އަހަރެން ބުރުގާ އަޅަނީ ކީއްވެ؟


އަހަރެން ބުރުގާ އަޅަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެއީ ހަމައެކަނި ރީއްޗަކަށް ބޯމަތީގައި ބާއްވާލައިގެން އުޅޭ ފޮތިކޮޅެއް ނޫނެވެ. އެކަމަކު ފައިދާހުރި، އެތައް ކަންތައްތަކެއް ވަނީ އެއާ ގުޅިފަ އެވެ. އެއިން ބައެއް ކަންތައްތަކަކީ:


1. އަހަރެންނަކީ މިނިވަނެކެވެ.

އަހަރެން ދައްކަން ބޭނުން ނުވާ ތަނެއް އަހަރެންގެ ހަށިގަނޑުން ބެލުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ހައްގެއް ނޫނެވެ. އަހަރެންގެ ރީތިކަން ދައްކަން ބޭނުންވާ މީހާ އިޚުތިޔާރުކުރުމަކީ އަހަރެންނަށް ލިބިގެންވާ ހައްގެކެވެ. އޭނާ ނޫން އެހެން މީހަކަށް އަހަރެންގެ ޖިސްމާނީ ރީތިކަން ދައްކާކަށް ނެތީމެވެ.

މިހެންވެ ބުރުގާ އަޅަމެވެ.


2. އަހަރެންނަކީ އަގުހުރި ޝަޚުޞެކެވެ.

މީހުންގެ ކުރިމަތީގައި އަހަރެންގެ އަގު އަމިއްލައަށް ވައްޓާލާކަށް ނެތީމެވެ. ފެންނަ ކޮންމެ މީހަކަށް ފެހި ލައިޓް ދިއްލައިގެން އުޅުމަކީ ކަމުދާކަމެއް ކަމަކަށް ނުދެކެވެ. އަހަރެންނަށް ލިބިފައިވާ ރީތި ކަމަކީ ރަންމުތަށްވުރެ އަގުހުރި އެއްޗެކެވެ. ބަލިމާނުންގެ ލޮލުން ވަގަށް ނެގުމަށް އެޔެއް ދުލެއް ނުކުރެވޭނެއެވެ. ބަލިމާނުންނަކީ، ކަންމަތިތަކާއި ދުވާރުތަކުގައި ތިބެ، ފޮށޭ މީހުންނެވެ. ނުވަތަ ނުބައި ނިޔަތެއްގައި ވައްކަޅިން ބަލާ މީހުންނެވެ. އާންމު ތަންތާނގައި އެކަހަލަ މީހުން ގިނައެވެ. މުޙުތަރަމު މީހުން ވެސް އުޅެ އެވެ. އަހަރެން ބުރުގާ އެޅީތީ މުޙުތަރަމު މީހުން އަހަރެންގެ އަގު ވަޒަންކުރާނެއެވެ.

މިހެންވެ ބުރުގާ އަޅަމެވެ.


3. އަހަރެންގެ އަމިއްލަ ނަފުސަށް އިޙުތިރާމުކުރަމެވެ.

އަހަރެންނަކީ އިޙުތިރާމު ލިބިގެންވާ ޝަޚުޞެއް ކަމަށް ދެކެމެވެ. އަހަރެންނަށް ވެސް ނަފުސުގެ ޢިއްޒަތާއި ގަދަރު ލިބިގެންވެއެވެ. އެއީ ވެއްޔާ މޮޑެލެވިގެންވާނެ އެއްޗެއް ނޫނެވެ. ހަށިދައްކާ މައިދާނަށް ނިކުމެ، ޝަހުވަތްތެރި ބެލުންތަކަށް، ވަނާތަކުގައި ސޭލް އަޅުވާކަށް ނެތީމެވެ. ޚުޝާމަދުކުރުމުގެ ގޮތުން މީހަކު ބުނެލާ ދޯހަޅި ބަހަކަށް، އަންހެންވަންތަކަށް ވިއްކާލާކަށް ވެސް ނެތީމެވެ.

މިހެންވެ ބުރުގާ އަޅަމެވެ.


4. އަހަރެންގެ ރީތިކަންވަނީ ބޭރުފުށަކު ނޫނެވެ.

އަހަރެންގެ ރީތިކަން ދޭނީ އަހަރެންގެ ޙަޔާތުގެ ބައިވެރިޔާ އަށެވެ. އަހަރެންގެ ހުރިހާ ޝުޢޫރުތަކެއްގެ ނާޒިރަކީ ވެސް އޭނާއެވެ. އަހަރެންގެ ހުރިހާ އިޙުސާސްތަކެއްގެ ޙިއްޞާދާރަކީ ވެސް އޭނާއެވެ. އަހަރެންގެ ހުރިހާ ހުވަފެންތަކާއި ޚިޔާލުތަކުގެ ސާހިބަކީ ވެސް އޭނާއެވެ. އަހަރެންނާ އެކު ދުންޔަވީ ހަނގުރާމައިގެ މައިދާނަށް ނިކުންނާނެ އަސްވާރަކީ ވެސް ހަމަ އޭނާއެވެ.... އޭނާއަށް ލިބިގެންވާ ޙައްޤެއް ވެއެވެ. އެއީ، އަނތްބަކު އިޚުތިޔާރުކުރުމުގެ ޙައްޤެވެ. އެ ޙައްޤު ބޭނުންކޮށްގެން އޭނާ، އަހަރެން އިޚުތިޔާރުކުރަން ވާނީ، ހަމައެކަނި އަހަރެންގެ ބޭރުފުށަށް ބަލައިގެނެއް ނޫނެވެ. ބޭރުފުށަށްވުރެ މުހިންމީ އެތެރެފުށެވެ. އާނއެކެވެ. އަހަރެންގެ އެތެރެފުށުގައިވާ ރޫޙާއި ފިކުރެވެ. އަހަރެންގެ ކިބައިގައިވާ އުޅުމާއި ގުޅުމާއި ޝަޚުޞިއްޔަތެވެ.... އަހަރެންގެ އެތެރެފުށުގެ އަގުތަކަށް ބަލައިގެން ނޫނީ، އޭނާ، އަހަރެން އިޚުތިޔާރުކޮށްގެނެއް ނުވާނެއެވެ. ނަފުސާނީ ގޮތުން ހިތްހަމަޖެހިގެންވާ ޙާލު އުމުރު ހޭދަކުރެވޭނީ އޭރުންނެވެ.... އިންނާނެ މީހަކު ހަމަޖެހެންދެން ބައެއް އަންހެން ކުދިން ބުރުގާ ނާޅާ ތިބެއެވެ. އަހަރެންނަކު އެހެނެއް ނަހަދަމެވެ. އެހެނީ، އަހަރެންގެ ޖިސްމާނީ ރީތިކަމަށްޓަކައި، އަހަރެންނާ އިންނަ މީހަކު، އަހަރެންނަށްވުރެ ރީތި އެހެން އަންހެން ކުއްޖަކު ފެނުމުން، އެކުއްޖާގެ ފަހަތުން ދާނެއެވެ. އެހެންވާކަށެއް އަހަރެން ބޭނުމެއް ނޫނެވެ.

މިހެންވެ ބުރުގާ އަޅަމެވެ.


5. އެންމެހައި ފިރިހެން އަޚުންނަށް ކަމޭހިތަމެވެ.

އެންމެހައި ފިރިހެނުންނަކީ، އަހަރެންގެ އަޚުން ކަމުގައި ދެކެމެވެ. އަހަރެންނަށްވުރެ ބޮޑުނަމަ ބޭބެއެކެވެ. އަހަރެންނަށްވުރެ ކުޑަނަމަ ކޮއްކޮއެކެވެ. އަހަރެންގެ ސަބަބުން އެއްވެސް އަޚަކު، ފިތުނަވެރި ކަމުގެ ތެރެއަށް ވެއްޓި، އޭނާގެ ހިތުގައި ފާފައިގެ ލައްގަނޑެއް ޖެހޭކަށް ނޭދެމެވެ. ބެލުންތައް ތިރިކުރުމަކީ، ނުބައި ނިޔަތެއްގައި ނުބެލުމެވެ. ބުރުގާއަކީ، ނުބައި ނިޔަތެއްގައި ބެލުމަށް ހުރަސް އަޅާ ޢިއްފަތްތެރިކަމުގެ ދާފަރާއެކެވެ. އަހަރެން މިހިރީ ބުރުގާ އަޅައިގެންނެވެ. އެހެންވީމާ، އަހަރެންނަކީ ޢިއްފަތްތެރިއެއްކަން ހުރިހާ އަޚުން ވެސް ދަންނާނެއެވެ.

މިހެންވެ ބުރުގާ އަޅަމެވެ.


6. އަލިފާނަށް ދަރެއް ނާޅަމެވެ.

އަންހެނުންނާއި ފިރިހެނުންނަކީ ތަފާތު ބަޔެކެވެ. ފިރިހެނުން ވިސްނަނީ އަންހެނުން ވިސްނާ ގޮތަކަށް ނޫނެވެ. ފިރިހެނުންނަށް އަސަރުކުރަނީ ވެސް އަންހެނުންނަށް އަސަރުކުރާ ކަންތައްތަކަކުންނެއް ނޫނެވެ.... ރީތި މަންޒަރެއް ފެނުމުން ފިރިހެނަކަށް އަސަރުކުރާނެއެވެ. އަންހެނަކަށް އެ އަސަރު ކުރާނީ ރީތި ބަހެއް އަޑުއިވުމުންނެވެ.... ފިރިހެނެއްގެ ޝުޢޫރުތައް ހޭލައްވާލަނީ ރީތި މަންޒަރުތަކެވެ. އަންހެނެއްގެ ޝުޢޫރުތައް ހޭލައްވާލަނީ ރީތި ބަސްތަކެވެ.... އަހަރެންގެ ކިބައިގައިވާ ރީތިކަން ދައްކައިގެން އަޚުންގެ ޝުޢޫރުތަކާ ކުޅެލާކަށް ނެތީމެވެ. އަދި އެމީހުން ލައްވާ ރީތި ބަސްތައް ބުނުވައިގެން އަހަރެންގެ ޝުޢޫރުތަކާ ކުޅުވާކަށް ވެސް ނެތީމެވެ.... މީހަކާ އިނުމުގެ ފުރުޞަތު ލިބިފައި ނުވާ ޒުވާނުން ގިނައެވެ. އެމީހުންގެ ކުރިމަތީގައި އަހަރެންގެ ޖިސްމާނީ ރީތިކަން ދައްކައިގެން އުޅުމަކީ، ކެކެމުންދާ އެމީހުންގެ ޝުޢޫރުތައް، ހޫނުކޮށް އިތުރަށް ކެއްކުމެވެ. އެއީ އަލިފާނަށް ދަރުއެޅުމެވެ. އެކަން ކުރާކަށް ނެތީމެވެ.

މިހެންވެ ބުރުގާ އަޅަމެވެ.


7. ވަގުބުޅާ ކެއުމަށް މަސްތަށީގެ މަތި ނުޖަހާ ނުބަހައްޓަމެވެ.

މަތި ނުޖަހައި މަސްތަށްޓެއް ބަހައްޓައިފިނަމަ، ވަގު ބުޅާ އައިސް އެ މަސްތަށި ކާލާނެއެވެ. ރަނގަޅަށް މަސްތަށީގެ މަތި ބަންދުކޮށްފިނަމަ، ވަގު ބުޅަލަށް އެއިން މަސްކޮޅެއް ނުކެވޭނެކަން ކަށަވަރުވާނެއެވެ.... ފިރިހެނުންގެ ތެރޭގައި ނަފުސާނީ ގޮތުން ބަލިކަށި ބަލިމާނުން ވެސް އުޅެއެވެ. އެމީހުންނަށް އެމީހުންގެ ނަފުސު ކޮންޓްރޯލެއް ނުކުރެވެއެވެ. މަތިނުޖަހާ ހުންނަ މަސްތަށިތަކަށް ވަގުބުޅާ ލޯއަޅާ ފަދައިން، އަންހެން ކުދިންގެ ނިވާނުކުރެވޭ ހަށިތަކަށް އެމީހުން ލޯއަޅައެވެ. އަހަރެންގެ ހަށިގަނޑަކީ، އެފަދަ ފިރިހެނެއްގެ ޝިކާރައެއް ކަމުގައި ހަދާކަށް ނެތީމެވެ.

މިހެންވެ ބުރުގާ އަޅަމެވެ.


އަހަރެން ބުރުގާ އަޅަނީ ކީއްވެކަން، ނަންގަނެވިދިޔަ ނުކުތާތަކުން އެނގިއްޖެ ކަމަށް އުންމީދުކުރަމެވެ. ބުރުގާއަކީ، އަންހެން ކުދިންނަށް ޢިއްޒަތާއި ކަރާމަތު ލިއްބައިދޭ އެއްޗެކެވެ. އެއީ ހެޔޮލަފާ ކަމާއި، ޢިއްފަތްތެރިކަމުގެ ރަމްޒެވެ. އޭގެ ސަބަބުން އަންހެން ކުދިންގެ ވިސްނުމާއި ފިކުރުގައި ތަޅެއް ނުލެވެއެވެ.