ޤަޠަރާ ކުރިމަތިވެދާނެ ބައެއް ތަކުލީފުތައް


ގަލްފުގެ ޢަރަބި ތިން ޤައުމަކުން ޤަޠަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލިކަން ވަނީ އިޢުލާންކޮށްފައެވެ. އޭގެ އިތުރުން މިޞްރާއި، ޔަމަނާއި، ލީބިޔާއާއި، މޮރިޓޭނިއާ އިން ވެސް ވަނީ ޤަޠަރާ ގުޅުން ކަނޑާލިކަން އިޢުލާންކޮށްފައެވެ. އެކަމުގެ ސަބަބުން ޤަޠަރުގެ އިޤުތިޞާދަށާއި، ގަލްފުގެ އެހެން ޤައުމުތަކުގެ އިޤުތިޞާދަށް އަންނާނެ ހީނަރުކަމާމެދު ސުވާލުކުރެވެއެވެ.

ޤަޠަރަކީ، ޢަރަބި ޖަޒީރާގެ އިރުމަތީ އައްސޭރީގައިވާ ކުޑަކުޑަ ޤައުމެކެވެ. އެ ޤައުމުގެ އާބާދީއަކީ، ގާތްގަނޑަކަށް 2.7 މިލިއަނެވެ. ޤައުމުގެ އާބާދީގެ ވަރަށް ބޮޑު ބަޔެއް ތަމްސީލުކުރަނީ، ބިދޭސީންނެވެ. ޤައުމުގެ އަޞްލު ރަށްވެހިންގެ ނިސްބަތަކީ، އާބާދީގެ އެންމެ 12 އިންސައްތަ ކަމަށް ބައެއް މަޞްދަރުތަކުގައި ވެއެވެ. އެހެންކަމާއެކު ވެސް، ޤަޠަރުން މަސައްކަތްކުރަމުންދަނީ، އެ ޤައުމުގެ ޙަޤީޤީ ޖާހާ ނުބައްދަލު ބުރަދަނެއް ޙާޞިލުކުރުމަށެވެ.

ޤަޠަރުގެ އުންމީދުތައް ޙާޞިލުކުރުމަށްޓަކައި ކެނޑިނޭޅި ކުރަމުންދާ މަސައްކަތުން ވަނީ ޝުހުރަތުތަކެއް ހޯދާފައެވެ. "އަލްޚުޠޫޠުލް ޤަޠަރިއްޔާ" (الخطوط القطرية)، (Qatar Airways) ގެ ނަމުން މަޝްހޫރުވެފައިވާ ޤަޠަރުގެ ޤައުމީ އެއަރލައިނެވެ. "އަލްޖަޒީރާ" (الجزيرة)، (Al Jazeera) ގެ ނަމުން މަޝްހޫރުވެފައިވާ ބައިނަލްއަޤުވާމީ މީޑިއާގެ ވިއުގައެވެ. 2022 ވަނަ އަހަރު، ޤަޠަރުގެ ބިމުގައި ވޯލްޑްކަޕް ކުޅުމަށް ޙާޞިލުކޮށްފައިވާ ރަނުގެ ފުރުޞަތެވެ. އަދި ބައިނަލްއަޤުވާމީ ކުޅިވަރުގެ މައިދާނުގައި ޤަޠަރުން އަދާކޮށްފައިވާ ފާހަގަކޮށްލެވޭ އުޖާލާ ދައުރުތަކެވެ.

ޤަޠަރުން ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި، އެ ޤައުމުގައި އާރާސްތުކޮށްފައިވާ އުސް ޢިމާރާތްތައް ވެސް ހިމެނެއެވެ. ބައްރުތައް ހުރަސްކޮށް ފެތުރިފައިވާ ބޮޑެތި ބިޔަ ކުންފުނިތައް ވަނީ، ވިލާތަކުގައި ބޮސްދޭ އެ ޢިމާރާތްތަކުގެ އަސަރުގަދަ ޖަޒުބާތުގައި ޖެހިފައެވެ.


ވައިގެ ދަތުރުތައް

ޔޫއޭއީގެ ދެ އެއަރލައިނަކުން ވަނީ، (ޖޫން މަހުގެ 7 ވަނަ ދުވަސް ކަމުގައިވާ) އަންގާރަ ދުވަހުގެ ހެނދުނުން ފެށިގެން ޤަޠަރަށް ދަތުރުނުކުރާނެކަން އިޢުލާންކޮށްފައެވެ. އެއީ، (الاتحاد للطيران)، (Etihad Airways) އާއި، (طيران الإمارات)، (Emirates Airline) އެވެ. އެ ދެ އެއަރލައިނުން ކޮންމެ ދުވަހަކު ޤަޠަރުގެ ވެރިރަށް ދައުޙާއަށް ހަތަރު ދަތުރުކުރެއެވެ.

އަދި (فلاي دبي)، (flydubai) ދުބައި އިން ވެސް ވަނީ، އެ އެއަރލައިނުން ޤަޠަރަށް ކުރާ ދަތުރުތައް ހުއްޓާލާފައެވެ. ބައެއް އެހެން އެއާލައިންތަކުން ވެސް މިފަދަ ފިޔަވަޅުތައް އަޅާނެ ކަމަށް ބެލެވެއެވެ. އެފަދަ އެއަރލައިންތަކުގެ ތެރޭގައި، ބަޙުރައިންގެ (طيران الخليج)، (Gulf Air) އާއި، މިޞްރުގެ (مصر للطيران)، (EgyptAir) ހިމެނެއެވެ.

އެއަރލައިންތަކުން މި ފިޔަވަޅު އެޅީ، ސަޢޫދިއްޔާއާއި، ޔޫއޭއީއާއި، ބަޙުރައިނާއި، މިޞްރުން، އެ ޤައުމުތަކާ ޤަޠަރާ ދެމެދުގައިކުރެވޭ ހުރިހާ ދަތުރުތަކެއް ހުއްޓާލިކަން އިޢުލާންކުރުމުންނެވެ. އެ ޤައުމުތަކުން ވަނީ އެ ޤައުމުތަކުގެ ވައިގެ މަގު، ޤަޠަރު އެއަރވޭސް (الخطوط القطرية)، (Qatar Airways) އަށް ބަންދުކޮށްފައެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން، އެންމެ ބޮޑު ގެއްލުމެއް ލިބޭނެ ފަރާތަކީ، ޤަޠަރު އެއަރވޭސް (الخطوط القطرية)، (Qatar Airways) އެވެ. އެހެނީ، އެ އެއަރލައިނުން ކޮންމެ ދުވަހަކު އެތައް ޢަރަބި ސަހަރުތަކަކަށް ގިނަގުނަ ދަތުރުތައް ކުރެއެވެ. އެފަދަ ސަހަރުތަކުގެ ތެރޭގައި، ދުބައިއާއި، އަބޫޡަބީއާއި، ރިޔާޟާއި، ޤާހިރާ ހިމެނެއެވެ. އެ ހުރިހައި ދަތުރުތަކެއް ކުއްލިއަކަށް އެހުއްޓުނީއެވެ!

ޢަރަބި ޤައުމުތަކުން ޤަޠަރުގެ އެއަރލައިނަށް ކުރިމަތިކުރި ހުރަހުގެ ސަބަބުން އެ އެއަރލައިނުގެ ދަތުރުތައް މެދުކެނޑޭނީ ހަމައެކަނި އެ ޤައުމުތަކަކަށް ނޫނެވެ. ގުޅުން ކަނޑާނުލާ ޢަރަބި ޤައުމުތަކާއި، ޔޫރަޕުގެ ޤައުމުތަކުގެ ކުރިމަތީގައި ވެސް ޤަޠަރު އެއަރލައިނުގެ ޖަޒުބާތާއި މަޤުބޫލުކަން ކެނޑިގެންދިއުމަކީ ނުވެ ނުދާނެ ކަމެއް ކަމަށް ބެލެވެއެވެ. ސަބަބަކީ، އެ ޤައުމުތަކަށް ކުރާ ދަތުރުތައް ދިގުވެގެން ދިއުމާއި، އިތުރު އުނދަގޫތައް ކުރިމަތިވުމެވެ. ޔޫރަޕުގެ މަންޒިލަކަށް ކުރާ 6 ގަޑިއިރުގެ ދަތުރެއް 8 ގަޑިއިރަށް ދިގުވެގެންދާނެއެވެ. އެހެންކަމުން، ޤަޠަރު އެއަރލައިން ނޫން އެހެން އެއަރލައިނަކުން ޖާގަ ހޯދުމަށް، ދަތުރުވެރިން މަސައްކަތްކުރާނެ ކަމަށް ލަފާކުރެވެއެވެ.


ކާބޯތަކެތި

ޤަޠަރުގެ ބިމަކީ އޭގެ ޒާތުގައި ހަނަފަސް ސަހަރާއެކެވެ. އެ ބިމުގައި ދަނޑުވެރިކަން ކުރުމަކީ ނުހަނު ދަތި އުނދަގޫ ކަމެކެވެ. އެހެންކަމުން، ކާބޯތަކެތި އަމާންކޮށް އަތްމަތިކުރުމަކީ، ޤަޠަރަށް ވަރަށް މުހިންމު ކަމެކެވެ. އެ ޤައުމަށް އެއްގަމު މަގުން ކާބޯތަކެތި ވަންނަ ހަމައެކަނި މަގަކީ، ސަޢޫދިއްޔާއާ ގުޅިފައިވާ ސަރަޙައްދީ ރޮނގު ހުރަސްކުރާ މަގެކެވެ. ކޮންމެ ދުވަހަކު އެ މަގުން އެތައް ސަތޭކަ ލޮރީއެއް ދަތުރުކުރެއެވެ. ޤަޠަރަށް އެތެރެކުރެވޭ ކާބޯތަކެތީގެ 40 އިންސައްތަ އެތެރެވަނީ، އެމަގުން ކަމަށް ބެލެވެއެވެ. ސަޢޫދިއްޔާއިން ވަނީ އެ މަގު ބަންދުކުރާނެކަން އިޢުލާންކޮށްފައެވެ.

އެއްގަމު މަގުން ކާބޯތަކެތި ހިފައިގެން އަންނަ ލޮރީތަކަށް މަގު ބަންދުވުމުން، ދެން ޤަޠަރުން ބަރޯސާވާންޖެހޭނީ ކަނޑާއި، ވައިގެ މަގަށެވެ. އެކަމުގެ ސަބަބުން އިންފްލޭޝަން ރޭޓް މައްޗަށް ދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އަދި ސީދާ ގޮތެއްގައި ޤަޠަރުގެ އާންމު ރައްޔިތުންނަށް ނޭދެވޭ އަސަރުތައް ކުރާނެ ކަމާމެދަކު ވެސް ޝައްކެއް ނެތެވެ. ކުރިމަތިވެފައިވާ މި އިޤުތިޞާދީ ވަޅުގަނޑުގެ ފުނަށް ޤަޠަރު ވެއްޓިއްޖެނަމަ، ޤަޠަރުގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ ރައްޔިތުން ނިކުންނާނެ ކަމަށް ވެސް ބެލެވެއެވެ. މީގެ މާނައަކީ، ވެރިކަން ކުރާ "އާލުޘާނީ" ޢާއިލާގެ ކިބައިން ވެރިކަން ބީވުމެވެ. ނުވަތަ އެ ޢާއިލާއިން ވެރިކަންކުރަމުންގެންދާ މަންހަޖު ބަދަލުކުރުމެވެ.

ޤަޠަރުގެ އާންމު ރައްޔިތުންނަކީ، އިޤުތިޞާދީ ގޮތުން ސަޢޫދިއްޔާއާ ގުޅިލާމެހިފައިވާ ބަޔެކެވެ. އެމީހުންނަކީ، އެމީހުންގެ ފިހާރަތަކުން ވިއްކާ ކާބޯތަކެތި ގަތުމަށްޓަކައި، ކޮންމެ ދުވަހަކު ނުވަތަ ކޮންމެ ހަފުތާއަކު އެއްފަހަރު ސަޢޫދިއްޔާއަށް ދަތުރުކުރާ ބަޔެކެވެ. ޤަޠަރުގެ ބާޒާރުގެ އަގަށްވުރެ މާ ހެޔޮއަގުގައި ސަޢޫދިއްޔާއިން އެތަކެތި ލިބޭތީއެވެ. ޤަޠަރާއި ސަޢޫދިއްޔާއާ ދެމެދުގައިވާ ސަރަޙައްދީ މަގު ބަންދުކުރުމުން، ޤަޠަރުގެ އާންމު ރައްޔިތުން ސަޢޫދިއްޔާއަށް ކުރަމުންދާ ދަތުރުތަކެއް ނުކުރެވޭނެއެވެ. ނަތީޖާއަކަށްވާނީ، ކާބޯތަކެއްޗާއި، ދިރިއުޅުމަށް ބޭނުންވާ އެފަދަ އަސާސީ ތަކެތި ހެޔޮ އަގުގައި ލިބުމުގެ މަގު ބަންދުވުމެވެ.


ބިނާވެށި

ޤަޠަރުގެ ބިނާވެށީގައި ބޮޑެތި މަޝްރޫޢުތަކެއް ހިންގެމުން އެބަދެއެވެ. އާ ބަނދަރެއް ހެދުމުގެ މަޝްރޫޢެވެ. ބޭސްފަރުވާގެ ސަހަރެއް ނުވަތަ އޭރިއާއެއް އާރާސްތުކުރުމުގެ މަޝްރޫޢެވެ. 2022 ވަނަ އަހަރުގެ ވޯލްޑްކަޕަށްޓަކައި 8 ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތެވެ. މިދެންނެވީ، މިހާރު ޤަޠަރުގެ ބިނާވެށީގައި ހިންގަމުންދާ ބިޔަ މަހާ މަޝްރޫޢެއްގެ ތެރެއިން ދެތިން ނުކުތާއެކެވެ.

ޤަޠަރުގައި ހިންގާ ބޮޑެތި މަޝްރޫޢުތަކަށް ބޭނުންވާ އަސާސީ ތަކެތި އެ ޤައުމަށް އެތެރެކުރަނީ، އިންވެގެންވާ ސަޢޫދިއްޔާއިންނެވެ. އެފަދަ ތަކެތީގެ ތެރޭގައި، ސިމެންތިއާއި، ދަގަނޑު ހިމެނެއެވެ. ކަނޑު މަގުންނާއި، އެއްގަމު މަގުން ސަޢޫދިއްޔާއިން ޤަޠަރަށް އެފަދަ ތަކެތި އެތެރެކުރެވެއެވެ. ދެ ޤައުމުގެ ދެމެދުގައިވާ ސަރަޙައްދީ ރޮނގު ބަންދުކުރުމުގެ ނަތީޖާތަކުގެ ތެރޭގައި، ޤަޠަރަށް އެތެރެކުރަންޖެހޭ ބިލްޑިންގ މެޓީރިއަލްސްގެ އަގު އުފުލިގެންދިއުން ވެސް ހިމެނޭނެއެވެ. ޤަޠަރުގައި ހިންގާ ބޮޑެތި މަޝްރޫޢުތަކަށް ބޭނުންވާ ބިލްޑިންގ މެޓީރިއަލްސް މަދުވުމުގެ މައްސަލަ މިހާރުވެސް ވަނީ ފެންމަތިވެފައެވެ. އެހެންކަމުން ކުރިއަށް އޮތްތާނގައި އެ މައްސަލަ އިތުރަށް ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ.


ދަތުރުފަތުރުކުރުން

ސަޢޫދިއްޔާއާއި، ޔޫއޭއީއާއި، ބަޙުރައިނުން ޤަޠަރާ ގުޅުންކަނޑާލިއިރު، އެ ޤައުމުތަކުގެ ރައްޔިތުން ޤަޠަރަށް ދިއުމާއި، ޤަޠަރުގައި ދިރިއުޅުމާއި، ޤަޠަރު ހުރަސްކުރުން ވެސް ވަނީ މަނާކޮށްފައެވެ. އަދި ޤަޠަރުގައިވާ އެ ޤައުމުތަކުގެ ރައްޔިތުން، ޤަޠަރުން ބޭރުވުމަށް ވަނީ 14 ދުވަހުގެ މުއްދަތެއް ވެސް ދީފައި ކަމަށް ވެސް ސަޢޫދިއްޔާއިން ބުނެފައި ވެއެވެ. އަދި އެ ޤައުމުތަކުގައިވާ ޤަޠަރުގެ ރައްޔިތުން ވެސް އެ ޤައުމުތަކުން ބޭރުވުމަށް ވަނީ، 14 ދުވަހުގެ މުހުލަތެއް ދީފައެވެ.

އެ ތިން ޤައުމުން އެޅި ފިޔަވަޅު، މިޞްރުން އަޅައިފިނަމަ، ޤަޠަރުގެ ހުރިހާ މަސައްކަތެއްހެން ހުއްޓުމަކަށް އަންނާނެއެވެ. އެހެނީ، ޤަޠަރުގެ އެކިއެކި ވަޒީފާތަކުގައި އުޅޭ މިޞްރު މީހުންގެ ޢަދަދު، 180000 (އެއްލައްކަ އަށްޑިހަ ހާސް) އަށް އަރައެވެ. އެމީހުންގެ ތެރޭގައި ގިނައީ، އިންޖިނޭރުންނާއި، ޑަކުޓަރުންނާއި، ލޯޔަރުންނާއި، ބިނާވެށީގެ މަސައްކަތްތެރިންނެވެ. އެމީހުންނަކީ، ޤަޠަރަށް ވަރަށް މުހިންމު ބަޔެކެވެ. އެމީހުން ކުރު މުއްދަތެއްގެ ތެރޭގައި ޤަޠަރުން ބޭރުވެއްޖެނަމަ، ޤަޠަރުގެ އަމިއްލަ ކުންފުނިތަކަށާއި، ޤަޠަރުގައި މަސައްކަތްކުރާ އިންޓަނޭޝަނަލް ކުންފުނިތަކަށް ފޫނުބެއްދޭވަރުގެ ބޮޑު ކާރިސާއެއް ކުރިމަތިވާނެއެވެ.

ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޤަޠަރުގައި ދިރިއުޅޭ މިޞްރު މީހުންގެ ޢަދަދަކީ، ފަސްދޮޅަސް ހާހާއި، ހަތްދިހަ ހާހާ ދެމެދުގެ ޢަދަދެކެވެ. އެހެނަސް، ނުރަސްމީ ސިފައެއްގައި އުޅޭ މީހުންނާއެކު ޖުމުލަ ތިން ލައްކަ މިޞްރީން ޤަޠަރުގައި ދިރިއުޅޭ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.


ވިޔަފާރި

ޤަޠަރުގައި މަސައްކަތްކުރާ ޤަލްފުގެ ވިޔަފާރި ކުންފުނިތައް ވެއެވެ. އޭގެތެރޭގައި ރީޓެއިލް ސެކްޓަރގައި މަސައްކަތްކުރާ ކުންފުނިތައް ވެސް ވެއެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި، އެންމެ ކުޑަމިނުން އެ ކުންފުނިތައް ވަގުތީ ގޮތެއްގައި ބަންދުކުރާނެއެވެ. އެހެންވެއްޖެނަމަ، ޤަޠަރުގެ ބާޒާރަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެކަން ކަށަވަރެވެ.


ޚުލާޞާ

އަވަށްޓެރި ޤައުމުތަކުންނާއި، ބައެއް ޢަރަބި ޤައުމުތަކުން ޤަޠަރާ ގުޅުންކަނޑާލުން ދިގުދެމިގެން ހިނގައްޖެނަމަ، ޤަޠަރަށް ކުރިމަތިވާނެ ތަކުލީފުތައް ނިކަން ބޮޑުވާނެއެވެ. ޤަޠަރުގެ ރައްޔިތުން އުފުލަންޖެހޭނެ ދަތިތައް އެހައިމެ ހިތިވާނެއެވެ. އޭގެ ރަހަ، އަވަށްޓެރި އެހެން ޤައުމުތަކާއި، އެ ޤައުމުތަކުގެ ރައްޔިތުން ވެސް ބަލަން ނުޖެހި ނުދާނެކަން ކަށަވަރެވެ. ކުވައިތާއި، ޢުމާނާއި، ތުރުކީވިލާތް ފަދަ ޤައުމުތަކުން، އަވަސް ޙައްލެއް ހޯދަން މަސައްކަތްކުރާ މައިގަނޑު ސަބަބަކީ އެއީއެވެ.

އާދޭހެވެ. މައްސަލައަކީ، ހަމައެކަނި ޤަޠަރާ ކުރިމަތިވާ މައްސަލައެއް ނޫނެވެ. އެކަމަކު، އެއީ، ގަލްފުގެ އެހެން ޤައުމުތަކާއި، މެދުއިރުމަތީގެ ޢަރަބި ޤައުމުތަކާއި، އޭގެއިތުރުން ޤަޠަރުގައި ދިރިއުޅޭ އޭޝިއާއާއި ޔޫރަޕު ފަދަ އެހެން ބައްރުތަކުގެ ރައްޔިތުން ވެސް ޝާމިލުވާނެ މައްސަލައެކެވެ.


ތާރީޚު: 5 ޖޫން 2017
މަޢުލޫމާތުގެ އަސާސީ މަޞްދަރު:
http://www.bbc.com/arabic/business-40159341