ބުޅާ ގެންގުޅުމުގެ ޙުކުމް

ސުވާލު
އިސްލާމީ ނަޒަރުން ބަލާއިރު، ބުޅަލަކީ ސާފު ޠާހިރު އެއްޗެއްކަން އަޅުގަނޑަށް އެނގެއެވެ. ނަމަވެސް އަޅުގަނޑަށް ކަށަވަރުވެފައި ނުވަނީ، ގެދޮރުގައި އޮޅުކޮށްގެން ބުޅާ ގެންގުޅުމުގެ ޙުކުމެވެ. ބުޅާ ގެންގުޅުމާ ދެކޮޅަށް ބުނާނެ ބަހެއް އަޅުގަނޑަކަށެއް ނޭނގެއެވެ. ނަމަވެސް ގޭގައި ބުޅާ ގެންގުޅުމާއި، ބަދިގެއާއި ނިދާކޮޓަރީގައި އެސޮރުމެން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލުމަކީ، ޞިއްޙީ ގޮތުން ރަނގަޅު ކަމެއް ނޫންހެން ހީވެއެވެ. މި ކަމާބެހޭ ގޮތުން އިސްލާމްދީނުގައި އޮތް ގޮތް އޮޅުންފިލުވައިދެއްވުން އެދެމެވެ.
ޖަވާބު
الحمد لله.
އިސްލާމީ ޝަރުޢުގައި ގެންގުޅުން
ހުއްދަކުރައްވާފައިވާ ތަކެތީގެ ތެރެއިން، އެހެން މީހެއްގެ
މިލްކުގައި ނުވާ އެއްޗެއް ލިބިގަތުމަކީ، އިސްލާމީ
ޝަރުޢުގައި ހުއްދަ ކަމެކެވެ. އޭގެ މިސާލަކީ، ހަނަފަސް
ޞަޙަރާގެ ތެރޭގައި ހުންނަ ދަރު ހޮވުމެވެ. ނުވަތަ
ޖަންގަލީގައި ހުންނަ ލަކުޑި ނެގުމެވެ. ބުޅަލެއް ނަގައިގެން
އޭތި އޮޅުކޮށްގެން ގެންޅުމަކީ ވެސް އެ ފަދަ ކަމެކެވެ.
އެހެން މީހެއްގެ މިލްކުގައި ނުވާ ބުޅަލެއް ނަގައިގެން،
އޭތި އޮޅުގެންގެން ގެންގުޅުމުން، އެ ކަން ކުރި މީހާގެ
އެއްޗަކަށް އޭތި ވާނެއެވެ.
މި ދެންނެވި ކަންކަމުގެ
މައްޗަށް ބިނާކޮށްގެން ބުނެވޭނީ، އެހެން މީހެއްގެ
މިލްކުގައި ނެތް ބުޅަލެއް އޮޅުގެންގެން ގެންގުޅުމަކީ
(ޝަރުޢީ ގޮތުން) މައްސަލައެއް އޮތް ކަމެއް ނޫނެވެ. އޭތި
ގެންގުޅުމުގެ (ޝަރުޢީ) ޝަރުޠަކީ، އެ އަށް ކާންދިނުމާއި، އެ
އަށް އަނިޔާނުކުރުމެވެ. އެއީ އޭތި ބަލިވުން ފަދަ ކަމެއް
މެދުވެރިވެގެން، އޭގެ ކިބައިން ގެއްލުމެއް ނުލިބޭނެކަން
ސާބިތުވާނަމައެވެ. ނުވަތަ އޭގެ ކިބައިން ބައެއް ބަލިތައް
(އިންސާނާއަށް) ނަޤުލުނުވާނެކަން ސާބިތުވާނަމައެވެ. އޭގެ
ކިބައިން ގެއްލުމެއް ލިބޭނެކަން ނުވަތަ އޭގެ ކިބައިން
(އިންސާނާގެ ގަޔަށް) ބައްޔެއް ނަޤުލުވެދާނެކަން
ސާބިތުވާނަމަ، އޭތި ގެންގުޅުން ހުއްދައެއް ނުވާނެއެވެ.
އެހެނީ (ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ
ޙަދީޘްކުރައްވާފައި ވަނީ) (لا ضَررَ ولا ضِرارَ) އެވެ.
މާނައީ "ގެއްލުން ލިބިގަތުމަކީ ކުރަންޖެހޭ ކަމެއް ނޫނެވެ.
އަދި ގެއްލުންދިނުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ."
ގޭގައި ބުޅަލެއް އޮތުމުން ގެއްލުންލިބޭ މީހާގެ ގޭގައި
ބުޅާ ބާއްވައިގެނެއް ނުވާނެއެވެ. ހަމައެހެންމެ، ބުޅަލަށް
ކާންދިނުމުގެ ކުޅަދާނަކަން ނެތް މީހާ ވެސް ބުޅާ
ގެންގުޅެގެނެއް ނުވާނެއެވެ. އޭނާގެ މައްޗަށް އޮތީ ބިމުގައި
ވާ ސޫފިތައް ހިފައިގެން ކެއުމަށް، އޭތި ދޫކޮށްލުމެވެ. އޭނާ
އޭތި ހިފައްޓައިގެނެއް ނުވާނެއެވެ. މި ކަމުގެ ދަލީލަކީ،
އަލްބުޚާރީގެ 3223 ވަނަ ޙަދީޘް ބަސްފުޅެވެ. އަދި
މުސްލިމުގެ 1507 ވަނަ ޙަދީޘް ބަސްފުޅެވެ. އެއީ:
(عَنْ عَبْدِ اللَّهِ بْنِ عُمَرَ رَضِيَ اللَّهُ
عَنْهُمَا: أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ
وَسَلَّمَ قَالَ: عُذِّبَتْ امْرَأَةٌ فِي هِرَّةٍ
سَجَنَتْهَا حَتَّى مَاتَتْ فَدَخَلَتْ فِيهَا النَّارَ
لَا هِيَ أَطْعَمَتْهَا وَلَا سَقَتْهَا إِذْ حَبَسَتْهَا
وَلا هِيَ تَرَكَتْهَا تَأْكُلُ مِنْ خَشَاشِ الْأَرْضِ)
މިއެވެ.
މާނައީ "މާތްﷲ އެ ދެ ބޭކަލުންނަށް
ރުއްސުންލެއްވި ޢުމަރުގެފާނުގެ ދަރިކަލުން ޢަބްދުﷲގެފާނުގެ
އަރިއަހުން ރިވާވެފައި ވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ
ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
"މަރުވެއްޖައުމަށް ދާންދެން ބުޅަލެއް ހައްޔަރުކޮށްގެން
ގެންގުޅުނު އަންހެނަކަށް ޢަޛާބު ދެއްވުނެވެ. އޭނާ ކުޅަ އެ
ޢަމަލުގެ ސަބަބުން، އޭނާ ނަރަކައަށް ވަނެވެ. އޭނާ އެ
ބުޅަލަށް ކާބޯތަކެތި ނުދީ އޭތި ހައްޔަރުކޮށްގެން
ގެންގުޅުނެވެ. އަދި ބިމުގައިވާ ސޫފިތައް ހިފައިގެން
ކެއުމަށް އޭތި ދުލެއްނުކުރިއެވެ."
ދަންނައެ!
ކާބޯތަކެތިން ބުޅާ ކެއުމާއި ބުއިމަކީ، އެ އެއްޗެއް
ނަޖިސްވާނެ ކަމެއް ނޫނެވެ. މި ކަމުގެ ދަލީލަކީ
އަބޫދާވޫދުގެ ސުނަނުގައި ވާ 69 ވަނަ ބަސްފުޅެވެ. އެ
ބަސްފުޅުގައި ވެއެވެ.
(أَنَّ امْرَأَةً أَرْسَلَتْ
بِهَرِيسَةٍ إِلَى عَائِشَةَ رَضِيَ اللَّهُ عَنْهَا،
فَوَجَدَتْهَا تُصَلِّي، فَأَشَارَتْ إِلَيَّ أَنْ
ضَعِيهَا، فَجَاءَتْ هِرَّةٌ فَأَكَلَتْ مِنْهَا، فَلَمَّا
انْصَرَفَتْ أَكَلَتْ مِنْ حَيْثُ أَكَلَتْ الْهِرَّةُ،
فَقَالَتْ: إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ
وَسَلَّمَ قَالَ: "إِنَّهَا لَيْسَتْ بِنَجَسٍ، إِنَّمَا
هِيَ مِنْ الطَّوَّافِينَ عَلَيْكُمْ، وَقَدْ رَأَيْتُ
رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
يَتَوَضَّأُ بِفَضْلِهَا")
މާނައީ "(ދާވޫދު ބްނު
ޞާލިޙުގެ މައިކަމަނާ ވިދާޅުވިއެވެ.) ހަމަކަށަވަރުން، މާތްﷲ
ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ އަރިއަހަށް،
ހަރީސާއަކާއިގެން އަންހެނަކު (އެއީ: އެ ކަމަނާގެ ސާހިބު
ކަމަނާއެވެ.) އެ ކަމަނާ ފޮނުވިއެވެ. ފަހެ، ޢާއިޝަތުގެފާނު
ނަމާދުކުރައްވަނިކޮށް ތިމަންކަމަނާއަށް ފެނިވަޑައިގަތެވެ.
ފަހެ، އެހިނދު އެ ހަރީސާ ބެހެއްޓުމަށް ޢާއިޝަތުގެފާނު
އިޝާރާތްކޮށްލެއްވިއެވެ. ދެންފަހެ، ބުޅަލެއް އައިސް އެ
ހަރީސާއިން ކައިފިއެވެ. އެއަށްފަހު އެ ބުޅާ އެނބުރި
ދިއުމުން، އޭތި ކޭ ތަނުން އެ ކަމަނާ (އެބަހީ:
ޢާއިޝަތުގެފާނު) ފަރިއްކުޅުއްވިއެވެ. އަދި އެ ކަމަނާ
ވިދާޅުވިއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި
ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން އެއީ
(އެބަހީ: ބުޅަލަކީ) ނަޖިސް އެއްޗެއް ނޫނެވެ.
"އެހެނެއްކަމަކު އެއީ ތިޔަބައިމީހުންގެ ގާތަށް
ގިނަގިނައިން އައިސްއުޅޭ އެއްޗެކެވެ." އަދި
ހަމަކަށަވަރުން، ބުޅާ ފެން ބޮއިފައިވާ ފެން ކަންވާރަކުން،
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ވުޟޫކުރެއްވިތަން،
ތިމަންކަމަނާ ދެކެވަޑައިގަތީމެވެ."
މި ޙަދީޘް
ބަސްފުޅުގައިވާ (الطَّوَّافِينَ عَلَيْكُمْ) ގައި ވަނީ،
ޚިދުމަތްކުރާ ޚާދިމަކު އުޅޭހެން ކައިރީގައި ބުޅާ
އުޅޭކަމުގެ މާނައެވެ. ބުޅަލަކީ މީހުންނާއެކު ގެދޮރުގައި
އުޅޭއިރު، ހިފައިގެންގުޅޭ ތަކެތީގައި ބީހިއުޅޭ އެއްޗެކެވެ.
ބުޅަލުގެ ކިބައިން އެ ތަކެތި އެއްކިބާކުރުމަކީ
ފަސޭހަކަމެއް ނޫނެވެ.
ދިޔާ އެއްޗެއް އަޅާފައިވާ
ކަންވާރަކުން ބުޅާ ބޮއިފި ނަމަ، ނުވަތަ ކާއެއްޗެއް
ކައިފިނަމަ، އެ އެއްޗެއް ނަޖިހެއް ނުވާނެއެވެ. އޭގެ
ސާހިބުމީހާއަށް ދެ ގޮތުންކުރެ ގޮތެއް
އިޚުތިޔާރުކުރެވިދާނެއެވެ. އެއް ގޮތަކީ، އެއިން ގެއްލުމެއް
ނުލިބޭނެކަން އޭނާއަށް ކަށަވަރުވެފައިވާ ނަމަ، އަދި އޭނާ
އެ ބުއިމަށް ނުވަތަ އެ ކެއުމަށް މުހުތާދުވެފައި ވާ ނަމަ،
އަދި އޭނާ އެއާމެދު ފަކުރު ނުގަންނަ ނަމަ، އެ ކަންވާރުން
ބޮއި، އެ ކާއެއްޗެއް ކެއުމެވެ. އަނެއް ގޮތަކީ، އެއިން
ބުއިމަށް ނުވަތަ އެއިން ކެއުމަށް އޭނާ ފަކުރުގަންނަ ނަމަ،
އެ ތަކެތި އެއްލައިލުމެވެ.
ނަމަވެސް މިތާނގައި
ސަމާލުކަމަށް ގެންނަންޖެހޭ ކަމެއް ވެއެވެ. އެއީ ބުޅާ
ގެންގުޅޭ ބައެއް މީހުން އެއާމެދު ޢިނާޔަތްތެރިކަން
ބަހައްޓާ މިންވަރު ބޮޑުކަމެވެ. އަދި ބުޅާ
ޒީނަތްތެރިކުރުމުގައި ހައްދުފަހަނަޅައިދާކަމެވެ. އަދި
ބުޅަލަށް ޚަރަދުކުރުމުގައި އިސްރާފުކުރާކަމެވެ. އެ މީހުން
ކުރާ އެ ކަންކަމަކީ، އެ މީހުންގެ ބުއްދި އުނިކަމާއި، އެ
މީހުން ދީނުގައި ހަރުދަނާނުވާކަމުގެ ދަލީލެކެވެ. ދުނިޔޭގެ
މަޝްރިޤާއި މަޣުރިބުގައި މާލީ އެހީތެރިކަމަށް
މުހުތާދުވެފައިވާ އެތައް މިލިޔަން މުސްލިމުންނެއް
އެބައުޅެއެވެ. އެހެންކަމާއެކު ވެސް، ބުޅަލަށް ހޭދަކުރާ
މީހުން އެ ކަމުގައި އިސްރާފުކުރެއެވެ. އަޅުގަނޑުމެންނަކީ
މުސްލިމުން ކަމުގައި ވީހިނދު، އަޅުގަނޑުމެންގެ މުދަލާއި
ވަގުތު ހޭދަކުރަންވާނީ، ފައިދާހުރި ރަނގަޅު
ކަންކަމުގައެވެ. ބުޅަލަށް ހޭދަކުރުމުގައި
އިސްރާފުކުރުމަކީ، ހުޅަނގުގެ ކާފިރުންގެ ކިބައިން
ލީކުވެގެން އައިސްފައިވާ ކުޅިވަރެކެވެ. ހުޅަނގުގެ
ކާފިރުންގެ ތެރެއިން ބައެއް މީހުންނަކީ، އެ މީހުންގެ
ދަރިންނަށް ޚަރަދުކުރާ ވަރަށްވުރެ ގިނައިން، ބުޅަލަށާއި
ކުއްތާއަށް ޚަރަދުކުރާ ބަޔެކެވެ.
ކިއެއްތަ! އަގު
ބޮޑު ހޮޓާތަކަށް ކުލި ދައްކައިގެން އެ ތަންތަނުގައި
ބުޅަލާއި ކުއްތާ ގެންގުޅުމަކީ ވެސް އެ މީހުން ކުރާ
ކަމެކެވެ. އަދި އެ މީހުންގެ ތަރިކަމުދާ ވެސް އެ
ޖަނަވާރުތަކަށް ވާރުތަކުރެއެވެ!
މާތްވެގެންވާ
އިސްލާމްދީނުގެ މަތިވެރި ނިޢުމަތް އަޅަމެންނަށް ދެއްވި
މާތްﷲ ގެ ޙަޟްރަތަށް ޙަމްދު ހުއްޓެވެ. އެ ކަލާނގެ ވަނީ
ދުނިޔޭގެ އެހެން އުންމަތްތަކުގެ މީހުން ކުރާ ނޭދެވޭ
ކަންކަމުން، އަޅަމެން އެއްކިބާކުރައްވާފައެވެ.
ސަމާލުކަމަށް ގެންނަންޖެހޭ ކަމެއް އަދިވެސް އެބައޮތެވެ.
އެއީ ބުޅާ ވިއްކުން، އިސްލާމީ ޝަރުޢުގައި
ނަހީކުރައްވާފައިވާ ކަމެވެ. ޞަޙީޙު މުސްލިމުގެ 2933 ވަނަ
ޙަދީޘް ބަސްފުޅުގައި ވެއެވެ.
(عَنْ أَبِي
الزُّبَيْرِ قَالَ سَأَلْتُ جَابِرًا عَنْ ثَمَنِ
الْكَلْبِ وَالسِّنَّوْرِ (القط) قَالَ: زَجَرَ النَّبِيُّ
صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ ذَلِك)
މާނައީ "އަބުއްޒުބައިރުގެ އަރިއަހުން ވާރިދުވެފައި ވެއެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ. ކުއްތާ އާއި ބުޅަލުގެ އަގާބެހޭ
ގޮތުން ތިމަންކަލޭގެފާނު، ޖާބިރުގެފާނުގެ އަރިއަހުގައި
ސުވާލެއް ދެންނެވީމެވެ. (އެހިނދު) އެކަލޭގެފާނު
ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެ
ކަން (އެބަހީ: އެ ވިއްކުމާއި އޭގެ އަގު ނެގުން) ވަރަށް
ބޮޑަށް މަނާކުރެއްވިއެވެ."
والله أعلم.
މަޞްދަރު
حكم تربية القطط
https://islamqa.info/ar/answers/22373