ރޯދައިގެ އިޢުޖާޒަށް ނަޒަރެއް


މާތް ﷲ، ރޯދައިގައި ލައްވާފައިވާ އިޢުޖާޒުގެ ތެރެއިން ކުރިން ކަޝްފުވެފައިނުވާ ކިތަންމެ ކަމެއް، މިޒަމާނުގެ ސައިންސްގެ އަލީގައި ވަނީ ހޯދިފައެވެ. އެއިން ކޮންމެ ކަމަކުންމެ އެނގި ކަށަވަރުވަނީ، ރޯދައިގެ މޮޅުއިތުރުކަމެވެ. ރަމަޟާންމަހު ރޯދަހިފުމަކީ، ޞިއްޙަތު ސަލާމަތުންހުރި މީހަކަށް ގެއްލުން ލިބޭނެ ކަމެއް ނޫން ކަމެވެ. އެކަމަކު، ކޮންމެ އަހަރަކު ރަމަޟާންމަހު ރޯދަހިފުމަކީ، އިންސާނާގެ ހަށިގަނޑު ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންވާ ޒަރޫރަތެއް ކަމެވެ. ރޯދައާމެދު ބައެއް މީހުންނަށް ކުށްހީތައް ހީކުރެވޭ އެއް ސަބަބަކީ، ކަމާބެހޭ ޞައްޙަ ޢިލްމީ މަޢުލޫމާތު ލިބިފައިނުވުން ކަމުގައި ވެދާނެއެވެ.

ކުރީގެ އުންމަތްތަކުގެ މައްޗަށް ފަރުޟުކުރެއްވުނު ފަދައިން، މި އުންމަތުގެ މައްޗަށް ރޯދަ ފަރުޟުކުރައްވައިފިކަން އަންގަވާފައިވަނީ، އަލްބަޤަރާ ސޫރަތުގެ 183 ވަނަ އާޔަތުގައެވެ. އެއާޔަތުން އެނގޭ ގޮތުގައި، ރޯދަ ފަރުޟުކުރެއްވީ ތަޤުވާވެރިވުމަށްޓަކައެވެ. "ތަޤުވާ" ގެ ބަހަވީ މާނަތަކުގެ ތެރޭގައި، ގެއްލުންހުރި ކަންކަމުން ރައްކާތެރިވެގަތުމާއި، ސަލާމަތްވެގަތުން ހިމެނެއެވެ. އޭގެ ޝަރުޢީ މާނަތަކުގެ ތެރޭގައި، މާތް ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންވުމާއި، އެކަލާނގެ ނަހީކުރެއްވި ކަންކަމުން ދުރުހެލިވުން ހިމެނެއެވެ. އެހެންކަމުން، ތަޤުވާވެރިކަމަކީ، ދެ ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ހިމެނޭ ކަމެއްކަން އެބައެނގެއެވެ.

ރޯދައާބެހޭ ގޮތުން ކުރެވިފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި، ތަޤުވާގެ ފުރިހަމަ މާނަތައް އޭގައި ހިމެނެއެވެ. އެއީ، އިންސާނާއަށް ކުރިމަތިވާ އެތައް ނުރައްކާތަކަކުން އޭނާ ސަލާމަތްކޮށްދޭ އަޅުކަމެކެވެ. އެއީ، އިންސާނާގެ ހަށިގަނޑަށް އާރާއި ބާރު ލިއްބައިދޭ އަޅުކަމެކެވެ. އެއީ، ޞިއްޙަތާއި ދުޅަހެޔޮކަން ޙާޞިލުކޮށްދޭ އަޅުކަމެކެވެ. މިކަންކަން ކީރިތި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވާފައިވަނީ، އެންމެ ދެ ލަފުޒުންނެވެ. އިތުރުއެކަލޭގެފާނު ޙަދީޘްކުރައްވާފައިވަނީ:

(اَلصِّيَامُ جُنَّةٌ)

މިހެންނެވެ. އިމާމު މުސްލިމު ރިވާކުރައްވާފައިވާ މި ޙަދީޘްފުޅުގެ މާނައީ، "ރޯދައަކީ، އައްޑަނައެކެވެ."

އައްޑަނައަކީ، ހަނގުރާމައިގެ މައިދާނުގައި، ބޭނުންކުރާ ދިފާޢީ ހަތިޔާރެކެވެ. ޙިމާޔަތާއި ރައްކާތެރިކަން، އެއިން ލިއްބައިދެއެވެ. ކީރިތި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވާފައި އެވަނީ، ރޯދައަކީ ދިފާޢީ ހަތިޔާރެއް ކަމެވެ. އެއީ، އިންސާނާއަށް ކުރިމަތިވާ ނުރައްކަލާއި ގެއްލުމުން ސަލާމަތްކޮށްދޭ ވަސީލަތެއް ކަމެވެ. މިޒަމާނުގެ ހޯދުންތަކުން އެނގޭ ގޮތުގައި، ރޯދައަކީ، އެތައް ބަލިތަކަކުން މިންޖުކޮށްދޭ ދިފާޢީ އައްޑަނައެކެވެ.

އާދޭހެވެ. ޢަމަލީ ތަޖުރިބާއިން އެނގިފައިވާ ގޮތުގައި، ރޯދައަކީ ކެންސަރުގެ ފަރުވާއެކެވެ. ރޯދަހިފުމަކީ، ކެންސަރުގެ ދިރުތައް އިތުރަށް ހެދިބޮޑުވުން ހުއްޓުވާލާ މަތިވެރި އަޅުކަމެކެވެ. މިކަން އެނގިފައިވަނީ ކެންސަރު ޖެހިފައިވާ އެތައް ބަޔެއްގެ މައްޗަށް ކުރެވިފައިވާ ދިރާސާތަކަކުންނެވެ. ހަށިގަނޑުގައި ސަލާމަތުން ހުންނަ ދިރުތައް، ކެންސަރުގެ ދިރުތަކަށް ބަދަލުވިޔަ ނުދިނުމަށްޓަކައި ރޯދަހިފުމަށް ޑަކުޓަރުން ނަސޭހަތްތެރިވެއެވެ. މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ރޯދައިގެ އަޅުކަންކުރާ މީހުންގެ ތެރޭގައި ކެންސަރު ޖެހޭ މީހުން މަދުކަން ފާހަގަކުރެވެއެވެ.

ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ކުރިއެރުމާ ގުޅިގެން ތަފާތު ބާވަތްބާވަތުގެ ކިލަނބުވުންތައް ވަނީ އުފެދިފައެވެ. ވިހަ މާއްދާތަކުން ތިމާވެށި ކިލަނބުވެއެވެ. އަދި އަޑާއި އަލިން ވެސް ތިމާވެށި ކިލަނބުވެއެވެ. އޭގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ވިހަތައް، އެއްވެސް ގެއްލުމެއްނެތި ހަށިގަނޑުން ބޭރުކޮށްދޭ ވަސީލަތަކީ، ރޯދައެވެ. މިޒަމާނުގެ ހޯދުންތަކުން މިކަން ވަނީ ކަށަވަރުވެފައެވެ. ދުވަސްކޮޅެއް ވަންދެން ރޯދަހިފުމަކީ، ހަށިގަނޑުގައިވާ ވިހަ މާއްދާތައް ބޭރުވެގެންދާ ކަމެކެވެ. އިންސާނާގެ ހަށިގަނޑުގައިވާ ކޮންމެ ދިރެއް، ވަކިވަކިން ދޮވެ ސާފުކުރުމަކީ، އޮޕަރޭޝަންކުރުމާބެހޭ އެންމެ މޮޅު ޑަކުޓަރުންނަށް ވެސް ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ރޯދައަކީ، އެ ދިރުތަކުގައިވާ ވިހަތައް، އެއިން ބޭރުކޮށްދޭ މޮޅުއިތުރު އަޅުކަމެކެވެ.

ކަންބޮޑުވުމާއި ހިތްދަތިކަން ކުރިމަތިކުރުވާ ތަފާތު ސަބަބުތައް މިޒަމާނުގައި ވަނީ އާންމުވެފައެވެ. އޭގެތެރޭގައި ނަފުސާނީ ބަލިތަކާއި، އިޖުތިމާޢީ މައްސަލަތައް ހިމެނެއެވެ. އެފަދަ ސަބަބުތައް ކުރިމަތިވެފައިވާ މީހުންނަށް ފަރުވާކުރުމަށްޓަކައި ކޮންމެ އަހަރަކު އެތައް ބިލިއަން ފައިސާއެއް ހޭދަކުރެވެއެވެ. ނަމަވެސް އެދޭވޭ ނަތީޖާއެއް ނުލިބެއެވެ. އިޖުތިމާޢީ މައްސަލަތަކާއި، ނަފުސާނީ ބަލިތަކަށް އޮތް އެންމެ މޮޅު ފަރުވާއަކީ ރޯދަ ކަމަށް، ތަފާތު ތަޚައްޞުޞްތަކުގެ ޢާލިމުންނާއި ސައިންޓިސްޓުން ވިދާޅުވެއެވެ.

މިޒަމާނުގައި މަޝްހޫރު ބަލިތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ބައްޔަކީ، ބަރުދަން އިތުރުވެ ފަލަވުމެވެ. ބައެއް ޙާލަތުތަކުގައި މީހެއްގެ ހަށިގަނޑު އާދަޔާ ޚިލާފަށް ފަލަވެގެންދަނީ، އޭނާގެ ހަށިގަނޑަށް ކާބޯތަކެތި އެތެރެކުރުމުގައި އުފެދޭ ޚަލަލެއްގެ ސަބަބުންނެވެ. އެ ޚަލަލު އުފެދުމަށް ތަފާތު ސަބަބުތައް މެދުވެރިވެއެވެ. ތިމާވެށީގެ އަސަރުތަކެވެ. ނަފުސާނީ ލޮޅުންތަކެވެ. އިޖުތިމާޢީ އާދަކާދަތަކެވެ. ރޯދައިގެ ސަބަބުން ޙާޞިލުވާ އީމާންތެރިކަމުގެ އާބުހަވާއަކީ، އެ ސަބަބުތައް ނެއްތައިލާ ހައިބަވެތި ބާރެކެވެ.

އާދަޔާ ޚިލާފަށް ހަށިގަނޑު ފަލަވެއްޖެނަމަ، އެކަމުގެ ސަބަބުން ޖެހޭ ނުރައްކާތެރި ބަލިތަކެއް ވެއެވެ. ހިތުގެ ބަލިތަކެވެ. ލޭ މައްޗަށް ދިއުމެވެ. ހަކުރުބައްޔެވެ. ކޮލިސްޓްރޯލް ގިނަވުމެވެ. އަދި މައިބަދައިގެ ބަލިތަކެވެ. ބައެއް މުޖުތަމަޢުތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަށް ވަނީ އެއިން ކޮންމެވެސް ބައްޔެއް ނުވަތަ ބަލިތަކެއް ޖެހިފައެވެ. މިހުރިހައި ބަލިތަކަށް އޮތް އެންމެ މޮޅު ފަރުވާއަކީ ރޯދައެވެ. މިކަން މިޒަމާނުގެ އިތުބާރުހުރި ޑަކުޓަރުން ކަށަވަރުކޮށްދެއްވައެވެ.

ރޯދައަކީ ނޭދެވޭ އާދަކާދަތަކަށް ވެސް ފަރުވާލިއްބައިދޭ ކަމެކެވެ. އެފަދަ އާދަކާދަތަކުގެ މިސާލަކީ، ދުންފަތުގެ އިސްތިޢުމާލުކުރުމާއި، މަސްތުވާ ހިކިތަކެއްޗާއި ދިޔާތަކެތި ބޭނުންކުރުމެވެ. ނުވަތަ ބެލުން ޙަރާމްކުރައްވާފައި ތަންތަނަށާއި، އެއްޗިއްސަށް ބެލުމެވެ. އެފަދަ ނޭދެވޭ އާދަކާދަތަކުން ސަލާމަތްވުމަށް އޮތް އެންމެ މޮޅުއިތުރު ގޮތަކީ ރޯދަހިފުމެވެ. ޣައިރު މުސްލިމު ޑަކުޓަރުން ވެސް ވަނީ، މި ޙަޤީޤަތް ކަށަވަރުކޮށްދެއްވާފައެވެ.

މިޒަމާނުގައި ޒުވާނުންނާ ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، ކާވެނިކުރުމާއި، ޒަވާޖީ ޙަޔާތެއް ފެށުމުގެ ކުޅަދާނަކަން ނުލިބުމެވެ. ބައެއް އިސްލާމީ މުޖުތަމަޢުތަކުގައި މި މައްސަލަ ކުރިމަތިވެފައިވަނީ، އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް ޢަމަލުނުކުރެވޭތީއެވެ. ޒަވާޖީ ޙަޔާތެއް ފެށުމުގެ ކުޅަދާނަކަން ނުލިބުމުގެ ސަބަބުން ފާޙިޝް ކަންކަމަށް އަރައިގަނެވެއެވެ. ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި، ފާޙިޝް ކަންކަމަށް އަރައިގަތުން މަދުކުރެވޭނީ ކެއިންބުއިން މަދުކޮށްގެންނެވެ. ކެއިންބުއިން މަދުކުރުމަކީ، ބާހުގެ ބާރު ދަށްކޮށްދޭ ކަމެކެވެ. މިކަމުން ވެސް ރޯދައިގެ މުހިންމުކަން އެބަ ހާމަވެއެވެ. ކީރިތި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އިރުޝާދުދެއްވާފައިވަނީ، ކާވެނިކުރުމުގެ ކުޅަދާނަކަން ލިބިފައި ނުވާ ޒުވާނުން ރޯދަހިފުމަށެވެ.

ސައިންޓިފިކް ހޯދުންތަކުން އެނގިފައިވާ ގޮތުގައި، ރަމަޟާންމަހު ރޯދަހިފުމަކީ، ޢުމުރު ދިގުވާ ކަމެކެވެ. އެހެނީ، ރޯދަހިފުމަކީ، ހަށިގަނޑުގައިވާ ދިރުތަކުގެ ޢުމުރު ދިގުކޮށްދޭ ކަމެކެވެ. އަދި ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދޭ ކަމެކެވެ. އެހެންކަމުން ރޯދަހިފާ މީހުންގެ ޢުމުރު ދިގުވެއެވެ. އެމީހުންގެ ދުޅަހެޔޮކަން ވެސް އިތުރުވެއެވެ. މިއީ، މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް ރޯދަހިފާ މުއުމިނުންނަށް ރޯދައިން ލިއްބައިދޭ އިތުރު ފައިދާތަކެވެ.

މި ބަޔާންކުރެވުނީ، މާތް ﷲ، ރޯދައިގައި ލައްވާފައިވާ އިޢުޖާޒުގެ ތެރެއިން މަދު މިންވަރެކެވެ. އެކަލާނގެ ރޯދައިގައި ލައްވާފައިވާ ކޮންމެ އިޢުޖާޒެއްގައި އެތައް ފައިދާތަކެއް ހިމަނުއްވާފައި ވެއެވެ. އެއީ ގުނައި ޢަދަދުކުރެވޭނެ އެއްޗެއް ނޫނެވެ. މާތް ﷲ ގެ ކަށަކުޅަދުންވަންތަކަމުގެ ހެއްކެއް ކަމުގައި ރޯދައިގެ އިޢުޖާޒު ފުދެއެވެ. ރޯދައަކީ، އެކަލާނގެ އިންސާނުންނަށްޓަކައި ލައްވާފައިވާ ވަރަށް ބޮޑު ރަޙުމަތެކެވެ.

ޞިއްޙަތު ސަލާމަތުންހުރި މީހަކު، ރަމަޟާންމަހު ރޯދަހިފުމަކީ، އޭނާގެ ދުޅަހެޔޮކަމަށް ބުރޫއަރާނެ ކަމެއް ނޫނެވެ. އެކަމަކު އޭނާ ރޯދަހިފުމަކީ، އޭނާއަށް އެތައް ހެޔޮ ކަންކަމެއް ޙާޞިލުވާނޭ ކަމެކެވެ. މިކަން އަލްބަޤަރާ ސޫރަތުގެ 184 ވަނަ އާޔަތުން ވެސް އެގެއެވެ. އެ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވަނީ:

(وَأَنْ تَصُوْمُوا خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُوْنَ)

މިހެންނެވެ. މާނައީ، "އަދި ތިޔަބައިމީހުން ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެ ނަމައެވެ."

މާތް ﷲ، ރޯދަވެރިން ކުރާ ހެޔޮ ޢަމަލުތަކަށް، ހެޔޮ ޖަޒާ މިންވަރުކުރައްވާށިއެވެ! އާމީން!