ފެނަށް ނަޒަރެއް


މާތް ﷲ، ކޮންމެ ދިރޭ އެއްޗެއް، ޚަލްޤުކުރެއްވީ ފެނުންކަން ކީރިތި ޤުރުއާނުގެ މޫރިތި އެތައް އާޔަތެއްގައި ބަޔާންކުރައްވާފައި ވެއެވެ. ތިރީގައި މިވަނީ އެފަދަ ބައެއް އާޔަތްތަކެވެ.
(وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ ۖ أَفَلَا يُؤْمِنُونَ) އަލްއަންބިޔާއު: 30
މާނައީ، "އަދި ތިމަންރަސްކަލާނގެ ދިރޭ ކޮންމެ އެއްޗެއް ފެނުން ލެއްވީމެވެ. ފަހެ، އެއުރެން އީމާން ނުވަނީ ހެއްޔެވެ؟"
އަދި އެހެން އާޔަތެއްގައި ވަޙީކުރައްވާފައި ވެއެވެ.
(وَاللَّهُ خَلَقَ كُلَّ دَابَّةٍ مِّن مَّاءٍ) އައްނޫރު: 45
މާނައީ، "އަދި ދިރޭ ކޮންމެ އެއްޗެއް، ﷲ، ފެނުން ހައްދަވާފައި ވެއެވެ."
އަދި އެހެން އާޔަތެއްގައި ވަޙީކުރައްވާފައި ވެއެވެ.
(وَهُوَ الَّذِي خَلَقَ مِنَ الْمَاءِ بَشَرًا فَجَعَلَهُ نَسَبًا وَصِهْرًا ۗ وَكَانَ رَبُّكَ قَدِيرًا) އަލްފުރުޤާން: 54
މާނައީ، "އަދި އެކަލާނގެއީ ފެނުން އިންސާނާ ހެއްދެވި ރަސްކަލާނގެއެވެ. ފަހެ، އެކަލާނގެ އެ އިންސާނާގައި، ނަސަބާއި، ޅިޔަންފަހަރިކަމުގެ ގުޅުން ލެއްވިއެވެ. އަދި ކުޅަދުންވަންތަ ކަލަކު ކަމުގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ވޮޑިގެންވެއެވެ."
ފެނަކީ ދުނިޔޭގައިވާ ކޮންމެ ދިރޭ އެއްޗަކަށް ވަރަށް މުހިންމު އެއްޗެކެވެ. އެހެންކަމުން، ދުނިޔޭގައިވާ ދިޔާ އެއްޗެހީގެ ތެރެއިން މާތް ﷲ މިދުނިޔޭގައި އެންމެ ގިނައިން ލައްވާފައިވާ އެއްޗަކީ ފެނެވެ. ދުނިޔޭގެ ބައްރުގެ ¾ ގައި ވަނީ ފެނެވެ. ދުނިޔެއަކީ، އެއްވަރަކަށް އޮންނަ ހަމަހަމަ ތަނެއްކަމުގައިވީނަމަ، އެ ތަން ވާނީ، ފެނުގެ ސަޠުޙުން ފެށިގެން 2 ކިލޯމީޓަރަށްވުރެ އަޑީގައެވެ.
ދުނިޔޭގައިވާ ކޮންމެ ދިރޭ އެއްޗެއްގެ ހަށިގަނޑުގައި އެންމެ ގިނައިން ލައްވާފައިވާ އެއްޗަކީ ވެސް ފެނެވެ. ދިރޭ އެއްޗެއްގެ ހަށިގަނޑުގެ ބަރުދަނުގެ، 50 އިންސައްތައާއި، 90 އިންސައްތައާ ދެމެދުގެ މިންވަރަކަށް ފެން އެކުލެވެއެވެ. މިފަދަ މަޚުލޫޤުންގެ ތެރޭގއި އިންސާނާ ވެސް ހިމެނެއެވެ. ކަށްޓާއި ދަތް ފަދަ ބައެއް އެއްޗެހި ފިޔަވައި އިންސާނާގެ ހަށިގަނޑުގައިވާ އެހެން ޓިޝޫތަކުގެ މައިގަނޑު އެއްޗަކީ ފެނެވެ. އިންސާނާގެ ހަށިގަނޑުގައިވާ ރެޑް ބްލަޑް ދިރުތަކުގެ 60 އިންސައްތައަކީ ފެނެވެ. ހަށިގަނޑުގައިވާ މަހުގެ 75 އިންސައްތައަކީ ފެނެވެ. އަދި ލޭގެ ބްލާޒްމާގެ 92 އިންސައްތައަކީ ފެނެވެ.
މިކަންކަން މިހެންހުރުމާއެކު، އުފެދޭ ސުވާލުތަކެއް ވެއެވެ.
އަޅުގަނޑުމެންގެ ހަށިތަކުގައި މިހައި ބޮޑު މިންވަރަކަށް ފެން އެކުލެވިފައިވަނީ ކީއްވެތޯއެވެ؟
ފެން ފިޔަވައި އެހެން ދިޔާ އެއްޗެއް އަޅުގަނޑުމެންގެ ހަށިތަކުގައި މި މިންވަރަށް ނުލެއްވީ ކީއްވެތޯއެވެ؟


ފެނުގެ ތަރުކީބު

ފެނަކީ، އެއްވެސް ޙާލެއްގައި އާދައިގެ މާއްދާއެއް ނޫނެވެ. ދުނިޔޭގައިވާ އެހެން އެއްވެސް މާއްދާއަކަށް ލިބިފައިނުވާ ޚާއްޞަ ސިފަތައް ފެނަށް ލިބިފައި ވެއެވެ. މާތް ﷲ ފެނަށް ދެއްވާފައިވާ އިސްކަން ދެނެގަތުމަށްޓަކައި، ފެނުގެ މޮލިކިއުލެއްގެ ކީމިޔާއިއްޔަ ތަރުކީބަށް ނަޒަރު ހިންގައިލާނަމެވެ.
ފެނުގެ މޮލިކިއުލެއްގެ ތަރުކީބުގައި މާތް ﷲ ލައްވާފައިވަނީ، ހައިޑްރޮޖަންގެ ދެ ޒައްރާއާއި، އޮކްސިޖަންގެ އެއް ޒައްރާއެވެ. މީގެ ތެރެއިން ހައިޑްރޮޖަނަކީ، ފަނާކުރަނިވި ހަތިޔާރު އުފެއްދުމަށް ބޭނުންކުރާ ނުރައްކާތެރި އުންސުރެކެވެ. އެއިން އުފައްދާފައިވާ ހަތިޔާރުގެ ތެރޭގައި، ޖަޕާނުގެ ހީރޯޝީމާ ފަނާކޮށްލި އެޓޮމިކް ބޮމް ހިމެނެއެވެ. އޮކްސިޖަނަކީ، އަލިފާން ރޯވުމަށް އެހީތެރިވެދޭ ނުރައްކާތެރި އުންސުރެކެވެ. ޖަންގަލިތަކާއި ބޮޑެތި ޢިމާރާތްތަކުގައި އަލިފާން ރޯވެ އަނދަމުންދާއިރު، އެކަމަށް އެހީތެރިވެދީ ވާގިވެރިވަނީ އޮކްސިޖަނެވެ.
އެހެނަސް، ކުޅަދުންވަންތަ މާތް ﷲ ގެ ކުޅަދުންވަންތަކަމުން އެ ދެ އުންސުރުން ވަނީ، އެ ދެ އުންސުރުގެ ޠަބީޢަތާ ޚިލާފު އެހެން އެއްޗެއް ހައްދަވާފައެވެ. އެއީ ފެނުގެ މޮލިކިއުލެވެ. އެއިން މޮލިކިއުލެއް އޭގެ އެހެން މޮލިކިއުލްތަކާ ކައިރިވާ ހިނދު، އެތަކެތި މެހެލިވަމުންދަނީ، ފެންތިއްކެއް އުފައްދަމުންނެވެ.
އޮކްސިޖަން ޒައްރާއަކާއި، ދެ ހައިޑްރޮޖަން ޒައްރާއިން އެ އެއްޗެއްގެ މޮލިކިއުލް އުފެދޭ ފެނަކީ، ދިރޭތަކެތީގެ ޙަޔާތުގެ އަޞްލެވެ. މިދެންނެވި ދެ ބާވަތުގެ ޒައްރާތަކުގެ މެދުގައިވަނީ، ހައިޑްރޮޖަން ބޮންޑެކެވެ. އެ ބޮންޑްގެ އެންމެ ޚާއްޞަ މީޒާއަކީ، ބަލިކަށިކަމެވެ! އެ ބޮންޑް އުފެދިފައި ހަމަ އެސާހިތަކު އެ ބޮންޑް ފަނާވުމެވެ. އެއިން ބޮންޑެއް ފަނާވުމާއެކު އޭގެ ބަދަލުގައި އޭގެ އެހެން ޒައްރާއަކާއެކު އެ ބޮންޑް އުފެދެއެވެ. އެއިން ބޮންޑެއް ދެމިއޮންނަ ހިނދުކޮޅުގެ ދިގުމިނަކީ، (0.00،000،000،001) ސިކުންތެއްގެ ސަތޭކަ ބިލިއަން ބައިކުޅަ އެއްބަޔެވެ. މިއީ، ވަރަށް މަތިވެރި އިލާހީ ޙިކުމަތެއް ލައްވާފައިވާ ކަމެކެވެ. އެހެނީ، ފެނަކީ ދިޔާ އެއްޗެއްގެ ގޮތުގައި ވަނީ، މި ޚާއްޞަ މީޒާގެ ސަބަބުންނެވެ.


ފެނުގެ ބައެއް މުހިންމު ޚާއްޞިއްޔަތު

ހައިޑްރޮޖަން ޒައްރާއާއި އޮކްސިޖަން ޒައްރާއާ ދެމެދުގައިވާ ހައިޑްރޮޖަން ބޮންޑްގެ ސަބަބުން ފެނަށް ލިއްބައިދޭ މުހިންމު އަނެއް މީޒާއަކީ، ފެނުގެ ފިނިހޫނުމިނުގެ ކޮލިޓީއެވެ. ފެނުގެ ތެރެއަށް ފިނިހޫނުމިން ވަނުމާއި، ނިކުތުމަކީ ލަސްލަހުން ހިނގާ ކަމެކެވެ. ފެނުގެ ހޫނުކަން އިތުރުކުރުމަށްޓަކައި، މަތީ ދަރަޖައަކަށް ހަކަތަ ބޭނުންވެއެވެ. އަދި ފެނުގެ ހޫނުކަން ދަށްކުރުމަށްޓަކައި ވެސް މަތީ ދަރަޖައަކަށް ހަކަތަ ބޭނުންވެއެވެ. ދިރޭތަކެތީގެ ހަށިތަކުގައި ފެނުގެ ބޮޑު މިންވަރެއް ލައްވާފައިވުމުގެ ސިއްރަކީ، މިއީއެވެ. އާދޭހެވެ. އިންސާނެއްގެ ހަށިގަނޑުގެ ފިނިހޫނުމިން އަވަސްއަވަހަށް ބަދަލުވެގެން ނުދަނީ ފެނުގެ ސަބަބުންނެވެ. ހަށިގަނޑުގެ ފިނިހޫނުމިން ވަކި މިންވަރެއްގެ ތެރޭގައި ހިފެހެއްޓިފައިވުމަކީ، ދިރިހުރުމަށްޓަކައި ނުހަނު ބޭނުންތެރި ކަމެކެވެ. އެހެނީ، ތަފާތު ކެމިކަލް ރިއެކްޝަންތައް އެއްވާނެއްގައި ހިނގަމުންދިއުން ބިނާވެފައިވަނީ އެކަމުގެ މައްޗަށެވެ.
ދިޔާ ޙާލަތުން ގޭހުގެ ޙާލަތަށް ފެން ބަދަލުވެގެންދާއިރު، ފެނުގެ ތެރެއަށް ވަދެގެންދާ ހޫނުގެ މިންވަރު ވަރަށް ބޮޑެވެ. އެއާއެކު ހަށިގަނޑުގައި އިތުރުވެގެންދާ ހޫނުކަން، ދިރޭ އެއްޗެހީގެ ހަށިގަނޑުން ބޭރުވެގެންދަނީ، އާވީގެ ގޮތުގައެވެ.
ފެނަކީ، ގޭހާއި ހަރު މާއްދާތައް އޭގެ ތެރޭގައި ފެތުރިގެންދިއުމަށް ނުހަނު އެކަށޭނަ އެއްޗެކެވެ. އެހެންކަމުން ދިރޭތަކެތީގެ ހަށިގަނޑުގައި ކާބޯތަކެތި ނަގުލުކުރުމުގެ މަސައްކަތް ކޮށް، ބޭކާރު އެއްޗެހި ބޭރުކުރުމަށް އެހީތެރިވެދެއެވެ. އަދި ހަށިގަނޑުގައި ހިނގާ އެތައް ރިއެކްޝަންތަކެއްގައި ޝާމިލުވެއެވެ. އޭގެ މިސާލަކީ، ހަޖަމުކުރުމުގެ ރިއެކްޝަންތަކެވެ. ހޯމޯނާއި، ތަފާތު އެންޒައިމު އުފެއްދުމެވެ. އަދި މިނޫން ވަޒީފާތައް ވެސް އަދާކުރެއެވެ.
ފެނުގައި މާތް ﷲ ލައްވާފައިވާ މުހިންމު އެހެން ޚާއްޞިއްޔަތެއް ވެސް ވެއެވެ. އެއީ، ގިރުމުގެ ޚާއްޞިއްޔަތެވެ. އެ ޚާއްޞިއްޔަތުގެ ސަބަބުން ހަށިގަނޑުގެ ދިރުތަކަށް އޮކްސިޖަން ވާޞިލުވެވެއެވެ. އެއީ، ނޭވާލާއިރު ވައިގެ ތެރެއިން ފުއްޕާމެއަށް ވާޞިލުވާ އޮކްސިޖަނެވެ. އަދި އެ ޚާއްޞިއްޔަތުގެ ސަބަބުން، ފެނާ ކާބަން ޑައި އޮކްސައިޑާ އެކުވެ، ހަށިގަނޑުން އެ މާއްދާ ބޭރުކޮށްލެވެއެވެ. ފެނަކީ، ފުއްޕާމޭގެ ވައިދުލިތައް ތެއްކޮށްދިނުމުގެ މުހިންމު ވަޒީފާ އަދާކުރާ އެއްޗެއްކަން ވެސް ފާހަގަކޮށްލަންޖެހެއެވެ. އެ ވައިދުލިތައް ފެނުން ތެތްނުވާނަމަ، ފުއްޕާމެއަށް އެތެރެވާ އޮކްސިޖަން ފަދަ ގޭސްތައް، އެ ވައިދުލިތަކުގެ ޒަރީއާއިން ހަށިގަނޑުގެ ދިރުތަކަށް ވާޞިލެއް ނުވާނެއެވެ. އަދި ހަށިގަނޑުން ބޭރުކޮށްލަންޖެހޭ ކާބަން ޑައި އޮކްސައިޑް ފަދަ ގޭސްތައް އެ އިން ބޭރެއް ވެސް ނުވާނެއެވެ. މިފަދަ އެތައް ސަބަބުތަކަށްޓަކައި، ފެނަކީ، އާދަޔާޚިލާފު ދިޔާއެއްޗެއްކަން އެނގެއެވެ. ފެނުގައި މާތް ﷲ ލައްވާފައިވާ ސިފަތަކުގެ ތެރެއިން އަޅުގަނޑުމެންނަށް އެނގިފައިވަނީ ބައެއް ސިފަތަކެވެ. އަޅުގަނޑުމެންނަށް އެނގިފައިނުވާ ސިފަތައް ވެސް އޭގައި ލައްވާފައިވާނެކަން ކަށަވަރެވެ. އެކަލާނގެ ކޮންމެ ދިރޭ އެއްޗެއްމެ ފެނުން ލެއްވީ ފެނުގައި އެ ސިފަތައް ލައްވާފައިވާތީއެވެ.
އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ.
(وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ ۖ أَفَلَا يُؤْمِنُونَ) އަލްއަންބިޔާއު: 30
މާނައީ، "އަދި ތިމަންރަސްކަލާނގެ ދިރޭ ކޮންމެ އެއްޗެއް ފެނުން ލެއްވީމެވެ. ފަހެ، އެއުރެން އީމާން ނުވަނީ ހެއްޔެވެ؟"


މާތް ﷲ ގެ ގޮންޖެއްސެވުން

ފެން ޚަލްޤުކުރެއްވީ މާތް ﷲ އެވެ. އެކަލާނގެ ވަނީ، މުޝްރިކުންނަށާއި، މުލްޙިދުންނަށް، އެއިން ގޮންޖައްސަވާފައެވެ. އަންނަނިވި ވަޙީބަސްފުޅުން އެކަން އެނގެއެވެ.
(أَفَرَأَيْتُمُ الْمَاءَ الَّذِي تَشْرَبُونَ (68) أَأَنتُمْ أَنزَلْتُمُوهُ مِنَ الْمُزْنِ أَمْ نَحْنُ الْمُنزِلُونَ (69) لَوْ نَشَاءُ جَعَلْنَاهُ أُجَاجًا فَلَوْلَا تَشْكُرُونَ (70)) އަލްވާޤިޢާ: 68-70
މާނައީ، "ތިޔަބައިމީހުން ބޯ ފެނާމެދު، ތިޔަބައިމީހުން ފަހެ، ވިސްނާ ބެލީމު ހެއްޔެވެ؟ (68) ވާރޭވިލާތަކުން އެ ފެން ވެއްސީ، ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ އެ ފެން ވެއްސެވި ފަރާތަކީ، ތިމަންރަސްކަލާނގެ ހެއްޔެވެ؟ (69) ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެ ފެން ބޯން ނުކެރޭފަދަ ލޮނު ފެނެއް ކަމުގައި ލައްވައިފީމުހެވެ. ފަހެ، ތިޔަބައިމީހުން ޝުކުރު ނުކުރަނީ ކީއްވެ ހެއްޔެވެ؟ (70)"
މީގެ ސާދަސަތޭކަ އެތައް އަހަރެއް ކުރިއްސުރެ، މާތް ﷲ ގެ މި ގޮންޖެއްސެވުން ކީރިތި ޤުރުއާނުގައި ވަނީ ބާވައިލައްވާފައެވެ. މިއަދާ ހަމައަށް ވެސް މި ގޮންޖެއްސެވުން ވަނީ ޤާއިމުވެގެންނެވެ. ފެނުގެ ތަރުކީބަކީ ކޮބައިކަން ސައިންސްވެރިންނަށް ރަނގަޅަށް އެނގިވަޑައިގަނެއެވެ. އޭގެ ތަރުކީބުގައިވަނީ، އޮކްސިޖަން ޒައްރާއަކާއި އެއާ އިއްތިޙާދުވާ ދެ ހައިޑްރޮޖަން ޒައްރާއެވެ. ހައިޑްރޮޖަނަކީ ކޮން އެއްޗެއްކަމާއި، އޮކްސިޖަނަކީ ކޮން އެއްޗެއްކަން އެނގެއެވެ. އަދި ފެނުގެ ތަރުކީބު ރޫޅާލައި، އެއިން ހައިޑްރޮޖަނާއި އޮކްސިޖަން ވަކިކޮށް، ވަކި ދެ އުންސުރުގެ ގޮތުގައި ނެގުމަކީ، މިޒަމާނުގައި ކުރެވޭ ކަމެކެވެ. އެކަން ކުރަނީ، އިލެކްޓްރިކް ހަކަތައިގެ ޒަރީއާއިންނެވެ. މި ހުރިހައި މަޢުރިފާއެއް ޙާޞިލުވެފައިވުމާއެކުގައި ވެސް، އެންމެ ފެންތިއްކެއް އުފެއްދުމަކީ ވެސް ސައިންސްވެރިންނަށް ކުރެއްވިފައިވާ ކަމެއް ނޫނެވެ. ސައިންސްވެރިންނާއި، ސައިންސާއި، ޓެކްނޮލޮޖީ ވެސް ވަނީ އެކަމަށް ނުކުޅެދިފައެވެ.
މިތާނގައި ފާހަގަކޮށްލަންޖެހޭ ވަރަށް މުހިންމު ނުކުތާއެއް ވެއެވެ. އެއީ، ވާރޭވިލާއަށް ބައެއް މާއްދާތައް އިތުރުކޮށްގެން އެއިން ވާރޭ ވެހޭނެ ގޮތް ހެދުމަކީ، ފެން އުފެއްދުން ނޫން ކަމެވެ. އެކަމަށްޓަކައި ވާރޭވިލާއަށް އިތުރުކުރާ މާއްދާތަކުގެ ތެރޭގައި، ހިކި އައިސް (dry ice) އާއި، ރިހި އަޔޮޑައިޑް (silver iodide) އާއި، ލޮނު ޕައުޑަރު (salt powder) ހިމެނެއެވެ. މިފަދަ މާއްދާތައް ވާރޭވިލާގެ މައްޗަށް ގެންދަނީ، މަތިންދާބޯޓާއި، ރޮކެޓް ފަދަ އެއްޗެހީގައެވެ. މިކަމާބެހޭ ގޮތުން ސައިންސްވެރިއަކު ވިދާޅުވެފައި ވެއެވެ. "ވާރޭވެހެން ތައްޔާރުވެފައިވާ ވިލާގަނޑަކުން މެނުވީ، ވާރޭފެން ލިބިގަތުމަކީ އެއްގޮތަކަށް ވެސް ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަށްޓަކައި ކިތަންމެ ވަސީލަތްތަކެއް ބޭނުންކުރި ކަމުގައި ވިޔަސް އެފަދަ ވިލާގަނޑަކުން މެނުވީ އެޔެއް ނުލިބޭނެއެވެ."
ސައިންސްވެރިންގެ މިފަދަ މުޢުތަބަރު ބަސްފުޅުތައް ހުއްޓަސް، އުފައްދަންޖެހޭ ސުވާލު އެބަހުއްޓެވެ. ވާރޭވިލާ އުފައްދަވަނީ ކޮން ފަރާތަކުންތޯއެވެ؟ ވާރޭވެހުމަށް ތައްޔާރުވާ ޙާލަތަށް އެ ވިލާތައް ގެންދަވަނީ ކޮން ފަރާތަކުންތޯއެވެ؟ އެކަން ކުރައްވަނީ، ކަށަކުޅަދުންވަންތަ މާތް ﷲ އެވެ. އެކަލާނގެ ފިޔަވައި ޙައްޤުގޮތުގައި އަޅުކަމެއް ވެވޭ އެހެން އެއްވެސް އިލާހަކު ނުމެވޭމެއެވެ. ކޮންމެ އެއްޗަކާ މެދުގައިމެ، އެކަލާނގެ ޢިލްމުފުޅުގެ ތަނަވަސްކަން ބޮޑުވެގެންވޭމެއެވެ. އެކަލާނގެ ހުސްޠާހިރުވަންތަކަމުގެ ބޮޑުކަމާއެވެ! އެކަލާނގެއީ ފެނުން އިންސާނުން ޚަލްޤުކުރެއްވި ކުޅަދުންވަންތަ މާތް ﷲ އެވެ. އަދި އެހެން މަޚުލޫޤުން ވެސް އެކަލާނގެ ލެއްވީ ހަމަ ފެނުންނެވެ. ފެނާބެހޭ ގޮތުން އިންސާނުންނަށް އެނގިފައިވާ މަޢުލޫމާތުތައް ވަރަށް ގިނައެވެ. އެހެނަސް މިއަދާ ހަމައަށްވެސް ފެން ވެފައިވަނީ، އިންސާނީ ސިކުނޑިއާ ނުބައްދަލުވާނެހެން، ކަށަކުޅަދުންވަންތަ މާތް ﷲ ޖައްސަވާފައިވާ ގޮންޖެއްސެވުމެއް ކަމުގައެވެ.


ޚިތާމް

މި ކާއިނާތުގައިވާ ކޮންމެ ދިރޭ އެއްޗެއް މާތް ﷲ ހެއްދެވީ ފެނުންނެވެ. ފެނާ ނުލައި ދުނިޔޭގައި ދިރުމެއް ނުވާނެއެވެ. ފެނުގެ ތަރުކީބަކީ ވެސް ޙައިރާންކުރުވަނިވި އެއްޗެކެވެ. އޭގެ ތަރުކީބުގައިވަނީ، ހައިޑްރޮޖަނާއި އޮކްސިޖަނެވެ. ހައިޑްރޮޖަނަކީ، އޭގައި އަލިފާން ރޯވާ އެއްޗެކެވެ. އޮކްސިޖަނަކީ، އަލިފާން ރޯވުމަށް އެހީތެރިވެދޭ އެއްޗެކެވެ. އެހެނަސް އެ ދެ އުންސުރުން އެކުލެވޭ ފެނަކީ، އަލިފާން ނިއްވާލާ އެއްޗެކެވެ.
އާންމު ގޮތެއްގައި ފެން ހުންނަނީ ދިޔާ ޙާލަތުގައެވެ. ނަމަވެސް ގަނޑުފެނުގެ ޙާލަތާއި، ގޭހުގެ ޙާލަތުގައި ވެސް ފެން ހުރެދާނެއެވެ. އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުވުމަށްޓަކައި، ހަކަތައިގެ ބޮޑު މިންވަރެއް ފެނަށް ބޭނުންވެއެވެ. އެހެންކަމުން ފެނުގެ ފިނިހޫނުމިން ދާދި އެއްވަރެއްގައި ހިފެހެއްޓައެވެ. ދިރޭތަކެތީ ހަށިތަކުގައިވާ ފެނުގައި، ތަފާތު ކެމިކަލް ރިއެކްޝަންތައް އެއްވާނެއްގައި ހިނގަމުންދިއުން ބިނާވެފައިވަނީ އެކަމުގެ މައްޗަށެވެ.
ފެން ހެއްދެވީ ކަށަކުޅަދުންވަންތަ މާތް ﷲ އެވެ. މީގެ ސާދަސަތޭކަ އެތައް އަހަރެއް ކުރިއްސުރެ އެކަލާނގެ ވަނީ، ކީރިތި ޤުރުއާނުގައި މުޝްރިކުންނަށާއި، މުލްޙިދުންނަށް، އެއިން ގޮންޖައްސަވާފައެވެ. މިއަދާ ހަމައަށް ވެސް އެ ގޮންޖެއްސެވުން ވަނީ ވާޞިލުވެފައެވެ. އެއާ އިޢުތިރާޟުކުރެވުނު ހަމައެކަކުވެސް މިދުނިޔެއަށް އައިސްފައެއް ނުވެއެވެ.