ކިންގ ސަލްމާނު ބްނު ޢަބްދުލްޢަޒީޒު


ދެ ޙަރަމްފުޅުގެ ޚާދިމު ސަލްމާން ބްނު ޢަބްދުލްޢަޒީޒު އާލު ސަޢޫދު (خادم الحرمين الشريفين سلمان بن عبد العزيز آل سعود) (حفظه الله) އަކީ، ސަޢޫދީ ޢަރަބިއްޔާގެ ހަތްވަނަ ރަސްގެފާނެވެ. އޭގެއިތުރުން އެމަނިކުފާނަކީ، ވަޒީރުންގެ މަޖިލީހުގެ ރައީސެވެ. ޢަސްކަރިއްޔާގެ އެންމެ މަތީ ޤާއިދެވެ. އެމަނިކުފާނަކީ، ސަޢޫދީ ޢަރަބިއްޔާގެ މުއައްސިސު ޢަބްދުލްޢަޒީޒު ބްނު ޢަބްދުއްރަޙްމާނުލް ފައިޞަލު އާލު ސަޢޫދުގެ ފަންސަވީސްވަނަ ދަރިކަލުންނެވެ. ސަޢޫދީ ޢަރަބިއްޔާގެ ޝާހީ ޢާއިލާގައި އެމަނިކުފާނަށް ލިބިވަޑައިގެންފައިވަނީ، ވަރަށް މަތިވެރި މަޤާމެކެވެ. އެހެނީ، އެމަނިކުފާނަކީ، އެ ޢާއިލާގެ އަމީނުއްސިއްރެވެ. އެ ޢާއިލާގެ މަޖިލީހުގެ ރައީސެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްރަސްކަލުންގެ ޝަޚުޞީ މުސްތަޝާރެވެ.


އުފަންވެވަޑައިގަތުން

ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟު (الرياض) ގައި، ކިންގ ސަލްމާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 5 ޝައްވާލް 1354 ހ. (31 ޑިސެމްބަރ 1935 މ.) ގައެވެ. އެމަނިކުފާނަކީ، ސަޢޫދީ ޢަރަބިއްޔާގެ މުއައްސިސު، ކިންގެ ޢަބްދުލްޢަޒީޒު އާލު ސަޢޫދު (الملك عبدالعزيز آل سعود)، (رحمه الله) ގެ ފަންސަވީސް ވަނަ ދަރިކަލުންނެވެ. ކިންގ ސަލްމާނު ބޮޑުފުޅުވީ، އެމަނިކުފާނުގެ ބައްޕާފުޅުގެ އެހެން ބޭފުޅުންނާއެކު، ރަސްކަމުގެ ގަނޑުވަރުގައި، ޝާހީ ޢިއްޒަތުގައެވެ. ބައްޕާފުޅު، އެކިއެކި ޤައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވާ ރަސްމީ ބައްދަލުކުރެއްވުންތަކުގައި، ތުއްޕުޅުއިރުއްސުރެ ބައިވެރިވެވަޑައިގަންނަވައެވެ. އެހެންކަމުން ތުއްޕުޅުއިރުއްސުރެ ސިޔާސީ ޙިކުމަތާއި، ބައިނަލްއަޤުވާމީ ފިކުރު އެމަނިކުފާނަށް ލިބިވަޑައިގަންނަވަމުން ދިޔައެވެ. އޭގެ ހެޔޮ އަސަރު، ޢަމަލީ މައިދާނުގައި އެމަނިކުފާނުގެ ކިބައިން ފާޅުވެއެވެ. ޢަމަލީ މައިދާނުގައި އެމަނިކުފާނު ގުނާލެވެނީ، އެންމެ މަތީ ފަންތީގެ މޮޅު ސިޔާސީ މުޙަންނިކުންނާއި، ލާމަސީލު މުދައްބިރުންގެ ތެރޭގައެވެ.


ތަޢުލީމީ ޙަޔާތްޕުޅު

ކިންގ ސަލްމާނު، ތުއްޕުޅުއިރު ތަޢުލީމު ޙާޞިލުކުރެއްވީ، ވެރިރަށް ރިޔާޟު (الرياض) ގެ މަދްރަސަތުލް އުމަރާއި (مدرسة الأمراء) އިންނެވެ. އެ މަދްރަސާގައި، ދީނީ ތަޢުލީމާއި، ޒަމާނީ ޢުލޫމުތައް އެމަނިކުފާނު ކިޔަވާވިދާޅުވިއެވެ. ޢުމުރުފުޅުން ދިހަ އަހަރުގައި، އެމަނިކުފާނު ކީރިތި ޤުރުއާން ޚަތިމުކުރެއްވިއެވެ. އެމަނިކުފާނަށް ކީރިތި ޤުރުއާން ކިޔަވައިދެއްވި މާތް އުސްތާޛަކީ، އަލްމަސްޖިދުލްޙަރާމްގެ އިމާމު، އައްޝައިޚު ޢަބްދުﷲ ޚައްޔާޠު (الشيخ عبدالله خياط)، (رحمه الله) އެވެ.

ކިންގ ސަލްމާނަކީ، ތުއްޕުޅުއިރުއްސުރެ ތަޢުލީމަށް ލޯބިކުރެއްވި ބޭފުޅެކެވެ. ފަހުން އެމަނިކުފާނަށް ވަނީ، އެކަޑެމިކް އެތައް އިނާމުތަކަކާއި، އޮނަރަރީ ޑޮކްޓަރޭޓްކަން އެރުވިފައެވެ.


ސިޔާސީ ޙަޔާތްޕުޅު

ކިންގ ސަލްމާނު އެމަނިކުފާނުގެ ސިޔާސީ ޙަޔާތްޕުޅު ފެށްޓެވީ، 11 ރަޖަބު 1373 ހ. (16 މާރިޗު 1954 މ.) ގައެވެ. އެންމެ ފުރަތަމަ ފުރުއްވި މަޤާމަކީ، ވެރިރަށް ހިމެނޭ އޭރިއާގެ އަމީރުގެ ނާއިބުކަމެވެ. އޭރު އެ ސަރަޙައްދުގެ އަމީރަކީ، އެމަނިކުފާނުގެ އަޚެއް ކަމުގައިވާ، ނާޔިފު ބްނު ޢަބްދުލްޢަޒީޒެވެ.

ކިންގ ސަލްމާނަށް، ވެރިރަށް ހިމެނޭ ރިޔާޟު ސަރަޙައްދުގެ އަމީރުކަމުގެ މަޤާމު ލިބިވަޑައިގަތީ، 25 ޝަޢުބާން 1374 ހ. (18 އޭޕްރީލް 1955 މ.) ގައެވެ. 7 ރަޖަބު 1380 ހ. (25 ޑިސެމްބަރ 1955 މ.) ގައި، އަމިއްލަފުޅަށް އިސްތިޢުފާ ދެއްވައިފުމަށްދާންދެން އެ މަޤާމުގައި ހުންނެވިއެވެ. އެއަށްފަހު، 10 ރަމަޟާން 1382 ހ. (4 ފެބްރުވަރީ 1963 މ.) ގައި، ދެވަނަ ފަހަރަށް އެމަނިކުފާނު އެ މަޤާމަށް ޢައްޔަންކުރެވުނެވެ.

އެ މަޤާމުގައި ހުންނެވިއިރު، ބޭރު ޤައުމުތަކަށް ރަސްމީ ދަތުރުފުޅުތަކެއް ކުރެއްވިއެވެ. އެއިން ބައެއް މުހިންމު ދަތުރުފުޅުތަކަކީ:

ޖޯޑްންގެ ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވާ ކޮމިޓީގެ ވެރިޔާގެ ހައިސިއްޔަތުން، 1968 ވަނަ އަހަރު ޖޯޑްންގެ ވެރިރަށް ޢައްމާނަށް ދަތުރުފުޅެއް ކުރެއްވިއެވެ. އެ ދަތުރުފުޅުގައި، ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟު ސަރަޙައްދުން ދެވަނަ ފަހަރަށް ޖަމާކުރެވިފައިވާ ފައިސާގެ އެހީ ފޯރުކޮށްދެއްވިއެވެ. އަދި 1969 ވަނަ އަހަރު، ޖޯޑްންގެ އަޣުވާރު ސަރަޙައްދުގައި ތިބި ސަޢޫދީ ސިފައިންނާ ބައްދަލުކުރެއްވުމަށްޓަކައި ވަޑައިގެންނެވެ. އެފަހަރު އެމަނިކުފާނަށް މެހުމާންދާރީ އަދާކުރެއްވީ، ޖޯޑްންގެ ރަސްގެފާނު، ކިންގ ޙުސައިން ބްނު ޠަލާލެވެ.

1974 ވަނަ އަހަރު، ކިންގ ސަލްމާނު ކުވައިތަށާއި، ބަޙުރައިނަށާއި، ޤަޠަރަށް ދަތުރުފުޅުތައް ކުރެއްވިއެވެ. އެއީ، ޢަރަބީންގެ މެދުގައި އެއްބައިވަންތަކަން ހަރުދަނާކުރެއްވުމަށްޓަކައި ކުރެއްވި ދަތުރުފުޅުތަކެކެވެ.

1985 ވަނަ އަހަރު، ކިންގ ސަލްމާނު ފަރަންސޭސިވިލާތުގެ ޕެރިހަށް، ވަޑައިގެންނެވިއެވެ. އެ ދަތުރުފުޅުގައި، ފަރަންސޭސިވިލާތުގެ ރައީސް ޖެކް ޝިރާކު އެމަނިކުފާނާ ބައްދަލުކުރެއްވިއެވެ.

1991 ވަނަ އަހަރު، ކިންގ ސަލްމާނު ކެނެޑާގެ މޮންޓްރިޔާލަށް ވަޑައިގެން، ސަޢޫދީ ޢަރަބިއްޔާގެ އެހާރާއި މިހާރުގެ މައުރަޒު އިފުތިތާޙުކޮށްދެއްވިއެވެ.

1996 ވަނަ އަހަރު، ކިންގ ސަލްމާނު ފަރަންސޭސިވިލާތަށް ވަޑައިގެންނެވިއެވެ. އެ ދަތުރުފުޅުގައި، ފަރަންސޭސިވިލާތުގެ ރައީސް ޖެކް ޝިރާކް، އެމަނިކުފާނާ އިސްތިޤުބާލުރެއްވީ ރަސްމީ ޢިއްޒަތުގައި ރައީސްގެ ރަސްމީ ގަނޑުވަރުގައެވެ. ކިންގ ސަލްމާނު ފަރަންސޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިޞްރާބު ބަދަލުކުރެއްވީ ބޮސްނިޔާ އަށެވެ. އެ ދަތުރުފުޅުގައި ބޮސްނިޔާގެ ރައީސް ޢަލީ ޢިއްޒަތު ބިގޮވިޗާއެކު، ސަރަޔޭވޯ ސަހަރުގައި ކިންގ ފަހުދު ސަގާފީ މަރުކަޒުގެ ބިންގާ އެޅުއްވިއެވެ. ބޮސްނިޔާ އާއި ހެޒްގޮވީނިޔާގެ މުސްލިމުންނަށް އެހީ ފޯރުކޮށްދޭ އެތައް މަޝްރޫޢުތަކެއް އިފުތިތާޙުކޮށްދެއްވިއެވެ. ކިންގ ސަލްމާނު މަރުކަޒުގެ ބިންގާ، ސަރަޔޭވޯ ސަހަރުގައި އަޅުއްވައިދެއްވިއެވެ. އަދި ޖަބަލުޠާރިޤުގެ ނަންދެވިފައިވާ ފަރުބަދައިގައި ބިނާކުރެވުނު، ކިންގ ފަހުދު މިސްކިތް އިފުތިތާޙުކޮށްދެއްވިއެވެ.

1998 ވަނަ އަހަރު، ކިންގ ސަލްމާނު، ޕާކިސްތާނަށާއި، ޖަޕާނަށާއި، ބުރޫނާއީ އަށާއި، ހޮންކޮންގަށާއި، ޗައިނާ އަށާއި، ދެކުނު ކޮރެޔާ އަށާއި، ފިލިޕީންސަށް ޒިޔާރަތްކުރެއްވިއެވެ. އެއީ، ސަޢޫދީ ޢަރަބިއްޔާ އާއި އޭޝިއާގެ ޤައުމުތަކާ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމަށްޓަކައި ކުރެއްވި ވަރަށް މުހިންމު ޒިޔާރަތްތަކެކެވެ.

1999 ވަނަ އަހަރު، ކިންގ ސަލްމާނު، ފިލިޕީންސަށް ވަޑައިގެންނެވުމުން އެ ޤައުމުން އަރުވާ އެންމެ މަތީ ޢިއްޒަތުގެ ޝަރަފު، އެ ޤައުމުގެ ރައީސް ޖޯޒެޕް ސްޓްރާޑާ، އެމަނިކުފާނަށް އެރުވިއެވެ. އެއީ، އިންސާނިއްޔަތަށްޓަކައި އެމަނިކުފާނު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކާއި، ސަޢޫދީ ޢަރަބިއްޔާގައިވާ ފިލިޕީންސްގެ މަސައްކަތްތެރިންނަށް ވެދެއްވާ އެހީފުޅުތަކުގެ އަގުވަޒަންކުރުމަށްޓަކައެވެ.

1999 ވަނަ އަހަރު ޖުލައި މަހު، ކިންގ ސަލްމާނު، ސެނެގޯލަށް ވަޑައިގެންނެވިއެވެ. އެފަހަރު، ސެނެގޯލްގެ ރައީސް، ޢަބްދޫ ޟުޔޫފު، "ސެނެގޯލުގެ އެންމެ މަތީ ޝަރަފު" އެމަނިކުފާނަށް އެރުވިއެވެ.

ކިންގ ސަލްމާނަކީ، ސަޢޫދީ ޢަރަބިއްޔާގެ ރަސްކަން ލިބިވަޑައިގަތުމުގެ ކުރިން، އެތައް ޤައުމަކުންނާއި، އެތައް ޔުނިވަރސިޓީއަކުން ގިނަގުނަ ޝަރަފާއި، ދަރަޖަ ލިބިވަޑައިގެން ހުންނެވި، ބައިނަލްއަޤުވާމީ ޝަޚުޞިއްޔަތެކެވެ.


ދިފާޢީ ވަޒީރުކަން ލިބިވަޑައިގަތުން

ކިންގ ސަލްމާނު، ދިފާޢީ ވަޒީރުގެ މަޤާމަށް ޢައްޔަންކުރެއްވުނީ، ސަޢޫދީ ޢަރަބިއްޔާގެ ކުރީގެ ދިފާޢީ ވަޒީރު، ކިންގ ސުލްޠާން ބްނު ޢަބްދުލްޢަޒީޒު އަވަހާރަވުމުންނެވެ. ކިންގ ސަލްމާނު، އެ މަޤާމަށް ޢައްޔަންކުރެއްވުމަށް، ސަޢޫދީ ޢަރަބިއްޔާގެ ކުރީގެ ރަސްގެފާނު، ކިންގ ޢަބްދުﷲ، އަމުރު ނެރުއްވީ، 9 ޛުލްޙިއްޖާ 1432 ހ. (5 ނޮވެމްބަރ 2011 މ.) ގައެވެ. އެއަށްފަހު، އެ ޤައުމުގެ އެއްގަމާއި، ކަނޑާއި، ވައިގެ ދިފާޢީ ބާރުތައް ބެލެހެއްޓެވީ އެމަނިކުފާނެވެ. އެމަނިކުފާނު، ދިފާޢީ ވަޒީރުގެ މަޤާމު ފުރުއްވިއިރު، އެ ވުޒާރާއަށާއި، އެ ވުޒާރާގެ ދަށުން ހިނގަމުންދާ ހުރިހާ ގުނަވަންތަކަކަށް އާދަޔާ ޚިލާފު ކުރިއެރުމާއި ތަރައްޤީ ގެނެސްދެއްވިއެވެ. މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދެއްވިއެވެ. ޤައުމުގެ ދިފާޢުގައި ބޭނުންވާނެ ޒަމާނީ ހަތިޔާރުތައް ވެސް ހޯއްދެވިއެވެ. ސަޢޫދީ ޢަރަބިއްޔާގެ ޢަސްކަރިއްޔާގެ އާރާއިބާރު އިންތިހާ ދަރަޖައަށް ގަދަކުރެއްވިއެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ ތާރީޚުގައި ދައްކާލެވުނު އެންމެ ހައިބަބޮޑު ޢަސްކަރީ ހުނަރުތައް ކާމިޔާބުކަމާއެކު ދައްކަވައިލެއްވިއެވެ.

ކިންގ ސަލްމާނު، ދިފާޢީ ވަޒީރުގެ މަޤާމު ފުރުއްވި ދުވަސްވަރު، 3 އޭޕްރީލް 2012 ގައި، އިނގިރޭސިވިލާތަށް ވަރަށް މުހިންމު ދަތުރުފުޅެއް ކުރެއްވިއެވެ. އެއީ އިނގިރޭސިވިލާތުގެ ދިފާޢީ ވަޒީރުގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ޖުމުލަ ގޮތެއްގައި މެދުއިރުމަތީގެ މައްސަލަތަކާބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.

އެއަށްފަހު، 12 އޭޕްރީލް 2012 ގައި، ކިންގ ސަލްމާނު ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އަށް ވަޑައިގެންނެވިއެވެ. އެ ޤައުމުގެ ރައީސް ބަރަކް އޮބާމާ، ވައިޓްހައުސްގައި އެމަނިކުފާނާ ބައްދަލުކުރެއްވިއެވެ. އެ ބައްދަލުވުމުގައި ދެ ޤައުމާ ގުޅުންހުރި ކަންކަމާބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި މެދުއިރުމަތީގެ މައްސަލަތަކާބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވިއެވެ. އެ ބައްދަލުވުމުގައި، ކިންގ ސަލްމާނު ހުށަހެޅުއްވި އެންމެ މުހިންމު އެއް ކަމަކީ، ސީރިއާ އާއި، އީރާނާ މެދު، ޔޫ.އެސް.އޭ. އިން ގެންގުޅޭ ސިޔާސަތު ވަކި ގޮތަކަށް ކަނޑައަޅައި ނިންމުމެވެ.

އެ ދަތުރުފުޅަށްފަހު، ސްޕެއިންގެ ރައީސް ދެއްވި ރަސްމީ ދަޢުވަތަކަށް، 6 ޖޫން 2012 ގައި، ކިންގ ސަލްމާނު އެ ޤައުމަށް ވަޑައިގެންނެވިއެވެ. އެ ދަތުރުފުޅުގައި، އެ ޤައުމުގެ ރައީސާއެކު، މެދުއިރުމަތީގެ މައްސަލަތަކާބެހޭ ގޮތުން ދެ ޤައުމުގެ ވިސްނުން ހުރި ގޮތް ހާމަކުރައްވައި، މަޝްވަރާކުރެއްވިއެވެ.


ވަލީޢަހުދުގެ މަޤާމުގައި:

ކިންގ ސަލްމާނަށް ވަލީޢަހުދުގެ މަޤާމު ލިބިވަޑައިގަތީ، ކިންގ ސަލްމާނުގެ އެއްބަނޑުއެއްބަފާފުޅު އަޚު، ކިންގ ނާޔިފު ބްނު ޢަބްދުލްޢަޒީޒު އަވަހާރަވުމުންނެވެ. އެމަނިކުފާނު އެ މަޤާމަށް ޢައްޔަންކުރުމުގެ އަމުރު، ސަޢޫދީ ޢަރަބިއްޔާގެ ކުރީގެ ރަސްގެފާނު ކިންގ ޢަބްދުﷲ ނެރުއްވީ، 18 ޖޫން 2012 ގައެވެ.

ކިންގ ސަލްމާނު، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހުދުގެ މަޤާމުގައި ހުންނެވިއިރު، ދުނިޔޭގެ ތިން ބައްރެއްގެ މެދުގައި ފާޅުކަންބޮޑު ވާދަވެރިކަމެއް އުފެދުނެވެ. އެ ތިން ބައްރަކީ، އޭޝިއާ އާއި، ޔޫރަޕާއި، އުތުރު އެމެރިކާއެވެ. އޭޝިއާ އަށް ކުޅިފަސް ލިބުނު އެ ވާދަވެރިކަމުގައި، ނުހަނު ޙިކުމަތްތެރިކަމާއެކު އިސް ދައުރެއް އަދާކުރެއްވީ ކިންގ ސަލްމާނެވެ. އާދޭހެވެ. 2014 ވަނަ އަހަރު އެމަނިކުފާނު އޭޝިއާގެ ޤައުމުތަކަކަށް ކުރެއްވި ދަތުރުފުޅަކީ، އެ ވާދަވެރިކަމުގެ ބުރަދަން އޭޝިއާ އަށް ލިއްބައިދިން ސިއްރެވެ. އެ ފަހަރު، ޕާކިސްތާނަށާއި، އިންޑިއާ އަށާއި، ޖަޕާނަށް އެމަނިކުފާނު ޒިޔާރަތްކުރައްވައި މުހިންމު ބިންގާތަކެއް އަޅުއްވައިދެއްވިއެވެ. އެމަނިކުފާނު އެ ތިންޤައުމު އިޚުތިޔާރުކުރެއްވީ ސަބަބެއް ނެތިއެއް ނޫނެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި، އެ ތިން ޤައުމަކީ، އޭޝިއާގައި، ސިޔާސީ ގޮތުންނާއި، އިޤުތިޞާދީ ގޮތުންނާއި، އިސްތިރާތީޖީ ގޮތުން ބުރަދަން ބޮޑު ތިން ޤައުމެކެވެ. އެމަނިކުފާނު ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި، ޖަޕާނުގެ އެމްޕަރަރ އަކިހީޓޯ އާއި، ބޮޑުވަޒީރު ޝިންޒޯ އަބޭ އާ ބައްދަލުކުރެއްވިއެވެ.


ރަސްކަން ލިބިވަޑައިގަތުން:

ސަލްމާން ބްނު ޢަބްދުލްޢަޒީޒު އާލު ސަޢޫދު (سلمان بن عبدالعزيز آل سعود) (حفظه الله) އަށް، ސަޢޫދީ ޢަރަބިއްޔާގެ ރަސްކަން ލިބިވަޑައިގަތީ 3 ރަބީޢުލްއާޚިރު 1436 ހ. (23 ޖެނުއަރީ 2015 މ.) ގައެވެ. އެއީ، އެމަނިކުފާނު އެ މަޤާމަށް އިސްކުރުމަށް ބައިޢަތު ހިފަންޖެހޭ ފަރާތްތަކުން އެކަން ކުރުމުންނެވެ. އެއަށްފަހު އެމަނިކުފާނަކީ، ދެ ޙަރަމްފުޅުގެ ޚާދިމު، ކިންގ ސަލްމާނު ބްނު ޢަބްދުލްޢަޒީޒު އާލު ސަޢޫދު (خادم الحرمين الشريفين الملك سلمان بن عبدالعزيز آل سعود) (حفظه الله) އެވެ. މާތް ﷲ އެމަނިކުފާނަށް ނަޞްރާއި ނަޞީބު ދެއްވާށިއެވެ! އާމީން!

އޭރު އެމަނިކުފާނު ވަނީ، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހުދުގެ މަޤާމުގައްޔާއި، ވަޒީރުންގެ މަޖިލީހުގެ ނާއިބުރައީސްގެ މަޤާމުގައި ދެ އަހަރާއި ބަޔަށްވުރެ ގިނަ ދުވަސް ހޭދަކުރައްވާފައެވެ. ރަސްގެފާނުގެ އަމުރުފުޅަކުން އެމަނިކުފާނު އެ ދެ މަޤާމަށް ޢައްޔަންކުރެއްވުނީ، 18 ޖޫން 2012 މ. ގައެވެ. އެ ދެ މަޤާމުގައި ހުންނެވިއިރު ވެސް ދިފާޢީ ވަޒީރުގެ މަޤާމު އަދާކުރައްވައެވެ. އެ މަޤާމަށް އެމަނިކުފާނު ޢައްޔަންކުރެއްވުނީ، 5 ނޮވެމްބަރ 2011 މ. ގައެވެ. އޭގެ ކުރިން އެމަނިކުފާނު ހުންނެވީ، ވެރިރަށް ރިޔާޟު (الرياض) ސަރަޙައްދުގެ އަމީރުގެ މަޤާމުގައެވެ. އެ މަޤާމުގައި 50 (ފަންސާސް) އަހަރަށްވުރެ ދިގު މުއްދަތެއް އެމަނިކުފާނު ހޭދަކުރެއްވިއެވެ.


ކުރެއްވި މުހިންމު މަސައްކަތްޕުޅުތައް

ކިންގ ސަލްމާނުގެ ރަސްކަމުގެ ކުރު މުއްދަތުގައި އެމަނިކުފާނު ވަނީ، ސަޢޫދީ ޢަރަބިއްޔާގެ ތާރީޚުން ފާހަގަކޮށްލެވޭފަދަ މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ. މިދަންނަވަނީ އެއިން ބައެއް ކަންތައްތަކެވެ.

1. ތަޢުލީމާއި ތަރުބިއްޔަތުގެ ވުޒާރާ އާއި، މަތީ ތަޢުލީމުގެ ވުޒާރާ އެއްކުރައްވައި، ތަޢުލީމީ ވުޒާރާގެ ނަމުގައި އާ ވުޒާރާއެއް އުފެއްދެވިއެވެ.

2. މަސައްކަތާބެހޭ ވުޒާރާ އާއި، އިޖުތިމާޢީ ކަންތައްތަކާބެހޭ ވުޒާރާ އެއްކުރައްވައި، މަސައްކަތާއި އިޖުތިމާޢީ ތަރައްޤީގެ ވުޒާރާގެ ނަމުގައި އާ ވުޒާރާއެއް އުފައްދަވާފައެވެ.

3. ސަޢޫދީ ޢަރަބިއްޔާގެ މަތީ ފެންވަރުގެ އެތައް މަޖިލިސްތަކެއް އުވާލެއްވިއެވެ. އެ މަޖިލިސްތަކުގެ ތެރޭގައި، ތަޢުލީމާބެހޭ އެންމެ މަތީ މަޖިލީހާއި، މީޑިއާއާބެހޭ އެންމެ މަތީ މަޖިލީހާއި، ޤައުމީ ސަލާމަތާބެހޭ އެންމެ މަތީ މަޖިލިސް ހިމެނެއެވެ.

4. ޢާޞިފަތުލް ޙަޒުމް (عاصفة الحزم) ގެ ނަމުގައި، ޔަމަނުގެ އިދިކޮޅު ފަރާތެއް ކަމުގައިވާ ޙޫޘީންނާ ދެކޮޅަށް ހަނގުރާމައެއް ކުރެއްވިއެވެ. އެއަށްފަހު، "އުންމީދު އަނބުރާ ރުޖޫޢުކުރުން" (عملية إعادة الأمل) ގެ ނަމުގައި ބިނާކުރަނިވި ޙަރަކާތެއް ހިންގެވިއެވެ.

5. ސަޢޫދީ ޢަރަބިއްޔާގެ ކުރީގެ ވަލީޢަހުދު އެ މަޤާމުން އިސްތިޢުފާ ދެއްވުމުން އެމަނިކުފާނުގެ އިސްތިޢުފާ ޤަބޫލުފުޅުކުރެއްވިއެވެ. އެއީ، ކިންގ ފައިޞަލު ބްނު ޢަބްދުލްޢަޒީޒުގެ ޒަމާނުގައި ވަލީޢަހުދު ކިންގ މުޙައްމަދު ބްނު ޢަބްދުލްޢަޒީޒު އިސްތިޢުފާ ދެއްވިފަހުން އެ މަޤާމުގައި ހުންނެވި ބޭފުޅަކު އިސްތިޢުފާ ދެއްވި ދެވަނަ ފަހަރެވެ.

6. ވަލީޢަހުގެ މަޤާމަށް، ކިންގ މުޙައްމަދު ބްނު ނާޔިފު ބްނު ޢަބްދުލްޢަޒީޒު ޢައްޔަންކުރެއްވިއެވެ. އެހެންކަމުން، ކިންގ ސަލްމާނު ހިމެނިވަޑައިގެންނެވީ، ސަޢޫދީ ޝާހީ ޢާއިލާގެ ތިންވަނަ ޖީލުގެ ބޭފުޅުން އެ ޤައުމުގެ ރަސްކަމަށް ވަޑައިގަތުމުގެ ދޮރުހުޅުވައިލެއްވި ހިތްވަރުފުޅުގަދަ އައުދާނަ ބަޠަލު ކަމުގައެވެ.

7. ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ތެޔޮ ކުންފުނި ކަމުގައިވާ އަރާމްކޯ ކުންފުނީގެ އެންމެ މަތީ މަޖިލިސް އުފެއްދެވިއެވެ.
8. ސަޢޫދީ ޢަރަބިއްޔާގެ ތާރީޚުގައި، ފުރަތަމަ ފަހަރަށް އިންތިޚާބުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލެއްވިއެވެ.

9. ސީރިޔާގެ އިދިކޮޅު ފަރާތްތަކުން ބޭއްވި މަހާސިންތާ، ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ބޭއްވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވައި، އެ މަހާސިންތާއަށް މެހުމާންދާރީ އަދާކުރެއްވިއެވެ.

10. ސަޢޫދީ ޢަރަބިއްޔާ އަކީ، ސިޔާސީ މަސްރަޙުގައި ކުޅިބަލަން އޮންނަ ޤައުމެއްގެ ބަދަލުގައި، ސިޔާސީ މައިދާނުގެ ހައިބަބިޔަ ކުޅުންތެރިއަކަށް ބަދަލުކުރެއްވިއެވެ. އެގޮތުން އެޅުއްވި އެންމެ ވަރުގަދަ އެއް ފިޔަވަޅަކީ، އީރާނާއެކު އޮތް ސިޔާސީ ގުޅުން ކަނޑުއްވައިލެއްވުމެވެ. އަދި އީރާނުގައި ތިއްބެވި ސަޢޫދީ ޢަރަބިއްޔާގެ ޑިޕްލޮމެޓިކް ބޭފުޅުން، 48 ގަޑިއިރުގެ ތެރޭގައި އީރާނުގެ ބިމުން ނެރުއްވައި، ސަޢޫދީ ޢަރަބިއްޔާއަށް ގެންނެވިއެވެ. މިކަން ވެގެންދިޔައީ، މުޅި ޢަރަބި އުންމަތަށް ލިބުނު އަގުބޮޑު ފިލާވަޅެއް ކަމުގައެވެ. ސަޢޫދީ ޢަރަބިއްޔާއާ ތަބާވެ، އެތައް ޢަރަބި އިސްލާމީ ޤައުމަކުން އީރާނާ ގުޅުންކަނޑާލިއެވެ.


ޢާއިލާއަށް ނަޒަރެއް

ދެ ޙަރަމްފުޅުގެ ޚާދިމު، ކިންގ ސަލްމާނަށް 13 (ތޭރަ) ބޭފުޅުން ލިބިވަޑައިގަތެވެ. އެ ބޭފުޅުންނަކީ:

1. އަލްއަމީރު ފަހުދު (الأمير فهد)، (رحمه الله).
2. އަލްއަމީރު ސުލްޠާން (الأمير سلطان).
3. އަލްއަމީރު އަޙްމަދު (الأمير أحمد)، (رحمه الله).
4. އަލްއަމީރު ޢަބްދުލްޢަޒީޒު (الأمير عبد العزيز).
5. އަލްއަމީރު ފައިޞަލް (الأمير فيصل).
6. އަލްއަމީރާ ޙިއްޞާ (الأميرة حصة): ޕްރިންސަސް ޙިއްޞާ އަކީ، ކިންގ ސަޢޫދު ޔުނިވަރސިޓީގެ ކުއްލިއްޔަތުލް ޙުޤޫޤި ވަލްޢުލޫމިއް ސިޔާސިއްޔާގެ (ޕްރޮފެސަރ) މަހާއެދުރެކެވެ.
7. އަލްއަމީރު މުޙައްމަދު (الأمير محمد).
8. އަލްއަމީރު ތުރުކީ (الأمير تركي).
9. އަލްއަމީރު ޚާލިދު (الأمير خالد).
10. އަލްއަމީރު ނާޔިފު (الأمير نايف).
11. އަލްއަމީރު ބަންދަރު (الأمير بندر).
12. އަލްއަމީރު ރާކާން (الأمير راكان).
13. އަލްއަމީރު ސަޢޫދު (الأمير سعود).

ކިންގ ސަލްމާނުގެ ބޭފުޅުންނަކީ، ޢިލްމީ ރޮނގުރޮނގުން ފުންނާބުއުސް ބޭފުޅުންތަކެކެވެ.

މާތް ﷲ، ޚާދިމުލް ޙަރަމައިނިއްޝަރީފައިނި، ކިންގ ސަލްމާން ބްނު ޢަބްދުލްޢަޒީޒު އާލު ސަޢޫދު (خادم الحرمين الشريفين سلمان بن عبدالعزيز آل سعود) (حفظه الله) އަށް ނަޞްރާއި ނަސީބު ދެއްވާށިއެވެ! އަދި އެމަނިކުފާނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވާށިއެވެ! އާމީން!