ޢަރަބި އަކުރު ނޫން އަކުރަކުން ކީރިތި ޤުރްއާން ލިޔުމުގެ ޙުކުމް


ސުވާލު

ޢަރަބި އަކުރު ނޫން އަކުރަކުން ކީރިތި ޤުރްއާނުގެ މޫރިތި އާޔަތްތައް ލިޔުމަކީ ހުއްދަކަމެއްތޯއެވެ؟ ޢަރަބި އަކުރު ނޫން އަކުރަކުން ލިޔެފި ނަމަ، ޙުކުމުގެ ގޮތުން އެއީ ކީރިތި ޤުރްއާން ކަމުގައި ވާނެތޯއެވެ؟

ޖަވާބު

الحَمْدُ لِلَّٰهِ، وَالصَّلّاةُ وَالسَّلَامُ عَلَٰى رَسُوْلِ اللهِ، وَعَلَٰى آلِهِ وَصَحْبِهِ، أَمَّا بَعْدُ:

ޢަރަބި އަކުރު ނޫން އެހެން އަކުރުތަކުން ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތައް ލިޔުމަކީ ހުއްދަ ކަމެއް ނޫނެވެ. އެހެނީ، ކީރިތި ޤުރްއާން ލިޔަންވާނީ، ކީރިތި ޤުރްއާން ބާވައިލެއްވި ގޮތަށް، ޢުޘްމާނީ ލިޔުމުން ކީރިތި ޤުރްއާން ލިޔެވުނު ގޮތަށް ކަމުގައި، ހަތަރު މަޛުހަބުގެ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައި ވެއެވެ. އިމާމު މާލިކް (ރަޙިމަހުﷲ) ގެ އަރިއަހުގައި ދެންނެވުނެވެ: "އިންސާނުން ލިޔެއުޅޭ އެހެނިހެން އަކުރުތަކުން (އެބަހީ: ޢަރަބި އަކުރު ނޫން އެހެން އަކުރުތަކުން) ކީރިތި ޤުރްއާން ލިޔުމަކީ ހުއްދަކަމެއްތޯއެވެ؟" ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ: "ނޫނެކެވެ. ޢުޘްމާނީ ލިޔުމުން މެނުވީ، ކީރިތި ޤުރްއާން ލިޔުން ހުއްދައެއް ނުވާނެއެވެ."

ޤިރާއަތްތަކުގެ ބައެއް އިމާމުން ވިދާޅުވެފައި ވެއެވެ. ޢަރަބި އަކުރު ނޫން އަކުރަކުން ކީރިތި ޤުރްއާން ލިޔުމުގެ ޙުކުމް، އިމާމު މާލިކު ބަޔާންކުރެއްވީ، އެ ކަމާ ބެހޭ ގޮތުން އެކަލޭގެފާނުގެ އަރިއަހަށް ސުވާލު ހުށަހެޅުނީތީއެވެ. އެ ކަމާމެދު އެކަލޭގެފާނު ވިދާޅުވި ބަސްފުޅަކީ، އެހެން މަޛުހަބުތަކުގެ އިމާމުންގެ ވެސް ބަސްފުޅެވެ. އިމާމު އިބްނު ޙަޖަރުލްހައިތަމީ ވަނީ، އެ ބަސްފުޅު، އެކަލޭގެފާނުގެ ފަތުވާތަކަށް ނަޤުލުކުރައްވާފައެވެ. އިބްނު ޙަޖަރުލްހައިތަމީގެ ރައުޔުގައި ވަނީ، އުނގަންނައިދިނުމަށް ޓަކައި ވެސް، ޢަރަބި އަކުރު ނޫން އެހެން އަކުރަކުން ކީރިތި ޤުރްއާން ލިޔުމަކީ ޙަރާމް ކަމެއް ކަމަށެވެ.

އިބްނު ޙަޖަރުލްހައިތަމީ ވިދާޅުވެފައި ވެއެވެ. "މި ޒަމާނުގެ މީހުން ޢަރަބި އަކުރުން (الرِّبَا) މި ލަފުޒު ލިޔާ ގޮތަށް، ކީރިތި ޤުރުއާނުގައިވާ (ٱلرِّبَوٰٓاْ) ލިޔުމަކީ، މަނާ ކަމެއް ކަމަށް ޢިލްމުވެރިން ވަނީ އިޖުމާޢުވެވަޑައިގެންފައެވެ. މި ދެ ލަފުޒު ކިޔާ ގޮތުގައި ތަފާތެއް ނެތެވެ. ނަމަވެސް ޢާންމު ލިޔުމުން (الرِّبَا) ލިޔާ ގޮތަށް، ކީރިތި ޤުރްއާނުގައިވާ (ٱلرِّبَوٰٓاْ) ލިޔުމަކީ، ޢިލްމުވެރިން މަނާކުރައްވާފައިވާ ކަމެކެވެ. މި ކަން މިހެން އޮތްއިރު، ޢަރަބި އަކުރު ނޫން އަކުރަކުން ކީރިތި ޤުރްއާން ލިޔުން މަނާވުން، މާ އައުލާކަން ބޮޑެވެ. އަދި ޢަރަބި ނޫން އަކުރަކުން ކީރިތި ޤުރްއާން ލިޔުމުން، އުނގަންނައިދޭން ފަސޭހަވާނެ ކަމަށް ބުނާ ބުނުމަކީ، ޢަމަލީ މައިދާނުން ފެންނަ ގޮތާއި، ކަމުގެ ޙަޤީޤަތާ ޚިލާފު ދޮގެކެވެ. އެ ބުނުމަށް އިޖާބަދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ."

އެއްވެސް ޝައްކެއްވެސް ނެތްގޮތުގައި، ޢަރަބި އަކުރު ނޫން އަކުރަކުން ކީރިތި ޤުރުއާން ލިޔުމުގެ ދޮރު ހުޅުވައިލުމަކީ، ކީރިތި ޤުރުއާނަށް ބަދަލު ގެނައުމަށާއި، އެ މާތް ފޮތުގެ އަކުރުތަކަށް އުނިއިތުރު ގެނައުމަށް ހުޅުވައިލެވޭ ދޮރެކެވެ. "މަނާހިލުލްޢިރްފާން" އެވެ، ކިޔާ ފޮތުގައި، އައްޒަރްޤާނީ ވިދާޅުވެފައި ވެއެވެ: "ތިޔަބައިމީހުންގެ ސަމާލުކަމަށް ގެންނަންޖެހޭ މުހިންމު ކަންކަން ވެއެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ، ޢަރަބި އަކުރު ނޫން އަކުރަކުން ކީރިތި ޤުރުއާން ލިޔުން، އިސްލާމްދީނުގައި މަނާކުރައްވާފައިވާ ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވާ ކަމެވެ. އެހެންކަމުން، ކީރިތި ޤުރްއާން އެހެން ބަހަކަށް ތަރުޖަމާކުރާއިރު، ބަދަލެއް ނައިސް، މާނަ ފާސިދުނުވާނެހެން، އެ މާތް ފޮތުގެ ކަލިމަތައް ލިޔަންވާނީ ހަމައެކަނި ޢަރަބި އަކުރުންނެވެ."

ކީރިތި ޤުރްއާން، ލެޓިން އަކުރުން ލިޔުމާ ބެހޭ ގޮތުން ޖާމިޢުލްއަޒްހަރުގެ ފަތުވާ ކޮމިޓީއަށް ހުށަހެޅުނު ސުވާލަކަށް އެ ފަތުވާ ކޮމިޓީން ދެއްވި ޖަވާބުގައި ވެއެވެ:

"ޢަރަބި ބަހުގެ އަކުރުތަކާ އިއްތިފާޤުވާ އެތައް އަކުރުތަކެއް ލެޓިން އަކުރުގައި ނެތްކަމީ، ޝައްކެއް އޮތް ކަމެއް ނޫނެވެ. ޢަރަބި ބަހުގެ އަކުރުތަކާ އިއްތިފާޤުވާ އަކުރުތައް ލެޓިން އަކުރުތަކުގައި ނެތުމުގެ ސަބަބުން ކުރިމަތިވާ މައްސަލައަކީ، ޢަރަބި އަކުރުން އަދާކުރާ ކަންކަން، ލެޓިން އަކުރުން އަދާނުކުރުމެވެ. ލެޓިން އަކުރުން ކީރިތި ޤުރްއާނުގެ މޫރިތި އާޔަތްތައް ލިޔެފި ނަމަ، ކީރިތި ޤުރްއާނުގެ ކަލިމަތަކަށާއި މާނަތަކަށް ބަދަލު އަންނާނެއެވެ. އެ ކަމުގެ ސަބަބުން، ކީރިތި ޤުރްއާން ތަޙްރީފުވެ، ކީރިތި ޤުރްއާން ފަސާދަވެގެންދާނެއެވެ. އިސްލާމީ ޝަރުޢުގެ ދަލީލުތަކުން އެނގޭ ގޮތުގައި، ކީރިތި ޤުރްއާނަށް ބަދަލުގެނައުމާއި ކީރިތި ޤުރްއާން ތަޙްރީފުކުރުމަކީ، އިސްލާމްދީނުގައި މަނާކުރައްވާފައިވާ ކަމެކެވެ. ސަލަފުއްޞާލިޙްގެ ޢިލްމުވެރިންނާއި ފަހުގެ ޢިލްމުވެރިންގެ އިޖުމާޢުގައި ވަނީ، ކީރިތި ޤުރްއާނުގެ ލަފުޒާއި މާނަ ތަޙްރީފުވެދާނެ ކޮންމެ ކަމަކީ އިސްލާމްދީނުގައި މަނާކުރައްވާފައިވާ ކަމެއް ކަމަށާއި، އެ ފަދަ ކަމެއް ކުރުމަކީ ކަނޑައެޅިގެން ޙަރާމްކަމެއް ކަމަށެވެ. މާތްﷲ ރުއްސުންލެއްވި ޞަޙާބީ ބޭކަލުން ކީރިތި ޤުރްއާން ލިޔުއްވީ ޢަރަބި އަކުރުންނެވެ. އެއަށްފަހު މިއަދާ ހަމައަށް ވެސް ކީރިތި ޤުރްއާން ލިޔުން ލާޒިމުވެގެންވަނީ، ޢަރަބި އަކުރުންނެވެ."

"ތަފްސީރުލްމަނާރް" އެވެ، ކިޔާ ކީރިތި ޤުރްއާނުގެ ތަފްސީރުގައި، އެ ތަފްސީރުގެ މުފައްސިރު މުޙައްމަދު ރަޝީދު ރިޟާ ވިދާޅުވެފައި ވެއެވެ.

"ޢަރަބި އަކުރު ނޫން އަކުރަކުން ކީރިތި ޤުރްއާން ލިޔެފި ނަމަ، ޢަރަބި އަކުރުން ކީރިތި ޤުރްއާން ލިޔުމުން ފުރިހަމަވާ އެތައް ކަންކަމެއް ފުރިހަމައެއް ނުވާނެއެވެ. އޭގެ މިސާލަކީ، އިނގިރޭސި ބަސް ލިޔާ ލެޓިން އަކުރުން ކީރިތި ޤުރްއާން ލިޔުމެވެ. ލެޓިން އަކުރުން ކީރިތި ޤުރްއާން ލިޔުމަކީ، ކީރިތި ޤުރްއާނުގެ ކަލިމަތައް ތަޙްރީފުވާނެ ކަމެއް ކަމުގައި ވާތީ، ލެޓިން އަކުރުން ކީރިތި ޤުރްއާން ލިޔުމަކީ، އިސްލާމީ ނަޒަރުން ބަލާއިރު މަނާކަމެއް ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. ލެޓިން އަކުރުން ކީރިތި ޤުރްއާން ލިޔުން ފަދަ ކަމެއް ކުރުމުން ކީރިތި ޤުރްއާނަށް އަންނަ ބަދަލާމެދު ރުހިގެންވާ މީހަކީ، ކާފިރެކެވެ. އިސްލާމްދީނަށް ވަންނަ ޢަޖަމީއަކީ މުޙައްމަދު (محمد) ކިޔަން ނޭނގޭ މީހަކަށް ވެފައި، އޭނާ މުޙައްމަދު (محمد) ކިޔަނީ މުހައްމަދު (مهمد) މި ގޮތަށް ކަމުގައި ވެދާނެއެވެ. އަދި އޭނާ ޚާތަމުއްނަބިއްޔީނަ (خاتم النبيين) މި ޢިބާރާތް ކިޔަނީ ކާތަމުއްނަބިއްޔީނަ (كاتم النبيين) މިހެން ކަމުގައި ވެސް ވެދާނެއެވެ. މި ޙާލަތުގައި ކުރަންޖެހޭ ކަމަކީ، ޢަރަބި އަކުރު ކިޔާ ގޮތް އޭނާއަށް ރަނގަޅަށް ދަސްކޮށްދިނުމެވެ. މި ޙާލަތުގައި އޭނާގެ ބަހުން އޭނާ ކިޔާ ގޮތަށާއި، އޭނާގެ ބަހުން އޭނާ ލިޔާ ގޮތަށް އޭނާ ދޫކޮށްލައިފި ނަމަ، ޢަރަބި އަކުރުން ކިޔަންޖެހޭ ރަނގަޅު ގޮތް، ދުވަހަކުވެސް އޭނާއަކަށް ދަހެއްނުވާނެއެވެ. ރޫމީންނާއި ފާރިސީންނާއި ޤިބްޠީންނާއި ބަރްބަރީންނާއި ފަރަންޖީންނާއި އެ ނޫން ޤައުމުތަކުން އިސްލާމްވި މީހުންގެ ބަސްބަހުން ކީރިތި ޤުރްއާން ލިޔުމަށް ހުއްދަދެވުނު ނަމަ، މިއަދާ ހަމައަށް އައިއިރު، ކީރިތި ޤުރްއާނުގެ އެތައް ބާވަތްތަކެއްގެ އެތައް ނަކަލުތަކެއް އުފެދިފައިވީހެވެ. އަދި މުސްލިމުންގެ ތެރެއިން އެއް ޤައުމެއްގެ މީހުން ގެންގުޅޭ ޤުރްއާނަކީ، އަނެއް ޤައުމެއްގެ މީހުންނަށް ކިޔަން އެނގޭނެ އެއްޗެއް ކަމުގައި ވެސް ނުވީހެވެ."

ބަޔާންކުރެވުނު ބަސްފުޅުތަކުން އެނގޭ ގޮތުގައި، ޢަރަބި އަކުރު ނޫން އެހެން އަކުރަކުން ކީރިތި ޤުރްއާން ލިޔުމަކީ ހުއްދަކަމެއް ނޫނެވެ. އަދި ޢަރަބި ބަހުގެ އަކުރުތައް ހިމެނޭ ބަހެއްގެ އަކުރުތަކުން ވެސް ކީރިތި ޤުރްއާން ލިޔުން ހުއްދައެއް ނުވާނެއެވެ. ކީރިތި ޤުރްއާން ބާވައިލެއްވީއްސުރެ އެ މާތް ފޮތް ލިޔެވެނީ ޢަރަބި އަކުރުންނެވެ. އަބޫބަކުރުގެފާނުގެ ޒަމާނުގައި ކީރިތި ޤުރްއާން ޖަމާކުރެވުނުއިރު، އެ މާތް ފޮތް ލިޔެވުނީ ޢަރަބި އަކުރުންނެވެ. އެއަށްފަހު، ޢުޘްމާނުގެފާނުގެ ޒަމާނުގައި ކީރިތި ޤުރްއާން ޖަމާކުރެވުނުއިރު ވެސް، އެ މާތް ފޮތް ލިޔެވުނީ ޢަރަބި އަކުރުންނެވެ. އަދި ތާބިޢީ ބޭކަލުން ވެސް އިޖުމާޢުވެވަޑައިގެންފައިވަނީ، ޢަރަބި އަކުރުން ކީރިތި ޤުރްއާން ލިޔުމަށެވެ. އެއަށްފަހު، މުސްލިމުންގެ ތެރޭގައި ޢަޖަމީން ހިމެނިފައި ވާއިރުގައި ވެސް، މިއަދާ ހަމައަށް ވެސް، މުސްލިމުން ކީރިތި ޤުރްއާން ލިޔަމުން ގެންދަނީ، ރަސޫލުﷲ ޞައްލަﷲ ޢަލއިހި ޥަސައްލަމައާއި، އިތުރުއެކަލޭގެފާނުގެ ޚަލީފާވެރި ބޭކަލުންނާއި، އިތުރުއެކަލޭގެފާނުގެ ޞަޙާބީ ބޭކަލުންގެ ޒަމާންތަކުގައި އެ ކަން ކުރެވުނު ފަދައިންނެވެ. ޢަރަބި އަކުރުން ކީރިތި ޤުރްއާން ލިޔުމަކީ، އިސްލާމީ އުއްމަތުގެ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވާ ކަމެކެވެ. ޢަރަބި ބަސް ނޫން އެހެން ބަސްބަހުގެ އަކުރުތަކުން ކީރިތި ޤުރްއާން ލިޔުމުގެ ދޮރު ހުޅުވައިލައިފި ނަމަ، އެ ކަން ވެގެންދާނީ، އިހުގެ ފޮތްތަކަށް ފަދައިން ކީރިތި ޤުރްއާން ތަޙްރީފުވުމަށް ހުޅުވައިލެވޭ ދޮރެއް ކަމަށެވެ. އިސްލާމްދީނުގެ އަޞްލު ދެމެހެއްޓުމަށާއި، ނުބައި ކަންކަމާއި ފަސާދައިގެ މަގުތައް ބަންދުކުރުމަށް ޓަކައި، ޢަރަބި ބަސް ނޫން އެހެން ބަސްބަހުގެ އަކުރުތަކުން ކީރިތި ޤުރްއާން ލިޔުމަކީ މަނާކުރަންޖެހޭ ކަމެކެވެ. އިސްލާމީ އުއްމަތުގެ އިހުގެ ޢިލްމުވެރިންނާއި ފަހުގެ ޢިލްމުވެރިން ވަނީ، ޢަރަބި އަކުރު ނޫން އެހެން އަކުރަކުން ކީރިތި ޤުރްއާން ލިޔުން މަނާކުރައްވާފައެވެ. އެ ބޭކަލުން އެ ކަން މަނާކުރައްވާފައިވަނީ، އިސްލާމީ ޝަރުޢުގެ ދަލީލުތަކުގެ އަލީގައެވެ.

ޢަރަބި އަކުރު ނޫން އެހެން އަކުރަކުން ކީރިތި ޤުރްއާން ލިޔުމަކީ ހުއްދަކަމެއް ނޫންކަމަށް ފަތުވާ ދެއްވި މި ޒަމާނުގެ ޢިލްމުވެރިންގެ ތެރޭގައި، ސަމާޙަތުއްޝައިޚު އިބްނުބާޒު އާއި، ފަޟީލަތުއްޝައިޚު ޢަބްދުއްރައްޒާޤު ޢަފީފީ އާއި، އިސްލާމީ އުއްމަތުގެ އެ ފަދަ އެހެން ޢިލްމުވެރިން ހިމެނިވަޑައިގަންނަވައެވެ.

ލެޓިން އަކުރުން ކީރިތި ޤުރްއާން ލިޔެފި ނަމަ، އެއީ ކީރީތި ޤުރްއާން ކަމުގައެއް ނުވާނެއެވެ. ކީރިތި ޤުރްއާނުގެ ޙުކުމާއި ޙުއްޖަތެއް އެޔަކު ނުވާނެއެވެ. އެހެނީ، އެ މާތް ފޮތް ލެޓިން އަކުރުން ލިޔުމަކީ، އެ މާތް ފޮތުގެ އަޞްލުގައިވާ ހަމަތަކާއި މާނަތައް ނެތިގެންދާނެ ކަމެކެވެ. ކީރިތި ޤުރްއާނުގައިވާ ހަމަތައް ނެތިގެންދިއުމަކީ، އެ މާތް ފޮތުގައި ލައްވާފައިވާ އިޢުޖާޒުގެ ބައި އުނިވެގެންދާނެ ކަމެކެވެ. އެހެންކަމުން، ކީރިތި ޤުރްއާނުގެ ހުރިހައި ސިފަތަކާއި، އޭގައި ލައްވާފައިވާ އިޢުޖާޒާއެކު، އެ މާތް ފޮތް ދެމިއޮންނާނީ، ޢަރަބި އަކުރުން، ޢުޘްމާނީ ރަސްމުން އެ މާތް ފޮތް ލިޔުމުންނެވެ. މާތްﷲ ބާވައިލައްވާފައިވާ މުޢުޖިޒާތެއްގެ ގޮތުގައި ކީރިތި ޤުރްއާން ދެމިއޮންނަނީ، އެކަލާނގެ އެ މާތް ފޮތް ބާވައިލެއްވި ގޮތަށް ޢަރަބި އަކުރުން އެ މާތް ފޮތް ލިޔުމުންނެވެ.

والله أعلم.

މަޞްދަރު

އިސްލާމްވެބް
حكم كتابة القرآن بغير الحروف العربية
https://www.islamweb.net/ar/fatwa/32300