މެދުއިރުމަތީގައިވާ ޔޫއެސްއޭގެ ޢަސްކަރީ ސަންތު


"އަލްޢުދައިދު ޤާޢިދާ" އަކީ، ޤަޠަރުގެ ވެރިރަށް ދައުޙާގެ ހުޅަނގު ދެކުނުގައި، އެ ސަހަރާ 30 ކިލޯމީޓަރު ދުރުގައިވާ ޢަސްކަރީ ޤާޢިދާއެކެވެ. އެ ޤާޢިދާއަށް އިނގިރޭސި ބަހުން ކިޔާ އާންމު ނަމަކީ، (Al Udeid Air Base) އެވެ. މި ނަމުގެ ޢަރަބި ތަރުޖަމާއަކީ، (قاعدة العديد الجوية) އެވެ. ޢަރަބި ސަގާފަތުގައި އެ ޤާޢިދާ މަޝްހޫރުވެފައިވަނީ، "މަޠާރު އަބޫ ނަޚުލާ" (مطار أبو نخلة) ގެ ނަމުންނެވެ. އެ ޤާޢިދާގައި ޤަޠަރާއި ޔޫއެސްއޭގެ އެއަރ ފޯސް އާއި، ޢިރާޤު ހަނގުރާމައިގައި ބައިވެރިވި ޢަސްކަރިއްޔާތައް ހިމެނޭ ކޯލިޝަނުގެ ޢަސްކަރީ ސާމާނާއި، އާލަތްތަކާއި، އެސެޓްތައް ހިމެނެއެވެ. އަދި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ކޮމާންޑް ސަންތުތަކުގެ މައިއިދާރާތައް (Headquarters) އެ ޤާޢިދާގައި ވެއެވެ. (USAF) ގެ 379 ވަނަ ވައިފާރަގިމަތައިގެ އިތުރުން، އިނގިރޭސިވިލާތުގެ 83 ނަންބަރު (RAF) ގުރޫޕުގެ ވައިފާރަގިމަތަ ވެސް ހިމެނެއެވެ. 1991 ވަނަ އަހަރު، ޤަޠަރުގެ ކުރީގެ އަމީރު (މިހާރުގެ އަމީރު ޝައިޚު ތަމީމުގެ ބައްޕާފުޅު) ޝައިޚު ޙަމަދު ވިދާޅުފައިވަނީ، "އަލްޢުދައިދު ޤާޢިދާ" ގައި، އެމެރިކާގެ ޢަސްކަރިއްޔާގެ 10000 (ދިހަ ހާސް) ސިފައިން ދާއިމީ ގޮތެއްގައި ތިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އަލްޢުދައިދު ޤާޢިދާގައި، ބޮންއަޅާ މަތިންދާބޯޓާއި، ޕައިލެޓަކާ ނުލައި އުދުއްސާ ޖާސޫސީ މަތިންދާބޯޓާއި، ހަނގުރާމަތީ އެހެނިހެން ބާވަތްބާވަތުގެ މަތިންދާބޯޓުތައް ވެއެވެ. އޭގެ އިތުރުން ޓޭންކަރުތަކާއި، ބޮޑުބަޑިއާއި، ޢަސްކަރީ މައިދާނުގައި ބޭނުންކުރެވޭ އެންމެ ފަހުގެ ޒަމާނީ އާލަތްތައް ވެސް ވެއެވެ. އަދި އެތަކެތި މަރާމާތުކުރުމަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ވެސް ވެއެވެ. އެ ޤާޢިދާގައިވާ އާދަޔާޚިލާފު އެއް ޢުންޞުރަކީ، ރަންވޭއެވެ. އެތާނގައި 100 އަށްވުރެ ގިނަ މަތިންދާބޯޓު ޖެއްސުމުގެ ތަނަވަސްކަން ވެއެވެ. އެހެންކަމުން ބައެއް ޢަސްކަރީ ތަޖުރިބާކާރުން ސިފަކޮށްފައިވަނީ، އަލްޢުދައިދު ޤާޢިދާއަކީ، ގަލްފު ސަރަޙައްދުގައިވާ އެމެރިކާގެ ޢަސްކަރިއްޔާގެ އެންމެ ބޮޑު ޚަޒާނާ ކަމަށެވެ. އަސްފަލްޓް (Asphalt) އިން ސަޠުޙު ހަދާފައިވާ އެ ރަންވޭގެ ދިގުމިނަކީ، 3750 މީޓަރ (12303 ފޫޓު) އެވެ. ބައެއް މަޞްދަރުތައް ބުނާ ގޮތުގައި، އެ ޤާޢިދާގައިވާ ރަންވޭގެ ދިގުމިނަކީ، 5 ކިލޯމީޓަރު (5000 މީޓަރު) އެވެ. އަދި އެއީ ގަލްފުގައިވާ އެންމެ ދިގު ރަންވޭ ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ.

އަލްޢުދައިދު ޤާޢިދާގެ ވެރިފަރާތަކީ، ޤަޠަރުގެ އެއަރފޯސްއެވެ. އެހެނަސް އެ ޤާޢިދާ ހިންގައި ބަލަހައްޓަނީ، ޔޫއެސްއޭގެ އެއަރ ފޯސް (United States Air Force) އިންނާއި، އިނގިރޭސިވިލާތުގެ ރޯޔަލް އެއަރ ފޯސް (Royal Air Force) އިންނާއި، ޤަޠަރުގެ އެއަރފޯސް އިންނެވެ.

ތާރީޚީ ނަޒަރަކުން ބަލާއިރު، އަލްޢުދައިދު ޤާޢިދާ އުފެދުނީ، "ޞަޙަރާގެ ކޮޅިގަނޑު" (عاصفة الصحراء)، (Desert Storm) ގެ ނަންދެވިފައިވާ ގަލްފުގެ ދެވަނަ ހަނގުރާމައަށްފަހު، ޔޫއެސްއޭއާއި، ޤަޠަރާ ދެމެދުގައި ޤާއިމުކުރެވުނު ދިފާޢީ އެއްބަސްވުމެއްގެ ދަށުންނެވެ. 1996 ވަނަ އަހަރު، އެ ޤާޢިދާ އާރާސްތުކުރުމަށްޓަކައި ޤަޠަރުން އެއް ބިލިއަން ޑޮލަރަށްވުރެ ބޮޑު ހޭދައެއް ކޮށްފައި ވެއެވެ. ޔޫއެސްއޭއިން ވަނީ، 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައި، އަފުޣާނިސްތާނަށް ޙަމަލާދިނުމަށްޓަކައި، އެ ޤާޢިދާގެ ބޭނުން ސިއްރިޔާތުގައި ކޮށްފައެވެ.

ރަސްމީ ސިފައެއްގައި އަލްޢުދައިދު ޤާޢިދާއަށް އިޢުތިރާފުވެވުނީ، 2002 ވަނަ އަހަރުގެ މާޗުމަހުގެ ތެރޭގައި، ނައިބުރައީސް (Dick Cheney) ގަލްފަށް ކުރެއްވި ދަތުރުފުޅެއްގައި، ނޫސްވެރިންނާ އެކު އެތާނގައި ބޭއްވެވި ބައްދަލުވުމެއްގައެވެ. އެމެރިކާއިން ޢިރާޤާ ދެކޮޅަށް ކުރި ހަނގުރާމަ ފެށުނުތާ މާގިނަ ދުވަސްތަކެއް ނުވަނީ، 2003 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި، ސަޢޫދިއްޔާގެ "އަލްއަމީރު ސުލްޠާން ޤާޢިދާ" (قاعدة الأمير سلطان الجوية)، (Prince Sultan Air Base) އިން ޤަޠަރުގެ "އަލްޢުދައިދު ޤާޢިދާ" އަށް ބަދަލުކުރެވުނެވެ. އޭގެ ކުރިން މެދުއިރުމަތީގައި އެމެރިކާގެ ޢަސްކަރީ އޮޕަރޭޝަންތައް ހިންގަމުން ގެންދިޔައީ، ސަޢޫދިއްޔާގައިވާ "އަލްއަމީރު ސުލްޠާން ޤާޢިދާ" އިންނެވެ.

އެއަށްފަހު، އެމެރިކާއިން މެދުއިރުމަތީގައި ހިންގާ ޢަސްކަރީ އޮޕަރޭޝަންތަކުގެ ކޮމާންޑުތަކުގެ ސަންތު ކަމުގައި ވެފައިވަނީ، ޤަޠަރުގެ އަލްޢުދައިދު ޤާޢިދާއެވެ. އެ ޤާޢިދާއިން ނެރުނު ޢަސްކަރީ އަމުރުތައް، ޢިރާޤާއި، އަފުޣާނިސްތާނުގައި ވެސް ހިންގިފައި ވެއެވެ. އެމެރިކާގެ ޢަސްކަރިއްޔާއަށް ޤަޠަރުން އަދާކުރަމުންދަނީ ވަރަށްވެސް ބޮޑު މެހުމާންދާރީއެކެވެ. އެކަމުގެ ސަބަބުން ޤަޠަރު އޮތީ، ޓެރަރިސްޓް ޙަމަލާތަކުން މިންޖުވެފައި ކަމަށް ބުނެވެއެވެ. ނަމަވެސް ޤަޠަރުގެ މައްޗަށް، ޓެރަރިޒަމަށް ވާގިވެރިވުމުގެ ތުހުމަތުކުރެވުމާ ވިދިގެން، ޤަޠަރުގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރއާއި، އެމެރިކާގެ ޢަސްކަރިއްޔާއާ ގުޅުންހުރި ބިނާތަކަށް ދާންދެން ޓެރަރިސްޓް ހަމަލާއެއްގެ އަމާޒަކަށް ވެދާނެ ކަމަށް ވަނީ ބެލެވިފައެވެ. އޭގެ ތެރޭގައި، އަލްޢުދައިދު ޤާޢިދާ ވެސް ހިމެނޭ ކަމަށް ޚަބަރުތައް ވަނީ އަޑުއަރާފައެވެ. އެއާވިދިގެން، ޔޫއޭއީއިން ވަނީ، އެމެރިކާއިން ބޭނުން ކަމަށްވަނީނަމަ، ޤަޠަރުގެ އަލްޢުދައިދު ޤާޢިދާ، ޔޫއޭއީއަށް ބަދަލުކުރެވިދާނެ ކަމުގެ ރުހުން ފާޅުކޮށްފައެވެ. އެހެނަސް އެމެރިކާގެ މަސްއޫލުވެރިންނާއި، ޢަސްކަރިއްޔާގެ އިސްވެރިން ވަނީ، އެކަން އެއްފަރާތްކޮށްފައެވެ. އެބޭފުޅުން ކަށަވަރުކޮށްދެއްވާ ގޮތުގައި، ޤަޠަރުގެ އަލްޢުދައިދު ޤާޢިދާއަކީ، އެމެރިކާގެ ޢަސްކަރިއްޔާއިން ޢިރާޤާއި ސީރިޔާގައި ހިންގާ ޢަސްކަރީ އޮޕަރޭޝަންތަކުގައި ގުޅިފައިވާ ލަޝްކަރުތަކުން ބޭނުންކުރާ ހަނގުރާމަމަތީ މަތިންދާބޯޓުތަކުގެ އުދުހުމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ.

އަލްޢުދައިދު ޤާޢިދާގެ އިތުރުން، ޤަޠަރުގެ ވެރިރަށް ދައުޙާއާ ދާދި ކައިރީގައިވާ "އައްސަލިއްޔާ ޤާޢިދާ" (قاعدة السيلية)، (As Sayliyah Army Base) ވެސް އެމެރިކާގެ ޢަސްކަރިއްޔާއިން ބޭނުންކުރެއެވެ. 2000 ވަނަ އަހަރު އިފުތިތާޙުކުރެވުނު އެ ޤާޢިދާގައި، ގިނަ ޢަދަދެއްގެ ޢަސްކަރީ ސާމާނާއި، އާލަތްތައް އެމެރިކާގެ ޢަސްކަރިއްޔާއިން ޚަޒާނާކޮށްފައި ވެއެވެ.

އަލްޢުދައިދު ޤާޢިދާގައި ޔޫއެސްއޭގެ ޢަސްކަރިއްޔާއިން އޮޕަރޭޝަންތައް ހިންގަމުންގެންދަނީ ފުރިހަމަ މިނިވަންކަމާއެކުގައެވެ. އެކަމަށްޓަކައި އެއްވެސް ކުއްޔެއް ނުވަތަ އުޖޫރައެއް، ޔޫއެސްއޭއިން ޤަޠަރަށް ނުދައްކައެވެ. ރެއާއި ދުވާލުގެ 24 ގަޑިއިރުގެ ތެރޭގައި ކޮންމެ 10 މިނެޓަކީ، އެ ޤާޢިދާއިން ހަނގުރާމަމަތީ މަތިންދާބޯޓެއް އުދުއްސާލާ ހިނދުކޮޅެކެވެ. އެއިން ކޮންމެ މަތިންދާބޯޓެއް، ޢިރާޤާއި ސީރިޔާ ފަދަ ޤައުމުތަކުގެ ޖައްވުގައި އެތައް ޢަސްކަރީ އޮޕަރޭޝަންތަކެއް ހިންގައެވެ.

މިހާރު އެ ޤާޢިދާގައިވާ ހަނގުރާމަމަތީ މަތިންދާބޯޓުތަކުގެ ޢަދަދަކީ، 120 އެވެ. އޭގެ ތެރޭގައި ބީ1 މަރުކާގެ މަތިންދާބޯޓާއި، ޕައިލެޓަކާ ނުލައި ދުއްވާ ޖާސޫސީ މަތިންދާބޯޓާއި، ބީ52 ގެ ދުރުރާސްތާއަށް ދަތުރުކުރާ މަތިންދާބޯޓާއި، މަތިންދާބޯޓުތަކަށް ތެޔޮއަޅައިދޭ މަތިންދާބޯޓު ވެސް ހިމެނެއެވެ. އެތަކެތި ވަނީ، އަލްޢުދައިދު ޤާޢިދާގައިވާ އެމެރިކާގެ ޢަސްކަރިއްޔާގެ 379 ނަންބަރު ގިމަތައިގެ ބެލުމުގެ ދަށުގައެވެ. އެ ޤާޢިދާގައިވާ ޢަސްކަރީންނާއި މަދަނީ މުވައްޒަފުންގެ ޢަދަދު، 11000 (އެގާރަ ހާސް) އަށް އަރައެވެ.

މިހާރު މެދުއިރުމަތީގައިވާ ޔޫއެސްއޭގެ ޢަސްކަރީ ސަންތަކީ، ޤަޠަރުގެ އަލްޢުދައިދު ޤާޢިދާ ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. އެ ސަންތު ގަލްފުގެ އެހެން ޤައުމަކަށް ބަދަލުކުރުމުގެ ވިސްނުމެއް ޔޫއެސްއޭއިން ނުގެންގުޅެއެވެ. ޤަޠަރަކީ، ގަލްފު ސަރަޙައްދުގެ މެދެވެ. އަދި އެއީ، އޭޝިއާގެ ނިސްބަތުން ބެލިކަމުގައިވިޔަސް ރަނގަޅު ޢަސްކަރީ ލޮކޭޝަނެއްގައިވާ ޤައުމެކެވެ. ތެލާއި ޤުދުރަތީ ގޭހުގެ މުއްސަނދިކަން ލިބިފައިވާ ޤައުމެކެވެ. ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ބާރުގަދަ ޢަސްކަރިއްޔާއެއް އޮތް ޤައުމެއް ނޫނެވެ. އެހެންކަމުން އެއީ ޔޫއެސްއޭއިން ބޭނުން ގޮތަކަށް ބައްޓަންކޮށްލެވެން އޮތް ކްލޭކޮޅެއް ފަދަ ޤައުމެއް ކަމުގައި މެނުވީ ނުވެއެވެ. މިފަދަ އެތައް ސަބަބުތަކަކަށްޓަކައި، ޔޫއެސްއޭގެ ޢަސްކަރިއްޔާއިން، ޤަރުގެ އަލްޢުދައިދު ޤާޢިދާ ދޫކޮށްލާނެ ކަމަކަށް ނުބެލެވެއެވެ. ޔޫއެސްއޭ އިން އެ ޤާޢިދާ ދޫކޮށްލާނެ ކަމަށް ބެލެވެން އޮތް ޙާލަތަކީ، ޤަޠަރުން ޓެރަރިޒަމަށް ވާގިވެރިވުން ހުއްޓައިނުލުމެވެ. އެ ޤާޢިދާ ދޫކޮށްނުލާހައި ހިނދަކު، ޔޫއެސްއޭއާއި، ޤަޠަރާ ދެމެދުގައި ބަދަހި ގުޅުމެއް ދެމިއޮންނާނެކަމީ، ޝައްކެއް އޮތް ކަމެއް ނޫނެވެ.


ތާރީޚު: 15 ޖޫން 2017
މަޞްދަރު:
ވިކިޕީޑިއާ.
http://www.bbc.com/arabic/middleeast-40293795
އިތުރު މަޞްދަރުތައް.