ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރެވޭ ޙާލަތުތައް


(يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰ أَن يَكُونُوا خَيْرًا مِّنْهُمْ وَلَا نِسَاءٌ مِّن نِّسَاءٍ عَسَىٰ أَن يَكُنَّ خَيْرًا مِّنْهُنَّ ۖ وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ ۖ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ ۚ وَمَن لَّمْ يَتُبْ فَأُولَٰئِكَ هُمُ الظَّالِمُونَ)
އަލްޙުޖުރާތު: 11

މާނައީ، "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެއެވެ! އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެއެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށް ޢައިބު ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއް ބަޔަކަށް ނުރުހޭކަހަލަ ލަޤަބުތަކުން ނުގޮވާށެވެ! އީމާންވުމަށްފަހު ފާސިޤުވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) ތައުބާނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ."

<><><>

ޤާނޫނު ނަންބަރު 2016/15 (އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ ދެވަނަ ބާބުގައި، އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރެވޭނެ ޙާލަތުތައް ބަޔާންކޮށްފައި ވެއެވެ. އެ ޤާނޫނުގެ 6 ވަނަ މާއްދާގައި ވަނީ، ވަކި ޙާލަތުތަކެއް ފިޔަވައި އެހެން ޙާލަތުތަކުގައި، މިނިވަންކަމާއެކު ފިކުރުކުރުމާއި، އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ބަޔާންކޮށްފައެވެ. އެކަން ނުކުރެވޭނެ ކަމަށް އެ މާއްދާގައި ކަނޑައަޅާފައިވާ ޙާލަތުތަކަކީ:

1. ފާޅުކުރާ ޚިޔާލަކީ، އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ޚިޔާލަކަށްވުން؛
2. ފާޅުކުރާ ޚިޔާލަކީ، ޤައުމީ ސަލާމަތަށް ނުރައްކާ ކުރުވާ ޚިޔާލަކަށްވުން؛
3. ފާޅުކުރާ ޚިޔާލަކީ، އެހެން މީހެއްގެ ޙައްޤަކަށް ނުވަތަ ނަމަށް ނުވަތަ އަބުރަށް ގެއްލުންދެނިވި ޚިޔާލަކަށްވުން؛
4. ފާޅުކުރާ ޚިޔާލަކީ، ޢާންމު ނިޒާމާ ޚިލާފު ޚިޔާލަކަށްވުން.

އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ޚިޔާލު


އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ޚިޔާލުފާޅުކުރުން ކަމުގައި ބެލެވޭނެ ކަންކަން، ނަންގަނެވިދިޔަ ޤާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައި ވެއެވެ. އެކަންކަމަކީ:

1. އިސްލާމްދީނަށް ފުރައްސާރަވާ ގޮތަށް، އިސްލާމްދީނަށް ތައުހީންކޮށް ޚިޔާލުފާޅުކޮށް ވާހަކަދެއްކުން؛
2. އިސްލާމްދީނުގެ އަޞްލުތަކުގެ ޞައްޙަކަމާމެދު ސުވާލު އުފައްދާ ޚިޔާލުފާޅުކުރުން؛
3. ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލައި، ދީނީގޮތުން ޚިލާފު އުފެދުމާއި ބައިބައިވުމާއި ފިތުނަ އުފެދޭނެ ފަދައިން ޚިޔާލުފާޅުކުރުން.


ކުށުގެ އަދަބު


އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ޚިޔާލުފާޅުކުރުން ކަމުގައި ބެލެވޭނެ ކަމެއް ކޮށްފި މީހެއްގެ އަދަބު ކަނޑައެޅިފައިވަނީ، ޤާނޫނު ނަންބަރު 94/6 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) ގައެވެ.


ޤައުމީ ސަލާމަތަށް ނުރައްކާ ކުރުވާ ޚިޔާލު


ޤާނޫނު ނަންބަރު 2016/15 ގެ 9 ވަނަ މާއްދާގައި، ޤައުމީ ސަލާމަތަށް ނުރައްކާ ކުރުވާނެ ޚިޔާލުފާޅުކުރުން ކަމުގައި ބެލެވޭނެ ކަންކަން ބަޔާންކޮށްފައި ވެއެވެ. އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެކަންކަމަކީ:

1. ޤައުމުގެ ސިޔާދަތަށް ނުވަތަ އިސްތިޤުލާލަށް ގެއްލުން ލިބޭނެފަދަ ޚިޔާލުފާޅުކުރުން؛
2. ޓެރަރިޒަމްގެ ޢަމަލަކަށް ހިތްވަރުދިނުން ނުވަތަ ހަތިޔާރު ބޭނުންކޮށްގެން ޢުދުވާނީ ޙަރަކާތެއް ހިންގުމަށް ގޮވާލައި ޚިޔާލުފާޅުކުރުން.

މި ދެ ކަމުންކުރެ ކަމެއް ސާބިތުކުރުމުގެ މިންގަނޑު އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވެއެވެ. އެ މިންގަނޑަކީ، ފާޅުކުރެވުނު ޚިޔާލަކީ ޤައުމީ ސަލާމަތަށް ނުރައްކާކުރުވާނެ ޚިޔާލެއްކަމަށް ބުއްދި ސަލާމަތުންހުރި މީހަކަށް ޤަބޫލުކުރެވޭނެކަން ނުވަތަ ނޫންކަމުގެ މިންގަނޑެވެ.


ކުށުގެ އަދަބު


ޤައުމީ ސަލާމަތަށް ނުރައްކާ ކުރުވާނެ ޚިޔާލުފާޅުކުރި މީޑިއާ އާއި، ރިޕޯޓަރުގެ މައްޗަށް ޖޫރިމަނާކުރުމުގެ އަދަބު ކަނޑައެޅިފައި ވެއެވެ.

މީޑިއާ


ފުރަތަމަ ފަހަރު، -/50000 (ފަންސާސް ހާސް) ރުފިޔާއާއި -/500000 (ފަސް ލައްކަ) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން؛

ދެވަނަ ފަހަރު، -/500000 (ފަސް ލައްކަ) ރުފިޔާއާއި -/1000000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން؛

ތިންވަނަ ފަހަރު، -/1000000 (އެއް މިލިއަން) ރުފިޔާއާއި -/1500000 (އެއް މިލިއަން ފަސް ސަތޭކަ ހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން؛

ތިން ފަހަރަށްވުރެ އިތުރަށް ޚިލާފުވާ ކޮންމެ ފަހަރަކު، -/1500000 (އެއް މިލިއަން ފަސް ސަތޭކަ ހާސް) ރުފިޔާއާއި -/2000000 (ދެ މިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން.

ރިޕޯޓަރު


ފުރަތަމަ ފަހަރު، -/50000 (ފަންސާސް ހާސް) ރުފިޔާއާއި -/75000 (ހަތްދިހަ ފަސް ހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން؛

ދެވަނަ ފަހަރު، -/75000 (ހަތްދިހަ ފަސް ހާސް) ރުފިޔާއާއި -/100000 (އެއް ލައްކަ) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން؛

ތިންވަނަ ފަހަރާއި އޭގެ އިތުރަށް ޚިލާފުވާ ކޮންމެ ފަހަރަކު، -/100000 (އެއް ލައްކަ) ރުފިޔާއާއި -/150000 (އެއް ލައްކަ ފަންސާސް ހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން.


އެހެން މީހެއްގެ ޙައްޤަކަށް ނުވަތަ ނަމަށް ނުވަތަ އަބުރަށް ގެއްލުންދެނިވި ޚިޔާލު


ޤާނޫނު ނަންބަރު 2016/15 ގެ 10 ވަނަ މާއްދާގައި، އަބުރާބެހުމުގެ ބަހާއި ޢަމަލަކީ ކޮބައިކަން ބަޔާންކޮށްފައި ވެއެވެ. އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެކަންކަން އަންނަނިވި ދެ ނުކުތާގައި މިވަނީއެވެ.

1. އަބުރާބެހުމުގެ ބަހަކީ، މީހަކަށް ނިސްބަތްކޮށް ދައްކާ ވާހަކައެއް ނުވަތަ، ބުނާ ބަހެއް، ލިޔާ ލިޔުމެއް، ކުރަހާ ކުރެހުމެއް ނުވަތަ ތަސްވީރެއް، ކުރާ އިޝާރާތެއް ނުވަތަ ދައްކާ ޙަރަކާތެއް ނުވަތަ އިއްވާ އަޑެއްގެ ސަބަބުން މީހެއްގެ ނަމަށް ނުވަތަ ޤަދަރަށް ނުވަތަ ޢިއްޒަތަށް ނުވަތަ ކަރާމާތަށް އުނިކަން ލިބޭނޭފަދަ އެއްޗެއް ވިސްނިގެން، ދޭހަކުރެވިގެން، އިޙްސާސްކުރެވިގެން ނުވަތަ ސިފަކުރެވިގެންދާ ކޮންމެ ބަހެއް، ލިޔުމެއް، ކުރެހުމެއް ނުވަތަ ތަޞްވީރެއް، އިޝާރާތެއް، ޙަރަކާތެއް ނުވަތަ އަޑެއް؛ ނުވަތަ

2. ތިންވަނަ ފަރާތެއްގެ ނަޒަރުގައި ނުވަތަ މުޖުތަމަޢުގެ ކުރިމަތީގައި މީހެއްގެ ނަމަށް ނުވަތަ ޤަދަރަށް ނުވަތަ ޢިއްޒަތަށް ނުވަތަ ކަރާމާތަށް އުނިކަން ލިބިގެންދާނެ ފަދަ އެއްޗެއް، ވިސްނިގެން، ދޭހަކުރެވިގެން، އިޙްސާސްކުރެވިގެން ނުވަތަ ސިފަކުރެވިގެންދާ ކޮންމެ ބަހެއް، ލިއުމެއް، ކުރެހުމެއް ނުވަތަ ތަސްވީރެއް، އިޝާރާތެއްކ ޙަރަކާތެއް ނުވަތަ އަޑެކެވެ.

ވަކި މީހަކަށް ނުވަތަ ފަރާތަކަށް ނިސްބަތްކުރުމުގެ ސަބަބުން، މުޖުތަމަޢުގައި އުޅޭ ސަލާމަތް ބުއްދި ހުރި ފަރުދުންގެ ނަޒަރުގައި އެ ބަސް ރައްދުވި ފަރާތަށް ކުރަމުން އައި ޤަދަރަށް އުނިކަމެއް އައުން، ނުވަތަ މުޖުތަމަޢުގައި އުޅޭ ސަމާލަތް ބުއްދި ހުރި ފަރުދުންގެ ހިތްތަކުގައި އެ ބަސް ނިސްބަތްވި ފަރާތަށް ކުރަމުންއައި އިޙްތިރާމަށް ނުވަތަ ދެކެއުޅޭ ގޮތަށް ހެޔޮނޫން ބަދަލެއް އައުން، ނުވަތަ އެ ފަރާތާމެދު ނަފްރަތު ކުރެވޭގޮތް ދިމާވުން، ނުވަތަ އެބަހުގެ ސަބަބުން ބަސް ނިސްބަތްވި ފަރާތެއް މުޖުތަމަޢުން އެކަހެރިވުމަށް ދިމާވާ ކޮންމެ ބަހެއް، ލިޔުމެއް، ކުރެހުމެއް ނުވަތަ ތަސްވީރެއް، އިޝާރާތެއް، ޙަރަކާތެއް ނުވަތަ އަޑެއް، އަބުރާބެހުމުގެ މާނައިގެ ތެރޭގައި ހިމެނެއެވެ.

އަބުރާބެހުމުގެ މާނައިގެ ތެރޭގައި ބަހާއި، ލިޔުމާއި، ކުރެހުމާއި، ތަސްވީރާއި، އިޝާރާތާއި، ޙަރަކާތާއި، އަޑު ހިމެނެނީ އެއީ ސާބިތުނުހިފޭ ދޮގު ބަހެއްގެ މައްޗަށް ބިނާވެގެންވާ އެއްޗެއް ކަމުގައި ވާނަމައެވެ.

އަބުރާބެހެވޭ ފަދަ ބަހެއް ސީދާ ޞަރީޙަ ބަހުން ނުވަތަ ނުސީދާކޮށް ބުނެވިދާނެއެވެ.

އަބުރާބެހުމުގެ ޢަމަލުކަމުގައި ވާނީ، ޤާނޫނުގައި އަބުރާބެހުމުގެ ބަހާއި ޢަމަލު ކަމުގައި ބަޔާންކޮށްފައިވާ އެއްޗެއް ބުނުން، ލިޔުން، ކުރެހުން، މަންޒަރެއް ހެދުން، އިޝާރާތެއް ނުވަތަ ޙަރަކާތެއްކުރުން، އަޑެއް ލެއްވުން، ނުވަތަ އެފަދަ އެއްޗެއް ޝާއިޢުކުރުން ނުވަތަ ބްރޯޑްކާސްޓްކުރުމަށެވެ.

ވަކި މީހަކަށް ނިސްބަތްނުވާގޮތަށް މުއައްސަސާއެއްގެ މަސައްކަތަށް ފާޑުކިޔުމަކުން އެއީ، އެ މުއައްސަސާއެއްގައި އެ ވަގުތެއްގައި ތިބި ބައެއްގެ އަބުރާބެހުން ކަމުގައި ނުހިމެނޭނެއެވެ.


ކުށުގެ އަދަބު


އެހެން މީހެއްގެ ޙައްޤަކަށް ނުވަތަ ނަމަށް ނުވަތަ އަބުރަށް ގެއްލުންދެނިވި ޚިޔާލުފާޅުކުރި މީޑިއާ އާއި، ރިޕޯޓަރުގެ މައްޗަށް ޖޫރިމަނާކުރުމުގެ އަދަބު ކަނޑައެޅިފައި ވެއެވެ.

މީޑިއާ


ފުރަތަމަ ފަހަރު، -/50000 (ފަންސާސް ހާސް) ރުފިޔާއާއި -/500000 (ފަސް ލައްކަ) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން؛

ދެވަނަ ފަހަރު، -/500000 (ފަސް ލައްކަ) ރުފިޔާއާއި -/1000000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން؛

ތިންވަނަ ފަހަރު، -/1000000 (އެއް މިލިއަން) ރުފިޔާއާއި -/1500000 (އެއް މިލިއަން ފަސް ސަތޭކަ ހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން؛

ތިން ފަހަރަށްވުރެ އިތުރަށް ޚިލާފުވާ ކޮންމެ ފަހަރަކު، -/1500000 (އެއް މިލިއަން ފަސް ސަތޭކަ ހާސް) ރުފިޔާއާއި -/2000000 (ދެ މިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން.

ރިޕޯޓަރު


ފުރަތަމަ ފަހަރު، -/50000 (ފަންސާސް ހާސް) ރުފިޔާއާއި -/75000 (ހަތްދިހަ ފަސް ހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން؛

ދެވަނަ ފަހަރު، -/75000 (ހަތްދިހަ ފަސް ހާސް) ރުފިޔާއާއި -/100000 (އެއް ލައްކަ) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން؛

ތިންވަނަ ފަހަރާއި އޭގެ އިތުރަށް ޚިލާފުވާ ކޮންމެ ފަހަރަކު، -/100000 (އެއް ލައްކަ) ރުފިޔާއާއި -/150000 (އެއް ލައްކަ ފަންސާސް ހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން.


ޢާންމު ނިޒާމާ ޚިލާފު ޚިޔާލު


ޤާނޫނު ނަންބަރު 2016/15 ގެ 11 ވަނަ މާއްދާގައި، ޢާންމު ނިޒާމާ ޚިލާފު ޚިޔާލުފާޅުކުރުމަކީ ކޮބައިކަން ބަޔާންކޮށްފައި ވެއެވެ. އެ މާއްދާގައި ވަނީ:

ޢާންމު ނިޒާމާ ޚިލާފު ޚިޔާލުފާޅުކުރުމަކީ، މުޖުތަމަޢުގައި، ޢާންމު އުޞޫލެއްގެ ގޮތުން، ޢަމަލުކުރެވެމުންދާ ނުވަތަ މީހުން ތަބާވަމުންދާ ޢާންމު އަޚުލާޤީ ސުލޫކީ މިންގަނޑުތަކަށް އަދި/ނުވަތަ ހަމަތަކަށް އަދި ޢާންމު ތަންތާނގައާއި، ޢާންމުކޮށް މީހުން އެއްވެއުޅޭ ތަންތަނުގައި މީހުން ޢަމަލުކުރަމުންދާނެ ނުވަތަ ތަބާވަމުންދާނެ ޢާންމު އަޚްލާޤީ ސުލޫކީ މިންގަނޑުތަކަށާއި، ރައްޔިތުންނަށްޓަކައި މަސްއޫލިއްޔަތު އުފުލުމުގެ ވާޖިބު އަދާކުރާ ފަރާތްތަކުންނާއި މީޑިއާގެ ވަސީލަތްތަކުން ޢަމަލުކުރަމުންދާނެ ނުވަތަ ތަބާވަމުންދާނެ ޢާންމު އަޚްލާޤީ ސުލޫކީ މިންގަނޑުތަކާ ޚިލާފަށް ޚިޔާލުފާޅުކުރުމެވެ.

ޤާނޫނު ނަންބަރު 2016/15 ގެ 12 ވަނަ މާއްދާގައި، ޢާންމު ނިޒާމާ ޚިލާފު ޚިޔާލުފާޅުކުރުމުގެ ތެރޭގައި ހިމެނޭ ކަންކަމަކީ ކޮބައިކަން ބަޔާންކޮށްފައި ވެއެވެ. އެ މާއްދާގައި ވަނީ:

އަންނަނިވި ކަންކަމަކީ ޢާންމު ނިޒާމާ ޚިލާފު ޚިޔާލުފާޅުކުރުން ކަމުގައި ހިމެނޭ ކަންކަމެވެ.

(ހ) އެއްވެސް މީހަކަށް ނުވަތަ އެއްވެސް މީހެއްގެ މުދަލަށް ގެއްލުން ދިނުމަށް ބާރުއަޅައި ޚިޔާލުފާޅުކުރުން؛

(ށ) މީހުންގެ ޖިސްމާއި ފުރާނައަށް ގެއްލުން ކުރިމަތިކުރުމަށް ނުވަތަ ގެއްލުންދިނުމަށް ޚިޔާލުފާޅުކުރުން؛

(ނ) ޖިންސީ ގުޅުން ހިންގުމާއި ބަދުއަޚުލާޤީ ޢަމަލުތަކަށް ހިތްވަރުދީ ޚިޔާލުފާޅުކުރުން؛

(ރ) ރަލާއި މަސްތުވާތަކެތި ހިމެނޭ ތަކެތި އިޝްތިހާރުކުރުން؛

(ބ) ކުޑަކުދިންނަށް ފެންނަ ނުވަތަ އަޑުއިވޭ ހިސާބުގައި، އިސްލާމްދީނަށް ފުރައްސާރަވާ ވާހަކަތަކާއި، ބަދުއަޚުލާޤީ ވާހަކަދެއްކުމާއި، ހުތުރު ބަހުން މުޢާމަލާތްކުރުން ނުވަތަ އެފަދަ ކަމެއް އެކުލެވޭ އަޑެއް ނުވަތަ މަންޒަރެއް ނުވަތަ އަޑާއި މަންޒަރު އެކުދިންނަށް އަޑުއިވޭނެހެން ނުވަތަ އެކުދިންނަށް ފެންނަގޮތަށް ބޭނުންކުރުން؛

(ޅ) އަންހެނުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، ކުޑަކުދިންނާއި ޢުމުރުން ދުވަސްވީ މީހުންނާމެދު ނުރަނގަޅު ތަޞައްވުރު މުޖުތަމަޢުގައި ފެތުރުމަށް މަގުފަހިކުރާ ތަކެތި ޢާންމުކުރުން.


ކުށުގެ އަދަބު


ޢާންމު ނިޒާމާ ޚިލާފު ޚިޔާލުފާޅުކުރި މީޑިއާ އާއި، ރިޕޯޓަރުގެ މައްޗަށް ޖޫރިމަނާކުރުމުގެ އަދަބު ކަނޑައެޅިފައި ވެއެވެ.

މީޑިއާ


ފުރަތަމަ ފަހަރު، -/50000 (ފަންސާސް ހާސް) ރުފިޔާއާއި -/250000 (ދެލައްކަ ފަންސާސް ހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން؛

ދެވަނަ ފަހަރު، -/250000 (ދެލައްކަ ފަންސާސް ހާސް) ރުފިޔާއާއި -/500000 (ފަސް ލައްކަ) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން؛

ތިންވަނަ ފަހަރު، -/500000 (ފަސް ލައްކަ) ރުފިޔާއާއި -/750000 (ހަތް ލައްކަ ފަންސާސް ހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން؛

ތިން ފަހަރަށްވުރެ އިތުރަށް ޚިލާފުވާ ކޮންމެ ފަހަރަކު، -/750000 (ހަތް ލައްކަ ފަންސާސް ހާސް) ރުފިޔާއާއި -/1000000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން.

ރިޕޯޓަރު


ފުރަތަމަ ފަހަރު، -/50000 (ފަންސާސް ހާސް) ރުފިޔާއާއި -/75000 (ހަތްދިހަ ފަސް ހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން؛

ދެވަނަ ފަހަރު، -/75000 (ހަތްދިހަ ފަސް ހާސް) ރުފިޔާއާއި -/100000 (އެއް ލައްކަ) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން؛

ތިންވަނަ ފަހަރާއި އޭގެ އިތުރަށް ޚިލާފުވާ ކޮންމެ ފަހަރަކު، -/100000 (އެއް ލައްކަ) ރުފިޔާއާއި -/150000 (އެއް ލައްކަ ފަންސާސް ހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން.


ނިންމުން


ނަންގަނެވިދިޔައީ، ޤާނޫނު ނަންބަރު 2016/15 (އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ ދެވަނަ ބާބުގައި، ބަޔާންކޮށްފައިވާ، އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރެވޭނެ ޙާލަތްތަކެވެ. އަދި އެއިން ކޮންމެ ޙާލަތަކަށް ކަނޑައެޅިފައިވާ އަދަބުތަކެވެ. އެއީ، އެންމެ ހަތަރު ޙާލަތެވެ. އެ ޙާލަތުތައް ފިޔަވައި އެހެން ޙާލަތުތަކުގައި، މިނިވަންކަމާއެކު ފިކުރުކުރުމާއި، އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރެވިފައިވާ ޙާލަތުތަކަކީ:

1. ފާޅުކުރާ ޚިޔާލަކީ، އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ޚިޔާލަކަށްވުން؛
2. ފާޅުކުރާ ޚިޔާލަކީ، ޤައުމީ ސަލާމަތަށް ނުރައްކާ ކުރުވާ ޚިޔާލަކަށްވުން؛
3. ފާޅުކުރާ ޚިޔާލަކީ، އެހެން މީހެއްގެ ޙައްޤަކަށް ނުވަތަ ނަމަށް ނުވަތަ އަބުރަށް ގެއްލުންދެނިވި ޚިޔާލަކަށްވުން؛
4. ފާޅުކުރާ ޚިޔާލަކީ، ޢާންމު ނިޒާމާ ޚިލާފު ޚިޔާލަކަށްވުން.

މިއެވެ.

ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބުތަކަށް ބަލާއިރު، އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރެވޭނެ ޙާލަތްތަކުގައި ހިމެނޭ ކުށްތަކުގެ ޚުޠޫރަތްތެރިކަން ދޭހަވެއެވެ. އެ ޙާލަތުތަކުގައި ހިމެނޭ ކުށްތަކާމެދު ފިކުރު ހިންގައިލުމުން، އެއީ ފިތުނަފަސާދައިގެން އެންމެ ނުބައި އަދި އެންމެ ނުރައްކާތެރި ބާވަތްތަކުގެ ކުށްތައް ކަން އެނގެއެވެ. އެ ކުށްތަކުގެ އަދަބު، މަރުގެދިޔައަށްވުރެ ބޮޑީ، އޭގެ ނުރައްކާތެރިކަމާއި، ޚުޠޫރަތްތެރިކަމުގެ ބޮޑުކަމަށްޓަކައި ކަމަށް މޭރުންވެއެވެ.