އިސްބަސް


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
الْحَمْدُ للهِ رَبِّ اْلعَالَمِيْن، وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ اْلأَنْبِيَاءِ وَالْمُرْسَلِيْن، وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن. أَمَّا بَعْدُ:

މިއީ، ބަޙުރު އީމަޖައްލާގެ 17 ވަނަ ޢަދަދެވެ. މި ޢަދަދު ވުޖޫދަށް އައިއިރު، މި މަޖައްލާގެ ޢުމުރުންވަނީ 8 އަހަރު ފުރިފައެވެ. އެ މުއްދަތުގެ ތެރޭގައި މި މަޖައްލާ ކިއުންތެރިންނާ ބައްދަލުކޮށްފައިވާނީ ދަރުމައަށެވެ. އަބަދުވެސް ހިލޭ ލިބިވަޑައިގަންނަވާނެ ދަރުމަވެތި މަޖައްލާއެއްގެ ގޮތުގައެވެ. ކީރިތިވަންތަ މާތް ﷲ ގެ ވާގިފުޅާއެކު މި މަޖައްލާ ދެމިއޮންނާނީ މިގޮތުގެ މަތީގައެވެ.

ފާއިތުވެދިޔަ ޢަދަދުތަކެކޭ އެއްފަދައިން މި ޢަދަދުގައި ވެސް ތަފާތު މައުޟޫޢުތަކަށް ލިޔެފައިވާ، ތަފާތު މަޒުމޫނުތައް ވެއެވެ. މަޒުމޫނުގެ ބައިން ފާހަގަކޮށްލެވޭ ޚާއްޞަ އެއް މަޒުމޫނަކީ، ދެ ޙަރަމްފުޅުގެ ޚާދިމު، ކިންގ ސަލްމާނު ބްނު ޢަބްދުލްޢަޒީޒާބެހޭ ގޮތުން ލިޔެފައިވާ މަޒުމޫނެކެވެ. އޭގެ އިތުރުން، ތަކުލީފުގެ މައްޗަށް އަލިއަޅުވާލާފައިވާ ސިލްސިލާ މަޒުމޫނުތަކެއް ވެސް ހިމެނެއެވެ. އެ މަޒުމޫނުތައް ލިޔެފައިވަނީ، މަތީ ތަޢުލީމުގެ ހަރުފަތްތައް ގިރާކުރައްވަމުންގެންދަވާ ދަރިވަރެއްގެ އެދިވަޑައިގަތުމަށެވެ.

16 ވަނަ ޢަދަދުގައި ފެށުނު ޢަރަބި ބަހުގެ ގެ ބަޔަށް މި ޢަދަދުގައި ލިޔުމެއް އިތުރުކޮށްފައިވާނެއެވެ. އެ ލިޔުމުގައި އަލިއަޅުވާލާފައިވާނީ، ޢަރަބި ބަހުގައި ޢަދަދާއި މަޢުދޫދު ލިޔާ ގޮތުގެ މައްޗަށެވެ.

އެހެން ޢަދަދުތަކާ ޚިލާފަށް، މި ޢަދަދުގައި މެދުއިރުމައްޗަށް އަލިއަޅުވާލާފައިވާ މަޒުމޫނުތަކެއް ވެއެވެ. އެ މަޒުމޫނުތައް ލިޔުނީ، ޢަރަބި ޤައުމުތަކަކުން ޤަޠަރު އެއްފަރާތްކޮށް، އެ ޤައުމާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލުމާ ވިދިގެންނެވެ. އޭގައި އަލިއަޅުވައިލެވޭތޯ މަސައްކަތްކޮށްފައިވާނީ، ޤަޠަރާ އެހެން ޤައުމުތަކާ ދެމެދުގައި އުފެދުނު މައްސަލައިގެ ޙަޤީޤަތް ބަޔާންކޮށްދެވޭތޯއެވެ. މިބައިން ފާހަގަކޮށްލެވޭ އެއް މަޒުމޫނަކީ، "ސަޢޫދިއްޔާއާއި ޤަޠަރުގެ ޒަމާންވީ ދެބަސްވުންތައް" މި ސުރުޚީގެ ދަށުގައި ލިޔެފައިވާ މަޒުމޫނެވެ. އަނެއް މަޒުމޫނަކީ، "ތީރާނާއި ޞަނާފީރުގެ މައްޗަށް ނަޒަރެއް" މި ސުރުޚީގެ ދަށުގައި ލިޔެފައިވާ މަޒުމޫނެވެ.

މި ޢަދަދުގެ ވާހަކައިގެ ބައިގައި ގެނެސްދީފައިވާނީ، "ޢުލޫމީ ވާހަކަ" ސިލްސިލާއިން ހަތަރު ވާހަކައެކެވެ. އެއީ، ކުޑަކުދިންނަށް ޚާއްޞަކޮށްގެން ލިޔަމުންގެންދާ ސިލްސިލާއެކެވެ. އެއިން ކޮންމެ ވާހަކައެއްގައި ވާނީ، ކޮންމެވެސް ޢިލްމީ ޙަޤީޤަތެއްގެ މައްޗަށް އަލިއަޅުވައިލާފައެވެ. އަދި ކޮންމެ ވާހަކައެއް ނިންމާފައިވާނީ، ތަރުބަވީ މެސެޖަކާއެކުގައެވެ.

ޅެމުގެ ބައިގައި ތިން ޅެން ހިމަނާފައި ވާނެއެވެ. ފުރަތަމަ ޅެމަކީ، ހުވަދޫ ބަހުން ހަދާފައިވާ ޅެމެކެވެ. ދެވަނަ ޅެމަކީ، ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ހަދާފައިވާ ޅެމެކެވެ. ތިންވަނަ ޅެމަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވެބްސައިޓުގައިވާ ލިޔުމެއްގެ މައްޗަށް ބިނާކޮށްގެން ހަދާފައިވާ ޅެމެކެވެ.

މި ޢަދަދުގެ "ފޫހިފިއްލި" ބައިގައި، އާދަކާދައިގެ މަތިން ފަސް ފޫހިފިއްލި ހިމަނާފައި ވާނެއެވެ.

ބަޙުރު އީމަޖައްލާގެ މި ޢަދަދަކީ ވެސް ތިޔަބޭފުޅުންގެ އަރިއަހުގައި މަޤުބޫލު ޢަދަދެއް ކަމުގައި ވާނެ ކަމަށް އުންމީދުކުރަމެވެ. މި މަޖައްލާއަކީ، މަޢުލޫމާތުގެ ހެޔޮ މަޞްދަރެއް ކަމުގައި މާތް ﷲ ލައްވާށިއެވެ! އާމީން!
12 ނޮވެންބަރު 2017