ޤަޠަރުގެ އަމީރުގެ ތަހުނިޔާ، ސަޢޫދީގެ ވަލީ ޢަހުދަށް


ތިރީގައި މިވަނީ، ސަޢޫދީ ރަސްގެފާނުގެ ދަރިކަލުން، އެ ޤައުމުގެ ވަލީ ޢަހުދުގެ މަޤާމަށް އިސްކުރެވުމާ ގުޅިގެން، ޤަޠަރުގެ އަމީރު އެމަނިކުފާނަށް ފޮނުއްވި މެސެޖާގުޅޭ ޚަބަރުގެ ތަރުޖަމާއެކެވެ.

"ޤަޠަރުގެ އަމީރު ޞާޙިބުއްސުމުއްވު އައްޝައިޚު ތަމީމު ބްނު ޙަމަދު އާލު ޘާނީ، އެމަނިކުފާނުގެ އަޚު ޞާޙިބުއްސުމުއްވު އަލްއަމީރު މުޙައްމަދު ބްނު ސަލްމާނު ބްނު ޢަބްދުލްޢަޒީޒު އާލު ސުޢޫދުގެ އަރިއަހަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. އެއީ، (ޤަޠަރާ) އެއްބަނޑުއެއްބަފާ ސަޢޫދީ ޢަރަބިއްޔާގެ ވަލީ ޢަހުދުގެ މަޤާމަށް އެމަނިކުފާނު އިސްކުރެއްވުމާއި، އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުގެ ރައީސުގެ ނައިބުގެ މަޤާމަށް އެމަނިކުފާނު ޢައްޔަންކުރެއްވުމުގެ މުނާސަބަތުގައެވެ. ޤަޠަރުގެ އަމީރުގެ ދުޢާއަކީ، ދެ ޙަރަމްފުޅުގެ ޚާދިމު، ކިންގ ސަލްމާނު ބްނު ޢަބްދުލްޢަޒީޒު އާލު ސުޢޫދު (ޙަފިޡަހުﷲ) ގެ ޙިކުމަތްތެރި ޤިޔާދަތުގެ ހިޔަލުގައި، ސަޢޫދީ ޢަރަބިއްޔާއަށް ލާބައާއި މަންފާ ހުރި މަގަށް، ސަޢޫދީ ވަލީ ޢަހުދަށް ހެޔޮ ތައުފީޤުދެއްވުމެވެ. އަދި އެއްބަނޑުއެއްބަފާ ދެ ޤައުމުގެ ދެމެދުގައިވާ އުޚުއްވަތްތެރިކަމުގެ ސާބިތު ގުޅުމަށް އިތުރު ކުރިއެރުމާއި ތަރައްޤީ މިންވަރުކުރެއްވުމެވެ."

ސަޢޫދީ ޢަރަބިއްޔާއިން ޤަޠަރާ ގުޅުން ކަނޑާލާފައިވާ މި ނާޒުކު ދަނޑިވަޅުގައި، ޤަޠަރުގެ އަމީރު ފޮނުއްވާފައިވާ މި މެސެޖަކީ، ދެ ޤައުމުގެ ގުޅުން އިހު އޮތްގޮތަށް ދެމެހެއްޓުމަށް ބޭނުންވާ ކަމުގެ އިޝާރާތެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

ނަމަވެސް 23 ޖޫން 2017 ގައި، ޤަޠަރުގެ ޚާރިޖީ ވަޒީރު، އައްޝައިޚު މުޙައްމަދު ބްނު ޢަބްދުއްރަޙުމާނު އާލު ޘާނީ (الشيخ محمد بن عبدالرحمن آل ثاني) އާ ޙަވާލާދީ، ޤަޠަރުގެ އައްރާޔާ ދުވަހު ނޫހުގައި ބުނެފައިވަނީ، ސަޢޫދީ ވަލީޢަހުދަށް، ޤަޠަރުގެ އަމީރު ދެންނެވި ތަހުނިޔާއަކީ، އެންމެހައި ދައުލަތްތަކަށް ޤަޠަރު ސަރުކާރުން އިޙުތިރާމުކުރާ އާދަކާދައިގެމަތިން ކޮށްފައިވާ ކަމެއް ކަމަށެވެ. ޤަޠަރާ އެކުވެރި ޤައުމުތަކާއި، ޤަޠަރާ ދެކޮޅުވެރި ޤައުމުތަކާއެކު ވެސް ޤަޠަރުން އެކަން ކުރާނެ ކަމަށެވެ. އަދި ސަޢޫދީ ޢަރަބިއްޔާގައި ވަލީޢަހުދުކަން (އެއް ބޭފުޅެއްގެ ކިބައިން އަނެއް ބޭފުޅަކަށް) ނަޤުލުވުމަކީ، އެ ޤައުމުގެ ދާޚިލީ ކަމެއް ކަމަށެވެ.


ތާރީޚު: 23 ޖޫން 2017
މަޞްދަރު:
http://www.raya.com/news/pages/ebbc29d2-b64f-4589-a9d5-3fab7e53b489
http://www.raya.com/news/pages/05147ea0-d56a-4510-9dd6-be8d94384e3b