ޙަކީމެއްގެ ޙިކުމަތްތެރިކަން

އެއް ސަހަރެއްގައި ޙަކީމަކު އުޅުއްވިއެވެ. އެ ސަހަރުގެ
މީހުން އޭނާގެ އަރިއަހަށް އަބަދު އެއް ޝަކުވާތަކެއް
ހުށަހަޅަމުން ގެންދިޔައެވެ. އެއީ އެ ޝަކުވާތަކަށް އެކަށޭނަ
ޙައްލެއް، އޭނާ ހޯއްދަވައިދެއްވާނެ ކަމުގެ އުންމީދުގައެވެ.
އެ މީހުން ހުއްޓައިނުލައި އަބަދު އެއް ޝަކުވާތަކެއް
ކުރަމުންދާތީ، އެ މީހުންނަށް ޢިބްރަތްތެރި ދަރުސެއް
ދެއްވުމަށް ޙަކީމު ނިންމެވިއެވެ.
އެއް ދުވަހަކު އެ
ސަހަރުގެ މީހުން އެއް ތަނަކަށް ޖަމާކުރެއްވުމަށްފަހު،
ޙަކީމު، އެ މީހުންނަށް ޖޯކެއް ކިޔައިދެއްވިއެވެ. އެ ޖޯކު
އަޑުއިވުމުން، އެ ޖޯކުގެ މަޖާކަމަށް ޓަކައި، އެ މީހުން
ވަރަށް ބާރަށް ހޭންފެށިއެވެ.
ދެން އިރުކޮޅަކު
ހަމަހިމޭނުން އިންނެވުމަށްފަހު، ހަމަ އެ ޖޯކު، އެ
މީހުންނަށް ޙަކީމު ކިޔައިދެއްވިއެވެ. މި ފަހަރު އެ ޖޯކު
އަޑުއިވުމުން، އެ މީހުންގެ ބައެއް މީހުން
ހިނިތުންވެލިއެވެ.
ދެން އަނެއްކާ ވެސް އިރުކޮޅަކު
ހަމަހިމޭނުން އިންނެވުމަށްފަހު، ހަމަ އެ ޖޯކު، އެ
މީހުންނަށް ޙަކީމު ކިޔައިދެއްވިއެވެ. މި ފަހަރު އެ ޖޯކު
އަޑުއިވުމުން، އެ މީހުންގެ ތެރެއިން އެކަކު ވެސް އެ ޖޯކަށް
ސަމާލުކަމެއް ނުދިނެވެ!!!
އެ ހިނދު، އެ މީހުންނާ
މުޚާޠަބުކުރައްވަމުން ޙަކީމު ވިދާޅުވިއެވެ.
"އަބަދު
އެއް ޖޯކެއް ތަކުރާރުކޮށް އަޑުއިވޭ ނަމަ، އެ ޖޯކު
މަޖާވެގެން ހޭނެ ބަޔަކު ނޫޅޭނެއެވެ. ތިޔަބައިމީހުންގެ
ޢަމަލުން ވެސް ހާމަވެގެން މި ދިޔައީ އެ ކަމެވެ. ނަމަވެސް،
ތިޔަބައިމީހުން ތަކުރާރުކޮށް ކުރަމުން ތިޔަ ގެންދަނީ
އަބަދު އެއް ޝަކުވާތަކެކެވެ!!!"
ވާހަކައިގެ ޢިބްރަތް
އަބަދު އެއް ޝަކުވާތަކެއް އެއް ގޮތަކަށް ނުކުރާށެވެ! އަބަދު އެއް ޝަކުވާތަކެއް އެއް ގޮތަކަށް ކުރާ ނަމަ، އޭގެ މުހިންމުކަން ކެނޑިދާނެއެވެ. އަދި އެއާމެދު ދެވޭ ސަމާލުކަން ވެސް ނެތިދާނެއެވެ.
މަޞްދަރު
الرجل الحكيم
https://eshraka-academy.com/very-short-childrens-stories