ތެޔޮ ވިއްކާ މީހާ ހެދި މަކަރު
އެއް ސަހަރެއްގައި، ތެޔޮ ވިއްކާ މީހެއް އުޅުނެވެ.
އޭނާގެ އަތުގައިވާ ހުރިހާ ތެލެއް ވިއްކާލުމަށްޓަކައި
އެއްދުވަހަކު މަކަރެއް ހެދިއެވެ. އެއީ، މުއްދަތު ހަމަވެ،
ތާޒާކަން ކެނޑިފައިވާ ތެލާއި، މުއްދަތު ހަމަނުވާ، ތާޒާ
މޮޅު ތެޔޮ ގަޑުބަޑުކޮށްގެން އަގުހެޔޮކޮށް ވިއްކުމެވެ.
ތެޔޮ ވިއްކާ މީހާ، މާ އަގުހެޔޮކޮށް ތެޔޮ ވިއްކާ ކަމަށް
އިޝްތިހާރުކުރުމުން، އޭނާގެ އަތުގައިވާ ހުރިހާ ތެލެއް، އެ
ރަށުގައި އުޅޭ ސައިބޯނި ހަދާ މީހާ ގަތެވެ. ދެން އޭނާ އެ
ތެޔޮ ބޭނުންކޮށްގެން ސައިބޯނި ހެދިއެވެ. އަދި ތެޔޮ ވިއްކާ
މީހާ މާ އަގުހެޔޮކޮށް ތެޔޮ ވިއްކި ކަމަށްޓަކައި، އޭނާއަށް
ދެތިން ސައިބޯނި ހަދިޔާކުރިއެވެ.
ތެޔޮ ވިއްކާ މީހާ، އެ
ސައިބޯނި ބޭނުންކުރުމުން އޭނާގެ ގައިގެ ހަމަށް ބައްޔެއް
ޖެހުނެވެ. އެ ބައްޔަށް ޝިފާއެއް ނުލިބުމުން، ސައިބޯނި
ވިއްކާ މީހާ ގޮވައިގެން ޝަރީޢަތަށް ދިޔައެވެ.
ޤާޟީ
މައްސަލަ ބެއްލެވިއެވެ. އަދި ސައިބޯނި ތަޙުލީލު
ކުރެއްވުމަށްޓަކައި ތަޖުރިބާކާރުންނާ ޙަވާލުކުރެއްވިއެވެ.
ތަޖުރިބާކާރުން އެ ތަޙުލީލުކުރެއްވުމަށްފަހު، އެއާބެހޭ
ގޮތުން ތައްޔާރުކުރެއްވި ރިޕޯޓު، ޤާޟީއަށް ފޮނުއްވިއެވެ.
ސައިބޯނީގެ ތަޙުލީލީ ރިޕޯޓު ބެއްލެވުމަށްފަހު،
ޝަރީޢަތުގެ މަޖިލީހުގައި ޤާޟީ ވިދާޅުވިއެވެ.
"ސައިބޯނި
ހެދުމަށް ބޭނުންކޮށްފައިވާ އެންމެ މާއްދާއެއް ފިޔަވައި
އެހެން ހުރިހާ މާއްދާތަކެއް ރަނގަޅެވެ. ގަނޑުބަޑުވެ
ހަލާކުވެފައިވާ މާއްދާއަކީ ތެލެވެ."
އެ ހިނދު
ސައިބޯނި ހަދާ މީހާ ބުންޏެވެ.
"ތިމަންނަ ތިޔަ ސައިބޯނި
ހެދުމުގައި ބޭނުންކޮށްފައިވާނީ، މި ތެޔޮ ވިއްކާ މީހާގެ
އަތުން އަގުހެޔޮކޮށް ގަތް ތެލެވެ."
މިހާހިސާބުން
ޤާޟީއަށް މައްސަލަ އެނގިވަޑައިގަތެވެ. އަދި ސައިބޯނި
ވިއްކާ މީހާއަށް ވެސް، ކުށްވެރިޔަކީ އޭނާކަން
އޮޅުންފިލިއެވެ. ދެން އޭނާ ދުވަހަކު ވެސް ތެލަށް މަކަރު
ނުހެދުމަށް ވަޢުދުވެ، އެ ހިސާބުން އެ މައްސަލަ އަނބުރާ
ގެންދިޔައެވެ.