2015 ވަނަ އަހަރު ޤަޠަރުގެ ޢަސްކަރިއްޔާގެ ޙާލަތު


މި ލިއުމުގައި ވަނީ، 2015 ވަނަ އަހަރު، ޤަޠަރުން ސީރިއާއަށް ޢަސްކަރީ ގޮތުން ވަންނާނެކަން އިޢުލާންކުރުމުން، އާންމުކުރެވިފައިވާ ދިހަ މަޢުލޫމާތެކެވެ. އޭރު ސީރިއާއިން ބުނެފައިވަނީ، އެ ޤައުމަށް ޤަޠަރުން ހަމަލާދީފިނަމަ، އޭގެ ބަދަލުގައި އެއަށްވުރެ ބާރުގަދަ ހަމަލައެއް ދޭނެ ކަމަށެވެ.


1. ސިފައިންގެ ޢަދަދު

އޭރު ޤަޠަރުގެ ޢަސްކަރިއްޔާގައިވާ ސިފައިންގެ ޢަދަދަކީ، ގާތްގަނޑަކަށް 11800 އެވެ. އޭގެ ތެރެއިން 8500 އަކީ، އެއްގަމު ސިފައިންނެވެ. 1800 އަކީ ވައިގެ ސިފައިންނެވެ. 1500 އަކީ ކަނޑުމަތީ ސިފައިންނެވެ.
އޭރު ސީރިއާގެ ޢަސްކަރިއްޔާގައިވާ ހަނގުރާމަތީ ސިފައިންގެ ޢަދު ދެލައްކައަށް އަރައެވެ. ލަޝްކަރަށް އަހުލުވެރިކުރެވިފައިވާ ސިފައިންގެ ޢަދަދު ތިން ލައްކައަށް އަރައެވެ.


2. ޢަސްކަރިއްޔާގެ ސައިޒު

ގަލްފުގެ އެހެން ޤައުމުތަކުގެ ޢަސްކަރިއްޔާއާ އަޅާބަލާއިރު، ޤަޠަރުގެ ޢަސްކަރިއްޔާގެ ސައިޒު ވަރަށް ކުޑައެވެ. މިކަމުގެ ސަބަބަކީ، ޤަޠަރުގައި އެމެރިކާގެ ޢަސްކަރީ ބޭހެއް އޮތުމާއެކު، ޤަޠަރުން އެމެރިކާގެ ޢަސްކަރިއްޔާއަށް ބަރޯސާވުމެވެ.


3. ހަތިޔާރު

ޤަޠަރުގެ ޢަސްކަރިއްޔާގައިވާ ހަތިޔާރަކީ، ޢަދަދުގެ ގޮތުން މަދު، ކޮލިޓީގެ ގޮތުން ދެރަ ހަތިޔާރު ކަމަށް ބެލެވެއެވެ. އެ ޢަސްކަރިއްޔާގައި ވަނީ، އައިއެމްއެކްސް މަރުކާގެ ޖުމުލަ 30 ޓޭންކަރެވެ. އެއިން އެއްވެސް ޓޭންކަރެއް ވަނީ، ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރެވިދާނެ ޙާލަތެއްގައެއް ނޫނެވެ.


4. އެއަރ ފޯސް

ނުވަދިހައިގެ އަހަރުތައް ފެށުނީއްސުރެ ޤަޠަރުގެ އެއަރ ފޯސްއަށް ފާހަގަކުރެވޭ ފަދަ ބޮޑު ބަދަލެއް ނާދެއެވެ. މިއިން އިސްތިސްނާވަނީ، ޓްރާންސްޕޯޓްކުރާ މަތިންދާބޯޓް އިތުރުކުރުމެވެ. އެއަރ ފޯސްގެ ޕައިލެޓުން ތަމްރީނުކުރެވެނީ، އާދައިގެ އޮޕަރޭޝަންތައް ހިންގުމަށެވެ. ބޭރުގެ އެހީއަކާ ނުލައި، މުހިންމު ބޮޑެތި ޢަސްކަރީ އޮޕަރޭޝަންތައް ހިންގޭނެ ޤާބިލުކަމެއް ޤަޠަރުގެ އެއަރ ފޯސްގައި ނެތެވެ.


5. ދިފާޢީ ނިޒާމު

ޤަޠަރުގެ ޢަސްކަރިއްޔާގައި، ވައިގެ ދިފާޢީ ނިޒާމެއް ޤާއިމުކޮށްފައި ވެއެވެ. އެހެނަސް ބިމުން ޖައްވަށް ފޮނުވޭ ދުރުރާސްތާގެ މިސައިލެއް ނެތެވެ. އަދި މެދުރާސްތާގެ މިސައިލެއް ވެސް ނެތެވެ.


6. އިންސާނީ ވަސީލަތް

ޤަޠަރުގެ ޢަސްކަރިއްޔާގައި މަސައްކަތަށް އަހުލުވެރިވެފައިވާ އިންސާނީ ވަސީލަތްތަކުގެ 70 އިންސައްތައަކީ، ޤަޠަރުގެ ރަށްވެހިވުމުގެ ޙައްޤު ލިބިފައި ނެތް ބިދޭސީންނެވެ. މިކަމާމެދު ޤަޠަރު ސަރުކާރުން ވެސް ކަންބޮޑުވެއެވެ.


7. ކުލީ ސިފައިން

ޤަޠަރުގެ ސަރުކާރުން ކުލީ ސިފައިންގެ ލަޝްކަރެއް ގެންގުޅެއެވެ. އެ ލަޝްކަރުގައި ވަނީ، ޕާކިސްތާނާއި، ސޫދާނާއި، ކޮލަމްބިޔާއާއި، ދެކުނުކޮރެޔާ ފަދަ ޤައުމުތަކުގެ މީހުންނެވެ. އެމީހުންގެ ޒިންމާއަކީ، ޤަޠަރުގެ އިންފްރާސްޓްރަކްޗަރ އާއި، ޙަޔަވީ ބިނާތައް ޙިމާޔަތްކުރުމެވެ. އަދި ޤައުމުގެ ރައްޔިތުން މުޒާހަރާއަކަށް ނިކުމެއްޖެނަމަ، އެމީހުން ގިއްގެޅުވުމެވެ.


8. ބިދޭސީން ދޭސީކުރުން

1990 އޮގަސްޓް 2 ގައި، ޢިރާޤުގެ ޢަސްކަރިއްޔާއިން ކުވައިތަށް އަރައިގަނެ ކުވައިތު ހިފުން ވެފައިވަނީ، ޤަޠަރުގެ ޢަސްކަރިއްޔާގެ ތެރެއަށް ވަދެގަތުމަށް ބިދޭސީންނަށް ލިބުނު ތަނަވަސް ފުރުޞަތަކަށެވެ. އެދުވަސްވަރު، ޢިރާޤުގެ ޢަސްކަރިއްޔާއާ ދެކޮޅަށް އުފެއްދި ޢަސްކަރީ ކޯލިޝަނުގައި ބައިވެރިވި ސޫދާނީންނަށާއި، ޔަމަނީންނަށާއި، ޢުމާނީންނަށް ޝަރުޠަކާއެކު ޤަޠަރުގެ ރަށްވެހިކަން ދެވުނެވެ. އެ ޝަރުޠަކީ، އެމީހުން އެނބުރި އެމީހުންގެ ޤައުމަށް ނުދިއުމެވެ.


9. ޢަސްކަރިއްޔާގެ ހުސް ވަޒީފާތައް

ޤަޠަރުން ދެކެމުންދިޔައީ، އެ ޤައުމުގެ ޢަސްކަރިއްޔާގެ ވަޒީފާތަކަކީ، އާދައިގެ ވަޒީފާތަކެއް ކަމަށެވެ. އެ ވަޒީފާތަކަށް މީހުން ހޯދަމުންދިޔައީ، އިޢުލާންކޮށްގެން ހުސްވަޒީފާތަކަށް މީހުން ހޯދާ ބީދައިންނެވެ. އަދި ޢަސްކަރިއްޔާއަށް ބޭނުންވާ ޑަކުޓަރުންނާއި، އިންޖިނިއަރުންނާއި، ފަންނީންނާއި، އިދާރީ އިސް މަޤާމުތަކަށް ވެސް މީހުން ހޯދަމުންދިޔައީ އެ ގޮތަށެވެ.


10. ޒަމާނީ ހަތިޔާރަށް އިސްކަންދިނުން

ޤަޠަރުގެ ޢަސްކަރިއްޔާގައިވާ އިންސާނީ ވަސީލަތްތަކުގެ ބަލިކަށިކަމަށް ޙައްލެއް ހޯދޭތޯ ކުރެވުނު އެއްކަމަކީ، ބިދޭސީން ދޭސީކުރުމެވެ. އެއާއެކު، އަންހެނުންނަށް ޢަސްކަރިއްޔާގެ ވަޒީފާތައް ދިނުމުގެ ވިސްނުމެއް ވެސް އޮތެވެ. އެހެނަސް އެކަންކަމުން އެދެވޭ ނަތީޖާއެއް ނުލިބުނެވެ. އިންސާނީ ވަސީލަތްތަކުގެ ބަލިކަށިކަމަށް ޙައްލެއް ހޯދުމަށްޓަކައި ކުރެވުނު އަނެއް ކަމަކީ، ޒަމާނީ ހަތިޔާރަށް އިސްކަންދިނުމެވެ. އެއީ، ތަޖުރިބާކާރު އިންސާނީ ވަސީލަތްތަކަށް ބޭނުންނުވާނެ ހަތިޔާރެވެ. އަދި އެ ބޭނުންކުރުމަށްޓަކައި ގިނަ ޢަދަދެއްގެ މީހުން ވެސް ބޭނުންނުވާނެ ހަތިޔާރެވެ. އެގޮތުން އިސްކަން ދީފައިވަނީ، ކަނޑުމަގުންނާއި ވައިގެމަގުން ދިފާޢީ ނިޒާމު ވަރުގަދަކުރުމަށެވެ.


މަޢުލޫމާތުގެ ތާރީޚު: 23 އޮކްޓޯބަރ 2015
ތަރުޖަމާކުރެވުނު ތާރީޚު: 17 ޖޫން 2017
މަޞްދަރު:
http://almogaz.com/news/politics/2015/10/23/2113740