ޖިންނިއެއްގެ ނަމުން ނަންކިޔުމުގެ ޙުކުމް


ސުވާލު

ސަމްސަމާއީލު އާއި މަހްބާޝް އާއި ޝަމްހަރޫޝް ފަދަ ޖިންނީންގެ ނަންނަމުން، މުސްލިމު ކުދިންނަށް ނަންކިޔުމަކީ ހުއްދަ ކަމެއްތޯއެވެ؟

ޖަވާބު

الحمد لله.

މުސްލިމަކު އޭނާގެ ދަރިފުޅަށް ކިޔަންވާނީ، ރަނގަޅު ނަމެކެވެ. މީހާއަކީ ކާކުކަން އަންގައިދެނީ އޭނާގެ ނަމެވެ. ނަމަކީ މީހާގެ މައްޗަށް އޮތް ދަލީލެކެވެ. އެއީ އޭނާގެ އުޅުމާއި ގުޅުމުގެ ރިވެތިކަމާ ލާމެހިފައިވާ އެއްޗެކެވެ. އަދި އެއީ އާޚިރަތް ދުވަހު އޭނާއަށް ގޮވައިލެވޭނެ ޝިޢާރެވެ. އެހެންކަމުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ، ހުތުރު ނަންތައް، ރީތި ނަންތަކަށް ބަދަލުކުރައްވާފައެވެ.

ސުވާލުގައި ބަޔާންކުރެވިފައިވާ ފަދަ ނަންނަމުން، މުސްލިމު ކުދިންނަށް ނަންކިޔުން ހުއްދައެއް ނުވާނެއެވެ. އެކަމުގެ ސަބަބުތައް ތިރިގައި މިވަނީއެވެ.

1. އެއީ ޖިންނީންނަށާއި ޝައިޠާނުންނަށް ކިޔާ ނަންތަކެކެވެ. (ޖިންނީންނާއި ޝައިޠާނުންނަށް ކިޔާ ނަންނަމުން، މުސްލިމު ކުދިންނަށް ނަންކިޔުން ހުއްދައެއް ނުވާނެއެވެ.) އެ ނަންތައް ވަނީ، ސިޙުރުވެރިންނާއި ފަންޑިތަވެރިންނާއި މަގުފުރެދިފައިވާ މީހުންގެ ފަތްފުށްތަކުގައި ލިޔެވިފައެވެ.

2. އެއީ ހެޔޮލަފާ މީސްތަކުންގެ ހިތްތައް ނަފުރަތުކުރާނެ ނަންތަކެކެވެ. އަދި އެއީ ސަލާމަތް ބުއްދި އިންކާރުކުރާނެ ނަންތަކެކެވެ.

3. އެއީ އެ ނަންތަކުން ނަންދެވިފައިވާ މީހުންނަށް މަލާމާތްކުރެވޭނެ ނަންތަކެކެވެ. އެ ކަމުގެ ސަބަބުން އެ މީހުންނަށް ތުރާތައް ކުރިމަތިވާނެއެވެ.

4. އެއީ މާނަ ނޭނގޭ ނަންތަކެކެވެ. މާނަ ނޭނގޭ ނަންތަކުން މުސްލިމު ކުދިންނަށް ނަންކިޔާކަށެއް ނުވާނެއެވެ.

މާތްﷲ، ލޯބިވެވޮޑިގަންނަވާ ރީތި ނަންތައް ހުއްޓައި، އެ ނޫން ނަންތަކުން މުސްލިމު ކުދިންނަށް ނަންކިޔުމަކީ ރަނގަޅު ކަމެއް ނޫނެވެ. ވަކީން ޚާއްޞަކޮށް ޖިންނީންނާއި ޝައިޠާނުންގެ ނަންތަކުން މުސްލިމު ކުދިންނަށް ނަންކިޔުމަކީ ނުބައިކަން ބޮޑުވެގެންވާ ކަމެކެވެ.

ނަބަޥީ އިރުޝާދާ އެއްގޮތަށް، މުސްލިމު ކުދިންނަށް ރަނގަޅު ރީތި ނަންނަމުން ނަންކިޔުމުގެ ހެޔޮ ވިސްނުން، މާތްﷲ، މުސްލިމުންނަށް ދެއްވާށިއެވެ! އާމީން.

والله أعلم.

މަޞްދަރު

لا يجوز التسمية بــ (سمسمائيل ، مهباش ، شمهروش)
https://islamqa.info/ar/answers/328336