ޤަނާގެ ވެބްސައިޓް ހެކެއް ނުކުރެއެވެ.


ޤަޠަރުގެ އަމީރު އައްޝައިޚު ތަމީމު ބްނު ޙަމަދު އާލު ޘާނީ ވިދާޅުވި ބަސްފުޅުތައް، ޤަނާ (QNA) (ނުވަތަ ޤަޠަރު ނިއުސް އޭޖެންސީ) އިން، އިއްޔެ ވަނީ އާންމުކޮށްފައެވެ. އެމަނިކުފާނު އެބަސްފުޅުތައް ވިދާޅުވެފައިވަނީ، އީރާނާއި، ޙަމާސް ޖަމާޢަތާއި، އަލްއިޚުވާނުލް މުސްލިމޫން ޖަމާޢަތާއި، އަލްޢުދައިދު ޤާޢިދާއާ ބެހޭ ގޮތުންނެވެ. (ޤަޠަރުގެ) (معسكر الشمال) އުތުރު ކޭމްޕްގައި އެމަނިކުފާނު އެ ބަސްފުޅުތައް ވިދާޅުވީ، (ޤަޠަރުގެ) ޤައުމީ ޚިދުމަތަށް ނެރެވޭ ސިފައިންގެ އަށްވަނަ ބެޗްގެ ގްރެޖްއޭޝަން ޙަފުލާގައެވެ. އެމަނިކުފާނުގެ ބަސްފުޅުތައް، ޤަނާގެ ވެބްސައިޓުގައި ޝާއިޢުކުރުމަށްފަހު، އެ ނިއުސް އޭޖެންސީން ބުނެފައިވަނީ، އެއީ، އެ ވެބްސައިޓް ހެކްކޮށްގެން ހިންގާފައިވާ ޢަމަލެއް ކަމަށެވެ.

އެހެނަސް، ޤަޠަރު ނިއުސް އޭޖެންސީގެ ވެބްސައިޓް ހެކްނުކުރެވޭކަމުގެ އެތައް ހެކިތަކެއް އެބަހުއްޓެވެ. އެއިން ބައެއް ހެކިތައް ތިރީގައި މިވަނީއެވެ.

1. ހެކްކުރެވުނު ކަމުގެ ޚަބަރު ފެތުރުމުގެ އެތައް ގަޑިއިރެއް ކުރިން، ޤަޠަރުގެ ރަސްމީ ޓީވީން ވަނީ، (ޓީވީގެ ސްކްރީނުގެ ތިރިއަށް އަރުވާ) ޚަބަރު ފީތާގައި، ޤަޠަރުގެ އަމީރު ތަމީމު ދެއްކެވި ވާހަކަފުޅުތައް ގެނެސްދީފައެވެ.

2. ޤަޠަރު ނިއުސް އޭޖެންސީން ވަނީ، ޤަޠަރުގެ އަމީރު ވިދާޅުވި ބަސްފުޅުތައް، އެ އޭޖެންސީގެ އިންސްޓަގްރާމުގައި، ޢަރަބި ބަހުން ޝާއިޢުކޮށްފައެވެ. އެ އިންސްޓަގްރާމް އެކައުންޓަކީ، ފޭސްބުކާ ގުޅޭ، އަދި ޤައުމީ ސަލާމަތާ ގުޅިފައިވާ އެއްޗެކެވެ. އެހެންކަމުން އެ އެކައުންޓް ހެކްކުރުމަކީ ވަރަށް ދަތި އުނދަގޫ ކަމެއް ކަމުގައި ނޫނީ ނުވާނެއެވެ.

3. ޤަޠަރު ނިއުސް އޭޖެންސީންވަނީ، ޤަޠަރުގެ އަމީރު ދެއްކެވި ވާހަކަފުޅުތައް، އެ އޭޖެންސީގެ އިންސްޓަގްރާމް އެކައުންޓުގައި ރޭ ފަތިހު އިނގިރޭސި ބަހުން ޝާއިޢުކޮށްފައެވެ. އެ އެކައުންޓުގައި ޚަބަރު ޝާއިޢުކުރުމަށްފަހު، އެ އެކައުންޓު އެއްކޮށް ވަނީ ޑިލީޓްކޮށްފައެވެ.

4. ޤަޠަރު ނިއުސް އޭޖެންސީން ވަނީ، ޤަޠަރުގެ އަމީރު ދެއްކެވި ވާހަކަފުޅުތައް، އެ އޭޖެންސީގެ ގޫގަލްޕްލަސް އެކައުންޓްގައި ވެސް ޝާއިޢުކޮށްފައެވެ. ގޫގަލްޕްލަސް އެކައުންޓް ހެކްކުރުމަކީ، ނުހަނު ދަތި އުނދަގޫ ކަމެކެވެ. އެކަމަށްޓަކައި، ގޫގަލްއިން އަބަދުވެސް ފަޚުރުވެރިވެއެވެ.


ޤަނާއިން އާންމުކުރި، ޤަޠަރުގެ އަމީރުގެ ބަސްފުޅުތައް ތިރީގައި މިވަނީއެވެ.

ޤަޠަރުގެ އަމީރު ވިދާޅުވިއެވެ.
އެމެރިކާގެ ރައީސް މި ސަރަޙައްދަށް ވަޑައިގެންނެވި ދުވަސްވަރު، ޤަޠަރާ ދެކޮޅަށް ހިންގެމުންދާ ކެމްޕޭނަކީ، އަނިޔާވެރި ކެމްޕޭނެކެވެ. އޭގެ އަމާޒަކީ، ޤަޠަރާ ޓެރަރިޒަމާ ގުޅުވުމެވެ. އެއީ، ސަރަޙައްދަށް ހަމަޖެހުން ގެނައުމަށްޓަކައި ޤަޠަރުން ކުރަމުންދާ މިންނެތް މަސައްކަތްތައް ކިލަނބުކޮށްލުމަށްޓަކައެވެ. އެކަމުގެ ސަބަބުތަކާއި، އެކަން ކުރަނީ ކީއްވެގެންކަން ވަރަށް ސާފުކޮށް އެބައެނގެއެވެ.

އެމަނިކުފާނު އަދިވެސް ވިދާޅުވިއެވެ.
ބައިނަލްއަޤުވާމީ ކޯލިޝަނުގައި ބައިވެރިވެ، އަދި އަޅުގަނޑުމެންގެ އެއްބަނޑުއެއްބަފާ ޤައުމުތަކާއެކު، ދާޢިޝް (އައިއެސް) އާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކުގައި މެދުނުކެނޑި މަސައްކަތްކުރަމުންދާއިރު ވެސް، ޤަޠަރަކީ ޓެރަރިޒަމަށް ވާގިވެރިވާ ޤައުމެއް ކަމަށް ބުނާތީ، އަޅުގަނޑުމެން އެކަމަށް އިންކާރުކުރަމުއެވެ.
އަދިވެސް އިތުރަށް ވިދާޅުވިއެވެ.
ޙަޤީޤީ ނުރައްކަލަކީ، މާތްވެގެންވާ އިސްލާމްދީނުގެ ސަމާޙަތްތެރިކަން ތަމްސީލުނުކުރާ ހައްދުފަހަނަޅާފައިވާ އިސްލާމީ ނަކަލަކަށް ބައެއް ސަރުކާރުތަކުން ވާގިވެރިވުމެވެ. (މި ބަސްފުޅުން އިޝާރާތްކުރައްވަނީ، ސަޢޫދީ ޢަރަބިއްޔާއަށް ކަމަށް ބެލެވެއެވެ.)

އަދިވެސް އިތުރުކުރެއްވިއެވެ.
އަލްއިޚުވާނުލް މުސްލިމޫން ޖަމާޢަތަކީ، ޓެރަރިސްޓު ޖަމާޢަތެއް ކަމަށް ގިންތިކުރެވުނީތީ، ނުވަތަ ޙަމާސް އާއި ޙިޒުބުﷲ އިން ކުރަމުންގެންދާ ދިފާޢީ މަސައްކަތްތަކުގެ ދައުރާމެދު ބަޔަކު ދެކޮޅުވެރިވީތީ، އަޅުގަނޑުމެންނަކީ ޓެރަރިސްޓުން ކަމަށް ތުހުމަތުކުރުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ.
މިޞްރާއި، ޔޫއޭއީއާއި، ބަޙުރައިނުން "ޤަޠަރާ ދެކޮޅަށް ތިބި ތިބުން އެ ޤައުމުތަކުން މުރާޖަޢާކުރުމަށް" އެދިވަޑައިގަތެވެ.
އަދި "ގުޅިފައިވާ މަޞްލަޙަތުތަކާއި، ގުޅުންތަކަށް އެއްބާރުލުން ނުދޭ ތުހުމަތުތަކާއި، ކެމްޕޭންތަކުގެ ތަކުރާރުވަމުންދާ ސައިލު" ހުއްޓާލުމަށް ވެސް އެދިވަޑައިގަތެވެ.
"ޤައުމަކުން އެޤައުމެއްގެ ރައްޔިތުންނަށް ލިބެންވާ މިނިވަންކަމާއި، ޙައްޤުތަކުން ކިތަންމެ ވަރަކަށް މަޙުރޫމުކުރިޔަސް، އެފަދަ އެއްވެސް ޤައުމެއްގެ ދާޚިލީ ކަންކަމުގެ ތެރެއަށް ޤަޠަރުން ނުވަންނާނެ" ކަން ކަށަވަރުކޮށްދެއްވިއެވެ.

ޤަޠަރުގައިވާ ޤާޢިދަތުލް ޢުދައިދު ތަމްސީލުކުރަނީ، ބައެއް އަވަށްޓެރި ޤައުމުތަކުން ޤަޠަރުގެ މައްޗަށް އުފެދިފައިވާ ދަހިވެތިކަމުން ޤަޠަރަށް އޮތް ޙިމާޔަތާއި ރައްކާތެރިކަން ކަމަށް އިޝާރާތްކުރެއްވިއެވެ.
އަދި އެއީ، ގަލްފުގެ ސަރަޙައްދުގައި އެމެރިކާގެ ނުފޫޒު އޮތުމަށް އެމެރިކާއަށް ލިބިފައިވާ ހަމައެކެނި ފުރުޞަތު ކަމަށް ވެސް އިޝާރާތްކުރެއްވިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ބޭއްވުނު، ޤަޠަރުން ވެސް ބައިވެރިވި، ޢަރަބި އިސްލާމީ އެމެރިކާގެ މަހާސިންތާއާ ބެހޭ ގޮތުން ވިދާޅުވީ، ސަރަޙައްދާ ކުރިމަތިވެދާނެ އާ ޙަމަލާތަކެއްގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި، ޖަޒުބާތުގައި ނުޖެހި ހަރުދަނާކަމާއެކު ވަކިއަތަކަށް ބުރަވުމެއްނެތި، މަސައްކަތްކުރުމަށެވެ.
ޓެރަރިޒަމާއި ހައްދުފަހަނަޅައިދިއުން ޤަޠަރުގައި ނެތްކަން ބަޔާންކުރެއްވިއެވެ. އަދި ޤަޠަރު ބޭނުންވަނީ، ފަލަސްޠީނު ރައްޔިތުން ތަމްސީލުކޮށްދޭ ޝަރުޢީ ފަރާތް ކަމުގައިވާ ޙަމާސްއާއި، އިސްރާއީލާ ދެމެދުގައި ޢަދުލުވެރި ޞުލްޙަވެރިކަމެއް ޤާއިމުކުރުމަށް ކަމަށް ވެސް ވިދާޅުވިއެވެ. ޤަޠަރަކީ އެ ދެ ފަރާތާއެކު ވެސް ދާއިމީ ގޮތެއްގައި މުޢާމަލާތުކުރަމުންދާ ޤައުމެއް ކަމަށް ވީތީއެވެ. އަދި ޤަޠަރުގެ ސިޔާސަތުގެ ވިލުންތެރިކަމަށްޓަކައި، ޤަޠަރާ ޢަދާވާތްތެރި ބަޔަކު ނޫޅޭތީއެވެ.

އަޑުފުޅަށް ބާރުލައްވާފައި އައްޝައިޚު ތަމީމު ވިދާޅުވީ، ޔޫއެސްއޭއާއި، އީރާނާއެކު އެއްފަހަރާ އެއްވަގުތެއްގައި، ނުހަނު ބަދަހި ގުޅުމެއް ޤާއިމުކުރުމުގެ ކާމިޔާބު ޤަޠަރު ވަނީ ޙާޞިލުކޮށްފައެވެ. އީރާނަކީ، އެއްފަރާތްކޮށްލެވޭ ވަރަށްވުރެ ބުރަދަން ބޮޑު، އިސްލާމީ ސަރަޙައްދީ ބާރެކެވެ. އީރާނާ ދެކޮޅުވެރިވުން ކުރިއަށް ގެންދިއުމަކީ، ޙިކުމަތްތެރި ކަމެއް ނޫނެވެ. އީރާނަކީ ބޮޑު ބާރެކެވެ. އެ ޤައުމާއެކު އެކުވެރިކަން ބަދަހިކުރުމަކީ، ސަރަޙައްދަށް ހަމަޖެހުން ކަށަވަރުވާނެ ކަމެކެވެ. ޤަޠަރުން ފަރުވާތެރިވަނީ އެކަމަށެވެ. އެއީ، އަވަށްޓެރި ޤައުމުތަކަށް ހަމަޖެހުން ލިބުމަށްޓަކައެވެ.


ތާރީޚު: 27 ޝަޢުބާން 1438 ހ. 24 މޭ 2017 މ.
ތަރުޖަމާކުރި ތާރީޚު: 24 ޖޫން 2017 މ.
މަޞްދަރު:
http://ara.tv/57sxr