ޤަޠަރާ ދެކޮޅަށް ޢަސްކަރީ ފިޔަވަޅެއް އަދި ނާޅާނެ


ވޮޝިންޓަނުގައި ހުންނަވާ ޔޫއޭއީގެ ސަފީރު، ޔޫސުފުލް ޢުތައިބާ (يوسف العتيبة)، (Yousef Al Otaiba) ވިދާޅުވާ ގޮތުގައި، ޤަޠަރާ ދެކޮޅަށް ބައެއް ޢަރަބި ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ޢަސްކަރީ ފިޔަވަޅު އެޅުން ހިމެނިފައެއް ނެތެވެ. އެހެނަސް، އިތުރު އިޤުޞާދީ ފިއްތުންތައް ކުރިމަތިކުރުމުގެ ފުރުޞަތު އެބައޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ވޮޝިންޓަނުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވެފައިވަނީ، "އަޅުގަނޑުމެން (ޤަޠަރާ ދެކޮޅަށް) ކުރާ އެއްވެސް ކަމެއްގައި، އެއްގޮތަކަށްވެސް ޢަސްކަރީ ފިޔަވަޅެއް އެޅުން ހިމެނިފައެއް ނެތެވެ."

އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓީލަރސަން (Rex Wayne Tillerson)، (ريكس تيلرسون) ވޮޝިންޓަނުގައި ސަޢޫދީ ޚާރިޖީ ވަޒީރު ޢާދިލުލް ޖުބައިރު (عادل الجبير)، (Adel al-Jubeir) އާ ބައްދަލުކުރެއްވި ހިނދު، ސަޢޫދީ ޚާރިޖީ ވަޒީރު ވެސް ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ. އެހެނީ، އޭނާ ވިދާޅުވީ، "ތިމަންމެން (ޤަޠަރުގެ ވެރިރަށް) ދައުޙާއަށް ތުހުމަތުކުރަނީ، ޓެރަރިޒަމެވެ. ޤަޠަރު ޙިޞާރުކުރާކަށެއް ބޭނުމެއް ނޫނެވެ."

ޢަރަބި ޤައުމުތަކުން ޤަޠަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ ވިދިގެން، ޔޫއެސްއޭ އިން ގެންގުޅެނީ، ދެކޮޅަށް ކިރޭ ސިޔާސަތެކެވެ. ޔޫއެސްއޭގެ ރައީސް ދައްކަވާ ވާހަކަފުޅަކާ، ޚާރިޖީ ވަޒީރު ދައްކަވާ ވާހަކަފުޅެއް ދިމައެއް ނުވެއެވެ. ޔޫއެސްއޭ އަކީ، މި މައްސަލައިގެ ދެކޮޅާ ވެސް ބަދަހި ގުޅުމެއް އޮތް ޤައުމެކެވެ. މައްސަލަ ޙައްލުކުރެވޭތޯ މަސައްކަތްކުރި ޤައުމުތަކަށް ކާމިޔާބެއް ނުލިމުގެ އެއް ސަބަބަކީ އެއީއެވެ. އަދި މައްސަލަ ގޯހުންގޯހަށް ދިއުމުގެ މައިގަނޑު ސަބަބަކީ ވެސް އެއީއެވެ.

ވޮޝިންޓަނުގައި ހުންނަވާ ޔޫއޭއީގެ ސަފީރު ޔޫސުފުލް ޢުތައިބާ ވިދާޅުވެފައި ވެއެވެ.

"ފާއިތުވެދިޔަ ހަފުތާގެ ތެރޭގައި، އެމެރިކާގެ ދިފާޢީ ވަޒީރު ޖެނެރަލް ޖޭމްސް މެޓިސް (James Mattis)، (جيم ماتيس) އާ ހަތަރު ފަހަރު ބައްދަލުކުރެއްވީމެވެ. އެ ބައްދަލުވުންތަކުގައި އަޅުގަނޑުމެން ވާނީ، އަޅުގަނޑުމެން އަޅާފައިވާ ފިޔަވަޅުތަކުން، އެއްވެސް ޙާލެއްގައި (ޤަޠަރުގައިވާ ޔޫއެސްއޭގެ ޢަސްކަރީ ބޭސް) އަލްޢުދައިދު ޤާޢިދާ (Al Udeid Air Base) އަށް އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް ނުފޯރާނެކަން ކަށަވަރުކޮށްދީފައެވެ. އަދި އެ ޤާޢިދާއާ ގުޅުންހުރި އެއްވެސް އޮޕަރޭޝަނެއް ނުހިންގާނެ ކަމަށް ވެސް ވާނީ ދަންނަވާފައެވެ."

ޤަޠަރުގެ 59 ބޭފުޅަކާއި، 12 ފަރާތެއް ޓެރަރިޒަމާ ގުޅުވައިގެން ލިސްޓުކުރެވިފައިވާ ކަމަށާއި، އިތުރު އިޤުތިޞާދީ ފިޔަވަޅުތައް ޤަޠަރާ ދެކޮޅަށް އަލުން އަޅަންޖެހިދާނެ ކަމަށް ޔޫއޭއީގެ ޚާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ. އެހެނަސް އޭނާ ވިދާޅުވާ ގޮތުގައި އެކަން ކުރެވޭނީ، ޤަޠަރުގެ ސިޔާސަތު ބަދަލުނުކޮށްފިނަމައެވެ. ނުވަތަ ޤަޠަރުގެ ސިޔާސަތު ބަދަލުކޮށްލަނިވި ވާހަކަދެއްކުންތަކެއް ކުރިއަށް ނުގެންދެވިއްޖެނަމައެވެ. ޤަޠަރުގެ ކިބައިން އެދޭ ކަންތައްތަކުގެ ލިސްޓެއް، ތައްޔާރުކުރެވެމުންދާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެ ލިސްޓު ތައްޔާރުކުރަނީ، ސަޢޫދިއްޔާއާއި، ޔޫއޭއީއާއި، ބަޙުރައިނާއި، މިޞްރުންނެވެ. އެއިން ކޮންމެ ޤައުމަކުން ލިސްޓު ތައްޔާރުކުރަނީ ވަކިވަކިންނެވެ. ކޮންމެ ޤައުމަކުން ތަފާތު ކަންތައްތަކެއް ބޭނުންވާތީއެވެ. ފައިނަލް ލިސްޓް ތައްޔާރުކުރެވޭނީ އެ ހަތަރު ޤައުމުގެ ލިސްޓްތައް އެއްކޮށްގެންނެވެ. އެއަށްފަހު، އެ ލިސްޓު ފޮނުވުމަށް ހަމަޖެހިފައިވަނީ، ޔޫއެސްއޭއަށެވެ. އެކަން ވަރަށް އަވަސް ފުރުޞަތެއްގެ ތެރޭގައި ކުރެވޭނެ ކަމަށް ވެސް ޢުތައިބާ ވަނީ ވިދާޅުވެފައެވެ.

ހަތަރު ޤައުމުން ތައްޔާރުކުރަމުންގެންދާ ލިސްޓުތައް ބިނާވެފައިވަނީ، މައިގަނޑު ތިން ގިއުގަނޑެއްގެ ތެރޭގައެވެ. އެއީ:

1. ޓެރަރިޒަމަށް ވާގިވެރިވުން.
2. ހަތަރު ޤައުމުގެ ދާޚިލީ ކަންކަމާ ބެހުން.
3. ޤަޠަރުގެ މީޑިއާގެ ވަސީލަތްތަކުން ހަތަރު ޤައުމަށް ހަމަލާދިނުން. މިއެވެ.

ހަތަރު ޤައުމުގެ މައިގަނޑު މަޠުލަބުތައް ހިމެނިފައިވަނީ، މި ތިން ކަމުގެ ގިއުގަނޑުގެ ތެރޭގައެވެ. ހަތަރު ޤައުމުން ބޭނުންވަނީ، ޤަޠަރުން، މި ތިން ކަމުންކުރެ ކަމެއް ނުކުރުމަށެވެ. އަދި އިޤުތިޞާދީ ގޮތުންނާއި، ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތިކޮށްގެން، ޤަޠަރުގެ ސުލޫކު ބަދަލުކުރުމަށެވެ.

މެދުއިރުމަތީގައިވާ އިސްލާމީ ޖަމާޢަތްތަކަށް ވާގިވެރިވާ ކަމަށާއި، އެ ޖަމާޢަތްތަކަށް އެހީތެރިވެދޭ ކަމަށް ޤަޠަރުން ވަނީ އިޢުތިރާފުވެ އެއްބަސްވެފައެވެ. އެފަދަ ޖަމާޢަތްތަކުގެ ތެރޭގައި، އިޚުވާނުލްމުސްލިމީނާއި، ޙަމާސް ހިމެނެއެވެ. އެހެނަސް، ޓެރަރިސްޓު ޖަމާޢަތްތަކަށް ވާގިވެރިވުމަކީ، ޤަޠަރުން ނަފީކުރާ ކަމެކެވެ. ޤަޠަރުން ބުނަނީ، އައިއެސް އާއި، އަލްގައިދާ ފަދަ ޓެރަރިސްޓު ޖަމާޢަތަކަށް އެހީތެރިނުވާ ކަމަށެވެ. އަދި ޤަޠަރުން އީރާނާއެކު ބަދަހި ގުޅުންތަކެއް ޤާއިމުކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތާ ވެސް ދެކޮޅުހަދައެވެ. އީރާނަކީ، އެ ސަރަޙައްދުގައިވާ ސަޢޫދިއްޔާއާ ވާދަވެރި ޤައުމެވެ.

ޤަޠަރާ ދެކޮޅަށް އެޅިފައިވާ ފިޔަވަޅުތަކަށް ޙައްލެއް ހޯއްދެވުމަށްޓަކައި ކުރައްވާ ދަތުރުފުޅެއްގައި، ޤަޠަރުގެ ޚާރިޖީ ވަޒީރު، އައްޝައިޚު މުޙައްމަދު ބްނު ޢަބްދުއްރަޙުމާނު އާލު ޘާނީ (الشيخ محمد بن عبد الرحمن آل ثاني) ވަނީ، ޖޫން 12 ވީ ހޯމަދުވަހު، ޕެރިހަށް ވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޤަޠަރާ ދެކޮޅަށް އެޅިފައިވާ ފިޔަވަޅުތަކުގެ ފަހަތުގައި ވަނީ ކޮންކަންކަމެއްކަން އަދިވެސް ސާފެއްނުވެއެވެ. ގަލްފުގެ ޤައުމުތަކުގެ އަމަންއަމާންކަމާބެހޭ ކޮންމެ ކަމެއްގައި ވާހަކަދެއްކުމަށް ޤަޠަރު އޮތީ ތައްޔާރަށް ކަމަށާއި، ނަމަވެސް، ޤަޠަރުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ރައްދުދިނުމުގެ ޙައްޤު ޤަޠަރަށް ލިބިގެންވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މެދުއިރުމަތީގައިވާ ޔޫއެސްއޭގެ އެންމެ ބޮޑު ޢަސްކަރީ ބޭސް ވަނީ ޤަޠަރުގައެވެ. އެއީ، އަލްޢުދައިދު ޤާޢިދާ (Al Udeid Air Base) އެވެ. ޤަޠަރަށް ކުރިމަތިކުރާ ފިއްތުންތަކުގައި، އެ ޤާޢިދާއަށް ގެއްލުންލިބޭނެ ކަމެއް ނުކުރާނެކަން ހާމަކުރަމުން ގެންދަނީ، އެމެރިކާގެ ރުހުން ހޯދުމަށެވެ. ޤަޠަރަށް ޔޫއެސްއޭގެ ރުހުން ދެމިއޮންނާނީ، ޓެރަރިޒަމަށް ވާގިވެރިނުވާކަން ސާބިތުކޮށްދީގެންނެވެ. ޤަޠަރަށް އެކަން ސާބިތުކޮށްނުދެވިއްޖެނަމަ، އެމެރިކާގެ ރުހުން ގެއްލޭނެއެވެ. އަދި، ޤަޠަރުގެ އަލްޢުދައިދު ޤާޢިދާ (Al Udeid Air Base) ގައިވާ ޔޫއެސްއޭގެ ޢަސްކަރީ ބާރުތައް ގަލްފުގެ އެހެން ޤައުމަކަށް ނަގުލުކުރުމަކީ ވެސް ދުރުކަމެއް ނޫނެވެ. މިހާރުވެސް ޔޫއޭއީއިން އެއޮތީ އެކަމަށް ތައްޔާރަށެވެ. އެހެނަސް، މިހާތަނަށް ހިނގާފައިވާ ކަންކަމަށް ބަލާއިރު، ގަލްފުގެ އެއްވެސް ޤައުމަކުން ޤަޠަރާ ދެކޮޅަށް ޢަސްކަރީ ފިޔަވަޅެއް އަޅާފާނެ ކަމަކަށް ނުބެލެވެއެވެ.


ތާރީޚު: 14 ޖޫން 2017
މަޢުލޫމާތުގެ މައިގަނޑު މަޞްދަރު:
http://www.bbc.com/arabic/middleeast-40269603