވެސް ހިފެހެއްޓުމެއްނެތި ޤަޠަރުން ފައިސާ ޚަރަދުކޮށްފައިވާކަން ވެސް ވަނީ ހާމަވެފައެވެ.

ސަޢޫދިއްޔާގެ ޙިކުމަތްތެރި ސަރުކާރުން ޤަޠަރުގެ ނޭއްގާނީ ޢަމަލުތަކާމެދު، ދެ ޤަރުނުގެ ދިގު މުއްދަތަކަށް ކެތްކޮށްފިއެވެ. އެ ދިގު ތާރީޚު ކަޅިވެފައިވަނީ، ޤަޠަރުން އެކްސްޕޯޓުކުރާ ފިތުނަފަސާދައާއި، ހައިޖާނާއި، ކެހިވެރި ރޭވުންތަކުންނެވެ. އެކަންކަމުގެ ސަބަބުން އަޅާފައިވާ ބޮޑު ރެނދަކީ، އާދައިގެ ޞުލްޙަވެރި ބައްދަލުވުމަކުން ބައްދާލެވޭނެ ރެނދެއް ނޫނެވެ. ޤަޠަރު ސަރުކާރުގެ ނިޒާމު ވަނީ، އެ ޤައުމަށް މަދަދާއި އެހީތެރިކަން ފޯރުކޮށްދިން އުޚުއްވަތްތެރި ޤައުމުތަކުގެ މައްޗަށް އެތައް އަހަރެއް ވަންދެން ޢަދާވާތްތެރިކަން އިސްކޮށްފައެވެ. އެހެންކަމުން އެ ނިޒާމުން ހިންގާފައިވާ ޖަރީމާތަކުގެ ރަހަ، އެ ނިޒާމުގެ ކަރުބުޑުގައި ލާވަރު، މިފަހަރު ކޮށްލަން އެބަޖެހެއެވެ. އެ ޖަރީމާތަކަށް ހަނދާނުން ނުފިލާވަރުގެ ބޮޑު އަގެއް މިފަހަރު އެ ނިޒާމުން ދައްކަންޖެހޭނެއެވެ. ސަޢޫދިއްޔާ އަކީ، އަބަދުވެސް ކުށްވެރިންނަށް ދޫދީ، އިންސާނިއްޔަތުކަން އިސްކޮށް، މަޢާފުކުރަމުންގެންދާ ޤައުމެކެވެ. އެހެނަސް މިފަހަރު ޤަޠަރާ މުޚާޠަބުކޮށް ހަރު އަޑުން ބުނަންޖެހެނީ، "އޭ ޤަޠަރާއެވެ! މިފަހަރަކު ޞުލްޙަވެރިއެއް ނުވާނަމުއެވެ!"

މި މަޤާމުގައި ކުރުން ޙައްޤުވެގެންވާ ސުވާލެއް އެބައޮތެވެ. ކެހިވެރި ރޭވުންތައް ރޭވުމާއި، މަކަރުހެދުމާއި، ޣައްދާރުވުމާއި، ޚިޔާނާތްތެރިވުމުގެ ތަރަހައެއްގެ މަތީގައި ދިރިއުޅެމުންދާ ކުޑަކުޑަ ޤައުމަކާ ބެހޭ ގޮތުންނެވެ. އެ ޤައުމަށް ލިބިފައިވާ ތަނަވަސްކަން ބޭނުންކޮށްގެން މުޅި ސަރަޙައްދުގައި ފިތުނަފަސާދަ އުފައްދަމުންދާއިރު، ކަޅު ޓެރަރިޒަމުން އަމާންވެ އެއާ ދުރުގައި އެ ޤައުމަށް އޮވެވިދާނެތޯއެވެ؟ އެ ޤައުމުން ޓެރަރިޒަމް ޙިމާޔަތްކޮށް އެއަށް ވާގިވެރިވަމުންދާއިރު، އޭގެ ނުރައްކަލުން އެ ޤައުމުގެ އަމިއްލަ ނަފުސު ދަހަނާކޮށް ސަލާމަތްކުރާނީ ކިހިނަކުންތޯއެވެ؟

އާދޭހެވެ. އެ ޤައުމު ވަނީ، ގަލްފުގެ ސަރަޙައްދުގައިވާ ބޮޑު ޝައިޠާނިއްޔަ ޤައުމު ކަމުގައިވާ އީރާނަށް ބައިޢަތު ހިފާފައެވެ. ދުނިޔޭގައިވާ ނިރުމަޅަ ޓެރަރިސްޓް ޖަމާޢަތްތަކަށް އިމެއްނެތި ހޭދަކުރާ މަދަދުގާރެއްގެ ގޮތުގައެވެ. އެފަދަ ޖަމާޢަތްތަކުގެ ތެރޭގައި، ދުނިޔޭގެ ގިނަ ޤައުމުތަކަށް މިހާރު ފެތުރިފައިވާ ދާޢިޝް (ނުވަތަ އައިއެސް) ހިމެނެއެވެ. އަދި ލުބްނާންގެ ޙިޒުބާއި، ފަލަސްޠީނުގެ ޙަމާސާއި، މިޞްރާއި ބައެއް އެހެން ޤައުމުތަކުގައިވާ އިޚުވާނުލް މުސްލިމީންއާއި، ޢިރާޤުގެ ޖަބްހަތުއް ނުޞްރާއާއި، ލީބިޔާގެ ހަތިޔާރުއެޅި ޖަމާޢަތްތައް ހިމެނެއެވެ.

ޤަޠަރުން އެދަނީ، ޞުލްޙަވެރިވުމުގެ މަގުތައް ހަދަމުންނެވެ. އެކަމަށްޓަކައި ބައެއް ކަންކަމަށް ދޫދެމުންނެވެ. އެހެނަސް ހަރުދަނާކަމާއި ސާބިތުކަމާއެކު، އަހުރެމެން ޤަޠަރަށް މިއަންގަނީ، އެއް ހޮރަކުން ދެފަހަރަށް ކަށިނުޖެހޭނެ ކަމެވެ! ދެ ޙަރަމްފުޅުގެ ކުރީގެ ޚާދިމު، ކިންގ ޢަބްދުﷲ ބްނު ޢަބްދުލްޢަޒީޒުގެ ކުރިފުޅުމަތީގައި، 2014 ވަނަ އަހަރު ވެސް ތިޔަ ޤަޠަރުން ވަނީ، ތިޔަ ޤަޠަރުގެ ތަޞައްރަފުނުފުދޭ ޢަމަލުތައް ހުއްޓާލާނެ ކަމަށް ވަޢުދުވެފައެވެ. އެހެނަސް ތިޔަ ޤަޠަރަކުން އެ ވަޢުދެއް ނުފުއްދައެވެ! ތިޔަ ޤަޠަރުން ހިންގާ ޖަރީމާތަކެއް ހުއްޓައެއްނުލައެވެ! ކިއެއްހެއްޔެވެ؟ ތިޔަ ޤަޠަރުގެ ޝައިޠާނިއްޔަ ޢަމަލުތައް ދިޔައީ އިތުރުވެ ގިނަވަމުންނެވެ.

ދަންނާށެވެ! ކުރިމަތިވެގެން މިއުޅެނީ، ޤައުމީ ސަލާމަތާ ގުޅިފައިވާ މައްސަލައެކެވެ.
ދަންނާށެވެ! އަހުރެމެންނަކު، ޤައުމީ ސަލާމަތަށް ނުރައްކާހުރި އެއްވެސް މައްސަލައެއްގައި އެއްވެސް ބަޔަކަށް މަޢާފުކޮށް ޞުލްޙަވެރިއެއް ނުވާނަމުއެވެ!


ތާރީޚު: 19 ރަމަޟާން 1438 ހ.، 14 ޖޫން 2017 މ.
ނޯޓް: މުޙައްމަދު ޙަސަން ޔޫސުފު (محمد حسن يوسف) އަކީ، ސަޢޫދިއްޔާގެ މަޝްހޫރު ލިއުންތެރިއެކެވެ.
މަޞްދަރު:
http://www.alriyadh.com/1602534