އަނިޔާވެރިޔާއަށް މަޢާފުކުރުމުގެ ޝަރުޠު


ސަމާޙަތުއްޝައިޚު އިބްނު ޢުޘައިމީން ވިދާޅުވެފައި ވެއެވެ. "ތިބާއަށް އަނިޔާވެރިވެއްޖެ މީހަކަށް މަޢާފުނުކުރާށެވެ! ތިބާ އޭނާއަށް މަޢާފުކުރުމަކީ، އިތުރަށް އަނިޔާވެރިވުމަށް އޭނާއަށް ހިތްވަރުދެވޭ ކަމެކެވެ." އަނިޔާވެރިއާއަށް މަޢާފުނުކުރުމަށް ޝައިޚު ދަލީލު ދައްކަވާފައިވަނީ ކީރިތި ޤުރުއާނުގެ މޫރިތި އާޔަތަކުންނެވެ. ތިރީގައި މިވަނީ އެ އާޔަތެވެ.

(فَمَنْ عَفَا وَأَصْلَحَ فَأَجْرُهُۥ عَلَى ٱللَّهِ) އައްޝޫރާ: 40

ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގައިވާ މި އާޔަތުގެ މާނައީ "ފަހެ (ނުބައިކަމެއް ކޮށްފިމީހާއަށް) ޢަފޫ ކޮށް، ޞުލްޙަވެރިވެގަތްމީހާގެ ޘަވާބު ވަނީ، ﷲގެ ޙަޟްރަތުގައެވެ."

(ނޯޓު: ޞުލްޙަވެރިވެގަތުމަކީ ދެ ފަރާތުން ކުރަންޖެހޭ ކަމެއް ކޮށް ދެ ފަރާތުން ޞުލްޙަވެރިވުމެވެ. ބަހަވީ ނަޒަރުން ބަލާއިރު އެއީ ދެ ފަރާތެއް ނުވަތަ ގިނަ ފަރާތްތަކެއް ޝާމިލުވާ ކަމެކެވެ.)

ޝައިޚު ވިދާޅުވެފައި ވެއެވެ. އާޔަތުގައި ވަނީ ޢަފޫކުރުމަށް ޝަރުޠެއް ކަނޑައަޅުއްވާފައެވެ. އެ ޝަރުޠަކީ އިޞްލާޙުކުރުމެވެ. އިޞްލާޙުކުރުން ނެތް ކަމުގައި ވާނަމަ، މަޢާފުކޮށްގެނެއް ނުވާނެއެވެ.

މިސާލަކަށް މީހަކު ތިބާއަށް ކުރި އަނިޔާއަކީ، ތިބާގެ ބޯހިޔާވަހިކަން ފޭރިގަތުން ކަމުގައި ވާނަމަ، ތިބާ އޭނާއަށް މަޢާފުކުރަންވާނީ، އޭނާ އެ ކަން އިޞްލާޙުކުރުމުންނެވެ. އޭނާ އެ ކަން އިޞްލާޙުކުރުމަކީ، ތިބާގެ އަތުން އޭނާ ފޭރިގަތް ބޯހިޔާވަހިކަން ތިބާއަށް އަނބުރާ ދިނުމެވެ. އޭނާ އެ ކަން ނުކުރާހައި ހިނދަކު، އިޞްލާޙުކުރުމެއް ނެތެވެ. އަދި އޭނާއާއެކު ޞުލްޙަވެރިވުމެއް ވެސް ނެތެވެ. އަދި އޭނާއަށް މަޢާފުކުރުމެއް ވެސް ނެތެވެ.

ޝައިޚު ދަލީލު ދައްކަވާފައިވާ މުޅި އާޔަތަށް ނަޒަރު ހިންގައިލުމުން އިތުރަށް އޮޅުންފިލައެވެ. ތިރީގައި މިވަނީ އެ އާޔަތާއި އެ އާޔަތުގެ މާނައެވެ.

(وَجَزَاءُ سَيِّئَةٍ سَيِّئَةٌ مِّثْلُهَا ۖ فَمَنْ عَفَا وَأَصْلَحَ فَأَجْرُهُ عَلَى اللَّهِ ۚ إِنَّهُ لَا يُحِبُّ الظَّالِمِينَ) އައްޝޫރާ: 40

މާނައީ "ނުބައިކަމެއްގެ ޖަޒާއަކީ އެއާއެއްފަދަ ނުބައިކަމެކެވެ. ފަހެ (ނުބައިކަމެއް ކޮށްފިމީހާއަށް) ޢަފޫ ކޮށް، ޞުލްޙަވެރިވެގަތްމީހާގެ ޘަވާބު ވަނީ، ﷲގެ ޙަޟްރަތުގައެވެ. ހަމަކަށަވަރުން، އެކަލާނގެ، އަނިޔާވެރިންދެކެ ލޯބިވެވޮޑިގެނެއް ނުވެތެވެ."

މި އާޔަތުގައި މާތް ﷲ އަންގަވާފައި މި ވަނީ (وَجَزَاءُ سَيِّئَةٍ سَيِّئَةٌ مِّثْلُهَا) މިހެންނެވެ. މާނައީ "ނުބައިކަމެއްގެ ޖަޒާއަކީ އެއާއެއްފަދަ ނުބައިކަމެކެވެ."
މިއީ މާތްﷲ ގެ އެންގެވުމެވެ. މި އެންގެވުމާ ޚިލާފެއް ނުވެވޭނެއެވެ.

މީހަކު ތިބާއަށް އަނިޔާވެރިވެއްޖެނަމަ، ހަމައެފަދައިން އޭނާއަށް އަނިޔާވެރިވުމަކީ މާތްﷲ ޝަރުޢުކުރައްވާފައިވާ ކަމެކެވެ. ނަމަވެސް ތިބާ އެ ކަން ކުރާނީ އަމިއްލައަކަށެއް ނޫނެވެ. ތިބާ އެ ކަން ކުރާނީ، އިސްލާމީ ޝަރީޢަތުގެ މަގުންނެވެ. އިސްލާމީ ޝަރީޢަތުން އޭނާއަށް ޢުޤޫބާތް ނުދީފިނަމަ، ނުވަތަ ތިބާއަށް ލިބެންޖެހޭ ޙައްޤު ހޯދައިނުދީފިނަމަ، ތިބާގެ މައްޗަށް އޮތީ އޭނާއަށް ޢުޤޫބާތް ދެއްވުން އެދި މާތްﷲ ގެ ޙަޟުރަތުގައި ދެންނެވުމެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ ރަސްގެފާނު ކަމުގައި ވިޔަސް، އޭނާއަށް ޢުޤޫބާތް ދެއްވުމަށް މާތްﷲ ކުޅަދުންވަންތައެވެ. އެކަލާނގެ، އޭނާގެ ކިބައިން، ތިބާގެ ޙައްޤު ތިބާއަށް ނަންގަވައި ދެއްވާނެއެވެ. ދުނިޔޭގައެވެ. ނުވަތަ އާޚިރަތުގައެވެ.

ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. މީހަކު ތިބާއަށް ދޮގެއް ހަދައިފި ނަމަ، އޭގެ ބަދަލުގައި ތިބާ އޭނާއަށް ދޮގެއް ހަދައިގެނެއް ނުވާނެއެވެ. އަދި މީހަކު ތިބާގެ އަތުން އެއްޗެއް ފޭރިގެންފިނަމަ، އޭގެ ބަދަލުގައި ތިބާ އޭނާގެ އަތުން އެއްޗެއް ފޭރިގެނެއް ނުވާނެއެވެ. އެކަމަކު، ތިބާ އެ މައްސަލަ ހުށަހަޅާނީ ކަމާބެހޭ ފަރާތްތަކަށެވެ. އޭނާގެ މައްޗަށް ފިޔަވަޅު އަޅާނީ އެ ފަރާތްތަކުންނެވެ.

މާތްﷲ، އާޔަތް ނިންމަވާލައްވަމުން ވަޙީކުރައްވަނީ (إِنَّهُ لَا يُحِبُّ الظَّالِمِينَ) މިހެންނެވެ. މާނައީ "ހަމަކަށަވަރުން، އެކަލާނގެ، އަނިޔާވެރިންދެކެ ލޯބިވެވޮޑިގެނެއް ނުވެތެވެ."
މި ބަސްފުޅުން އެނގޭ ގޮތުގައި، އަނިޔާވެރިން ދެކެ ލޯބިވުމަކީ، މުއުމިނުން ކޮށްގެންވާނެ ކަމެއް ނޫނެވެ. އެހެނީ، މާތްﷲ ގެ ރަޙްމަތްފުޅުގެ ތަނަވަސްކަން ބޮޑުކަމާއެކުގައި ވެސް، އަނިޔާވެރިންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެއެވެ.

ތިބާއަށް އަނިޔާވެރިވެފައިވާ މީހަކު، ތިބާގެ ގާތުގައި "ތިމަންނައަށް މަޢާފުކުރާށޭ!" ބުންޏަސް އޭނާއަށް މަޢާފުކުރާކަށެއް ނުޖެހެއެވެ. ސަމާޙަތުއްޝައިޚު އިބްނު ޢުޘައިމީން ވިދާޅުވާ ގޮތުގައި، ތިބާއަށް އޭނާ ކުރި އަނިޔާ، އޭނާ އިޞްލާޙުކުރަންޖެހެއެވެ. އެއީ މިސާލަކަށް: ތިބާއަށް އޭނާ ބަދަލު ދިނުމެވެ. ތިބާގެ އަތުން އޭނާ ނިގުޅައިގެންފައިވާ އެއްޗެއް އަނބުރާ ދިނުމެވެ. އޭނާއަށް މަޢާފުކުރެވޭނީ، އިޞްލާޙުކުރުމުގެ ޝަރުޠު، އޭނާ ފުރިހަމަކުރުމުންނެވެ. އޭނާ އެ ޝަރުޠު ފުރިހަމަކުރުމުގެ ކުރިން އޭނާއަށް މަޢާފުކުރުމަކީ، އިތުރަށް އަނިޔާވެރިވުމަށް އޭނާއަށް ދެވޭ ހިތްވަރެކެވެ. އަނިޔާވެރިވުމަށް ހިތްވަރުދޭ މީހާ ވެސް ވާނީ އަނިޔާވެރިއަކަށެވެ. އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓަންވީ ބަސްފުޅަކީ: (إِنَّهُ لَا يُحِبُّ الظَّالِمِينَ) މިއެވެ. މާނައީ "ހަމަކަށަވަރުން، އެކަލާނގެ، އަނިޔާވެރިންދެކެ ލޯބިވެވޮޑިގެނެއް ނުވެތެވެ."

"އަނިޔާވެރިޔާއަށް މަޢާފުކުރުން ވަނީ ޝަރުޠަކާއެކުގައެވެ." އެ ޝަރުޠަކީ، އޭނާ ކުރި އަނިޔާގެ ޢަމަލު އޭނާ އިޞްލާޙުކުރުމެވެ. އޭނާއަށް މަޢާފުކުރުން ވަނީ އެއަށްފަހުގައެވެ.

މަޞްދަރު

إذا أساء إليك هذا الشخص فلا تعفو ولا تغفر إلا بشرط
https://www.youtube.com/watch?v=FjU2rzIZIxQ