އަޚުލާޤާއި ތަރުބިއްޔަތު

އަޚުލާޤާއި ތަރުބިއްޔަތަކީ، އެކަތި އަނެކަތި
ފުރިހަމަކޮށްދޭ ދެ އެއްޗެކެވެ. އެއިން އިންސާނާގެ
ޝަޚުޞިއްޔަތު އޮފުދާރުކޮށްދެއެވެ. ރިވެތި އަޚުލާޤާ ނުލައި
މުޖުތަމަޢެއް ބިނާކުރުމަކީ، ކުރަން ހެޔޮވާނެ ކަމެއް
ނޫނެވެ. ރިވެތި އަޚުލާޤާކީ، ތަޢުލީމާއި ތަރުބިއްޔަތުގެ
އެންމެ މަތިވެރި ލަނޑުދަނޑިއެވެ. އިސްލާމީ ތަރުބިއްޔަތުގެ
ފަލްސަފާގައި ވަނީ، އިންސާނާގެ ޝަޚުޞިއްޔަތުގެ ހުރިހާ
ކަމެއްގައި އަޚުލާޤު ހިމެނިފައެވެ.
އަޚުލާޤާ ބެހޭ
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، އަޚުލާޤަކީ، ޢަމަލީ
ގޮތުން މަސައްކަތްކޮށްގެން ނޫނީ ނުލިބޭނެ އެއްޗެކެވެ.
އެއީ، އިންސާނީ އަގުތައް ޢަމަލީ ގޮތުން ތަންފީޒުކުރުމުން
ނޫނީ ޙާޞިލުނުވާނެ އެއްޗެކެވެ. އަޚުލާޤީ ތަރުބިއްޔަތުގެ
އެތައް މައިދާނެއް ވެއެވެ. އޭގެތެރޭގައި، ޢާއިލާއާއި،
ސްކޫލާއި، މުޖުތަމަޢު ހިމެނެއެވެ.
ތަރުބިއްޔަތާއި
އަޚުލާޤާ ގުޅުވުމުގެ މުހިންމުކަމަކީ، އިންސާނާގެ
ޝަޚުޞިއްޔަތުގައި އެ ބިންވަޅުނެގި، އޭނާގެ ފުށުން އޭގެ
ހެޔޮ އަސަރު މުޅި މުޖުތަމަޢުގައި ފެތުރޭނެތީއެވެ. އަޚުލާޤީ
ރޫޙާއި، އިންސާނީ ސުލޫކު ދިރުވައި ކުރިއެރުވުމަށްޓަކައި،
އަނެކުންނާ މުޢާމަލާތުކުރަން ޖެހެއެވެ. ރަސޫލު ﷲ ޞައްލަ ﷲ
ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ.
(خَيْرُكُمْ إِسْلامًا أَحَاسِنُكُمْ أَخْلاقًا)
މާނައީ، "ތިޔަބައިމީހުންކުރެ އެބަޔެއްގެ އިސްލާމްކަން
އެންމެ ރަނގަޅު މީހުންނަކީ، ތިޔަބައިމީހުންކުރެ އެންމެ
އަޚުލާޤު ރަނގަޅު މީހުންނެވެ."
އެހެން ޙަދީޘް
ބަސްފުޅެއްގައި ވެއެވެ.
(أَكْمَلُ الـمُؤمِنِينَ
إِيمَاناً أَحسَنُهُم خُلُقاً)
މާނައީ، "އީމާންކަން
ފުރިހަމަ މުއުމިނުންނަކީ، އެއުރެންކުރެ އަޚުލާޤު އެންމެ
ރަނގަޅު މުއުމިނުންނެވެ."
އިސްލާމީ ތަރުބިއްޔަތުގައި
އަޚުލާޤަށް ދެވިފައިވާ ދަރަޖައިގެ މަތިވެރިކަން، މި ފަދަ
ޙަދީޘް ބަސްފުޅުތަކުން އެނގެއެވެ.
ރަސޫލުﷲ ޞައްލަﷲ
ޢަލައިހި ވަސައްލަމަ، މުސްލިމުންނަށް ދެއްވި
ތަރުބިއްޔަތުގައި ވަނީ، މަކާރިމުލް އަޚްލާޤް
ފުރިހަމަކުރައްވާފައެވެ. އެ ކަން ބަޔާންކުރައްވަމުން
ޙަދީޘްކުރެއްވިއެވެ.
(إنَّمَا بُعِثْتُ لِأُتَمِّمَ
مَكَارِمَ الْأَخْلَاقِ)
މާނައީ، "ހަމަކަށަވަރުން
ތިމަންކަލޭގެފާނު ފޮނުއްވެވުނީ، މަކާރިމުލް އަޚުލާޤު
ފުރިހަމަކުރެއްވުމަށްޓަކައެވެ."
ލޮބުވެތި
އަޚުންނާއި އުޚުތުންނޭވެ! ދުންޔަވީ ޙަޔާތް
ބާއްޖަވެރިކުރުމަށް އޮތް އެންމެ އީޖާބީ ވަސީލަތަކީ ރިވެތި
އަޚުލާޤެވެ. ދަރިން ތަރުބިއްޔަތުކުރުމުގައި ވެސް ނަމޫނާ
ދައްކަންވީ އެއިންނެވެ.
މަޞްދަރު
عارف العمور. (20 نوفمبر، 2013). الأخلاق ودورها في بناء المجتمع. تاريخ الاسترداد 9 يوليو، 2025، من بانيت: http://www.panet.co.il/article/737785