ޢުމަރު ޚައްޔާމާއި، ރުބާޢިއްޔާތު


މިއީ، ޢުމަރު ޚައްޔާމުގެ ރުބާޢިއްޔާތުގެ ދިވެހި ތަރުޖަމާ ނެރުމުގެ މުސާބަތުގައި ލިޔެފައިވާ މަޒުމޫނެކެވެ. މި މަޒުމޫނުގެ އަމާޒަކީ، ޢުމަރު ޚައްޔާމާއި، ރުބާޢިއްޔާތުގެ ޞައްޙަ މަފުހޫމެއް ގެނެސްދިނުމެވެ.

ނަންފުޅު


ޢުމަރު ޚައްޔާމުގެ އަޞްލު ނަންފުޅަކީ، ޢުމަރު (عمر) އެވެ. އޭނާގެ ބައްޕާފުޅުގެ ނަންފުޅަކީ، އިބްރާހީމް (إبراهيم) އެވެ. އޭނާގެ އާންމު ނަންފުޅަކީ، އަބުލްފަތުޙު (أبو الفتح) އެވެ. އޭނާގެ ލަޤަބުފުޅަކީ، ޣިޔާޘުއްދީނު (غياث الدين) އެވެ. އޭނާގެ ޢިލްމީ ލަޤަބުފުޅުތަކުގެ ތެރޭގައި "ޙުއްޖަތުލް އިސްލާމް" އާއި، "ޙުއްޖަތުލް ޙައްޤު" އާއި، "އަލްއިމާމުލް ފައިލަސޫފު" ހިމެނެއެވެ. އޭނާގެ ޝުހުރަތުގެ ނަންފުޅަކީ، ޚައްޔާމު (الخيّام) އެވެ. އެ ނަންފުޅުގެ އަޞްލަކީ، އޭނާގެ ބައްޕާފުޅު ކުރެއްވި މަސައްކަތްޕުޅެވެ. އެއީ، ޚައިމާ ނުވަތަ ފޭލިގެ ހެއްދެވުމުގެ މަސައްކަތެވެ. އެ މަސައްކަތްކުރާ މީހާއަށް ޢަރަބިބަހުން ކިޔާ ނަމަކީ، "ޚައްޔާމު" (ފޭލިގެހަދާމީހާ) އެވެ.

ޢުމަރު ޚައްޔާމުގެ ފުރިހަމަ ނަންފުޅުގެ ގޮތުގައި، އެކިއެކި މަޞްދަރުތަކުގައި ބަޔާންކޮށްފައިވާ ނަންފުޅަކީ، އަބުލްފަތުޙު، ޢުމަރު ބްނު އިބްރާހީމު އަލްޚައްޔާމީ އައްނައިސާބޫރީ (أبو الفتح ، عمر بن إبراهيم الخيَّامي النيسابوري) އެވެ.


ޢުމުރުފުޅާއި އުފަން ރަށް


ގިނަ މުޙައްޤިޤުން ވިދާޅުވާ ގޮތުގައި، ޢުމަރު ޚައްޔާމު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ފާރިސްކަރައިގެ ނޭޝާބޫރު (نیشابور)، (Neyshabour) ގައެވެ. އޭނާ އަވަހާރަވީ ވެސް އެ ރަށުގައެވެ. އޭނާއަކީ، ފާރިސްކަރައިގެ ރައްޔިތެކެވެ. ފާރިސްކަރައިގެ ނޭޝާބޫރުގައި މިއަދާ ހަމައަށްވެސް އޭނާގެ މަޒާރު ޤާއިމުވެފައި ވެއެވެ. އޭނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް އަހަރާއި، ދެމިއޮތުމުގެ ޢާލަމަށް ވަޑައިގަތް އަހަރާމެދު ޚިލާފުތަކެއް ވެއެވެ.

ފާރިސްކަރައިގެ ނޭޝާބޫރުގެ ނަން އެތައް ގޮތަކަށް ކިޔެއެވެ. ޢަރަބި ބަހުން "ނީސާބޫރޫ" އާއި، "ނައިސާބޫރު" (نيسابور) ކިޔައެވެ. އިނގިރޭސި ބަހުގެ ލިޔުންތަކުގައިވަނީ "ނިޝަޕޫރު" ނުވަތަ "ނިޝާޕޫރު" (Nishapur) އެވެ. ފާރިސީ ބަހުގެ ލިޔުންތަކުން ފެންނަނީ (نیشابور) "ނޭޝާބޫރު" އެވެ. މިއިން ބައެއް ގޮތްތައް މައްސުނިކޮށްގެން ވެސް ބައެއް މީހުން ކިޔައެވެ.

ގިނަ މުއައްރިޚުންގެ އިއްތިފާޤުގައި ވަނީ، ހިޖުރީ ސަނަތުން ފަސްވަނަ ޤަރުނުގައި (މީލާދީ ސަނަތުން ދިހަވަނަ ޤަރުނުގައި)، ޚުރާސާނުގެ ނޭޝާބޫރުގައި ޢުމަރު ޚައްޔާމު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ކަމަށެވެ. އަދި ހިޖުރީ ސަނަތުން ހަވަނަ ޤަރުނުގެ ފުރަތަމަ ފަންސަވީސް އަހަރު ނިމެން ކައިރިވެފައި ވަނިކޮށް އޭނާ އަވަހާރަވި ކަމަށެވެ. "އަލްޢަޢުލާމް" (الأعلام) އެވެ، ކިޔާ ފޮތުގައި، އެ ފޮތުގެ މުއައްލިފު ޚައިރުއްދީނު (خير الدين الزركلي) ލިޔުއްވާފައިވަނީ، ޢުމަރު ޚައްޔާމު އަވަހާރަވީ ހިޖުރީ ސަނަތުން 515 އަހަރު ކަމަށެވެ. އެއީ މީލާދީ ސަނަތުން 1121 ވަނަ އަހަރެވެ.

ބައެއް މަޞްދަރުތަކުގައިވަނީ، ޢުމަރު ޚައްޔާމު ދުނިޔޭގައި އުޅުއްވީ، ހިޖުރީ ސަނަތުން 408 ވަނަ އަހަރުން ފެށިގެން 517 ވަނަ އަހަރަށް ކަމަށެވެ. އެއީ، މީލާދީ ސަނަތުން 1048 އިން 1131 އަށެވެ.


ޢިލްމާއި ފަންނު


ޢުމަރު ޚައްޔާމަކީ، ހިސާބުޢިލްމުވެރިއެކެވެ. ފަލަކީ ޢިލްމުވެރިއެކެވެ. ފިލޯސަފަރެކެވެ. ޝާޢިރެކެވެ. އޭނާ އަހަންމިއްޔަތު ދެއްވި ޢިލްމުގެ ދާއިރާ ފުޅާވެގެންގޮސް އެ ދާއިރާގައި، މިޔުޒިކާއި، މެކޭނިކްސްއާއި، ޖޯގްރަފީ ވެސް ހިމެނުނެވެ. އިބްނުސީނާ (980-1037) ގެ ފަލްސަފީ ނަޒަރިއްޔާތައް އޭނާ ކިޔަވައިދެއްވިއެވެ. އަދި ޢިލްމާއި ޢުލޫމުގެ އެނޫން ދާއިރާތަކުން ވެސް ދަރިވަރުންނަށް އުނގަންނަވައިދެއްވިއެވެ.

ޢުމަރު ޚައްޔާމު ކުރެއްވި އަގުހުރި މުހިންމު ޚިދުމަތްތައް ހިމެނިފައިވަނީ، އަލްޖެބްރާއާއި، ހިސާބުޢިލްމާއި، ކަލަންޑަރު އިޞްލާޙުކުރުމުގެ މައިދާނުގައެވެ. އެހެނަސް އޭނާގެ ޒަމާނަށްފަހު، އެތައް ޤަރުނެއް ފަހުން އައި ޖީލުތަކުގައި އޭނާގެ ޝުހުރަތު އުފުލިފައިވަނީ ޝާޢިރެއްގެ ގޮތުގައެވެ. އެއީ އޭނާ ހައްދަވާފައިވާ ރުބާޢިއްޔާތުގެ ސަބަބުންނެވެ.

ޢުމަރު ޚައްޔާމަކީ، ޢަރަބި ބަހުގެ ފުންނާބުއުސް ބަހަވީއެކެވެ. މުސްތަޢުރަބު ޢަރަތްބެކެވެ. ފާރިސީބަހާއި، ޢަރަބިބަހުން ޅެން ހެއްދެވި މޮޅު ޝާޢިރެކެވެ. އޭނާ ހެއްދެވި ޅެންތަކުގެ ތެރެއިން އެންމެ މަޝްހޫރު ޅެމަކީ، ރުބާޢިއްޔާތެވެ.

ޢުމަރު ޚައްޔާމަކީ، އޭނާގެ ޒަމާނުގައި ހުންނެވި އެންމެ ފުންނާބުއުސް ޢާލިމެވެ. އޭނާ ވަނީ، ޢިލްމާއި ޢުލޫމާއި ފަންނުގެ ފުނަށް ފީނާވަޑައިގެންފައެވެ. އޭގެތެރޭގައި ފަލަކީ ޢިލްމާއި، ފިޤުހު ޢިލްމާއި، މެޑިސިންއާއި، ކީރިތި ޤުރުއާނުގެ ޤިރާއަތުގެ ޢިލްމާއި، ފަލްސަފާއާއި، ބަހުގެ ޢިލްމުތަކާއި، ކެމިސްޓްރީއާއި، ހިސާބު ޢިލްމާއި، ތާރީޚު ޢިލްމާއި، ލާހޫތިއްޔަ ޢިލްމާއި، ޅެންވެރިކަން ހިމެނެއެވެ.

ޢުމަރު ޚައްޔާމާ ބެހޭ ގޮތުން އައިސްފައިވާ ހުރިހައި ތާރީޚީ ރިވާޔަތްތަކެއް ބުނާ ގޮތުގައި، އޭނާއަކީ ހަނދުމަފުޅު ވަރުގަދަ، އަވަހަށް ހިތުދަސްފުޅުކުރައްވާ ޢިލްމުވެރިއެކެވެ. (نزهة الأرواح وروضة الأفراح) އެވެ، ކިޔާ ފޮތުގައި (الشهرزوري) ލިޔުއްވާފައި ވެއެވެ. "އިޞްފަހާނަށް ވަޑައިގެން އެ ސަހަރުގައިވާ ފޮތެއް، ޢުމަރު ޚައްޔާމު ހަތްފަހަރު ވިދާޅުވިއެވެ. ދެން ނައިޝާޕޫރަށް ވަޑައިގެން އެ ފޮތް އެއްކޮޅުން އަނެއްކޮޅަށް ވިދާޅުވެދެއްވިއެވެ."

ފަލަކީ ޢިލްމުގެ ރޮނގުން ޢުމަރު ޚައްޔާމު ހޯއްދަވާފައިވާ ޢިލްމީ ކުރިއެރުންތަކުގެ ސަބަބުން، ބަޣުދާދުގެ ފަލަކީ ހޯދުންތަކާބެހޭ މައި މަރްޞަދުގެ ވެރިއަކަށް އޭނާ ޢައްޔަންކުރެވުނެވެ. އޭނާއަކީ، އޭނާގެ ޒަމާނުގައި ނުހަނު މުޢުތަބަރު އެކުމާފާނިއްޔަ ޢާލިމެކެވެ.


ރުބާޢިއްޔާތު


ރުބާޢިއްޔާތަކީ، ހަތަރު ޅެންފޮޅުވަތުގެ މައްޗަށް އެކުލެވޭ ޅެންބައިތުގެ ޅެމެކެވެ. ރުބާޢިއްޔާތަކީ ގިނަ ގޮތެވެ. އެއިން އެންމެ ޅެންބައިތަކަށް ކިޔަނީ "ރުބާޢިއްޔާ" އެވެ. މި ލަފުޒުގެ އަޞްލަކީ، ޢަރަބި ބަހުގެ "ހަތަރެއް" ކަމުގައިވާ "އަރުބަޢާ" (أربعة) އެވެ. ރުބާޢިއްޔާތުގެ ޅެންބައިތެއްގެ ތިންވަނަ ޅެންފޮޅުވަތް ފިޔަވައި އެހެން ޅެންފޮޅުވަތްތަކުގެ ކާފިޔާ އެއްގޮތެވެ.

ޢުމަރު ޚައްޔާމުގެ ޙަޤީޤަތް ނޭނގޭ މީހުން ނުވަތަ އޭނާގެ ޙަޤީޤަތް އޮޅުވާލަން އުޅޭ މީހުން ދެކޭ ގޮތުގައި، ރުބާޢިއްޔާތަކީ، ދުންޔަވީ ޙަޔާތުގެ އުފާތައް ހޯދުމަށް ގޮވާލާ ނިދާއެކެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އެއީ، ނާއުންމީދާއި ނެތުމުގެ ވާހަކަތަކުން ފުރިފައިވާ ޅެމެކެވެ. އެހެނަސް އެނޫން ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ރުބާޢިއްޔާތަކީ، ތަޤުވާވެރިކަމަށް ގޮވާލާ ނިދާއެކެވެ. އޭގައިވާ ދުންޔަވީ ކަންކަމުގެ ލަފުޒުތައް މާނަކުރަންޖެހޭނީ، އޭގެ އެތެރެފުށުގެ މާނައިންނެވެ. އެއީ އެޒަމާނުގައި ޞޫފީންގެ ޅެންވެރިން އެ ލަފުޒުތަކަށް ދީފައިވާ މާނަތަކެވެ. ރުބާޢިއްޔާތުގެ އެކިއެކި ތަރުޖަމާތަކަށް މި ތަފުސީރުތައް ވަދެފައި ވެއެވެ.

ޢުމަރު ޚައްޔާމު ހެއްދެވި ރުބާޢިއްޔާތުގައިވަނީ ކިތައް ޅެންބައިތުކަން ސާފުކޮށް އޮޅުންފިލާކަށެއް ނެތެވެ. މުޙައްޤިޤުން ދެކެވަޑައިގަންނަވާ ގޮތުގައި އޭނާ ހެއްދެވި ރުބާޢިއްޔާތުގެ އަޞްލުގައި ވަނީ މަދު ޅެންބައިތުތަކެކެވެ. ފަހުން ވަނީ އޭގެތެރެއަށް އެތައް ޅެންބައިތުތަކެއް އިތުރުކުރެވިފައެވެ. އެގޮތުން އޭނާއަށް ނިސްބަތްކުރެވޭ ހަތަރުފޮޅުވަތުގެ ޅެންބައިތުތަކުގެ ޢަދަދު ވަނީ އޭގެ ގިނަ ޢަދަދެއް ކަމުގައިވާ 1200 ފަހަނަޅައި، 2000 އަށް ވާޞިލުވެފައެވެ.

ރުބާޢިއްޔާތު މުޅި ދުނިޔެއަށް މަޝްހޫރުވެގެންދިޔައީ، ހުޅަނގުގެ ސަގާފަތު މެދުވެރިވެގެންނެވެ. އެގޮތުން ފެތުރިގެންދިޔަ ރުބާޢިއްޔާތުގައި ކުފުރުގެ ބަސްތަކާއި، ފާޙިޝް ޢަމަލުތައް ހިމެނެއެވެ. އެކަން އެހެންވެފައިވަނީ، ހުޅަނގުގެ މީހުން އެމީހުންގެ ސަގާފަތާ އެއްގޮތަށް ރުބާޢިއްޔާތު މާނަކޮށްގެން ތަރުޖަމާކޮށްފައި ވާތީއެވެ. ކުފުރުވުމާއި، ފާޙިޝް ޢަމަލުތައް ކުރުމާއި، ޙަރާމް ކަންކަމަށް އަރައިގަތުމަކީ، ހުޅަނގު ސަގާފަތުގައިވާ ކަންކަމެވެ. އެ ކަންކަމަށް ބާރުލިބޭނެހެން ރުބާޢިއްޔާތު ތަރުޖަމާކޮށް، އިނގިރޭސީންގެ އިސްތިޢުމާރުގެ ދަށުގައިވާ ޤައުމުތަކުގައި ރުބާޢިއްޔާތު ވަނީ ފަތުރާފައެވެ. އެފަދަ ޤައުމުތަކުގެ ތެރޭގައި އިންޑިއާއާއި، އީރާން ހިމެނެއެވެ. އިނގިރޭސި ބަހަށް ނުވަތަ ހުޅަނގުގެ އެހެން ބަސްބަހަށް ތަރުޖަމާކޮށްފައިވާ ރުބާޢިއްޔާތުތަކުގައި ހިމެނޭ ކުފުރުގެ ބަސްތަކާއި، ފާޙިޝްކަންކަން، ޢުމަރު ޚައްޔާމުގެ އަޞްލު ރުބާޢިއްޔާތުގައި ނުވެއެވެ.


ކުފުރުގެ ރުބާޢިއްޔާތުން ޢުމަރު ޚައްޔާމު ބަރީއަކުރުން


ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ޢުމަރު ޚައްޔާމުގެ ނަންފުޅުން ނަންދެވިފައިވާ ތަންތަން ވެއެވެ. އެފަދަ ތަންތަނުގެ ތެރޭގައި، ހޮޓަލާއި، ރެސްޓޯރަންޓާއި، ނައިޓްކްލަބާއި، ފާޙިޝް ޢަމަލުކުރާ ތަންތަން ހިމެނެއެވެ. އެއީ ޚާއްޞަކޮށް ޢުމަރު ޚައްޔާމަށް ކުރެވިފައިވާ ވަރަށް ބޮޑު ބޭއިޙުތިރާމެކެވެ. ޢާންމުކޮށް މުސްލިމު ޢާލިމުންނަށާއި މުސްލިމުންނަށް ކުރެވިފައިވާ ފުރައްސާރައެކެވެ. އެހެނީ، ޢުމަރު ޚައްޔާމުގެ ނަންފުޅުން އެފަދަ ތަންތަނަށް ނަންދިނުމުން ދޭހަވަނީ، އޭނާއަކީ ދުންޔަވީ އުފާތަކާއި، ފާޙިޝް ޢަމަލުތަކުގެ އަހުލުވެރިއެއް ކަމަށެވެ. އަދި އޭނާއަކީ މުސްލިމުންގެ ފުންނާބުއުސް ޢާލިމަކަށް ވީހިނދު، އެކަންކަމުގައި އެހެން ޢާލިމުންނާއި އެހެން މުސްލިމުން ވެސް އޭނާއާ ތަބާވެފައިވާ ކަމަށް ހީކުރުވުން ވެސް އޭގައި ހިމެނެއެވެ. މިކަމާމެދު މުސްލިމުން ވަރަށް ބޮޑަށް ހޭލުންތެރިވާން އެބަޖެހެއެވެ. ޢުމަރު ޚައްޔާމަކީ، ޣައިރު މުސްލިމުންގެ ސަގާފަތުގައި ސިފަކޮށްފައިވާފަދަ ބަދުއަޚުލާޤެއްގެ ވެރިއެއް ނޫނެވެ. އެކަމަކު، އޭނާއަކީ ނުހަނު ބޮޑު ތަޤުވާވެރިއެކެވެ. އޭނާގެ ޢިލްމުވެރިކަމާއި، ޙިލްމުވެރިކަމާއި، ތަޤުވާވެރިކަމަށްޓަކައި، އޭނާއަށް ޙުއްޖަތުލްއިސްލާމުގެ ލަޤަބުފުޅު އެރުވިފައިވެއެވެ.

ޢުމަރު ޚައްޔާމު ޢަރަބި ބަހުން ހައްދަވާފައިވާ ޅެންބައިތެއްގެ މާނައިގައި ވެއެވެ.

"މާތް ﷲ ގެ ޙަޟުރަތަށް ކުއްތަންވުމުގައި ޢާލިމުންނަށްވުރެ ކުރިއަރައިދިޔައީމެވެ.
ތޮރުފައިލަނިވި ފިކުރަކުންނެވެ. އަދި ހިންމަތާއެކު ކުރި މިންނަތުންނެވެ.
ފަހެ، ހިދާޔަތުގެ ނޫރު އަހުރެންގެ ލޮލަށް ފެނުނެވެ.
މަގުފުރެދުން ފެތުރިފައިވާ ކަނު އަނދިރި ރޭތަކެއްގެ ތެރޭގައެވެ."

ޢުމަރު ޚައްޔާމުގެ ޙަޤީޤީ ރުބާޢިއްޔާތުގައި ވަނީ، އޭނާ ހެއްދެވި އެހެން ޅެންބައިތުތަކުގައިވާ ފަދަ ހެޔޮ ފިކުރެވެ. އެހެނަސް ކޮންމެވެސް ބަޔަކު، ނުނިޔަތެއްގައި އޭނާގެ ރުބާޢިއްޔާތުގެ ފިކުރު ވަނީ ބަދަލުކޮށްފައެވެ. ބައެއް މުޙައްޤިޤުން ވިދާޅުވާ ގޮތުގައި، ރުބާޢިއްޔާތުގެ ފިކުރު ބަދަލުކުރުމުގެ އެއް މަޤުޞަދަކީ، މުސްލިމުން މަގުފުރެއްދުމެވެ. މުސްލިމުންގެ ފުންނާބުއުސް ޢާލިމުންގެ ތެރެއިން ލާމަސީލު ޢާލިމެއްގެ ފިކުރުގެ ގޮތުގައި ކުފުރުވުމާއި، ފާޙިޝް ޢަމަލުތައް ޒީނަތްތެރިކޮށްދިނުމެވެ.

ކުފުރުވުމާއި، ފާޙިޝް ޢަމަލުތައް ޒީނަތްތެރިކޮށްދީފައިވާ ރުބާޢިއްޔާތު ޗާޕުކޮށްގެން ނެރެވެމުންދަނީ ވެސް ވަރަށް ރީތި ފޮތްފޮތުގައިކަން ފާހަގަކޮށްލެވެއެވެ. ރުބާޢިއްޔާތު ޗާޕުކޮށްގެން ފޮތްފޮތް ނެރޭއިރު، އެ ފޮތްފޮތުގެ ޞަފުޙާތައް ވަނީ ކުލަ ކުރެހުންތަކުން ޖަރީކޮށްފައެވެ. ކުރެހުންތަކުގައި ޢުމަރު ޚައްޔާމު ތަސްވީރުކޮށްފައިވަނީ އަބަހައްދަވެފައިވާ މުސްކުޅިއެއްގެ ސިފައިގައެވެ. އޭނާގެ ސާފު ހުދު ނުރަ ތުނބުޅި މޭމައްޗާ ހަމައަށް ފޯރައެވެ. އޭނާގެ ކުރިމަތީގައި ސަމައްތަރުހެޔޮ ބުރުސޫރަ ރީތި ޒުވާން ޖިންސްލަޠީފަކު ހުރެއެވެ. އެ ޖިންސްލަޠީފުގެ އެއް އަތުގައި ރާތަށްޓެއް ވެއެވެ. އަނެއް އަތުގައި މިޔުޒިކުކުޅޭ އާލަތެއް ވެއެވެ. މުޅި މަންޒަރުގައި ކުދިދޫނިތަކާއި، ބުލްބުލްތަކާއި، ޢަންދަލީބުތަކާއި، މާމެލާމެއްޔާއި، ގަސްގަހާގެއްސާއި، މޭވާތައް ވެއެވެ.

މިދެންނެވި ތަޞްވީރުގައި އެވަނީ، ޙަޤީޤީ ޢުމަރު ޚައްޔާމު ނޫންކަން، އޭނާގެ ޙަޔާތްޕުޅު ދިރާސާކުރާއިރު ވަރަށް ސާފުކޮށް އެނގެއެވެ. އޭނާގެ ޙަޔާތްޕުޅުގެ ކޮންމެ ޞަފުޙާއަކުންމެ ފެންނަނީ، ހެޔޮ ޢަމަލުތަކެވެ. ޚުޝޫޢަތްތެރިކަމާއި ތަޤުވާވެރިކަމެވެ. އެހެނަސް އޭނާއަށް ނިސްބަތްކުރެވޭ ރުބާޢިއްޔާތުގައި ތަޞްވީރުތައް ކުރެހިފައިވަނީ އެއާ މުޅިން ޚިލާފަށެވެ.

ދުނިޔޭގެ ވަރަށް ގިނަ ބަސްތަކަށް ރުބާޢިއްޔާތު ވަނީ ތަރުޖަމާކުރެވިފައެވެ. އެއް ބަހަށް ތަރުޖަމާކުރެވިފައިވާ ރުބާޢިއްޔާތުގެ ދެ ފޮތެއްގެ ނައްޞު އެއްގޮތް ނޫންކަން ފާހަގަކުރެވެއެވެ. ބައެއް ފޮތްފޮތުގައި ދެހާސް "ރުބާޢިއްޔާ" (ހަތަރު ފޮޅުވަތުގެ ޅެންބައިތު) ވެއެވެ. އެ ހުރިހައި ރުބާޢިއްޔާތަކެއް ހެއްދެވީ ޢުމަރު ޚައްޔާމެއް ނޫނެވެ. އަދި އޭގައިވާ ކުފުރާއި ފާޙިޝްކަމުގެ ފިކުރަކީ އޭނާގެ ފިކުރެއްވެސް ނޫނެވެ.

މުއައްރިޚުން ބަޔާންކުރާ ގޮތުގައި، ޔޫނާނީ ފަލްސަފާގެ ފޮތްތައް ވަނީ، ޢުމަރު ޚައްޔާމުގެ ޒަމާނުގައި އާންމުވެފައެވެ. އެފޮތްފޮތުގައި ބަޔާންވެފައިވާ، ފަލްސަފާއާއި، ބޭސްވެރިކަމާއި، އިންޖިނިއަރިންގއާއި، ހައިއަތުގެ ޢިލްމުތައް ވެސް ވަނީ ފެތުރިފައެވެ. އެކިއެކި ފަލްސަފީ ފިކުރުގެ އަހުލުވެރިންގެ ފިކުރުތައް އާންމުވެ، އޭގެމެދުގައި އުފެދިފައިވާ ޖަދަލާއި ޒުވާބު ވަނީ އިންތިހާދަރަޖައަށް ހޫނުވެފައެވެ.

މުސްލިމުންގެ ތެރޭގައި ޢިލްމުލްކަލާމް (علم الكلام) ފުރާފުރިހަމަވެގެންދިޔައީ، އެޒަމާނުގައެވެ. އަޝްޢަރީންނާއި، މުޢުތަޒިލާއިންނާއި، ޙަންބަލީންނާއި ޖަބަރީންގެ މެދުގައި އަރާރުންވުން ހަބޭސްވެގެންދިޔައީ ވެސް އެ ޒަމާނުގައެވެ. އެ ޒަމާނުގައި، ބާޠިނީ ފިކުރު އާންމުވިއެވެ. ޢިލްމާއި ޢުލޫމާއި ފަންނުގެ ހުރިހައި ގޮފިގޮފީގައި ފޮތްއެކުލަވައިލުމަށް ނުހަނު ބޮޑު ތަރުޙީބެއް ދެވުނެވެ. އިންސާނީ ތާރީޚުގައި ލިޔެވުނު ފުރަތަމަ އެކުމާފާނު (އެންސައިކޮލޮޕީޑިއާ) މަޝްހޫރުވިއެވެ. އެއީ، އިޚުވާނުއްޞަފާ (إخوان الصفا) ގެ ރަސާއިލު (رسائل) އެވެ.

މުސްލިމުންގެ ތެރޭގައި، އެކިއެކި ފިރުޤާތަކާއި ޖަމާޢަތްތައް އުފެދުނެވެ. ޑަކުޓަރުންނާއި ފިލޯސަފަރުން ގިނަވިއެވެ. އިބްނުސީނާ (أبو علي ابن سينا) ފާޅުވެ، ދީނާއި ފަލްސަފާއާ ދެމެދުގައި ވަރުގަދަ ކޯޅުންގަނޑެއް އުފެދުނެވެ. ފިލޯސަފަރުންނަށް ރައްދުދެއްވައި، ޙުއްޖަތުލްއިސްލާމް އަލްއިމާލު ޣަޒާލީ ފޮތެއް ލިޔުއްވިއެވެ. ޞޫފީންގެ އާރާއިބާރު ގަދަވެގެންދިޔައެވެ. މި ވުޖޫދުގެ އެކުވެނިކަމާމެދު ޖަދަލުކުރާ މީހުން ގިނަވެގެންދިޔައެވެ. މީސްތަކުންގެ ތެރެއިން ބަޔަކު، އެމީހުންގެ މިނިވަން ފިކުރުގެ މައްޗަށް ބަރޯސާވިއެވެ. އެމީހުންނަކީ، ޒިންދީޤުން ކަމަށާއި، މުލްޙިދުން ކަމުގައި ތުހުމަތުކުރެވުނެވެ.

ޢުމަރު ޚައްޔާމުގެ ޒަމާން އައިއިރު އިސްލާމީ ދުނިޔެއަށް ވެރިވެފައިވާ އޮއިވަރުތައް ގިނައެވެ. އޭގެ އަވާގައިޖެހި އެތައް ބަޔަކު މަގުފުރެދެމުންދިޔައެވެ. އެހެންކަމުން އޭނާ ހައްދަވާފައިވާ ޅެންބައިތެއްގައި އެއިން ކަމަކަށް އިޝާރާތްކުރައްވައި، ފާޑުވިދާޅުވެފައިވުމަކީ ދުރުކަމެއް ނޫނެވެ. އޭގެ މާނައަކީ، އޭނާ އެ ފިކުރު ޤަބޫލުކުރެއްވުމެއް ނޫނެވެ.

އެ ޒަމާނުގައި ޢުމަރު ޚައްޔާމު ދިރިއުޅުއްވީ، ޢިލްމާއި ފަންނުގެ ވެށްޓެއްގައެވެ. އެ ޒަމާނުގައި ފިލޯސަފަރުންނާއި، ޑަކުޓަރުންނާއި، ހިސާބުޢިލްމުވެރިންނާއި، ފަލަކީޢިލްމުވެރިން އުޅުއްވިއެވެ. ޢުމަރު ޚައްޔާމު ކިޔަވާވިދާޅުވީ އެޒަމާނުގައި އުޅުއްވި އެންމެ ފުންނާބުއުސް ޢިލްމުވެރިންނާއި ޢާލިމުންގެ އަރިއަހުންނެވެ. އެއަށްފަހު އޭނާގެ އަރިއަހުން އެތައް ބަޔަކު ތަޢުލީމު ޙާޞިލުކޮށް، އެމީހުންގެ ތެރެއިން ބޮޑެތި ޢާލިމުން އުފެދުނެވެ. ޢިލްމީ މައިދާނުގައި، އެމީހުންނާއި އޭނާއާ ދެމެދުގައި ވާހަކަދެކެވި ސިޓީބިޓީ ބަދަލުކުރެވިފައި ވެއެވެ. އަދި ހަމައެފަދައިން އޭނާއާއި އޭނާގެ އުސްތާޛުންނާ ދެމެދުގައި ވެސް އެކަން ހިނގާފައި ވެއެވެ. އޭނާގެ ޒަމާނުގެ އެންމެން އޭނާ ސިފަކޮށްފައިވަނީ، ޢިލްމުވެރިން ސިފަކުރެވޭ އެންމެ ރިވެތި، އެންމެ މާތް، އެންމެ މަތިވެރި ސިފަތަކުންނެވެ. އޭނާގެ މިތުރުންނާއި، އެކުވެރިންނަކީ އެ ޒަމާނުގައި އުޅުނު އެންމެ ހެޔޮ، އެންމެ މޮޅު މީހުންނެވެ. އޭގެތެރޭގައި މިދަންނަވާ ބޭބޭކަލުން ހިމެނިވަޑައިގަންނަވައެވެ.

1. އަލްއިމާމު އަބޫ ޙާމިދުލް ޣަޒާލީ: އެކަލޭގެފާނަކީ އިސްލާމްދީނުގެ މުޖައްދިދެކެވެ. (إِحْيَاء عُلُوْم الدِّيْن) އެވެ، ކިޔާ ފޮތުގެ މުއައްލިފެވެ.

2. އަލްވަޒީރު ނިޒާމުލްމުލްކު: އެމަނިކުފާނަކީ، ސަލްޖޫޤީ ދައުލަތުގެ ހައިބަވެތި ވަޒީރެކެވެ. އިސްލާމީ ދުނިޔޭގެ ކަންކޮޅުތަކުގައި ބިނާކުރެވުނު ނިޒާމިއްޔަ މަދުރަސާތަކުގެ ބާނީއެވެ.

3. ޖާރުﷲ މަޙުމޫދުއް ޒަމަޚުޝަރީ: އެކަލޭގެފާނަކީ، "އަލްކައްޝާފު" ގެ ނަމުން މަޝްހޫރުވެފައިވާ ކީރިތި ޤުރުއާނުގެ ތަފުސީރު ފޮތް ލިޔުއްވި ފުންނާބުއުސް ޢިލްމުވެރިޔާއެވެ. އެ ފޮތުގެ އިތުރުން އެކަލޭގެ ޢަރަބި ބަހުގެ ބަހަވީ ޢިލްމުގެ އެތައް ފޮތެއް ލިޔުއްވިއެވެ.

4. އަލްއިމާމު އަލްބައިހަޤީ: އެކަލޭގެފާނަކީ، "ޙުކަމާއުލް އިސްލާމް" (حكماء الإسلام) އެވެ، ކިޔުނު ފޮތުގެ މުއައްލިފެވެ.

މިދެންނެވި ފަދަ އެތައް ޢިލްމުވެރިންނެއް، ޢުމަރު ޚައްޔާމުގެ މިތުރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވިއެވެ. އޭގެ އިތުރުން އޭނާ ވަނީ، އެ ޒަމާނުގެ ރަސްރަސްކަލުންގެ އަރިއަހުގައި ވެސް އުޅުއްވާފައެވެ. އޭގެތެރޭގައި ޖަލާލުއްދީނު މަލިކުޝާހު (جلال الدين ملكشاه) އާއި، އަލްބު އަރުސަލާން (ألب أرسلان) އާއި، ޚާޤާން ބުޚާރާ (خاقان بخارى) ހިމެނިވަޑައިގަންނަވައެވެ.

ޢުމަރު ޚައްޔާމުގެ ޒަމާނުގެ މުއައްރިޚުން، އޭނާ ސިފަކުރުމަށްޓަކައި އޭނާއަށް ދީފައިވާ ލަޤަބުތަކުގެ ތެރޭގައި، އަލްއިމާމު (الإمام) އާއި، ޙުއްޖަތުލްޙައްޤު (حجة الحق) އާއި، ޙުއްޖަތުލްއިސްލާމް (حجة الإسلام) އާއި، ދުނިޔޭގެ ޙަކީމާއި ފިލޯސަފަރު (حكيم الدنيا وفيلسوفها) އާއި، ދުސްތޫރު (الدستور) އާއި، ފަލަކީ ޢިލްމުވެރިޔާ (العالم الفلكي) އާއި، ފިޤުހު ޢިލްމުވެރިޔާ (الفقيه) އާއި، ކީރިތި ޤުރުއާނުގެ ޤިރާއަތުތައް ދެނެވަޑައިގަންނަވާ ޢިލްމުވެރިޔާ (العالم بالقراءات القرآنية) އާއި، ޒާހިދު ޢިލްމުވެރިޔާ (الزاهد) އާއި، މުތަޞައްވިފު (المتصوف) ފަދަ ލަޤަބުތައް ހިމެނެއެވެ. އެފަދަ ޢިލްމުވެރި، ޚުލްޤުފުޅުހެޔޮ، ޒާހިދު، ތަޤުވާވެރި، ޙިކުމަތްތެރި ޢާލިމަކު، ކުފުރާއި ފާޙިޝްކަމުގެ ސިފަތަކުން ސިފަކުރެވޭނީ ކިހިނަކުންތޯއެވެ؟

ޢުމަރު ޚައްޔާމުގެ އުސްތާޛުންނާއި، އޭނާގެ ދަރިވަރުންނާއި، އޭނާގެ މިތުރުންނާއި، އޭނާގެ އެކުވެރިންގެ ތެރެއިން ހަމަ އެކަކުވެސް، އޭނާއަކީ، ޒިންދީޤެއް ކަމުގައި ބުނެފައެއް ނުވެއެވެ. އަދި އޭނާއަކީ، ދުވަހަކުވެސް ރާ ބުއި މީހެއް ކަމަކަށް ވެސް ބުނެފައެއް ނުވެއެވެ. އަދި އޭނާއަކީ މަގުފުރެދިފައިވާ މީހެއް ކަމަށް ވެސް ބުނެފައެއް ނުވެއެވެ. ޢުމަރު ޚައްޔާމު ހެއްދެވި ރުބާޢިއްޔާތުގައިވާ ޅެންބައިތުތަކުގެ ޢަދަދު ވިއްސަށް ނާރާކަމަށް ބައެއް މުޙައްޤިޤުން ވިދާޅުވެފައި ވެއެވެ. ފާރިސީ ބަހާއި ޢަރަބި ބަހުން އޭނާ ހައްދަވާފައިވަނީ މަދު ޅެންބައިތުތަކެކެވެ. އެ ޅެންބައިތުތަކުގައި، ޒާހިދުކަމަށާއި، ތަޤުވާވެރިކަމަށާއި، ކީރިތިވަންތަ މާތް ﷲގެ އެއްކައުވަންތަކަން ޤަބޫލުކޮށް އެކަލާނގެ ޙަޟުރަތަށް ފުރިހަމައަށް އީމާންވުމަށް ގޮވާލައްވާފައި ވެއެވެ.

ކަންމިހެން އޮތްއިރު، ހަތަރުފޮޅުވަތުގެ އެތައް ސަތޭކަ ޅެންބައިތުތަކެއް، ޢުމަރު ޚައްޔާމަށް ނިސްބަތްކުރެވުނީ ކީއްވެތޯއެވެ؟ އަދި ކުފުރުވުމާއި، ފާޙިޝް ޢަމަލުތައް ހިމެނޭ އެފަދަ އެތައް ސަތޭކަ ރުބާޢިއްޔާއެއް އޭނާގެ ނަމުގައި އާންމުކުރެވިފައިވަނީ ކީއްވެތޯއެވެ؟ އިސްލާމްދީނާ ޚިލާފު އެ ރުބާޢިއްޔާތައް، ދުނިޔޭގެ އެހެން ބަސްބަހަށް ތަރުޖަމާކުރުމުގެ ސިއްރަކީ ކޮބައިތޯއެވެ؟ މިފަދަ އެތައް ސުވާލުތަކެއް އުފެދެއެވެ.

ޣައިރު މުސްލިމުންގެ ތެރެއިން އެންމެ ފުރަތަމަ ޢުމަރު ޚައްޔާމު ދެނެގަތް ފަރަންޖީއަކީ، ތޯމަސް ހައިޑް (Thomas Hyde)، (توماس هايد) (1636-1703) އެވެ. އޭނާއަކީ، އޮކްސްފޯޑް ޔުނިވަރސިޓީގައި، ޢަރަބިބަހާއި ޢިބަރީބަހުގެ އުސްތާޛެކެވެ. އެއަށްފަހު، މީލާދީ ސަނަތުން 1818 ވަނަ އަހަރު، އޮސްޓްރިޔާގެ މުސްތަޝްރިޤު ހަމަރ (Joseph von Hammer-Purgstall)، (هامر برغستل) (1774-1856) އަށް ޢުމަރު ޚައްޔާމު އެނގިފައި ވެއެވެ. އޮނަވިހި ވަނަ ޤަރުނުގައި ސަރ ހެންރީ (Sir Henry Rider Haggard)، (السير كور أوسلي) (1856- 1925) ވަނީ ދެ ރުބާޢިއްޔާ (ހަތަރު ފޮޅުވަތުގެ ދެ ޅެންބައިތު) ތަރުޖަމާކޮށްފައެވެ. އަދި އެޑްވަރޑް ހެރޮން (Edward Heron-Allen)، (إدوارد هارن) (1861-1943) ބައެއް ރުބާޢިއްޔާ ތަރުޖަމާކޮށްފައި ވެއެވެ. މިފަދަ މުތަރުޖިމުންގެ ޢަދަދު ދެ ޤަރުނުގެ މުއްދަތުގެ ތެރޭގައި، ވިއްސަށްވުރެ އިތުރުވެފައި ވެއެވެ. އޭގެތެރޭގައި ގިނައީ ޔަހޫދީންނެވެ. އަދި ޔަހޫދީންގެ ބަހުގެ އަދަބިއްޔާތުގައި މަޝްޣޫލުވެގެން އުޅުނު މީހުންނެވެ.

ރުބާޢިއްޔާތުގެ ޝުހުރަތު، ބައިނަލްއަޤުވާމީ މަސްރަޙުގައި ފެތުރިގެންދިޔައީ، މީލާދީ ސަނަތުން 1859 ވަނަ އަހަރު، އިނގިރޭސި ޅެންވެރިއެއް ކަމުގައިވާ އެޑްވަރޑް ފިޓްޒްޖެރަލްޑް (Edward Fitzgerald)، (فيتز جيرالد) "ޚައްޔާމުގެ ރުބާޢިއްޔާތު" ގެ ނަމުގައި ހެއްދެވި ޅެމަކުންނެވެ. އޭގެ ސަބަބުން ދުނިޔޭގެ ހުރިހައި ސަގާފަތަކަށް ޢުމަރު ޚައްޔާމުގެ ނަން ވާޞިލުވިއެވެ. އަދި އެއީ ޢުމަރު ޚައްޔާމު ހެއްދެވި ރުބާޢިއްޔާތުގެ އިނގިރޭސި ތަރުޖަމާއެއް ކަމަށް ހީކޮށް، އެއިން ދުނިޔޭގެ އެހެން ބަސްތަކަށް ތަރުޖަމާކުރެވުނެވެ. އާދޭހެވެ. ޢަރަބިބަހަށާއި، ތުރުކީބަހަށާއި، އުރުދޫބަހަށާއި، ފަރަންސޭސިބަހަށާއި، ރަޝިޔާބަހަށާއި، ދުނިޔޭގެ އެހެން ބަސްބަހަށް ރުބާޢިއްޔާތު ތަރުޖަމާކުރެވިފައިވަނީ އިނގިރޭސިބަހުންނެވެ. ފިޓްޒްޖެރަލްޑް (فيتز جيرالد) އިނގިރޭސިބަހުން ހައްދަވާފައިވާ ރުބާޢިއްޔާތަކީ، އަދަބިއްޔާތުގެ މުތެއްފަދަ ރީތި ޅެމެއް ކަމަށް ބުނެވެއެވެ. އެހެންކަމުން، އޭގެ ޖަޒުބާތުގައި އެތައް ބަޔަކު ވަނީ ޖެހިފައެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި އެތައް ބަޔަކު އެއިން ލަވަކިޔައެވެ.

ފިޓްޒްޖެރަލްޑް (فيتز جيرالد) އިނގިރޭސިބަހަށް ތަރުޖަމާކުރެއްވީ، ޢުމަރު ޚައްޔާމު ހައްދަވާފައިވާ އަޞްލު ރުބާޢިއްޔާތެއް ނޫނެވެ. އެކަމަކު އޭނާ އެކަން ކުރެއްވުމަށް ބޭނުންކުރެއްވީ، ކާކު ހެދި އެއްޗެއްކަން ކަށަވަރުނުވާ ތަރުތީބެއް ނެތް ޅެންބައިތުތަކެކެވެ. އެ ޅެންބައިތުތައް ލިޔެވިފައިވަނީ، ޢުމަރު ޚައްޔާމަށްފަހު 300 އަހަރު ފަހުންނެވެ. ފިޓްޒްޖެރަލްޑް (فيتز جيرالد) އެ ޅެންބައިތުތައް ތަރުޖަމާކުރެއްވީ، ބައިތަކުން ބައިތަކުން ވަކިވަކިންނެއް ވެސް ނޫނެވެ. ކިއެއްތޯއެވެ. އެ ހުރިހާ ޅެންބައިތުތަކަކަކީ އެކަތިގަނޑެއް ކަމަށް ބައްލަވައި، އޭގައިވާ ފިކުރުތައް ތަރުތީބުކުރައްވައި، އެއިން ޅެމެއް ހެއްދެވީއެވެ. އެހެންކަމުން އެއީ ޢުމަރު ޚައްޔާމު ހައްދަވާފައިވާ ރުބާޢިއްޔާތުގެ ޙަޤީޤީ ތަރުޖަމާއެއް ކަމުގައި ބެލެވޭކަށެއް ނެތެވެ. އަދި އެއީ އެހެން ރުބާޢިއްޔާތެއްގެ ޙަޤީޤީ ތަރުޖަމާއެއް ވެސް ނުމެނޫންމެއެވެ. އޭގައިވާ ކުފުރާއި، ފާޙިޝްކަންކަމުގެ ފިކުރަކީ، ޢުމަރު ޚައްޔާމުގެ ޚިޔާލުފުޅަށް ދުވަހަކުވެސް އައި އެއްޗެއް ނޫނެވެ. އެހެންކަމުން، މުސްލިމު މުޙައްޤިޤުން ވިދާޅުވެފައިވަނީ، ޢުމަރު ޚައްޔާމު އެއިން ބަރީއަކުރަންޖެހޭ ކަމަށެވެ. ޔޫސުފުގެފާނުގެ ލޭފޮދުން މިނިކާވަގު ބަރީއަކުރެވޭ ފަދައިންނެވެ!


ދިވެހި ބަހަށް ކުރި ތަރުޖަމާ


އެންމެ ފުރަތަމަ އަޅުގަނޑު ރުބާޢިއްޔާތު ދިވެހިބަހަށް ތަރުޖަމާކުރީ ވާދިއްނީލުގައެވެ. އޭރު އެކަންކުރީ، ވަދީޢުލްބުސްތާނީގެ ތަރުޖަމާއެއްގެ އަސަރުގައެއެވެ. އޭގެ ކުރިން ވެސް ވާނީ އެކިއެކި ފޮތްފޮތުން ފެނިފައިވާ ރުބާޢިއްޔާތުގެ ބައެއް ބައިތުތައް ދިވެހިބަހަށް ތަރުޖަމާކޮށްފައެވެ. އަދި އޭރު ވާނީ، ރުބާޢިއްޔާތުގެ ޢަރަބި ތަރުޖަމާތަކާއި، އިނގިރޭސި ތަރުޖަމާތަކާއި، އެއާބެހޭ ގޮތުން ލިޔެފައިވާ އަދަބިއްޔާތު ކޮންމެވެސް ވަރަކަށް ދިރާސާވެސް ކުރެވިފައެވެ. އެއަށްފަހު ޢުމަރު ޚައްޔާމުގެ ޝަޚުޞިއްޔަތު ދެނެގަތުމަށްޓަކައި މަސައްކަތްކުރީމެވެ. އަދި އޭނާގެ ޒަމާނުގައި އޮތް ޅެންވެރިކަމުގެ ފިކުރު ވެސް އޮޅުންފިލާތޯ މަސައްކަތްކުރީމެވެ.

2001 ވަނަ އަހަރު ދިވެހިރާއްޖޭގެ ފުރަމާލެއަށް އައުމަށްފަހު، އަޅުގަނޑުގެ އަތުގައިވާ ރުބާޢިއްޔާތުގެ ދިވެހި ތަރުޖަމާ، ބައެއް އެކުވެރިންނަށް ދެއްކީމެވެ. އޭގައިވާ ފިކުރާމެދު އެއްވެސް ބޭފުޅަކު އެއްޗެއް ވިދާޅެއް ނުވެއެވެ. އެއާމެދު އެއްޗެއް ވިދާޅުވި ބޭފުޅަކު ވިދާޅުވެފައިވަނީ، އޭގައިވާ ބައެއް ލަފުޒުތަކަށްވުރެ މުނާސިބު ލަފުޒުތައް ބޭނުންކުރުމަށެވެ. އެއީ، އަޅުގަނޑަށް ލިބުނު ވަރަށް ރަނގަޅު އިރުޝާދެކެވެ. އެންމެ ހަރުދަނާ ގޮތެއްގައި އެ އިރުޝާދު ދެއްވި އެއް އެކުވެރިޔަކީ، އަލްއަޚު އާދަމް ނަޞީރު އިބްރާހީމެވެ. އެކަމަށްޓަކައި އޭނާއަށް ނުހަނު އިޚުލާޞްތެރިކަމާއެކު ޝުކުރުވެރިވަމެވެ.

މާލޭގައި އަހަރުތަކެއް ފާއިތުވެގެންދިޔައިރު، އަޅުގަނޑުގެ އަތުގައި އޮތް ރުބާޢިއްޔާތުގެ ދިވެހި ތަރުޖަމާއާ، ދިވެހި ސަގާފަތާ ނުގުޅޭކަން މޭރުންވިއެވެ. ޢުމަރު ޚައްޔާމުގެ ޙަޔާތްޕުޅު ދިރާސާކޮށް، އޭނާގެ ޝަޚުޞިއްޔަތު އޮޅުންފިލިވަރަކަށް އޭނާގެ ޝަޚުޞިއްޔަތާ ވެސް އެ ރުބާޢިއްޔާތު ފުށުއަރާކަން އެނގުނެވެ. އެހެންކަމުން ރުބާޢިއްޔާތު އަލުން ތަރުޖަމާކުރުމަށް ވިސްނީމެވެ. އެގޮތުން ދެވަނަ ފަހަރަށް ކުރި ތަރުޖަމާއަކީ ނަޘްރު ތަރުޖަމާއެކެވެ. އެ ތަރުޖަމާގައިވާ ބައެއް މުހިންމު ލަފުޒުތަކަކީ، ޚައްޔާމުގެ ޒަމާނުގައި ޚާއްޞަ މާނަތަކެއް ލިބިފައިވާ ލަފުޒުތަކެކެވެ. އެހެނަސް އެ މާނަތަކެއް މިޒަމާނުގެ މީހުންނަކަށް ނޭނގޭތާއޭ ހިތަށްއަރާތީ، އެ ތަރުޖަމާ ވެސް އެއްފަރާތްކުރީމެވެ. ދެން ދެ ތަރުޖަމާ އެއްކޮށްލައިގެން ޅެންބަހުން ތަރުޖަމާއެއް އުފެއްދުމަށް މަސައްކަތްކުރީމެވެ. އޭގައި ޚައްޔާމުގެ އަސަރަށްވުރެ ބުސްތާނީގެ އަސަރު ގަދަކަމަށް ފެންނާތީ އެ މަސައްކަތް ވެސް ހުއްޓައިލީމެވެ.

ދުވަސްތަކަކަށް ރުބާޢިއްޔާތު ތަރުޖަމާކުރުމުގެ މަސައްކަތާ ދުރުވީމެވެ. ޢުމަރު ޚައްޔާމުގެ ފަލްސަފާ ދިރާސާކުރެވޭތޯއެވެ. އެއަށްފަހު، ރުބާޢިއްޔާތުގެ އާ ތަރުޖަމާއެއް ޅެންބަހުން ތައްޔާރުކުރުމުގެ މަސައްކަތް ފެށީމެވެ. އެ މަސައްކަތް ނިންމައިލެވުނީ، 2017 ޖުލައި 2 ގައެވެ. އެއަށްފަހު ފޮތެއްގެ ސިފައިގައި ތައްޔާރުކޮށް، އެއީ ރުބާޢިއްޔާތުގެ ދިވެހި ތަރުޖަމާ ކަމުގައި ބެލީމެވެ. އޭގައި ގެނެސްދިނުމަށް މަސައްކަތްކޮށްފައިވާނީ، ޢުމަރު ޚައްޔާމުގެ އަޞްލު ފިކުރެވެ. ރުބާޢިއްޔާތުގެ އެހެން ތަރުޖަމާތަކުގައިވާ ބާޠިލު ފިކުރެއް ނޫނެވެ. އެގޮތުން ރުބާޢިއްޔާތުގެ އަޞްލު މަޤުޞަދުތައް ދޭހަކޮށްދިނުމަށް މަސައްކަތްކޮށްފައި ވާނެއެވެ.

ރުބާޢިއްޔާތުގެ ޅެންބައިތުތަކުގެ ކާފިޔާގައިވާ ޚާއްޞިއްޔަތެއް ދިވެހި ތަރުޖަމާގައި ނުހިމަނައި ދޫކޮށްލީމެވެ. އެއީ މާނައަށް އިސްކަންދިނުމާއި، ތަކުލީފު ކުޑަކުރުމުގެ ގޮތުންނެވެ. އެ ޚާއްޞިއްޔަތަކީ، ޅެންބައިތުގައި ހިމެނޭ ހަތަރު ޅެންފޮޅުވަތުގެ ތެރެއިން ފުރަތަމަ ދެ ފޮޅުވަތާއި ފަހު ފޮޅުވަތުގެ ކާފިޔާ އެއްގޮތްވުމެވެ. ދިވެހި ތަރުޖަމާގައި އެއްގޮތްކުރުމަށް އަމާޒުހިފާފައިވާނީ، ދެވަނަ ފޮޅުވަތާއި، ހަތަރުވަނަ ފޮޅުވަތުގެ ކާފިޔާއެވެ.

މިއަދު ރުބާޢިއްޔާތުގެ ދިވެހި ތަރުޖަމާ ޢާންމުކުރާއިރު، މި ފޮޅުވަތްތައް ލިޔެލުމަކީ ވާޖިބެއް ކަމުގައި ދެކެމެވެ. ރުބާޢިއްޔާތާއި، އޭގެ ޙަޤީޤަތާއި، ޢުމަރު ޚައްޔާމަކީ ކޮންފަދަ މާތް ޢިލްމުވެރިއެއްކަން ބަޔާންކޮށްދިނުމަށްޓަކައެވެ. މިއަދު މި ނެރެވޭ ރުބާޢިއްޔާތަކީ ނިމުމެއް ނޫނެވެ. އެކަމަކު މިއީ ފެށުމެކެވެ. ޤަޞްދުކޮށްފައިވަނީ، ރުބާޢިއްޔާތާ ވިދިގެން އޭގެ ޝަރަޙައެއް ވެސް ލިޔުމަށެވެ. ޢުމަރު ޚައްޔާމުގެ ރުބާޢިއްޔާތުގެ ދިވެހި ތަރުޖަމާއަކީ، ޙިކުމަތުގެ ޅެމެއް ކަމުގައި ވެއްޖެނަމަ މަޤުޞަދު ޙާޞިލުވީއެވެ. މާތް ﷲ، ޢުމަރު ޚައްޔާމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްތައް މިންވަރުކުރައްވާށިއެވެ! އާމީން!


15 އޯގަސްޓް 2017