ޤަޠަރާމެދު، ޑިމޮކްރެޓިކް ދުނިޔޭގެ އުޖާލާ ނަޒަރު




ޤަޠަރާ ދެކޮޅަށް ތެދުވި ޤައުމުތަކާ ދެކޮޅަށް، އެމެރިކާގެ ޚާރިޖީ ވަޒީރާއި، ރަޝިޔާގެ ޚާރިޖީ ވަޒީރާއި، އެމްނެސްޓީ އިންޓަރނޭޝަނަލްއިން ބަސްބުނެފިއެވެ.

ޤަޠަރު ޙިޞާރުކުރުމާ ދެކޮޅަށް، ޖަރުމަނުވިލާތާއި، ތުރުކީވިލާތާއި، ޔޫރަޕާއި، އޭޝިއާއާއި، އެފްރިކާއާއި، ލެޓިން އެމެރިކާގެ ޤައުމުތަކުން އަޑުއުފުލައިފިއެވެ.

ޤަޠަރާ ދެކޮޅުވެރި ޤައުމުތަކާއެވެ! ތިޔަބައިމީހުންގެ "ޢަންތަރިއްޔަ" މުލައްދަނޑި ދެއްކުމަށް، ޤަޠަރުނޫން އެހެން މައިދާނެއްގައި ޤަޠަރު ނޫން އެހެން ޢަދުއްވަކު ހޯދާށެވެ! ޤަޠަރާ ދެކޮޅަށް ތިޔަ ޤައުމުތަކުން ކުރާ ހަނގުރާމައިން ތިޔަ ޤައުމުތަކަށް ލިބޭނީ ގެއްލުމާއި ހަލާކެވެ.

މާތް ﷲ ގެ ޙަޟުރަތަށް އަހަރެމެންވާ އީމާނާއި، ޤައުމުގެ ވެރިންނަށް އަހަރެމެންކުރާ އިތުބާރު ބޮޑެވެ. ޤަޠަރުގެ ރައްޔިތުން ޙިޞާރުކުރުން ބަދަލުވެގެންދާނީ، ޤަޠަރަށް ލިބޭ އިތުރު ކުރިއެރުމަކަށްކަން ކަށަވަރެވެ.

ޤަޠަރު ޙިޞާރުކުރުމާ ދެކޮޅަށް ދުނިޔޭގެ މިނިވަން ޤައުމުތަކުންނާއި، ބައިނަލްއަޤުވާމީ އޯގަނައިޒޭޝަންތަކުން ފާޅުކުރަމުންދާ ޚިޔާލުތަކަށްޓަކައި، އަހަރެމެން (ޤަޠަރުގެ ރައްޔިތުން) ފަޚުރުވެރިވަމުއެވެ.

ޤަޠަރާ ދެކޮޅަށް އުފުލޭ އަޑުތަކާމެދު، ރަޝިޔާއިން ކަންބޮޑުވުން ފާޅުކުރެއެވެ. އަދި ޑިޕްލޮމެޓިކް ޙައްލެއް ހޯދުމަށް ގޮވާލައެވެ.

ގަލްފުގެ އުޚުއްވަތްތެރި ޤައުމުތަކުގެ މެދުގައި އުފެދިފައިވާ ދެބަސްވުން ނެއްތައިލުމަށް، ތުރުކީވިލާތުން ކުރަމުންގެންދާ ބިނާކުރަނިވި މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދާނެކަން އެ ޤައުމުން ކަށަވަރުކޮށްދެއެވެ.

މި ރަމަޟާން މަސް (ރަމަޟާން 1438) ނިމުމުގެ ކުރިން، ގަލްފުގެ މައްސަލައަށް ޙައްލެއް ހޯދުމަށް، ތުރުކީވިލާތުގެ ރައީސް ގޮވާލައްވައިފިއެވެ.

ޤަޠަރު ޙިޞާރުކުރުމާއި، ޤަޠަރާ ގުޅުން ކަނޑާލުމަކީ، އަމިއްލަ އެދުމަށްޓަކައި ކޮށްފައިވާ ކަމެއް ކަމަށް ސިފަކޮށް، އެމްނެސްޓީ އިންޓަރނޭޝަނަލްއިން އެކަން ކުށްވެރިކޮށްފިއެވެ.

ގަލްފުގެ މައްސަލަ ޙައްލުކުރެއްވުމަށްޓަކައި، ކުވައިތުގެ އަމީރު ކުރައްވާ މަސައްކަތްޕުޅަށް ވާގިވެރިވާނެ ކަމަށް ޔޫރަޕުގެ އިއްތިޙާދުން ކަށަވަރުކޮށްދެއެވެ.

ޤަޠަރު ޙިޞާރުކުރުމަކީ، މަޤުބޫލު ކަމެއް ނޫންކަމަށް، އެމެރިކާގެ ޚާރިޖިއްޔާއާއި، ޕެންޓަގަނުން ކަށަވަރުކޮށްދެއެވެ.

ޤަޠަރާ ދެކޮޅަށް ދޮގުވާހަކަތައް ފެތުރިވަރަކަށް، ޤަޠަރާ އެއްކޮޅަށް މިނިވަން ޤައުމުތަކުގެ ރައްޔިތުން ދަނީ ތެދުވަމުންނެވެ.

ޤަޠަރު ޙިޞާރުކުރުމާ ދެކޮޅު ޤައުމުތަކުގެ ސާބިތު މައުޤިފު ބިނާވެފައިވަނީ، މަޞްލަޙަތު އިސްކުރުމަށްވުރެ ބޮޑަށް، ހަމައާއި އިންޞާފުގެ މައްޗަށެވެ.

ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް، ރިޔާޟުގައި، ޓްރަމްޕް ވިދާޅުވެފައިވަނީ، ޤަޠަރަކީ، ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ބައިވެރިއެއް ކަމަށެވެ. އެއަށްފަހު، އިއްޔެ އޭނާ ޤަޠަރަށް ގޮވާލައްވަނީ، ޓެރަރިޒަމަށް ހޭދަކުރުން ހުއްޓާލުމަށެވެ!

އެމެރިކާގެ ރައީސް ދައްކަވާ ދެކޮޅުނުޖެހޭ ފުށުއަރާ ވާހަކަތައް ފޫބައްދާނެ ގޮތެއް ހޯދުމަށްޓަކައި، އޭނާގެ މުސްތަޝާރުން އެބަ މަސައްކަތްކުރެއެވެ.

ނުބައިކަންކަމުގެ ސިލްސިލާ އާއި، އެކަންކަން ކުރިއެރުވުން ކުރިއަށް ދަނީއެވެ. އެކަންކަމަށް ހިތްވަރުދޭ މީހުން އެމީހުންގެ މަގުފުރެދުމާއިގެން އެދަނީ ޤަޠަރު ޙިޞާރުކުރުމަށެވެ.

<><><>

ލިޔެވިދިޔައީ، ޤަޠަރުގެ "އައްރާޔާ" ނޫހުގެ އެޑިޓަރު ޞާލިޙުލް ކައްވާރީ (صالح بن عفصان العفصان الكواري) އެ ނޫހުގައި ލިޔުއްވާފައިވާ މަޒުމޫނެއް ފެށުމުގެ ކުރިން ބަޔާންކުރައްވާފައިވާ ޢިބާރާތްތަކެއްގެ ތަރުޖަމާއެވެ. މި ޢިބާރާތްތަކަކީ، އޭނާގެ މަޒުމޫނުގެ ޚުލާޞާއެކެވެ. ނުވަތަ މަޒުމޫނުގައި ހިމެނޭ މުހިންމު ނުކުތާތަކެވެ. ތިރީގައި މިވަނީ، އޭނާގެ މަޒުމޫނުން ފާހަގަކޮށްލެވޭ އިތުރު ޢިބާރާތްތަކެއްގެ ތަރުޖަމާއެވެ. މަޒުމޫނު ޝާއިޢުކުރި ތާރީޚަކީ، 11 ޖޫން 2017 އެވެ.

<><><>

މި މަޒުމޫނުގައި އަޅުގަނޑު އަލިއަޅުވާލަން ބޭނުންވަނީ، ޤައުމުތަކާއި، ވަޒީރުންނާއި، ހަރުދަނާ އޯގަނައިޒޭޝަންތަކުން ޤަޠަރަށް ތާއީދުކޮށް ދައްކާފައިވާ އުޖާލާ މައުޤިފެވެ. ޤަޠަރާ ދެކޮޅަށް މައްސަލައެއް އުފެއްދީ، ސަޢޫދިއްޔާއާއި، އިމާރާތާއި، ބަޙުރައިނުންނެވެ. މާތް ﷲ، ޤަޠަރު ޙިމާޔަތްކުރައްވާށިއެވެ!

ޓެރަރިސްޓަކީ ކޮބައިތޯއެވެ؟
ޓެރަރިސްޓަކީ، އޭނާގެ ޤައުމުގެ ރައްޔިތުން ގަނޑުކޮށް ޤަތުލުކުރަމުންދާ މީހާ ނޫންތޯއެވެ؟
ޓެރަރިސްޓަކީ، ލޭއޮހޮރުވައިލި އިންޤިލާބަކުން، ޤައުމު ބައިބައިކޮށްލި މީހާ ނޫންތޯއެވެ؟
ޓެރަރިސްޓަކީ، އޭނާގެ ޤައުމުގެ ރައްޔިތުން ކަތިލައި، އެމީހުން ޖަލުޖަލުގައި ހައްޔަރުކުރާ މީހާ ނޫންތޯއެވެ؟
ޓެރަރިސްޓަކީ، އޭނާގެ ޤައުމުގެ ރައްޔިތުންނާ ދެކޮޅަށް ހަމަލަދޭ ޓެރަރިސްޓުންނަށް މަރްޙަބާކިޔާ މީހާ ނޫންތޯއެވެ؟
ޓެރަރިސްޓަކީ، ޤާނޫނީ، އަޚުލާޤީ، އިންސާނީ ހައިސިއްޔަތެއް ސަބަބެއް ނެތި، އޭނާގެ އުޚުއްވަތްތެރި ޤައުމު ޙިޞާރުކުރާ މީހާ ނޫންތޯއެވެ؟
ޓެރަރިސްޓަކީ، ޢާއިލާތައް ރޫޅައި، މީސްތަކުންގެ މެދުގައި ރުޅިވެރިކަމާއި ދެކޮޅުވެރިކަމާއި ޙަސަދަވެރިކަން އުފައްދަން މަސައްކަތްކުރާ މީހާ ނޫންތޯއެވެ؟
ޓެރަރިސްޓަކީ، އޭނާގެ ޤައުމުން ޓެރަރިސްޓުން އުފަންވާ، އަދި އަވަށްޓެރި ޤައުމުތަކަށް ބިރުދައްކައި، އަމާންކަން ނެއްތާލައި، މުޅި ސަރަޙައްދުގެ އިސްތިޤުރާރު ނިގުޅައިގަންނަ މީހާ ނޫންތޯއެވެ؟

ޙާލުގެ ދުލުން ގޮވަމުންމިދަނީ ކީކޭތޯއެވެ؟ ތިމާއާ ދެބަސްވާ ކޮންމެ މީހަކާމެދު ދޮގު ތުހުމަތުތައް ކުރުމާއި، ތިމާއާ ދެބަސްވާ ކޮންމެ ޤައުމެއް ޙިޞާރުކޮށް އެ ޤައުމެއްގެ ރައްޔިތުން ނިކަމެތިކުރުމަކީ، އިންޞާފެއް ނޫނެވެ. އެފަދަ އަނިޔާވެރި ޢަމަލުތައް ކުރުމަކީ، ހަރުދަނާ ފިރިހެނުންގެ ސިފައެއްވެސް ނޫނެވެ. ކިއެއްހެއްޔެވެ. އެއީ، އަނިޔާވެރިކަމާއި، މަކަރެވެ. އަނިޔާވެރިން ގުޅޭނީ އަނިޔާވެރިންނާއެވެ. މަކަރުވެރިން ގުޅޭނީ މަކަރުވެރިންނާއެވެ.

އޯއައިސީ (The Organisation of Islamic Cooperation) ސިޔާސީވި ކަމީ ހިތާމަހުރި ކަމެކެވެ. އެ މުނައްޒަމާއިން ވަނީ، ޤަޠަރު ޙިޞާރުކުރުމަށާއި، ޤަޠަރާ ގުޅުން ކަނޑާލުމަށް ތާއީދުކޮށްފައެވެ. އެއީ، އެ މުނައްޒަމާ އުފެއްދި މީސާޤާއި ޢަހުދުކަށަވަރާ މުޅިން ޚިލާފުވާ ބޮޑު ފަޟީޙަތެކެވެ.

އެއަށްވުރެ ހެއްވާ ކަމަކީ، ރާބިޠަތުލް ޢާލަމިލް އިސްލާމީ (Muslim World League) ވެސް، ސަޢޫދީ ޢަރަބިއްޔާގެ ޢިލްމުވެރިންގެ ޖަމިއްޔާއަކަށް ވެގެންދިޔަކަމެވެ. ރާބިޠާއިން ވަނީ، ޤަޠަރު ޙިޞާރުކުރުމަށް ތާއީދުކޮށްފައެވެ. ޙަޤީޤަތުގައި ރާބިޠާ ވާންޖެހޭނީ، މުޅި އިސްލާމީ އުންމަތުގެ ޢިލްމުވެރިންގެ ކުޑައެއް ކަމަށެވެ. އަދި ރާބިޠާއިން ގޮވާލަންޖެހޭނީ، ހެޔޮ ކަންތައްތަކަށެވެ. ރާބިޠާއިން ނަސޭހަތްތެރިވާންޖެހޭނީ، އިޚުލާޞްތެރިކަމާއެކު ހެޔޮ ބަހުންނެވެ.

ޤަޠަރު ދެމިއޮންނާނީ، ހައިބަވެތި ޤައުމެއްގެ ގޮތުގައެވެ.
ޢަދުލުވެރި ޤައުމެއްގެ ގޮތުގައެވެ.
ހަމަހަމަކަން ޤާއިމުކުރާ ޤައުމެއްގެ ގޮތުގައެވެ.
ރައްޔިތުންގެ މެދުގައި ތަފާތުނުކުރާ ޤައުމެއްގެ ގޮތުގައެވެ.
ޤަޠަރު ދެމިއޮންނާނީ، ޓެރަރިޒަމާ ދެކޮޅަށް ދުނިޔެ ކުރަމުންދާ ހަނގުރާމައިގައި، ދުނިޔެއާއެކު އެއް ޚަންދަޤެއްގެ ތެރޭގައެވެ.
ޤަޠަރު ދެމިއޮންނާނީ، ޢަރަބި އިސްލާމީ ދުނިޔެއާއި، ގަލްފުގައި ފަނޑުނުވާނެ ޢަމަލީ ބާރެއްގެ ގޮތުގައެވެ.
ޤަޠަރުގެ ސިޔާދަތާއި، ޤަޠަރުގެ ސާބިތު ބައިތަކުން އަނގުލެއްގެ މިންވަރު ވެސް ދުލެއް ނުކުރާނެއެވެ.
މަކަރުވެރިންގެ މަކަރާއި، ޙަސަދަވެރިންގެ ޙަސަދަ އޭގެ ކުންނަށް އެރިޔަސް ފަހަތަކަށް ނުޖެހޭނެއެވެ.
އެ މަކަރުވެރިންނާއި، އެ ޙަސަދަވެރިންނަކީ، ރާޒުވާ ގޮނޑިއެއްގެ މަތީގައިވާ ކުޅިތަކެއް ކަމުގައި މެނުވީ ނުވެއެވެ.
އެއުރެންގެ ނިންމުންތައް ނިންމަނީ، އެއުރެން އަމިއްލައަކަށް ނޫނެވެ.
އެއުރެންގެ ޤައުމުތަކުގެ ސިޔާދަތު ވަނީ، އެއުރެން ނޫން އެހެން ބަޔެއްގެ އަތުގައި ރަހުނުކޮށްފައެވެ.
އެއުރެން ތަބާވާ މަޤޫލަތަކީ، "އެންމެ މޮޅު ދިފާޢީ ވަސީލަތަކީ، ހަމަލާދިނުމެވެ."
އެއީ، އެހެން މީހުންނާމެދު ޓެރަރިޒަމުގެ ތުހުމަތުކޮށް، އެއުރެންގެ ޓެރަރިޒަމް ނިވާކުރުމަށްޓަކައެވެ.

<><><>

ތާރީޚު: 11 ޖޫން 2017
މަޞްދަރު:
http://www.raya.com/news/pages/e1e0a2ce-9534-4c75-940d-9dc87c6e9298