ދެޤައުމުގައި ބައިވެރިވާ ޢާއިލާތަކަށް ރިޢާޔަތްކުރުން


ސަޢޫދިއްޔާއާއި ޤަޠަރުގެ ރައްޔިތުން ހިމެނޭ ޢާއިލާތަކުގެ އިންސާނީ ޙާލަތާމެދު ރިޢާޔަތްކުރުމަށް، ދެ ޙަރަމްފުޅުގެ ޚާދިމު، ކިންގ ސަލްމާން ބްނު ޢަބްދުލްޢަޒީޒު އާލު ސަޢޫދު (ޙަފިޡަހުﷲ) ވަނީ އަންގަވާފައެވެ. އެމަނިކުފާނު މިކަން އެންގެވީ، އުޚުއްވަތްތެރި ޤަޠަރުގެ ރައްޔިތުންގެ މައްޗަށް އޯގާވެރިވެވަޑައިގަންނަވާތީއެވެ.

ސަޢޫދީ ރަސްގެފާނުގެ މި ދީލަތި އަމުރުފުޅު ތަންފީޒުކުރުމަށް މަގުފަހިކުރުމަށްޓަކައި، ސަޢޫދީގެ ދާޚިލީ ވުޒާރާއިން ވަނީ ފޯނު ނަންބަރެއް ވެސް ޚާއްޞަކުރައްވާފައެވެ. އެ ނަންބަރަކީ، 00966112409111 މިއެވެ. ދެ ޤައުމުގެ އަފުރާދުން ބައިވެރިވާ ޢާއިލާތަކަށް ކުރިމަތިވާ ދަތިތައް ފިލުވާލުމަށްޓަކައި ގުޅަންޖެހެނީ މިނަންބަރަށެވެ.

ސަޢޫދީ ރަސްގެފާނު ކުރެއްވި ދީލަތި އަމުރުފުޅަށްޓަކައި، އެ ޤައުމުގެ ކަމުވޮށިވެގެންވާ ޝައިޚުންނާއި، ޤަބީލާތަކުގެ ވެރިން ވަނީ އެމަނިކުފާނަށް ފަށްފަށުން ޝުކުރާއި ތަޢުރީފު ދަންނަވާފައެވެ. ޚާއްޞަކޮށް ސަޢޫދިއްޔާގެ ޤަޠަރާވީ ފަރާތު، އިރުމަތީ ބިތުގެ އަހުލުވެރިންގެ ތެރެއިން ޤަބީލާތަކުގެ އިސް ވެރިންނެވެ. އެ ބޭފުޅުން ހާމަކުރައްވާފައިވަނީ، ޤަޠަރުގެ އެއްބަނޑުއެއްބަފާ ރައްޔިތުންނާމެދު، ސަޢޫދީ ރަސްގެފާނު ވަރަށް ބޮޑަށް އޯގާވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމަކީ، ދެ ޤައުމުގެ ދެމެދުގައިވާ އުޚުއްވަތްތެރިކަމުގެ ގުޅުމަށް ބަލާއިރު، އަޞްލީ ޠަބީޢީ ކަމެއް ކަމަށެވެ. ރަސްގެފާނުގެ އަމުރުފުޅުގެ ސަބަބުން އެތައް ޢާއިލާތަކެއްގެ ހިތްތަކަށް އުފާފާގަތިކަން ވެރިވެއްޖެ ކަމަށެވެ.

ސަޢޫދީ ރަސްގެފާނު، ދެ ޙަރަމްފުޅުގެ ޚާދިމު، ކިންގ ސަލްމާން ބްނު ޢަބްދުލްޢަޒީޒު އާލު ސަޢޫދު (ޙަފިޡަހުﷲ) ކުރެއްވި ދީލަތި އަމުރުފުޅަށްޓަކައި، އެތައް ބަޔަކު އެމަނިކުފާނަށް ހެޔޮދުޢާގެ ބަސްތައް ބަރުތީލަކޮށްފައި ވެއެވެ. ކީރިތިވަންތަ މާތް ﷲ ގެ ޙަޟުރަތަށް އެމީހުން ދުޢާކޮށްފައިވަނީ، އެމަނިކުފާނަށް ދިގު ޢުމުރުފުޅެއް ދެއްވުމަށެވެ. އެމަނިކުފާނަށް ޞިއްޙަތާއި ދުޅަހެޔޮކަން މިންވަރުކުރެއްވުމަށެވެ.


ތާރީޚު: 12 ޖޫން 2017
މަޢުލޫމާތުގެ މަޞްދަރު:
http://www.alriyadh.com/1602032