ހަތަރު ޤައުމުން ޤަޠަރަށް ހުށަހެޅި މަޠުލަބުތައް


ތިރީގައި މިވަނީ، ސަޢޫދީ ޢަރަބިއްޔާއާއި، ބަޙުރައިނާއި، ޔޫއޭއީއާއި، މިޞްރުން، ޤަޠަރަށް ހުށަހެޅި މަޠުލަބުތަކެވެ. މި މަޠުލަބުތަކަށް ޤަޠަރުން އިޖާބަދީފާނެ ކަމަކަށް ނުބެލެވެއެވެ.

1. އީރާނާއެކުގައި ޤާއިމުކޮށްފައިވާ ޑިޕްލޮމެޓިކް ގުޅުންތައް ތަމްސީލުކުރާ ފަރާތްތަކުގެ ޢަދަދު މަދުކުރުމާއެކު، މަލްޙަޤިއްޔާތު ބަންދުކުރިކަން ޤަޠަރުން ރަސްމީކޮށް އިޢުލާންކުރަންވާނެއެވެ. އަދި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންނާ ގުޅުންހުރި ފަރާތްތައް ޤަޠަރުގެ ބިމުން ފައިބައިގެން ދާންޖެހޭނެއެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢުންނާއި، ޔޫއެސްއޭއިން އީރާނުގެ މައްޗަށް ކަނޑައަޅާފައިވާ ޢުޤޫބާތްތަކަށާއި، ޖީސީސީގެ އަމަންއަމާންކަމަށް ޚަލަލެއް ނާންނާނެ ދަރަޖައަށް، އީރާނާއެކު ވިޔަފާރީގެ ގުޅުންތައް ހަނިކުރަންވާނެއެވެ. އަދި އީރާނާއެކުގައިވާ ޢަސްކަރީ ނުވަތަ ޖާސޫސީ ހުރިހާ ގުޅުންތައް ކަނޑާލަންވާނެއެވެ.

2. މިހާރު ޤަޠަރުގައި ހަދަމުންދާ، ތުރުކީވިލާތުގެ ޢަސްކަރީ ޤާޢިދާ މިހިނދުން މިހިނދަށް ބަންދުކުރަންވާނެއެވެ. އަދި ތުރުކީވިލާތާއެކު އެއްވެސް ޢަސްކަރީ އެކުވެރިކަމެއް ޤަޠަރުގެ ބިމުގައ ހިންގުން ހުއްޓާލަންވާނެއެވެ.

3. އެންމެހައި ޓެރަރިސްޓް ޖަމާޢަތްތަކާއި، މަޒުހަބީ ގުރޫޕުތަކާއި، އައިޑިއޮލޮޖީތައް ތަމްސީލުކުރާ ފަރާތްތަކާ ގުޅުންކަނޑާލިކަން ޤަޠަރުން އިޢުލާންކުރަންވާނެއެވެ. އޭގެ އެންމެ ކުރީ ސަފުގައި، އަލްއިޚުވާނުލް މުސްލިމޫން ޖަމާޢަތާއި، ދާޢިޝާއި، އަލްޤާޢިދާއާއި، (ކުރީގެ ޖަބްހަތުއް ނުޞްރާ މިހާރުގެ) ފަތުޙުއްޝާމާއި، ޙިޒުބުﷲ ހިމެނެއެވެ. އެއީ، ޓެރަރިސްޓުން ކަމުގައި ކަނޑައަޅަންވާނެއެވެ. އަދި ޤަޠަރާ ގުޅުން ކަނޑާލި (އިސް) ހަތަރު ޤައުމުން އިޢުލާންކޮށްފައިވާ ޓެރަރިސްޓުންގެ ލިސްޓުތަކަށް އެ ޖަމާޢަތްތައް އިތުރުކޮށް، ޤަޠަރުން އެ ލިސްޓުތައް ޤަބޫލުކުރަންވާނެއެވެ. އަދި މުސްތަޤުބަލުގައި އިޢުލާންކުރާ ޓެރަރިސްޓުންގެ ލިސްޓުތައް ވެސް ޤަބޫލުކުރަންވާނެއެވެ.

4. ޓެރަރިސްޓު ޖަމާޢަތްތަކަށް ނުވަތަ ޓެރަރިސްޓުންނަށް ނުވަތަ ހައްދުފަހަނަޅާފައިވާ ފަރާތްތަކަށް ޤަޠަރުން ދެމުންދާ އެންމެހައި މާލީ އެހީތައް ހުއްޓާލަންވާނެއެވެ. އަދި، ފިޔަވަޅުއެޅި ހަތަރު ޤައުމުގެ ލިސްޓުތަކުގައިވާ އެފަދަ ފަރާތްތަކާއި، ޔޫއެސްއޭއާއި، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ލިސްޓްތަކުގައިވާ އެފަދަ ފަރާތްތަކަށް ދެމުންގެންދާ މާލީ އެހީތައް ވެސް ހުއްޓާލަންވާނެއެވެ.

5. ފިޔަވަޅުއެޅި ހަތަރު ޤައުމުން ބޭނުންވާ އެންމެހައި ޓެރަރިސްޓުން، ޤަޠަރުން އެ ޤައުމުތަކާ ޙަވާލުކުރަންވާނެއެވެ. އަދި ޔޫއެސްއޭއާއި، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ލިސްޓްތަކުގައިވާ ޓެރަރިސްޓުން ވެސް ޙަވާލުކުރަންވާނެއެވެ. އަދި އެފަރާތްތައް ޙަވާލުކުރެވެންދެން، އެފަރާތްތަކާއި، އެފަރާތްތަކުގެ އުފުލޭ މިލްކިއްޔާތާއި، ނޫފުލޭ މިލްކިއްޔާތު ހިފަހައްޓަންވާނެއެވެ. އަދި މުސްތަޤުބަލުގައި އެފަދަ އެއްވެސް ފަރާތެއް ޤަޠަރަށް އެތެރެވިޔަދީގެން ނުވާނެއެވެ. އެފަރާތްތަކާބެހޭ ގޮތުން އޮޅުންފިލުވަން ބޭނުންވާ ކޮންމެ މަޢުލޫމާތެއް ދޭންވާނެއެވެ. ޚާއްޞަކޮށް، އެފަރާތްތަކުގެ ދަތުރުފަތުރާއި، ޤާއިމުވެތިބުމާއި، މާލީ މަޢުލޫމާތެވެ. އަދި ޤަޠަރާ ގުޅުންކަނޑާލުމުން ޤަޠަރު ނެރުނު އެންމެން އެމީހުންގެ ރަށްވެހި ޤައުމުތަކަށް ފޮނުވައިދޭންވާނެއެވެ.

6. އަލްޖަޒީރާ ޓީވީގެ ހުރިހާ ޗެނަލްތަކަކާއި، އެއާ ގުޅިފައިވާ ހުރިހާ ޗެނަލްތަކެއް ބަންދުކުރަންވާނެއެވެ.

7. ޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ޤަޠަރުން ވަދެގެން ނުވާނެއެވެ. އަދި ޤައުމުތަކުގެ ޚާރިޖީ މަޞްލަޙަތާ ވެސް ޤަޠަރުން ބެހިގެން ނުވާނެއެވެ. އަދި ހަތަރު ޤައުމުންކުރެ ޤައުމެއްގެ ރަށްވެހިކަން ލިބިފައިވާ އެއްވެސް މީހަކަށް، ޤަޠަރުގެ ރަށްވެހިކަން ދިނުން މަނާކުރަންވާނެއެވެ. އަދި އެ ޤައުމުތަކުގެ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކުރިން ޤަޠަރުގެ ރަށްވެހިކަން ދީފައިވާ އެންމެން އެމީހުންގެ ޤައުމުތަކަށް ފޮނުވުމާއެކު، ޤަޠަރުގެ ރަށްވެހިކަން ދީފައިވާ އެފަދަ އެންމެންގެ ލިސްޓެއް އެއިން ކޮންމެ ޤައުމަކަށް ދޭންވާނެއެވެ. އަދި އެ ހަތަރު ޤައުމުގެ ސަރުކާރުތަކާ އިދިކޮޅު ފަރާތްތަކާ މުޅިން ގުޅުން ކަނޑާލަންވާނެއެވެ. އަދި ޤަޠަރާ އެފަރާތްތަކާ ދެމެދުގައި ހިނގާފައިވާ މުޢާމަލާތްތަކުގެ ލިޔެކިއުން (ހެކި) ހިމެނޭ ހުރިހާ ފައިލުތަކެއް އެ ޤައުމުތަކާ ޙަވާލުކުރަންވާނެއެވެ.

8. ފާއިތުވެދިޔަ އަހަރުތަކުގައި ޤަޠަރުގެ ސިޔާސަތުގެ ސަބަބުން، މީހުންނަށް ލިބުނު ގެއްލުންތަކަށާއި، ހަތަރު ޤައުމަށް ލިބުނު ގެއްލުންތަކަށާއި، ޙާޞިލުނުކުރެވުނު ކަންތައްތަކުގެ ބަދަލު ދޭންވާނެއެވެ. މިކަން ކުރާނެ ގޮތެއް ކަނޑައަޅާނީ، ޤަޠަރާއެކު ސޮއިކުރެވޭ އެއްބަސްވުމެއްގައެވެ.

9. ޤަޠަރަކީ، ގަލްފުގެ ޤައުމުތަކާއި، ޢަރަބި ޤައުމުތަކާއެކު، އެންމެހައި މައިދާނެއްގައި (ޢަސްކަރީ، ސިޔާސީ، އިޤުތިޞާދީ، އިޖުތިމާޢީ، ސަލާމަތީ) އެމުނިއެކުލެވޭ ޤައުމެއްކަމުގައި ވާންވާނެއެވެ. އެއީ، ގަލްފުގެ ޤައުމުތަކާއި، އެހެން ޢަރަބި ޤައުމުތަކުގެ ޤައުމީ ސަލާމަތް ކަށަވަރުކުރުމަށްޓަކައެވެ. އަދި 2013 ވަނަ އަހަރު ރިޔާޟުގައި ވެވުނު އެއްބަސްވުމަށް ޤަޠަރުން ޢަމަލުކުރަންވާނެއެވެ. އަދި 2014 ވަނަ އަހަރު ރިޔާޟުގައި އެއްބަސްވެވުނު ތަކުމީލީ އެއްބަސްވުމަށް ވެސް ޢަމަލުކުރަންވާނެއެވެ.

10. ޤަޠަރުން ވާގިވެރިވި އިދިކޮޅު ފަރާތްތަކާބެހޭ ހުރިހާ މަޢުލޫމާތެއް ދިނުމާއި، އަދި އެފަރާތްތަކަށް ޤަޠަރުން ދީފައިވާ އެހީގެ ބާވަތްތައް ސާފުކޮށް ބުނެދޭންވާނެއެވެ.

11. ސީދާ ގޮތެއްގައި ނުވަތަ ނުސީދާ ގޮތެއްގައި ޤަޠަރުން އެހީތެރިކަން ފޯރުކޮށްދޭ އެންމެހައި މީޑިއާތަކެއް ބަންދުކުރަންވާނެއެވެ. އެފަދަ މީޑިއާތަކުގެ މިސާލަކީ، މަވާޤިޢު ޢަރަބީ 21، ރަޞްދު، އަލްޢަރަބީ އަލްޖަދީދު، މުކައްމިލީން، ޝަރުޤު، މިޑްލް އީސްޓް ..... ފަދަ މީޑިއާތަކެވެ. މިއީ ހުރިހާ މީޑިއާތަކެއް ނޫނެވެ. މިއީ ހަމައެކަނި މިސާލެއްގެ ގޮތުން ބަޔާންކުރި މީޑިއާތަކެކެވެ.

12. މި ހުރިހާ މަޠުލަބުތައް ހުށަހަޅާތާ 10 (ދިހަޔެއް) ދުވަހުގެ ތެރޭގައި މި މަޠުލަބުތަކަށް އެއްބަސްވާންވާނެއެވެ. އެހެން ނޫންނަމަ، މި މަޠުލަބުތައް ބާޠިލުވާނެއެވެ.

13. އެއްބަސްވުމުގައި، ސާފުކޮށް އޮޅުންފިލާނެހެން ލަނޑުދަނޑިތަކާއި، ތަންފީޒުކުރާނޭ ގޮތް ބަޔާންކުރެވޭނެއެވެ. އެއްބަސްވުން ޤާއިމުކުރުމަށްފަހު، ފުރަތަމަ އަހަރު ކޮންމެ މަހަކު (ޤަޠަރާބެހޭ) ރިޕޯޓެއް ތައްޔާރުކުރަންވާނެއެވެ. ދެވަނަ އަހަރު ކޮންމެ ތިންމަހުން އެއްމަހު ރިޕޯޓެއް ތައްޔާރުކުރަންވާނެއެވެ. އަދި އެއަށްފަހު ދިހަ އަހަރުދުވަހުގެ މުއްދަތަށް ކޮންމެ އަހަރަކު އެއްފަހަރު ރިޕޯޓެއް ތައްޔާރުކުރަންވާނެއެވެ.


ތާރީޚު: 23 ޖޫން 2017
http://www.hawamer.com/vb/showthread.php?t=2111846