އިސްލާމީ ދުނިޔޭގައި ރުޤްޔާކުރާ މައިގަނޑު ތިން ގޮތް


އިސްލާމީ ދުނިޔޭގެ ކަންކޮޅުތަކަށް ނަޒަރު ހިންގައިލާއިރު، ރުޤްޔާކުރުމުގެ ތަފާތު ގޮތްތައް ފެނެއެވެ. އޭގެ ތެރޭގައި މައިގަނޑު ތިން ގޮތެއް ވާކަން ފާހަގަކުރެވެއެވެ. އެ ތިން ގޮތަކީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ޥަސައްލަމަ ކުރެއްވި ރުޤްޔާތައް އެކަނި ކުރުމާއި، ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތަށް ރުޤްޔާކުރުމާއި، ސަގާފީ ކަންކަން ހިމަނައިގެން ރުޤްޔާކުރުމެވެ. ތިރީގައި މި ވަނީ މި ތިން ގޮތުގެ ބައެއް ތަފުޞީލެވެ.

ފުރަތަމަ ގޮތް

މިއީ، ހަމައެކަނި ނަބަޥީ ރުޤްޔާއިން ރުޤްޔާކުރާ ގޮތެވެ. މި ގޮތުގައި ހިމެނެނީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ޥަސައްލަމަގެ އަރިއަހުން ސާބިތުވެފައިވާ ރުޤްޔާތައް އެކަންޏެވެ. މި ގޮތަށް ކުރާ ރުޤްޔާއަކީ ޞައްޙަ ރުޤްޔާއެކެވެ.

ދެވަނަ ގޮތް

މިއީ، ޢިލްމުވެރިން ބަޔާންކުރެއްވި އިމުގެ ތެރޭގައި ރުޤްޔާކުރުމުގެ ގޮތެވެ. މި ގޮތަށް ރުޤްޔާކުރާއިރު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ޥަސައްލަމަ، ކުރައްވާފައި ނެތް ރުޤްޔާތައް ކުރެވެއެވެ. އަދި ރުޤްޔާކުރުމުގައި ފަތްޕިލާވެލީގެ ބޭސްވެރިކަން ވެސް ބޭނުންކުރެވެއެވެ. މި ގޮތުގައި ހިމެނޭ ރުޤްޔާތައް ވަނީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ޥަސައްލަމަ، އެ ކަމަށް އިރުޝާދުދެއްވާފައިވާ އިންތަކާއި މިންތަކުގެ ގިއުގަނޑުގެ ތެރޭގައެވެ. މި ގޮތަށް ކުރާ ރުޤްޔާއަކީ ޞައްޙަ ރުޤްޔާއެކެވެ.

ތިންވަނަ ގޮތް

މިއީ، ނަންގަނެވިދިޔަ ދެ ގޮތުގައި ހިމެނޭ ރުޤްޔާގެ އިތުރަށް، ސަގާފީ ކަންކަން ހިމަނައިގެން ރުޤްޔާގެ ނަމުގައި ކަންކަން ކުރާ ގޮތެވެ. މި ގޮތަށް ކުރާ ކަންކަމުގެ ތެރޭގައި، އާދަކާދަތަކާއި، ޚުރާފާތްތަކާއި، ފަންޑިތައާއި، ސިޙުރުގެ ކަންކަން ވެސް ހިމެނެއެވެ. އަދި މާތްވެގެންވާ އިސްލާމްދީނުގައި ހުއްދަ ނޫން، އިތުރު ކަންކަން ވެސް ހިމެނެއެވެ. މި ގޮތަށް ކުރާ ކަންކަމަކީ ޞައްޙަ ރުޤްޔާއެއް ނޫނެވެ.

މަޞްދަރު

ޢާންމު މަޢުލޫމާތާއި އަމިއްލަ ތަޖުރިބާ
އިސްލާމީ ސަގާފަތު