ތަރުބިއްޔަތުގެ މަފުހޫމު


ޢަރަބިބަހުގައި، ތަރުބިޔަތު (التربية) އިން ދޭހަވާ ބަހަވީ އެތައް މަފުހޫމެއް ވެއެވެ. އެއިން ކޮންމެ މަފުހޫމެއްގައިމެ، ތަރުބަވީ ކަމެއް ހިމެނެއެވެ. ތިރީގައި މިބަޔާންކުރަނީ، އެ މަފުހޫމުތަކެވެ.

1. އިޞްލާޙުކުރުން (الإصلاح): އެއްޗެއް އިޞްލާޙުކޮށްފިނަމަ، އެ އެއްޗެއް ބެލެހެއްޓީއެވެ. އިޞްލާޙުކުރުމުގައި އިތުރުކުރުން ލާޒިމެއް ނޫނެވެ. އެކަމަކު ބަދަލުގެނައުމާއި ރަނގަޅުކުރުން އެކަމުގައި ހިމެނެއެވެ.

2. ހެދިބޮޑުވުމާއި އިތުރުވުން (النماء والزيادة): ތަރުބިޔަތުގެ މަފުހޫމުގައި، ހެދިބޮޑުވުމާއި އިތުރުވުން ހިމެނެއެވެ.

3. އުފެދުމާއި ބޮޑުވުން (نشأ وترعرع): ޢަރަބިބަހުގެ (التربية) ގައި އުފެދުމާއި ބޮޑުވުމުގެ މާނަ ހިމެނެއެވެ. މި މާނަ ދޭހަވާ ގޮތަށް އިބްނުލްއަޢުރާބީގެ ޅެންބައިތެއްގައި ވެއެވެ. (فمن يكن سائلا عنى فإني / بمكة منزلي وبها ربيت) މާނައީ، "ފަހެ، ތިމަންނައާ ބެހޭ ގޮތުން ސުވާލުކުރާ މީހާއެވެ. ފަހެ، ތިމަންނާގެ މަންޒިލް ވަނީ މައްކާގައެވެ. ތިމަންނާ ތަރުބިޔަތުކުރެވުނީ ވެސް މައްކާގައެވެ."

4. ވެރިވުން: ޤައުމަކަށް ވެރިވުމަކީ، އެ ޤައުމެއްގެ މައްޗަށް އިސްވެހުރެ، ކަންކަން ހިންގައި ބެލެހެއްޓުމެވެ.

5. ތަޢުލީމުދިނުން: އިބްނު މަންޡޫރު ވިދާޅުވެފައި ވެއެވެ. ރައްބާނީ އެވެ، ބުނެވޭ ބަހަކީ، ތަރުބިޔަތުން ނެގިފައިވާ ބަހެކެވެ. އިބްނުލްއަޢުރާބީ ވިދާޅުވެފައި ވެއެވެ. ރައްބާނީއަކީ، މީހުންނަށް ބޮޑެތި ކަންކަން އުނގަންނައިދިނުމުގެ ކުރިން ކުދިކުދި ކަންކަން އުނގަންނައިދޭ އެދުރެވެ. އަދި ރައްބާނީއަކީ، ފުންނާބު އުސް ޢިލްމުވެރިޔާއެވެ.

މި މާނަތަކަށް ބަލާއިރު، ތަރުބިޔަތުގެ މާނަތަކުގެ ތެރޭގައި، އިޞްލާޙުކުރުމާއި، ހެދިބޮޑުވެ އިތުރުވުމާއި، އުފެދުމާއި، ވެރިކަން ހިންގުމާއި، ތަޢުލީމުދިނުން ހިމެނޭކަން އެނގެއެވެ.
ދިވެހިބަހުގައި "ތަރުބިއްޔަތު" އާއި "ތަރުބިޔަތު" ވެއެވެ. މި ދެ ލަފުޒުގައި ވަނީ އެއް މާނަތަކެކެވެ. އެއީ، ރަނގަޅު ގޮތްތަކަށް ހާނުވައި ބޮޑުކުރާ ބޮޑުކުރުމާއި، އަށަގެންފައިވާ ރީތި އަޚްލާޤީ މާތް ސިފަތަކާއި، ގެންގުޅެ ބޮޑުކުރާ ގޮތެވެ.