ސަޢޫދިއްޔާއާއި ޤަޠަރުގެ ޒަމާންވީ ދެބަސްވުންތައް


ސަޢޫދިއްޔާއާއި ބައެއް އެހެން ޢަރަބި ޤައުމުތަކަކުން ޤަޠަރާ ގުޅުން ކަނޑާލުމުގެ ސަބަބުން އުފެދިފައިވާ މައްސަލައިގެ ނާރެހަކީ މައިގަނޑު ދެ ކަމެކެވެ. އެއީ، އިސްލާމީ ޖަމާޢަތްތަކަށް ޤަޠަރުން އެހީތެރިވުމާއި، އިރާނާއެކު ޤަޠަރުން ގުޅުން ބޭއްވުމެވެ. އެހެނަސް، ސަޢޫދިއްޔާއާއި، ޤަޠަރާ ދެމެދުގައިވާ ދެބަސްވުންތަކުގެ ތާރީޚު، އެތައް ދަސްއަހަރުތަކަކުން ގުނާލެވެއެވެ.

މިދިޔަ ޤަރުނުގެ ފަންސާހުގެ އަހަރުތަކުން ފެށިގެން، ދާދިފަހުން ޢަރަބި ޤައުމުތަކަށް އައި އިންޤިލާބީ ބަހާރު މޫސުމް ފެށިއްޖައުމަށްދާންދެން ސަޢޫދިއްޔާއަކީ، ސުންނީ މުސްލިމު ޖަމާޢަތްތަކަށް ވާގިވެރިވެ އެހީތެރިވަމުންދިޔަ ޤައުމެކެވެ. އަދި ސަޢޫދިއްޔާއާ ވާދަވެރި ސަރަހައްދީ ޤައުމުތަކާއި، ވާތުފިޔައިގެ ޕާޓީތަކުގެ މައްޗަށް ކުރިހޯދުމަށްޓަކައި އެ ޖަމާޢަތްތަކުގެ ބޭނުންހިފާފައި ވެއެވެ. ކުރީގެ ސޮވިއެޓް ޔޫނިއަންއާ ދެކޮޅަށްވެސް ސަޢޫދިއްޔާއިން ވަނީ އެ ޖަމާޢަތްތަކުގެ ބޭނުންހިފާފައެވެ.

ވޭތުވެދިޔަ ޤަރުނުގެ ފަންސާހުގެ އަހަރުތަކުން ފެށިގެން ސަޢޫދިއްޔާއިން ވަނީ، މިޞްރުގެ އިޚުވާނުލް މުސްލިމީން ޖަމާޢަތުގެ މެންބަރުންނަށް މެހުމާންދާރީ އަދާކޮށްފައެވެ. ޚާއްޞަކޮށް މިޞްރުގެ ކުރީގެ ރައީސް ޖަމާލު ޢަބްދުއްނާޞިރުގެ ވެރިކަމުގެ ދުވަސްވަރުގައެވެ. އެހެނަސް، ސަޢޫދިއްޔާގެ ބިމުގައި އެ ޖަމާޢަތްތަކުގެ މީހުން އެއްވެސް ޙަރަކާތެއް ހިންގާކަށް ނުވަތަ ސިޔާސީ މަސައްކަތެއް ކުރާކަށް ހުއްދައެއް ނުދެއެވެ. އެއާޚިލާފަށް، ސަޢޫދިއްޔާއިން ވަނީ، ސަލަފީންނަށް ވަރަށް ބޮޑަށް މަދަދާއި އެހީތައް ފޯރުކޮށްދީފައެވެ. މުސްލިމު ސިޔާސީ ޖަމާޢަތްތަކާ ޚިލާފަށް، ސަލަފީންނަކީ، ވެރިކަމުގެ ނިޒާމާ ދެކޮޅަށް ނިކުމެ، މުސްލިމުންގެ ވަލިއްޔުލްއަމްރާ ދެކޮޅުވެރިވުމަށް ދެކޮޅުހަދާ ބަޔެކެވެ. އަދި އެއުރެންނަކީ، މުސްލިމު ސިޔާސީ ޕާޓީތައް އުފެއްދުމަށް ވެސް ދެކޮޅުހަދާ ބަޔެކެވެ.

ގަލްފުގެ ދެވަނަ ހަނގުރާމައަށް ސަޢޫދިއްޔާއިން ތާއީދުކޮށް، އެމެރިކާގެ ޢަސްކަރީ ބާރުތަކަށް އެ ޤައުމުގެ ބިމުން މެހުމާންދާރީ އަދާކުރިކަމީ، އިޚުވާނުލް މުސްލިމީން ޖަމާޢަތުގެ ފާޑުކިއުންތައް އެ ޤައުމަށް ކުރިމަތިވި ކަމެކެވެ. ސަޢޫދިއްޔާއިން އެކަން ކުރީ، ކުވައިތުން ޢިރާޤުގެ ޢަސްކަރީ ބާރުތައް ނެރުމަށްޓަކައެވެ. ކޮންމެއަކަސް، އިޚުވާނުލް މުސްލިމީން ޖަމާޢަތުގެ ފާޑުކިއުން ކުރިމަތިވުމުން، މުސްލިމުންގެ މެދުގައި ބައިބައިވުން އުފެއްދުމާއި ވަފާތެރިނުވުމުގެ ތުހުމަތު، އެ ޖަމާޢަތުގެ ބޮލުގައި ސަޢޫދިއްޔާއިން އެޅުވިއެވެ. އެއަށްފަހު، އިޚުވާނުލް މުސްލިމީން ޖަޢާތުގެ ނާރެހުގައި، އެކިއެކި އިސްލާމީ ޝަޚުޞިއްޔަތުން އިންތިޒާމުކުރާ މަހާސިންތާތަކާއި، ސެމިނާތައް ޤަޠަރުގައި ބާއްވަންފެށުނެވެ. އެކަމާމެދު ސަޢޫދިއްޔާއިން ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. އެ ޤައުމާ އިންވެގެންވާ ޤައުމެއްގައި، މުސްލިމު ސިޔާސީ ޕާޓީތަކުގެ ނުފޫޒު ގަދަވެދާނެތީއެވެ.

މިޞްރުގެ ކުރީގެ ރައީސް މުޙައްމަދު މުރުސީގެ ވެރިކަން ވައްޓާލުމުގައި ސަޢޫދިއްޔާއިންނާއި، ޔޫއޭއީއިން އިސްދައުރެއް އަދާކުރިއެވެ. އެކަމަށްޓަކައި އެ ދެ ޤައުމުން ވަނީ ބޮޑެތި ހޭދަތައް ކޮށްފައެވެ. އަދި ސީސީގެ ސަރުކާރަށް އެތައް ބިލިއަން ޑޮލަރެއްގެ މަދަދު ފޯރުކޮށްދީފައެވެ. މުރުސީގެ ސަރުކާރު ވެއްޓުމާއި، ސީސީގެ ސަރުކާރުގެ ކުރިއެރުމަކީ، ސަޢޫދިއްޔާއާއި ޔޫއޭއީއަށް ލިބުނު ބޮޑު ނަޞްރެކެވެ. އަދި އެއީ، ޤަޠަރާއި ތުރުކީވިލާތަށް ލިބުނު ނާކާމިޔާބެކެވެ.

ތިރީގައި މިވަނީ، ސަޢޫދިއްޔާއާއި ޤަޠަރާ ދެމެދުގައި ހިނގާފައިވާ ބައެއް މުހިންމު ތާރީޚީ ހާދިސާތަކެވެ.

1965 މ.
ސަޢޫދިއްޔާއާއި، ޤަޠަރާ ދެމެދުގައި ސަރަޙައްދީ ރޮނގު ފާހަގަކޮށް ކުރެހުމަށް އެއްބަސްވެވުނެވެ. ނަމަވެސް އެކަން ނުކުރެވި ދިގުލައިގެންދިޔައެވެ. ސަޢޫދިއްޔާގައި ހިމެނޭ ވާޙަތުލް ބުރައިމީ (واحة البريمي) ގެ ބިމުން ބައިތަކެއް ޔޫއޭއީއަށް ދިނެވެ. އެއީ، (خور العديد)، (Khawr al Udayd) އެވެ، ކިޔާ ކަނޑުގެ އައްސޭރި އެއްކޮށް ޔޫއޭއީއިން ސަޢޫދިއްޔާއަށް ދިނުމުގެ ބަދަލުގައެވެ. އެކަމުގެ ސަބަބުން ޔޫއޭއީއާއި ޤަޠަރު ބައިވެރިވާ އެއްގަމު ސަރަޙައްދީ ރޮނގު ނެތިގެންދިޔައެވެ. އަދި އެއްގަމު މަގުން، ޤަޠަރުން ޔޫއޭއީއަށް ދިއުމަށްޓަކައި، ސަޢޫދިއްޔާގެ ބިން ހުރަސްކުރަންޖެހުނެވެ. އެކަމާމެދު ތަކުރާރުކޮށް ޤަޠަރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

1992 މ.
ސަޢޫދިއްޔާއާއި ޤަޠަރުގެ ސަރަޙައްދީ ރޮނގުގައި ދެފަރާތުން ޙަމަލާތަކެއް ބަދަލުކުރެވުނެވެ. އެ ޙަމަލާތަކަށް، (معركة الخفوس) އަލްޚުފޫސް ހަނގުރާމައިގެ ނަމުން ނަންދެވިފައި ވެއެވެ. އެ ހަނގުރާމައިގައި، ސަޢޫދީ ޢަސްކަރިއްޔާގެ އޮފިސަރަކާއި، ޤަޠަރުގެ ދެ ޢަސްކަރީން ޤަތުލުވިއެވެ. އެއަށްފަހު، (الخفوس) ސަރަޙައްދު ވަނީ، ސަޢޫދިއްޔާގެ ކޮންޓްރޯލުގެ ދަށުގައެވެ.

1996 މ.
ވެރިކަމުން ދުރުކުރެވުނު ޤަޠަރުގެ ކުރީގެ އަމީރު، ޚަލީފާ ބްނު ޙަމަދު އާލު ޘާނީ އާ ގުޅިގެން، މުއްރާ ޤަބީލާގެ ބަޔެއްގެ ވާގިވެރިކަމާއެކު ޤަޠަރު ސަރުކާރު ވައްޓާލުމަށްޓަކައި އިންޤިލާބެއް ގެންނަން އުޅުނު ކަމަށް ޤަޠަރުން ތުހުމަތުކުރިއެވެ. އެ ހާދިސާއާ ގުޅިގެން، އެ ޤަބީލާގެ އެތައް ސަތޭކަ ބަޔެއްގެ އަތުން ޤަޠަރުގެ ރަށްވެހިކަން ނިގުޅައިގަނެ، އެމީހުން ސަޢޫދިއްޔާގެ ބިންތަކަށް ފައްސާލެވުނެވެ. މިކަން ވެފައިވަނީ، ދެޤައުމުގެ ދެމެދުގައި ގުޅުން ގޯސްވެގެންދިޔަ މައްސަލައެއް ކަމުގައެވެ.

2000 މ.
ޤަޠަރުގައި އިސްލާމިކް ސަމިޓް ބޭއްވުނެވެ. އެ ސަމިޓުގައި، އޭރުގެ ސަޢޫދީ ވަލީޢަހުދު އަލްއަމީރު ޢަބްދުﷲ ބްނު ޢަބްދުލްޢަޒީޒު ބައިވެރިވެވަޑައިގެންނެވިއެވެ. އެހެނަސް އޭރު ޤަޠަރުގައި އިސްރާއީލުގެ ވިޔަފާރިއާބެހޭ މަންދޫބަކު އުޅޭ ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ އެކަމާ ދެކޮޅަށް އިޙުތިޖާޖުކުރައްވައި، އެ ސަމިޓަށް ފުރަގަސްދެއްވައި، އެނބުރި ޤައުމަށް ވަޑައިގެންފައެވެ.

2002 މ.
ސަޢޫދީ ސަރުކާރާ އިދިކޮޅު ސަޢޫދީ މީހަކަށް އަލްޖަޒީރާ ޓީވީ ޗެނަލުން މެހުމާންދާރީ އަދާކުރިއެވެ. އަދި އޭނާ ސަޢޫދީ ޝާހީ ޢާއިލާއަށް ފާޑުކިޔައި، އެ ޗެނަލްގައި ޚިޔާލުފާޅުކުރިއެވެ. އެކަމާވިދިގެން، ޤަޠަރުގައިވާ ސަޢޫދީ ސަފީރު، އަނބުރާ ޤައުމަށް ގެންދެވި، ދެ ޤައުމުގެ ދެމެދުގައި ގުޅުން ގޯސްވިއެވެ.

2005 މ.
އިނގިރޭސިވިލާތުގެ ލަންޑަނުގައި ނެރޭ ނޫހެއް ކަމަށްވާ "އައްޒަމާން" (الزمان) ނޫހާ ދެކޮޅަށް، ޤަޠަރުގެ ކުރީގެ އަމީރުގެ އަނބިކަނބަލުން، އަދި މިހާރުގެ އަމީރުގެ މަންމާފުޅު، އައްޝައިޚާ މޫޒާ ބިންތު ނާޞިރުލް މިސްނަދު (الشيخة موزا (موزة) بنت ناصر المسند) ހުށަހެޅުއްވި އަބުރުގެ މައްސަލައެއް އެކަމަނާ ކާމިޔާބުކުރެއްވިއެވެ. އެ ނޫހުން އެކަމަނާގެ މައްޗަށް ތުހުމަތުކޮށްފައިވަނީ، އެކަމަނާ އިސްރާއީލާ މުޢާމަލާތުކުރައްވާ ކަމަށެވެ. އެ ނޫހުގެ މައްޗަށް އެކަމަނާގެ ފަރާތްޕުޅު ހުށަހެޅުނު މައްސަލައިގެ ޝަރީޢަތުގައި އެކަމަނާގެ ވަކީލު ހާމަކުރި ލިޔެކިއުންތަކެއްގައި ވަނީ، ސަޢޫދިއްޔާގެ ޖާސޫސީ އިދާރާއިން އެ ނޫހަށް ފައިސާ ދީފައިވާ ކަމެވެ. އަދި އެ ވަކީލު ބުނި ގޮތުގައި، ސަޢޫދިއްޔާއިން އެ ނޫސް ހަދާފައިވަނީ، އައްޝައިޚާ މޫޒާއާއި، ޤަޠަރުގެ ވެރިކަންކުރާ ޢާއިލާގެ އަގުވައްޓާލުމަށްޓަކައި ބޭނުންކުރާ ވަސީލަތެއް ކަމުގައެވެ.

2005 މ.
ޤަޠަރުގެ އަމީރު ޙަމަދު ބްނު އާލު ޘާނީގެ ވެރިކަން ވައްޓާލުމަށްޓަކައި އިންޤިލާބެއް ގެނައުމުގެ މަސައްކަތް ނާކާމިޔާބުވިއެވެ. އެފަހަރު ޤަޠަރުން ބުނެފައިވަނީ، އެއީ ސަޢޫދިއްޔާގެ އަޑީގައި އޮވެގެން، މުއްރާ ޤަބީލާގެ މީހުން މެދުވެރިކޮށް ގެންނަން އުޅުނު އިންޤިލާބެއް ކަމަށެވެ. އެހެންވެ، އެ ޤަބީލާގެ ފަސް ހާސް މީހުން ޤަޠަރުގެ ރަށްވެހިކަމުން މަޙުރޫމުކުރިއެވެ. އަދި އެ ޤަބީލާގެ މީހުން ދެފަހަރުމަތިން އިންޤިލާބު ގެންނަން އުޅެފައިވާ ކަމަށް ޤަޠަރު ސަރުކާރުން ބުންޏެވެ.

2007 މ.
ޤަޠަރުގެ އަމީރާއި، ބޮޑުވަޒީރު، ސަޢޫދިއްޔާއަށް ކުއްލި ދަތުރުފުޅެއް ކުރެއްވިއެވެ. އެ ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން ރަނގަޅުވިއެވެ. އަދި ޤަޠަރުގެ ވެރިރަށް ދައުޙާގައި، ގަލްފު ކޯޕަރޭޝަން ކައުންސިލް (مجلس التعاون الخليجي)، (GCC) ނުވަތަ ގަލްފުގެ އެކުވެރިކަމުގެ މަޖިލީހުން ބޭއްވި މަހާސިންތާއަށް ސަޢޫދީ ރަސްގެފާނު ވަޑައިގެންނެވިއެވެ.

2008 މ.
ޤަޠަރުގެ އޭރުގެ ބޮޑުވަޒީރު އައްޝައިޚު ޙަމަދު ބްނު ޖާސިމު އާލު ޘާނީ (الشيخ حمد بن جاسم آل ثاني) ގެ އަރިހުން، ސަޢޫދީ ނޫހަކުން މަޢާފަށް އެދުނެވެ. އެއީ ލަންޑަނުގައި ނެރޭ ސަޢޫދީ ނޫހެއް ކަމަށްވާ "އައްޝަރުޤުލް އައުސަޠު" (الشرق الاوسط) އެވެ. އެ ނޫހުން މަޢާފަށް އެދުނީ، އެމަނިކުފާނު ސިއްރިޔާތުގައި އިސްރާއީލަށް ވަޑައިގެންނެވި ކަމަށް ބުނެ، އެ ނޫހުގައި ތިން މަޒުމޫނެއް ޝާއިޢުކޮށްފައިވާތީއެވެ.

2009 މ.
އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާއާ ދެކޮޅަށް ކުރަމުންގެންދިޔަ ޢުދުވާނީ ހަނގުރާމައާބެހޭ ގޮތުން ޤަޠަރުގެ ވެރިރަށް ދައުޙާގައި ބޭއްވުނު ކުއްލި ޢަރަބި މަހާސިންތާއިން، ސަޢޫދިއްޔާއާއި ބައެއް އެހެން ޢަރަބި ޤައުމުތައް ވަކިވެ، އެ މަހާސިންތާއަށް ފުރަގަސްދިނެވެ.

2010 މ.
ސަޢުދީ ރަސްގެފާނު ކިންގ ޢަބްދުﷲ ބްނު ޢަބްދުލްޢަޒީޒު (عبد الله بن عبد العزيز) ގެ އެދިވަޑައިގަތުމުގެ މަތިން، ޤަޠަރުގެ އަމީރު، ޤަޠަރު ޖަލުގައިވާ ސަޢޫދީ ރައްޔިތުންތަކަކަށް މަޢާފުދެއްވިއެވެ. އެމީހުން ޤަޠަރުގެ ޖަލަށް ލެވުނީ، 1996 ވަނަ އަހަރު ޤަޠަރުގެ ވެރިކަން ވައްޓާލުމަށްޓަކައި ގެންނަންއުޅުނު ނާކާމިޔާބު އިންޤިލާބުގައި ބައިވެރިވި ކަމުގެ ތުހުމަތުގައެވެ.

2010 މ.
މިޞްރުގައި އޮތް މުޙައްމަދު ޙުސްނީ މުބާރަކުގެ ސަރުކާރާ ދެކޮޅަށް މިޞްރުގެ ރައްޔިތުން މުޒާހަރާކުރަން ފެށިއެވެ. ޤަޠަރުން ޖެހުނީ މުޒާހަރާކުރާ ރައްޔިތުންގެ ކޮޅަށެވެ. ސަޢޫދިއްޔާއިން އޮތީ، މުޙައްމަދު ޙުސްނީ މުބާރަކުގެ ސަރުކާރާ އެއްކޮޅަށެވެ. އެދުވަސްވަރު ޤަޠަރުގެ އަލްޖަޒީރާ ޓީވީ ޗެނަލް ވެފައިވަނީ، މިޞްރުގައި މުޒާހަރާކުރާ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ބާރެއް ކަމުގައެވެ.

2013 މ.
ޤަޠަރުގެ އޭރުގެ އަމީރު، އޭނާގެ ދަރިކަލުންނަށް ވެރިކަން ދޫކޮށްލެއްވުމުން، ދަރިކަލުން އަލްއަމީރު ތަމީމު ބްނު ޙަމަދު ވެރިކަމަށް އިސްވެވަޑައިގަތެވެ. އެދުވަސްވަރު އުންމީދުކުރެވެމުންދިޔައީ، ތަމީމުގެ ވެރިކަމުގައި ޤަޠަރުގެ ސިޔާސަތު ބަދަލުވެ، ސަޢޫދިއްޔާއާ ގުޅުން ރަނގަޅުވެގެންދާނެ ކަމަށެވެ. އަދި ޤަޠަރުގެ ކުރީގެ ސަރުކާރުތަކުގެ ޚާރިޖީ ސިޔާސަތާ ޚިލާފު، އާ ޚާރިޖީ ސިޔާސަތެއް ޤަޠަރުން ކުރިއަށް ގެންދާނެ ކަމަށެވެ.

2013 މ.
މިޞްރުގެ ޢަސްކަރިއްޔާއިން، މިޞްރުގެ ރައީސް މުޙައްމަދު މުރުސީގެ ވެރިކަން ވައްޓާލިއެވެ. އެ ހާދިސާއާ ވިދިގެން، މިޞްރުގެ އިޚުވާނުލް މުސްލިމީން ޖަމާޢަތުގެ އިސްވެރިން ޤަޠަރުގެ ވެރިރަށް ދައުޙާއަށް ދިޔައެވެ. އެދުވަސްވަރު ޤަޠަރުގެ ޒުވާން އަމީރު، ސަޢޫދިއްޔާއަށް ވަޑައިގެންނެވުމަށް ދަޢުވަތުދެވުނެވެ. އެމަނިކުފާނު ސަޢޫދިއްޔާއަށް ވަޑައިގެންނެވުމުން، ސަރަޙައްދީ މައްސަލަތަކުގައި ގަލްފުގެ އެކުވެރިކަމުގެ މަޖިލީހުގެ ޤައުމުތަކުގެ ސިޔާސަތާ އެއްގޮތް ސިޔާސަތެއް ގެންގުޅުއްވުމަށް އެންގެވުނެވެ. އަދި އެ މަޖިލީހުގައި ހިމެނޭ ޤައުމުތަކުގެ ދާޚިލީ ކަންކަމާ ބެހިވަޑައިނުގެންނެވުމަށް ވެސް އެންގެވުނެވެ.

2014 މ.
ޤަޠަރުގައި ތިއްބެވި، ސަޢޫދިއްޔާއާއި، ބަޙުރައިނާއި، ޔޫއޭއީގެ ސަފީރުން، ނުވަ މަސްދުވަހުގެ މުއްދަތަށް އަނބުރާ އެޤައުމުތަކަށް ގެންދެވުނެވެ. އެއީ، ޤަޠަރުން އެ ޤައުމުތަކުގެ ދާޚިލީ ކަންކަމާބެހޭ ކަމަށް ތުހުމަތުކުރެވިގެންނެވެ. އެ ޤައުމުތަކުގެ ދާޚިލީ ކަންކަމާ ބެހުން ކަމަށް މާނަކޮށްފައިވަނީ، އައްޝައިޚު ޑރ. ޔޫސުފުލް ޤަރަޟާވީގެ ޚުޠުބާތަކެވެ. އަދި ޔޫއޭއީގެ ޖަމްޢިއްޔަތުލް އިޞްލާޙު (جمعية الاصلاح) ގެ މެންބަރުންނަށް ޤަޠަރުން މެހުމާންދާރީ އަދާކޮށްފައިވުމެވެ. އެ ޖަމްޢިއްޔާ ވަނީ ޔޫއޭއީގައި މަނާކޮށްފައެވެ. އެއީ، އިޚުވާނުލް މުސްލިމީން ޖަމާޢަތާ ގާތް ގުޅުމެއް އޮންނަ ޖަމްޢިއްޔާއެކެވެ.

2015 މ.
ޤަޠަރުގައި ވެރިކަންކުރައްވާ ޢާއިލާގެ ބޭފުޅުންކޮޅެއް އެއްގަމު ކެޔޮޅުކަން ކުރެއްވުމަށްޓަކައި ވަޑައިގެންނެވި ދަތުރެއްގައި، އެ ބޭފުޅުންނަށް އޮޅިވަޑައިގެން ޢިރާޤުގެ ބިމުގެ ދެކުނު ސަރަޙައްދަށް ވަދެވަޑައިގެންނެވުނެވެ. އެ ބޭފުޅުން އެ ބިމުގައި ތިއްބަވަނިކޮށް ކިޑްނެޕްކުރެވުނެވެ. އެކަން ކުރިކަމަށް ތުހުމަތުކުރެވުނު ފަރާތަކީ، ޢިރާޤުގެ "ކަތާއިބު ޙިޒުބުﷲ" (كتائب حزب الله) އެވެ. އެއީ އީރާނާ ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ.

2017 އެޕްރީލް:
އެއްގަމު ކެޔޮޅުކަން ކުރައްވަން އުޅުއްވަނިކޮށް ކިޑްނެޕްކުރެވުނު ޤަޠަރުގައި ވެރިކަންކުރައްވާ ޢާއިލާގެ ބޭފުޅުން ސަލާމަތްކުރެވުނެވެ. އޭގެ ބަދަލުގައި، ސީރިއާގެ ސަރުކާރާ އިދިކޮޅު ޙަރަކާތުގެ އަތްދަށުގައި ހައްޔަރުވެފައިވާ ޙިޒުބުﷲ ގެ ހަނގުރާމަވެރިންތަކަކާއި، ޝީޢީންގެ ބަޔަކު ސަލާމަތްކުރުމާއި، އީރާނަށާއި، ޢިރާޤުގެ ހަތިޔާރުއެޅި ޖަމާޢަތްތަކަށާއި، ސީރިއާގެ ސަރުކާރާ އިދިކޮޅު ޙަރަކާތަށް އެތައް މިލިއަން ޑޮލަރެއް ޤަޠަރުން ދޭން ޖެހުނެވެ. އެކަމާވިދިގެން، ޤަޠަރުން ޓެރަރިސްޓު ޖަމާޢަތްތަކަށް އެހީތެރިވާ ކަމަށް، ސަޢޫދިއްޔާއާއި، ޔޫއޭއީއިން ތުހުމަތުކުރިއެވެ.

2017 ޖޫން 5:
ސަޢޫދިއްޔާއާއި، ބަޙުރައިނާއި، ޔޫއޭއީއާއި، މިޞްރުން، ޤަޠަރާ ސިޔާސީ ގުޅުން ކަނޑާލިއެވެ. އަދި ޤަޠަރަށް ދަތިކުރުމުގެ ގޮތުން އެތައް ފިޔަވަޅުތަކެއް އެޅިއެވެ. މިކަން ހިނގާފައިވަނީ، ޤަޠަރަކީ ޓެރަރިޒަމަށް ވާގިވެރިވާ ޤައުމެއް ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ. ނަންގަނެވިދިޔަ ހަތަރު ޤައުމުން ޤަޠަރާ ގުޅުން ކަނޑާލުމުން އެ ޤައުމުތަކާ ތަބާވެ އިތުރު ޤައުމުތަކަކުން ވެސް ޤަޠަރާ ސިޔާސީ ގުޅުން ކަނޑާލިއެވެ. އެ ޤައުމުތަކުގެ ތެރޭގައި، ޔަމަނާއި، ލީބިޔާގެ އިރުމަތީ ސަރުކާރާއި، ދިވެހިރާއްޖެއާއި، ޖުޒުރުލްޤަމަރާއި، މޮރިޓޭނިއާ ހިމެނެއެވެ. ޤަޠަރާއެކު އޮންނަ ސިޔާސީ ގުޅުން ދަށްކުރި ޤައުމުތަކުގެ ތެރޭގައި ޖޯޑްންއާއި، ޖިބޯޓީ ހިމެނެއެވެ.


ތާރީޚު: 6 ޖޫން 2017
މަޢުލޫމާތުގެ މައި މަޞްދަރު:
http://www.bbc.com/arabic/middleeast-40172427
އިތުރު މަޢުލޫމާތުގެ މަޞްދަރު:
ވިކިޕީޑިއާ (الأزمة الدبلوماسية مع قطر 2017)