މަޑިކިލަނބު
މަޑިކިލަނބަކީ، ތަރިތަކުގެ ބިޔަ ގްރޫޕެކެވެ.
މަޑިކިލަނބެއްގައިވާ ތަރިތަކުގެ ޢަދަދު އެތައް
ބިލިއަނަކަށް އަރައެވެ. އަދި ކައުނުގައިވާ މަޑިކިލަނބުތައް
ޢަދަދުނުކުރެވޭހައި ގިނައެވެ. މަޑިކިލަނބުތައް ވަނީ
ގްރޫޕްތަކެއްގެ ސިފައިގައި ބައިބަޔަށް ޖަމާވެފައެވެ. އޭގެ
ތެރެއިން އެއް ގްރޫޕަކީ، މިލްކީވޭ މަޑިކިލަނބު ހިމެނޭ
ގްރޫޕެވެ. އެ ގްރޫޕަށް ކިޔަނީ، "ލޯކަލް ގްރޫޕް" (Local
Group) އެވެ. އެ ގްރޫޕްގައި 54 މަޑިކިލަނބު ވެއެވެ. އެ
ގްރޫޕްގެ ސަންތު ވަނީ، އެންޑްރޯމެޑާ މަޑިކިލަނބާއި
މިލްކީވޭ މަޑިކިލަނބާ ދެމެދުގައެވެ. އެންޑްރޯމެޑާ
މަޑިކިލަނބާ އަޅުގަނޑުމެންނާ ދެމެދުގައިވާ ދުރުމިނަކީ
ގާތްގަނޑަކަށް، 2.5 މިލިއަން އަލިއަހަރެވެ.
ފަޒާގެ
ތެރެއިން ލޯކަލް ގްރޫޕް ހިމެނޭ ތަނުގެ ދިގުހުރަހުގައި 10
މިލިއަން އަލިއަހަރު ވެއެވެ. އެ ގްރޫޕްގައިވާ އެންމެ
މުހިންމު ދެ މަޑިކިލަނބަކީ، މިލްކީވޭ އާއި، މިލްކީވޭ
އަށްވުރެ ބޮޑު އެންޑްރޯމެޑާ އެވެ. ލޯކަލް ގްރޫޕް ހިމެނެނީ،
އެއަށްވުރެ މާބިޔަ އެހެން ކޯންޏެއްގެ ތެރޭގައެވެ. އެއީ،
މަޑިކިލަނބުގެ ސަތޭކަ އަށްވުރެ ގިނަ ގްރޫޕް ހިމެނޭ ބިޔަ
ކާންޏަ ކޯންޏެވެ. އިނގިރޭސިބަހުން އެއަށް ކިޔަނީ (Virgo
Supercluster) އެވެ. ޢަރަބިބަހުން ކިޔަނީ (عُنُقُودُ
مَجَرَّاتِ اْلعَذْرَاءِ اْلعَظِيْمِ) އެވެ.
މިލްކީވޭ
މަޑިކިލަނބު ފިޔަވައި، ދުނިޔޭގައި ތިބެގެން ބަލާއިރު
ފެންނަ އެތެރެވަރީގެ ފުރަތަމަ މަޑިކިލަނބަކީ، އެންޑްރޯމެޑާ
(Andromeda) އެވެ. މީލާދީ ސަނަތުން 964 ވަނަ އަހަރު އެ
މަޑިކިލަނބު ހޯއްދެވީ، މުސްލިމު ފަލަކީ ޢިލްމުވެރިޔާ
ޢަބްދުއްރަޙްމާނުއް ޞޫފީ އެވެ. އެއަށްފަހު، ހަމަ އެއަހަރު
އޭނާވަނީ މެގެލަން މަޑިކިލަނބު ވެސް ހޯއްދަވާފައެވެ.
ޙަޤީޤަތުގައި، ކުޑަ މެގެލަން މަޑިކިލަނބު (Small
Magellanic Cloud) އާއި ބޮޑު މެގެލަން މަޑިކިލަނބު (Large
Magellanic Cloud) ވެސް ހޯއްދެވީ އޭނާއެވެ.
ކައުނުގެ
ފެންނަ ފަށުގައި، 170 ބިލިއަނަށްވުރެ ގިނަ މަޑިކިލަނބު
ވާކަމަށް ކުރިން ލަފާކުރެވުނެވެ. ނަމަވެސް ފަހުގެ
ހޯދުންތަކުން އެނގިފައިވާ ގޮތުގައި، އޭގެ ޢަދަދު
އެއަށްވުރެ މާގިނައެވެ. އޭގެ ޢަދަދު އެތައް ޓްރިލިއަނަކުން
ގުނާލެވޭނެ ކަމަށް މިހާރު ލަފާކުރެވެއެވެ. އެއް
ޓްރިލިއަނަކީ، 1,000,000,000,000 އެވެ. ނުވަތަ އެއީ 10 ގެ
12 ބާރެވެ. އިސްވެ އިޝާރާތްކުރެވުނު ފަދައިން އެ
މަޑިކިލަނބުތައް ވަނީ ނުހަނު ބިޔަ ކޯނިތަކެއްގެ
ސިފައިގައެވެ. އެއިން ކޮންމެ ކޯންޏެއްގައި މަޑިކިލަނބުގެ
އެތައް ގްރޫޕެއް ވެއެވެ. އެއިން ކޮންމެ ގްރޫޕެއްގައި
އެތައް މަޑިކިލަނބެއް ވެއެވެ. އަދި މަޑިކިލަނބުގެ އެތައް
ބާވަތްތަކެއް ވެއެވެ. އޭގެ ތެރޭގައި، ކުކުޅުބިސް ބުރައިގެ
މަޑިކިލަނބާއި، ހޮޅިބުރަށް ގުދުލާފައިވާ އަތްދަނޑިތައް
ހިމެނޭ މަޑިކިލަނބާއި އެނޫން ސިފަސިފައިގައިވާ
މަޑިކިލަނބުތައް ވެއެވެ.