ބުޅަލުގެ ދަރިއަށް ނަންކިޔުން


އާދަކާދައިގެމަތިން ގޭދޮށުގައި އުޅޭ ކާކީ ބުޅާ އެއްދުވަހަކު އަތުވެއްޖެއެވެ. އެއީ މުސްލިމު ބުޅަލެކެވެ. އެ ބުޅާ އައިސް ބުންޏެވެ. "މިޔައު މިޔައު މިޔައު ..."
(ޔަޢުނީ: މަގޭ މުހުތާދު ފުއްދައިދީބަލާށެވެ!")

ބުޅާކުރެން އެހީމެވެ. "ބުޅަލުގެ މުހުތާދަކީ ކޮބައިހެއްޔެވެ؟"
ބުޅާ ބުންޏެވެ. "މިޔައު މިޔައު މިޔައު ..."
(ޔަޢުނީ: މިއުޅެނީ މާދަމާ ދަރިފުޅަށް ހަތް ދުވަސް ފުރޭތީ، ނަން ކިޔަން ވެގެންނެވެ. ނިކަން އަވަހަށް ނަމުގެ މާނަ ބަލައިލަދީބަލާށެވެ!)

"ނަމަކީ ކޮބައިހެއްޔެވެ؟" ބުޅާކުރެން އެހީމެވެ.
ބުޅާ ބުންޏެވެ. "މިފަހަރު ލިބުނު ދަރިފުޅަށް ކިޔަން ޤަޞްދުކުރަނީ "ނިމްރޫދު" އެވެ. މި ނަމުގެ މާނައަކީ ކޮބައިހެއްޔެވެ؟"

ދެން ނިމްރޫދުގެ މާނަ ކިޔައިދިނީމެވެ.
"މިޞްރުގެ ޤިބްޠީ ބަހުގެ ނަޒަރުން ބަލާއިރު، ނިމްރޫދުގެ އަޞްލަކީ "ނިބްރޫތު" އެވެ. މި ނަން އެކުލެވިގެންވަނީ ދެ ލަފުޒަކުންނެވެ. އެއީ ނިބް އާއި ރޫތު އެވެ. ނިބްގެ މާނައަކީ "ސާހިބާ" އެވެ. ރޫތުގެ މާނައަކީ "ބިން" އެވެ. އެހެންވީމާ، ޤިބްޠީ ބަހުގައި ނިބްރޫތު ނުވަތަ ނިމްރޫދުގެ މާނައަކީ "ބިމުގެ ވެރިޔާ" އެވެ. ނުވަތަ "ބިމުގެ ސާހިބާ" އެވެ."

ބުޅާ ބުންޏެވެ. "އެހެންވީމާ، ނަމަކީ މާނަ ރަނގަޅު ނަމެއްތާއެވެ! ނަން ފައިނަލްވީއެވެ! ދަރިފުޅަށް ކިޔާނީ "ނިމްރޫދު" އެވެ.

ބުޅަލުގެ ގާތުގައި ބުނީމެވެ. "ނަމެއްގެ މާނަ ރަނގަޅުވިޔަސް ނުފުދޭނެއެވެ. މުސްލިމެއްގެ ދަރިއަކަށް ނަމެއް ކިޔާއިރު، އެ ނަމުގެ ފަސްމަންޒަރަށް ވެސް ބަލައިލަންޖެހޭނެއެވެ."

ބުޅާ ބުންޏެވެ. "ނިމްރޫދުގެ ފަސްމަންޒަރަކީ ކޮބައިހެއްޔެވެ؟"

ދެންފަހެ، ނަމާބެހޭ އިތުރު މަޢުލޫމާތު ކިޔައިދޭން ފެށީމެވެ.
ނިމްރޫދަކީ، ހާރޫތާއި މާރޫތުގެ ގާތުން މީހުން ސިޙުރު ދަސްކުރި ސަހަރު ކަމުގައިވާ ބާބިލުގެ ރާޖާގެ ނަމެވެ. އެ ރާޖާ މަޝްހޫރުވެފައިވަނީ، ޖައްބާރުކަމާއި ކިބުރުވެރިކަމާއި ބޮޑާކަމާއި އަނިޔާވެރިކަމާއި ނުލަފާކަމުންނެވެ. އެހެންވެ، ޢަރަބި ބަހުގައި "ނިމްރޫދު" އަށް ދެވިފައިވާ މާނައަކީ "ޖައްބާރު ކިބުރުވެރި އަނިޔާވެރިޔާ" އެވެ. ނިމްރޫދު އަށް ނުމްރޫދު ވެސް ކިޔައެވެ. ނިމްރޫދުއަކީ ތައުރާތުގައި ހިމެނޭ ނަންތަކުގެ ތެރެއިން ނަމެކެވެ. ޔަހޫދީންގެ ޢިބްރާނީ ބަހުން އެ ނަން ލިޔަނީ (נִמְרוֹדֿ) މިހެންނެވެ. އާރާމީ ބަހުން އެ ނަން ލިޔަނީ (ܢܡܪܘܕ) މިހެންނެވެ. ތައުރާތުގައި ވެއެވެ. "ރައްބުވަންތަ ރަސްކަލާނގެ ޙަޟުރަތުގައި ނިމްރޫދަކީ ޖައްބާރު ކެޔޮޅެކެވެ." ސަމާވީ ދީންތަކުގެ އަހުލުވެރިންގެ ދަރިންނަށް "ނިމްރޫދު" ނުވަތަ "ނުމްރޫދު" ނުވަތަ "ނިބްރޫތު" ފަދަ ނަންނަން ނުކިޔައެވެ.

މި ވާހަކަކޮޅު އަޑުއެހުމަށްފަހު މާ ބާރަށް ހޭރިގެންފައި ބުޅާ ގޮވައިގަތެވެ. "މިޔާޢު މިޔާޢު މިޔާޢު ..."
(ޔަޢުނީ: ބުޅަލުގެ ދަރިންނަށް ނަންކިޔާއިރު، ނަންނަމުގެ ފަސްމަންޒަރަށާއި އިސްމަންޒަރަށް ބަލާކަށެއް ނުޖެހޭނެއެވެ! މާނަ ރަނގަޅުވެއްޖެ ކޮންމެ ނަމެއް، ބުޅަލުގެ ދަރިންނަށް ކިޔޭނެއެވެ!!!"

ބުޅާ ގާތުގައި ބުނީމެވެ.
"ބުޅާ ހީކުރަނީ މާނަ ރަނގަޅު ކޮންމެ ނަމެއް، މުސްލިމުންގެ ދަރިންނަށް ކިޔުން ހުއްދަވާނެ ހެއްޔެވެ؟ ތިޔައީ ކުށް ހީއެކެވެ!"
މިހެން ބުނުމުން، ކާކީ ބުޅާ ރުޅިގަދަވެގެން ހޭރެމުންހޭރެމުން ހިނގާއްޖެއެވެ!!!