ޤަޠަރާއި އަވަށްޓެރިންގެ ގުޅުން ކެނޑުނު ހަތަރު ސަބަބު


ޤަޠަރާއި އެ ޤައުމުގެ އަވަށްޓެރި ޤައުމުތައް ކަމަށްވާ ސަޢޫދިއްޔާއާއި، ޔޫއޭއީއާއި، ބަޙުރައިންގެ ގުޅުމަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރައި، ހީނަރު ޙާލަތަކަށް ވާޞިލުވެފައެވެ. އަދި ޤަޠަރާ ގުޅުންކަނޑާލި ޤައުމުތަކުގެ ލިސްޓަށް މިޞްރު ވެސް ވަނީ އަރާފައެވެ. ޢަރަބި ޤައުމުތަކާއި ޤަޠަރުގެ ގުޅުން ފާއިތުވެދިޔަ ތާރީޚުގައި ދުވަހަކުވެސް މި ފަދަ ޙާލަތަކަށް ނުދެއެވެ. މިދެންނެވި ހަރަތު ޤައުމުގެ އިތުރުން، ޔަމަނުގެ ސަރުކާރާއި، ލީބިޔާގެ އިރުމަތީ ބިތުގައިވާ (ބަލިކަށި) ސަރުކާރުން ވެސް ވަނީ ޤަޠަރާ ގުޅުން ކަނޑާލާފައެވެ.

ޤަޠަރާ ގުޅުން ކަނޑާލުމުގެ މައިގަނޑު ސަބަބުތައް ފެށިގެން އަންނަނީ، ޢަރަބި ދުނިޔޭގެ ޤައުމުތަކަށް އައި ސިޔާސީ ބަހާރު މޫސުމޭ ކިޔާ މޫސުމުގެ ތެރެއިންނެވެ. އެ މޫސުމުގައި ޤަޠަރުން ވާގިވެރިވެ އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔައީ، ޢަރަބި ޤައުމުތަކުގައި އުފެދިފައިވާ އިސްލާމީ ޖަމާޢަތްތަކަށެވެ. އެއީ، ހަމައެކަނި ޤަޠަރުން ކުރި ކަމެއް ނޫނެވެ. ގަލްފުގެ އެހެން ޢަރަބި ޤައުމުތަކުން ވެސް އެ މޫސުމުގައި އެކަން ވަނީ ކޮށްފައެވެ. ކޮންމެއަކަސް ޤަޠަރުން ވާގިވެރިވި ފަރާތްތައް ބައެއް ޢަރަބި ޤައުމުތަކުގެ ސިޔާސީ މަސްރަޙުގައި ކާމިޔާބީތަކެއް ޙާޞިލުކުރިއެވެ. އެކަން ވެގެންދިޔައީ، ޤަޠަރާ ދިމާއަށް ސިޔާސީ ފަރާތްތަކުގެ ކަޅި ހުއްޓެން މެދުވެރިވި ސަބަބެއް ކަމަށެވެ.

ޤަޠަރުން ވާގިވެރިވި އިސްލާމީ ޖަމާޢަތްތަކުގެ ތެރެއިން އެއްޖަމާޢަތަކީ، "އިޚުވާނުލް މުސްލިމީން" ޖަމާޢަތެވެ. މިޞްރުގެ ކުރީގެ ރައީސް މުޙައްމަދު މުރުސީ (محمد مرسي) ޢަޒުލުކުރެވުނު ފަހުން، އިޚުވާނުލް މުސްލިމީން ޖަމާޢަތުގެ އެތައް ބަޔަކަށް ޤަޠަރުން ވަނީ ޙިމާޔަތް ދީފައެވެ. އެ ޖަމާޢަތަކީ، މިޞްރުގެ ސަރުކާރުން މަނާކޮށްފައިވާ ޖަމާޢަތެވެ. މިޞްރުގެ ކުރީގެ ރައީސް މުޙައްމަދު މުރުސީ އަކީ، އެ ޖަމާޢަތުގެ ލީޑަރެކެވެ. ސަޢޫދިއްޔާއާއި، ޔޫއޭއީ އިން ދެކެނީ، އެ ޖަމާޢަތަކީ، ޓެރަރިސްޓް ޖަމާޢަތެއް ކަމަށެވެ.

ޤަޠަރާއި އެ ޤައުމުގެ އަވަށްޓެރި ޤައުމުތަކުގެ މެދުގައިވާ ގުޅުން ކެނޑުމަށް މެދުވެރި ދެވަނަ ސަބަބަކީ، ޤަޠަރުގެ އަމީރު އައްޝައިޚު ތަމީމު ބްނު ޙަމަދު އާލު ޘާނީ (الشيخ تميم بن حمد آل ثاني) ވިދާޅުވި ކަމަށް ބުނެ ޝާއިޢުކުރެވުނު ވާހަކަކޮޅެކެވެ. އޭނާ ވިދާޅުވި ބަސްފުޅެއްގެ ގޮތުގައި އެ ވާހަކަކޮޅު ޤަޠަރުގެ މީޑިއާގައި ޝާއިޢުކުރެވުނެވެ. އޭގައި ވަނީ، އެމެރިކާއިން އީރާނާ ޢަދާވާތްތެރިވާތީ އެކަމާ ދެކޮޅަށް ފާޑުކިއުމެވެ. އެ ފާޑުކިއުން ފެތުރުމުން، އެއީ، ޤަޠަރުގެ އަމީރު ކުރައްވާފައިވާ ކަމެއް ނޫން ކަމަށް ޤަޠަރުން ބުނަންފެށިއެވެ. އަދި އެއީ، ޤަޠަރުގެ މީޑިއާގެ ވަސީލަތްތައް ހެކްކޮށްގެން، ހެކަރުން ކޮށްފައިވާ ކަމެއް ކަމަށް ވެސް ބުނަމުން ގެންދިޔައެވެ. އެހެނަސް އެކަން ޤަޠަރުގެ އަވަށްޓެރި ޤައުމުތަކުން ޤަބޫލެއް ނުކުރިއެވެ.

ގަލްފުގެ ސަރަޙައްދުގައި އީރާނުގެ ނުފޫޒު ފުޅާވަމުންދާތީ، ސަޢޫދިއްޔާއިން ވަނީ އިންތިހާ ދަރަޖައަށް ކަންބޮޑުވާކަން ފާޅުކޮށްފައެވެ. ސަޢޫދިއްޔާގެ އަލްޤަޠީފު މުޙާފަޡާގެ އާބާދީގެ އަޣުލަބިއްޔަތަކީ، ޝީޢީންނެވެ. އަލްޤަޠީފުގައި ޙަރަކާތްތެރިވާ ޝީޢީންގެ ސިޔާސީ ޖަމާޢަތްތަކަށް އީރާނުން މަދަދު ފޯރުކޮށްދެއެވެ. އަދި އެމީހުންނަށް ޤަޠަރުން ވާގިވެރިވާ ކަމަށް ވެސް ސަޢޫދިއްޔާއިން ބުނެއެވެ. އޭގެ އިތުރުން ޔަމަނުކަރައިގެ މުތަމައްރިދު ޙޫޘީންނަށް ވެސް ޤަޠަރުން ވާގިވެރިވާ ކަމަށް ސަޢޫދިއްޔާއިން ތުހުމަތުކުރެއެވެ. ޤަޠަރުން އެ ހުރިހައި ކަމެއް ނަފީކޮށް ދޮގުކުރެއެވެ.

ތިންވަނައަށް ފާހަގަކުރެވޭ ކަމަކީ، ލީބިޔާގެ ޢަސްކަރީ ލީޑަރު ޚަލީފާ ޙަފްތަރު (خليفة حفتر)، ޤަޠަރާމެދު ކުރަމުންގެންދާ ތުހުމަތެވެ. މިޞްރާއި، ޔޫއޭއީ އިން، އޭނާއަށް ވާގިވެރިވަމުން ދެއެވެ. 2011 ވަނަ އަހަރު، ލީބިޔާގައި މުޢައްމަރުލް ޤައްޒާފީގެ ވެރިކަން ނިމުނު ފަހުން، އެ ޤައުމުގައި ވަނީ، ހަމަނުޖެހުމާއި ގަޑުބަޑެވެ. ޚަލީފާ ޙަފުތަރަކީ، ޤައްޒާފީގެ ވެރިކަން ވައްޓާލުމަށްޓަކައި މަސައްކަތްކުރި ބޮޑުންގެ ތެރެއިން އެކެކެވެ. އޭނާ ގުޅިފައިވަނީ، ލީބިޔާގެ އިރުމަތީ ޠުބްރުޤު (Tobruk) ގައި އުފެދިފައިވާ ސަރުކާރާއެވެ. އެ ސަރުކާރާ އިދިކޮޅު ސަރުކާރެއް ލީބިޔާގެ ޠަރާބްލުސް (Tripoli) ގައި އުފެދިފައި ވެއެވެ. ވާދަވެރިކަން އުފެދިފައިވާ މި ދެ ސަރުކާރުގެ ތެރެއިން، ޤަޠަރުން ވާގިވެރިވަމުންދަނީ، ޠަރާބްލުސްގައި އުފެދިފައިވާ ސަރުކާރަށެވެ.

ޤަޠަރާއި އެ ޤައުމުގެ އަވަށްޓެރި ޤައުމުތަކުގެ ގުޅުން ކެނޑުނު ހަތަރުވަނަ ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ، މީޑިއާގެ ހަނގުރާމައެވެ. ނުވަތަ މީޑިއާގެ ހަމަލާތަކެވެ. 2017 މޭ 23 ގައި، ޤަޠަރުގެ އަމީރަށް ނިސްބަތްކޮށް ޝާއިޢުކުރެވުނު ވާހަކަތަކަށް ރައްދުދީ، އޭގެ މައްޗަށް ބިނާކޮށް ޤަޠަރު ކުށްވެރިކުރުމުގެ ބޮޑު ދައުރެއް މީޑިއާއިން ވަނީ އަދާކޮށްފައެވެ. ޚާއްޞަކޮށް، ޔޫއޭއީއާއި، ސަޢޫދިއްޔާއާއި، ބަޙުރައިނާއި، މިޞްރުގެ މީޑިއާއިންނެވެ.

ޤަޠަރަކީ، ބައިނަލްއަޤުވާމީ މީޑިއާއެއް ގެންގުޅޭ ޤައުމެކެވެ. އެއީ އަލްޖަޒީރާއެވެ. އެހެނަސް، ނަންގަނެވިދިޔަ ޤައުމުތަކުގެ މީޑިއާއިން ޤަޠަރާދެކޮޅަށް ދެއްކި ވާހަކަތައް ނަފީކުރުމަށްޓަކައި ޤަޠަރުން ކުރި މަސައްކަތްތައް ކާމިޔާބެއް ނުވިއެވެ. ޤަޠަރުން ވަރަށް ފުޅާ ދާއިރާއެއްގައި ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. އެހެނަސް ކުޅިފަސް ހޯދީ، ޤަޠަރާ ދެކޮޅަށް ތެދުވި ޤައުމުތަކުންނެވެ. ޤަޠަރުން ކުރި މަސައްކަތްތަކާމެދު، ސަޢޫދީ ޢަރަބިއްޔާގެ މީޑިއާއިން ބުނެފައިވަނީ، ޤަޠަރުން ޤަޠަރުގެ މީޑިއާ ބޭނުންކުރަމުންގެންދަނީ ފިތުނަ ފަސާދަ އުފެއްދުމަށްޓަކައި ކަމަށެވެ. އަދި ވަކީން ޚާއްޞަކޮށް، ޤަޠަރުގެ މީޑިއާއިން، އިޚުވާނުލް މުސްލިމީން ޖަމާޢަތުގެ މެންބަރުންނަށް މިންބަރެއް އާރާސްތުކޮށްދީފައިވާ ކަމަށެވެ.


ތާރީޚު: 5 ޖޫން 2017
މަޢުލޫމާތުގެ މަޞްދަރު:
http://www.bbc.com/arabic/middleeast-40164799