ސިއްރު ޑައިރީ


1.
ޖޫނަކުން ނުވަޔެއް ދެހާސް ދިހަ، ކަމުގަވީ ތާރީޚުގައިތާ!
ހޫނަކަށް ބްރެޒިލްގެ އަހުލުން، ނުކުމެލީ ފިނި މޫސުމަށްތާ!

2.
ސިފަވަނީ ޕަރަނާގެ މަގުތައް، ގޮއްފުޅަނގި ޠޫފާނަކާތާ!
އެފަދައެއް ނެތް ބާރުވެރިކަން، ރައްޔިތުން ދައްކާލުމުންތާ!

3.
މަނަހުގައި އެއުރެން ފަވައިލީ، ވިޔަކުރަން ފަސްވަޅު ޔަޤީންކޮށް،
ފަނަރަ ސަހަރުން ފިނިވަޔާއެކު، ހާސް ތިރީހަށްވުރެ ގިނައިންތާ!

4.
ދޫތަކުން އިއްވާ ޝުޢޫރީ، ދެއްކުމަށް ދެފުށުގެ ނަޒާހަތް،
މޫތަކުން ލުހެލަން ކޮރަޕްޝަން، ރަށުގެ މިޔުޒިކު ކުޅެލަމުންތާ!

5.
ދައްކަމުން ފޭރާން ސަގާފީ، ހޫރަމުން ބްރެޒިލްގެ ދިދަތައް،
އިއްވަމުން ޤައުމީ ތަރާނާ، އުފުލަނީ އެއުރެންގެ އަޑުތާ!

6.
ހުވަނދަކުން ފެވިފައި ވެޔޭ ބަސް، ދަރިވަރަކު ބުނި މޮޅު ޤަލަމަކަށް:
"ދުވަހަކީ މީ ހެޔޮ ބަދަލަކަށް، ޤައުމު ބިންގާ އެޅި ދުވަސްތާ!"

7.
ބަދަލުވީ ތާރީޚަކަށް ވީ، އެ ދުވަހޭ ޕަރަނާގެ ތާރީޚު،
މަދަދުވެރި ޢިބްރަތް ކަތުންނަށް، ވީ އެދުހު ހިނގި ކަންކަމުންތާ!

8.އެދުމަކަށް އިޞްލާޙު ނެރުނީ، ފުއްދުމަށް މުހުތާދު ޤައުމަށް،
އެދުހު އެއްވުން ހިންގުވައިލީ، "ސީކްރެޓް ޑައިރީސް" ކަމުންތާ!

9.
ބިއްރު އެދި ކޮލްބަކް، ރިއެލްގެބް، ކާޓިއާ، އަލްބާޓި އެކުގައި،
ސިއްރުތައް ބޭޒާރުކޮށްލީ، ހިންމަތުން ޤަލަމުގެ ވެރިންތާ!

10.
މާމަގަށް އެއުރެން ގެނެސްދިން، ޙައްޤު ތަޙުޤީޤުގެ އުސޫލުން،
ހާމަވީ ޤާނޫން ހަދަން އޮތް، މަޖިލިހުންކުރި ކުށްތަކެއްތާ!

11.
މަހު މުސާރަ ޢިނާޔަތާއެކު، ދީފަވީ ކަށްހަށިތަކަށް ވެސް،
ފަހުލަވާނުންނަށް ނުވެސްވާ، ދޭ މަގުން ތަރުތީބުކޮށްތާ!

12.
ދޭ އަތުން ދޭކަން އެފައިސާ، ދަފުތަރެއްގައި ލިޔެފަ ވިޔަކަސް،
ދޭ އަތާއި ޖީބަށް އެ ފައިސާ، އެނބުރި އުފުލޭކަން ހަމަ ޔަޤީންތާ!

13.
މިލިޔަނަށްވުރެ ގިނަ ޑޮލަރުތައް، ދައުލަތަށް ގެއްލުންވެފައިވާ،
މިލިކަމަށް ސާބިތުވެ އެނގުނީ، ބޭންކުގައިވާ ފަތްފުށުންތާ!

14.
ތުހުމަތަށް ތަޙުޤީޤު ހިންގައި، މުޖުރިމުން ކަސްތޮޅުއަޅައިލީ،
މުހުލަތެއް ފިލުމަށް ނުދީ ޖެހި، ކުށްހިފާ ދަންތުރަތަކުންތާ!

15.
ވަހުމުގައި ވީހައި ވަޒީފާ، ބަޖެޓަކުން އުނިކޮށް ކިރީމާ،
ރަޙުމު ކުރުމަށް ވީ ޖަމާޢަތް، ހާހަކަށްވުރެ މަދުވަނީތާ!

16.
ފޮނި ނަތީޖާތައް ޖަމާވީ، ދައުލަތަށް މިލިޔަންތަކުންނޭ،
އުނިނުވާނޭހެން އެތާނގައި، ޑޮލަރު ޖެހި ފުނިފުނިތަކުންތާ!

17.
އެމެރިކަން ލެޓިނުން ހޮވައިގެން، ދޭ އެވޯޑް އިންވެސްޓިގޭޓިވް،
ޙައްޤުވީ ހިންމަތްތެރިންނަށް، އާދެ، އެ ހަތަރު ނޫސްވެރިންތާ!

18.
ދެއްކުމީ ދެފުށުގެ ނަޒާހަތް، ލައްކަ ބޭނުންތެރި ކަމެއްކަން،
ދައްކަނީ ހުރިހާ ކަތުންނަށް، މީޑިއާ ދުޅަހެޔޮކަމުންތާ!

19.
ހެޔޮ ބަދަލު އެކަމުން ލިބޭކަން، ސިއްރު ޑައިރީން ސާބިތޭވީ!
ހެޔޮނުވާނޭ މީޑިއާގައި، ތަޅުލުމަށް މަރު އަސްތައަސްތާ!

20.
ނަމަވިޔަސް ފަލަކުގެ މަތީގައި، މީޑިއާ އޮތުމަށް އެދެންޏާ،
ހަމަމަގުން ޤާނޫނު ދައްކާ، އިމުތެރޭގައި ވާންޖެހޭތާ!

21.
ޅެންބަހުން ގިލަފަތި ގަތައިލީ، ސީކްރެޓް ޑައިރީގެ ލާލުން،
އެންމެނަށް ޢިބްރަތް ލިބޭތޯ، ކޮރަޕްޝަން ނެއްތައިލުމަށްތާ!


ނޯޓް:
މިއީ، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ "ސިއްރު ޑައިރީ" ގެ މައްޗަށް ބިނާކޮށްގެން ހަދާފައިވާ ޅެމެކެވެ. (4 ނޮވެންބަރު 2017)

މަޞްދަރު:
https://acc.gov.mv/details/7577

ފޮޓޯގެ މަޞްދަރު:
http://www.gazetadopovo.com.br/ra/mega
/Pub/GP/p3/2011/10/17/VidaPublica
/Imagens/premio091042.jpg