އާލު މުއްރާ ޤަބީލާގެ ބަސް


ނޯޓް: މި މަޒުމޫނުގައި ހިމަނާފައިވަނީ ޤަޠަރުގެ ވެރިރަށް ދައުޙާގައިވާ "ޤަޠަރު ކުޅިވަރު ނާދީ" (نادي قطر الرياضي) ގެ ކުރިމަތީގައި ޤަޠަރުގެ އަމީރު ހުންނެވި މަންޒަރު ފެންނަ ފޮޓޯއެކެވެ. ފޮޓޯގެ ފަސްމަންޒަރުގެ ކަނާތްފަރާތުގައިވާ ފުރަތަމަ ކަލިމައަކީ، ﷲ އެވެ. ދެވަނަ ކަލިމައަކީ، އަލްވަޠަން (ޤައުމު) އެވެ. ތިންވަނަ ކަލިމައަކީ އަލްއަމީރު (ޤަޠަރުގެ އަމީރު) އެވެ. މިއީ، ޑިމޮކްރެސީގެ ނިޒާމެއްގައި އުފުލޭނެ ޝިޢާރެއް ނޫންކަން ކަށަވަރެވެ. އެހެނަސް، ޤަޠަރުގެ އަމީރީ ނިޒާމުގައި މިނޫން ގޮތަކަށް މި ޝިޢާރު އުފުލިދާނެ ކަމަކަށް ނުބެލެވެއެވެ.

<><><>

އާލު މުއްރާ (آل مرة) ޤަބީލާއަކީ، ޤަޠަރުގެ ވެރިކަން ވައްޓާލުމަށްޓަކައި ގެނެވުނު ދެ އިންޤިލާބެއްގެ އިސް ސަފުގައި ބައިވެރިވެފައިވާ ޤަބީލާއެކެވެ. މިހެންވެ، އެ ޤަބީލާގެ އެތައް ހާސް ބަޔެއްގެ އަތުން ޤަޠަރުގެ ރައްވެހިކަން އަތުލައި، އެމީހުން ޤަޠަރުގެ ބިމުން ބޭރަށް ފައްސައި، ޤަޠަރު ސަރުކާރުން ވަނީ އެމީހުން ވަރަށް ބޮޑަށް ނިކަމެތިކޮށްފައެވެ. މިފަދަ ސަބަބުތަކަށްޓަކައި އެ ޤަބީލާގެ މީހުން ޤަޠަރުގައި މިހާރު އޮތް ވެރިކަމާމެދު ހިތްހަމަޖެހޭނެ ކަމަކަށް ނުބެލެއެވެ. ނަމަވެސް މިހާރު ޤަޠަރަށް ކުރިމަތިވެފައިވާ މައްސަލައިގައި، އެ ޤަބީލާ ވެސް ވަނީ ޤަޠަރުގެ ވެރިކަމާ އެއްކޮޅަށް ކަމަށް އެ ޤަބީލާއިން ވަނީ ބުނެފައެވެ.

އާލު މުއްރާ ޤަބީލާގެ ނޫސްބަޔާނެއްގެ ގޮތުގައި، ޤަޠަރުގެ ރަސްމީ މީޑިއާ ކަމުގައިވާ "ޤަނާ" އިން ވަނީ، ނޫސް ބަޔާނެއް އާންމުކޮށްފައެވެ. އެ ނޫސްބަޔާނުގައި ބުނެފައިވަނީ، މިހާރު އުފެދިފައިވާ ސިޔާސީ ދެބަސްވުންތަކުގެ ތެރެއަށް އެ ޤަބީލާގެ ގެނެސްގެން ވާހަކަދެކެވެމުންދަނީ، ޤަޠަރުގެ މުޖުތަމަޢުގެ އިޖުތިމާޢީ ވިއުގައާއި، ޤަޠަރުގެ ދާޚިލީ ސިޔާސީ ގުޅުންތައް ރޫޅައިލުމަށްޓަކައެވެ.

ކީރިތި ޤުރުއާނުގައި އެއްބައިވުމަށް އަމުރުކުރައްވާފައިވާ ބައެއް އާޔަތްތައް ހިމަނާފައިވާ އެ ބަޔާނުގައި ވެއެވެ.

"އަޅުގަނޑުމެންގެ ލޮބުވެތި ޤައުމު، ޤަޠަރަށް ކުރިމަތިވެފައިވާ މައްސަލައަކީ ވަންހަނާވެފައިވާ ކަމެއް ނޫނެވެ. ޙިޞާރުކޮށް، އަނިޔާވެރި ފިޔަވަޅުކެއް އަޅައި، ނާއުންމީދީ މަސައްކަތްތަކެއް ކުރަމުން އެގެންދަނީ، ޤަޠަރުގެ އަމަންއަމާންކަމާއި، އިސްތިޤުރާރުވުމަށް ލޮޅުން އަރުވައިލުމަށްޓަކައެވެ. އަދި ޤަޠަރުގެ ޤައުމީ ޖިސްމު ކުދިކުދިކޮށް، ރައްޔިތުންގެ މެދުގައިވާ ގާތްތިމާގެކަމާއި އުޚުއްވަތްތެރިކަމުގެ ގުޅުންތައް ކަނޑުވައިލުމަށްޓަކައެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި، އެއީ ބިމުގައި ފަސާދަކުރުމުގެ ތެރޭގައި ހިމެނޭ ކަންތައްތަކެކެވެ."

ޤަޠަރުގެ މީޑިއާއިން މި ބަޔާން އާންމުކުރިއިރު، ސަޢޫދިއްޔާގެ ސޯޝަލް މީޑިއާގައި ވަނީ މިއާ މުޅިން އިދިކޮޅު މަންޒަރުތަކެއް ފެންނަ ވީޑިއޯއަކުން ބަޔެއް އާންމުވެފައެވެ. އެއިން ފެންނަނީ، އަލްއަމީރު މުޙައްމަދު ބްނު ސަލްމާނު (الأمير محمد بن سلمان)، ޤަޠަރުގެ މައްސަލައާ ބެހޭގޮތުން، ސަޢޫދިއްޔާގައިވާ އާލު މުއްރާ ޤަބީލާގެ ޝައިޚުންނާ ބައްދަލުކުރައްވާ މަންޒަރެވެ. ސަޢޫދީގެ މަޝްހޫރު ދުވަހު ނޫހެއް ކަމަށްވާ، ޢިކާޡު (عكاظ) އިން ވަނީ، ސަޢޫދީ ވަލީޢަހުދު، އެ ޤަބީލާގެ ޝައިޚުންނާ ބައްދަލުކުރެއްވިކަން ކަށަވަރުކޮށްދީފައެވެ. އެ ޤަބީލާ ދެމިއޮންނާނީ، ޤަޠަރާ ގުޅުން ކަނޑާލުމުގެ މައްސަލާގައި ސަޢޫދީ ސަރުކާރާ އެއްކޮޅަށް ކަމަށާއި، ޤަޠަރު ސަރުކާރުގެ ނޭއްގާނީ ޢަމަލުތަކަކީ، ސަލާމަތް ބުއްދި ޤަބޫލުކުރާނެ ޢަމަލުތަކެއް ނޫން ކަމަށް، އެ ޤަބީލާގެ ޝައިޚުން އެމަނިކުފާނުގެ އަރިހުގައި ވިދާޅުވި ކަމަށް ވެސް އެ ނޫހުގައި ވެއެވެ.

ޤަޠަރުގެ ރަސްމީ ނޫސް އޭޖެންސީއިން، އާލު މުއްރާ ޤަބީލާގެ ނޫސްބަޔާނެއް އާންމުކުރީ، ސަޢޫދީ ވަލީ ޢަހުދު އެ ޤަބީލާގެ ޝައިޚުންނާ ބައްދަލުކުރައްވާ މަންޒަރު ފެނިގެންދިޔަ ވީޑިއޯ އާންމުވުމާ ވިދިގެންނެވެ.


ތާރީޚު: 18 ޖޫން 2017
މަޞަދަރު:
https://arabic.cnn.com/middle-east/2017/06/18/almurrah-tribe-qatar-saudi#315