މިލްކީވޭ މަޑިކިލަނބު
އިރުވައި މޫސުމުގައި، ހަނދުވަރުނުދޭ އުޑުމަތި ސާފު
ރެޔަކު، އުޑަށް ނަޒަރު ހިންގާލައިފިނަމަ، ހުދުކުލައިގެ
ދިގު ވިލާގަނޑެއްގެ ސިފައިގައިވާ އެއްޗެއް ފެންނާނެއެވެ.
އެ ފެތުރިފައިވަނީ އުތުރުން ދެކުނަށެވެ. ޙަޤީޤަތުގައި އެއީ
ވިލާގަނޑެއް ނޫނެވެ. އެކަމަކު އެއީ ފުނިޖެހިފައިވާ
ތަރިތަކުގެ މާސިންގާ ބިޔަ ބައިގަނޑެކެވެ.
އަޅުގަނޑުމެންނަށް ހޫނާއި އަލި ލިއްބައިދޭ އިރަކީ، އެ
ބައިގަނޑުގެ އެއްފަރާތެއްގައިވާ ތަރިއެކެވެ. ތަރިތަކުގެ އެ
ބައިގަނޑަށް ކިޔާ އިނގިރޭސި ނަމަކީ "މިލްކީވޭ" (Milky Way)
އެވެ. ޢަރަބިބަހުން އެއަށް ކިޔަނީ، "ދަރުބުއްތައްބާނާ"
(درب التبانة) އެވެ. އެއީ، "މަޑިކެލަބާ ހިނގީ ރޮގާ"
(މަޑިކިލަނބު ހިނގި ރޮނގު) ކަމަށް ހުވަދުއަތޮޅުގައި
ކިޔާފައި ވެއެވެ. ރަނގަޅު ފެންވަރެއްގެ ޓެލެސްކޯޕަކުން
ބަލާލައިފިނަމަ، އޭގައިވާ އެއް ތަރި، އަނެއް ތަރިއާ
ވަކިކޮށް ދެނެގަނެވޭނެ މިންވަރަށް ފެންނާނެއެވެ. އޭގައިވާ
ތަރިތަކުގެ ޢަދަދު 100،000،000،000 (ސަތޭކަ ހާސް މިލިޔަން)
އަށް އަރައެވެ.
މިލްކީވޭ (Milky Way) މަޑިކިލަނބު
ހިމެނެނީ، ބޮޑެތި މަޑިކިލަނބުތަކުގެ ތެރޭގައެވެ. އެކަމަކު
އެއަށްވުރެ ބޮޑެތި ބިޔަ މަޑިކިލަނބުތައް ވެސް ވެއެވެ.
މިލްކީވޭގައިވާ ތަރިތައް ފިޔަވައި، އެހެން
މަޑިކިލަނބެއްގައިވާ ތަރިތައް، ދުނިޔޭގައި ތިބޭއިރު،
އިންސާނުންގެ ހަމަލޮލަށް ނުފެނެއެވެ. އެހެނީ، އެ
މަޑިކިލަނބުތައް ވަނީ، އޭގައިވާ ތަރިތައް ހަމަލޮލަށް
ފެންނަ ވަރަށްވުރެ މާދުރުގައެވެ.
ފަޒާގައިވާ މާސިންގާ
ބިޔަ މަޑިކިލަނބުތައް ވެސް ހަމަލޮލަކަށެއް ނުފެނެއެވެ.
އެއާ ދުނިޔެއާ ދެމެދުގައިވާ ރާސްތާގެ ދުރުކަމުންނެވެ.
ދުނިޔޭގެ ބިމުގައި ތިބޭއިރު، އިންސާނުންގެ ހަމަލޮލަށް
ފެންނަނީ މިލްކީވޭ ފިޔަވައި އެންމެ މަޑިކިލަނބެކެވެ. އެއީ،
އެންޑްރޯމެޑާ އެވެ. މުސްލިމު ފަލަކީ ޢާލިމު،
ޢަބްދުއްރަޙްމާނުއް ޞޫފީ (903-986 މ.) އެ މަޑިކިލަނބަށް
ދެއްވާފައިވާ ނަމަކީ، "ނުސާފު ވިލާގަނޑެއް" (لطخة سحابية)
ގެ ނަމެވެ. އެއީ މިލްކީވޭ އަށްވުރެ ތަންކޮޅެއް ބޮޑު
މަޑިކިލަނބެކެވެ. މިލްކީވޭގައިވާ ތަރިތަކަށްވުރެ ގިނަ
ތަރިތައް އޭގައި ވެއެވެ.
މިލްކީވޭއަކީ، ނައިބޮލި ބުރަށް
ވޮޑިފައިވާ މަޑިކިލަނބެކެވެ. އިރާއި ދުނިޔެއާއި، އިރަވީ
ނިޒާމުގައި ހިމެނޭ އެހެން ގުރަހަތައް ހިމެނެނީ އެ
މަޑިކިލަނބުގެ ތެރޭގައެވެ. މިލްކީވޭގައިވާ ތަރިތަކުގެ
ޢަދަދު އެތައް ސަތޭކަ ބިލިއަނަކަށް އަރައެވެ. ލަފާކުރެވޭ
ގޮތުގައި، 200 ބިލިއަނާއި 400 ބިލިއަނާ ދެމެދުގެ
ޢަދަދަކަށް އޭގައި ތަރިތައް ވެއެވެ. އޭގެ އެކިއެކި
ކަންކޮޅުތަކުގައި، ވެއްޔާއި ގޭހުގެ ޒައްރާތަކުން
އުފެދިފައިވާ ބިޔަ ވިލާގަނޑުތައް ވެއެވެ. ހަނދުވަރު ނުދޭ،
އުޑުމަތި ސާފު ރޭތަކުގައި އުޑުން ފެންނަ ހުދުކުލައިގެ ހަނި
ދިގު ވިލާގަނޑަކީ، އެ މަޑިކިލަނބެވެ. އޭގައިވާ
އަނދިރިތަންތަނަކީ، ވިލާއާއި ގޭހުގެ ސަބަބުން ތަރިތައް
ނިވާވާ ތަންތަނެވެ.
މިލްކީވޭ އުފެދިފައިވަނީ، ގުރުސް
ބައްޓަމަށެވެ. އޭގެ ދިގުހުރަހުގުގެ ދިގުމިނަކީ
ގާތްގަނޑަކަށް 100000 (ސަތޭކަ ހާސް) އަލި އަހަރާއި 180000
(ސަތޭކަ އަށްޑިހަ ހާސް) އަލިއަހަރާ ދެމެދުގެ ރާސްތާއެކެވެ.
އޭގެ ބޯމިނަކީ ގާތްގަނޑަކަށް 1000 (އެއް ހާސް)
އަލިއަހަރެވެ. އެއީ ނިސްބަތުން ތުނި ގުރުހެކެވެ. ދުނިޔެ
ހިމެނޭ އިރަވީ ނިޒާމު ވަނީ، އެ ގުރުހުގެ އެއް
އަރިމަތީގައެވެ. މަޑިކިލަނބުގެ ސަންތާ، އިރަވީ ނިޒާމާ
ދެމެދުގައިވާ ދުރުމިނަކީ ގާތްގަނޑަކަށް 27000 (ހަތާވީސް
ހާސް) އަލިއަހަރެވެ. މަޑިކިލަނބުގެ މަރުކަޒުގެ ވަށައިގެން
އިރަވީ ނިޒާމު ދައުރުކުރެއެވެ.
ދުނިޔޭގެ އުތުރުބިތުގެ
އަހުލުންނަށް މިލްކީވޭ ފެންނާނީ، ހޫނު މޫސުމާއި ޚަރީފު
މޫސުމާއި ފިނި މޫސުމުގައެވެ. އެމީހުންނަށް އެންމެ ރީތިކޮށް
އެ މަޑިކިލަނބު ފެންނާނީ، ހޫނު މޫސުމުގެ ފަހުކޮޅާއި،
ޚަރީފު މޫސުމުގެ ކުރީކޮޅުގައެވެ. އެ ދެ މޫސުމުގައި
މިލްކީވޭގެ އެއްކޮޅު ވާނީ، "ޛާތުލް ކުރުސިއްޔި"
ބުރުޖުގައެވެ. އަނެއް ކޮޅު ވާނީ "އަލްމުލްތަހިބު"
ބުރުޖުގައެވެ. އެގޮތަށް މިލްކީވޭ ފެތުރިފައިވާ ތަން
އެމީހުންނަށް ފެންނާނީ، އުޑުގެ އިރުމަތީ އުދަރެހުގައި
"މުޘައްލަޘުއް ޞައިފި" އެވެ، ކިޔާ ތަރިތައް ހުރަސްކޮށްފައި
ވަނިކޮށެވެ. ޤައުސާއި ޢަޤުރަބުގެ ދެމެދުގައި، އެމީހުންގެ
ލޮލަށް މިލްކީވޭ ނިވާވެއެވެ. އެހެންކަމުން އެމީހުންނަށް
މިލްކީވޭ ފެންނާނީ ދެ ފެންގަނޑެއްގެ ސިފައަށް ދެބަޔަށް
ބައިވެފައިވާ މަންޒަރެއްގައެވެ. ޙަޤީޤަތުގައި މިލްކީވޭގެ
ސަންތު ވާނީ ޤައުސާއި ޢަޤުރަބާ ކައިރީގައެވެ. މިކަމުގެ
ހެއްތަކީ، އެ ހިސާބުގައިވާ ބައިގެ އަލިގަދަކަމެވެ.
މިލްކީވޭގެ ބައެއް ހިސާބުތައް، އެހެން ހިސާބުތަކަށްވުރެ
އަލިގަދަކަން ވެސް ފާހަގަކުރެވެއެވެ. އޭގެ މިސާލަކީ،
"އައްދަޖާޖާ" ކައުކަބުގެ ސަރަޙައްދެވެ. އެ
ސަރަޙައްދުގައިވާ ބައިގެ އަލި ގަދައެވެ. ނަމަވެސް އެންމެ
އަލިގަދަ ބައި ވަނީ، މިލްކީވޭގެ މެދުތެރޭގައިވާ
ސަންތުގައެވެ. އެބައި ވަނީ، "ރާމިލްޤައުސް" އެވެ، ކިޔާ
ރާހީގެ ދެކުނު ފަރާތުގައެވެ. ދުނިޔޭގެ
ޚައްޠުލްއިސްތަވާއަށްވުރެ ދެކުނުގައި އުޅޭ މީހުންނަށް
އެބައި ވަރަށް ސާފުކޮށް ފެނެއެވެ. ދުނިޔޭގެ ހުޅަނގު
ބިތުގައި ދިރިއުޅޭ މީހުންނަށް އެބައި ފެންނާނީ، ހޫނު
މޫސުގެ ދުވަސްތަކުގެ ރޭތަކުގައި އުފުޤުގެ ވަރަށް
ތިރިންނެވެ.