ޖިންނީންގެ ރަސްރަސްކަލުންނާއި ބާގަތައް


ޖިންނީންގެ ތެރޭގައި މުސްލިމުންނާއި ނަޞާރާއިންނާއި ޔަހޫދީން ހިމެނެއެވެ. އަދި ކާފިރު ޖިންނީންނާއި އިބްލީހުގެ ދަރީން ވެސް ހިމެނެއެވެ. މި ލިއުމުގައި ވާނީ، ޖިންނީންގެ ރަސްރަސްކަލުންނާއި، ބައެއް ބާގަތަކެވެ.


ޖިންނީންގެ ރަސްރަސްކަލުން

ޖިންނީންގެ އެންމެ އިސް ރަސްރަސްކަލުންގެ ޢަދަދަކީ ހަތެކެވެ. އެއީ:

1. ކިންގ މުޛައްހަބު: މިރަސްގެފާނުގެ ތާޖުކޮޅު ވަނީ ރަނުންނެވެ. މިރަސްގެފާނުގެ ޚާއްޞަ ދުވަހަކީ، އާދީއްތަ ދުވަހެވެ.

2. ކިންގ މުއްރާ: މިރަސްގެފާނުގެ ޚާއްޞަ ދުވަހަކީ، ހޯމަ ދުވަހެވެ.

3. ކިންގ އަޙުމަރު: މިރަސްގެފާނުގެ އިސްތަށިފުޅުގައިވަނީ، ރަތްކުލައިގެ ތާޖެކެވެ. މިރަސްގެފާނު ތުރުކުރައްވަނީ ވެސް ރަތްކުލައިގެ ހެދުންކޮޅެވެ. މިރަސްގެފާނުގެ ޚާއްޞަ ދުވަހަކީ، އަންގާރަ ދުވަހެވެ.

4. ކިންގ ބުރުޤާން: މިރަސްގެފާނު ވަނީ ޤަތުލުކުރެވިފައެވެ. އެއަށްފަހު މިރަސްގެފާނުގެ ތަޚުތަށް އިސްވެވަޑައިގަތީ ހަމަ މިނަންކިޔާ މުސްލިމު ރަސްކަލެކެވެ. މިރަސްގެފާނުގެ އިސްތަށިފުޅުގައިވަނީ، ރީނދޫކުލައިގެ ތާޖެކެވެ. މިރަސްގެފާނު ތުރުކުރައްވަނީ ވެސް ރީނދޫކުލައިގެ ހެދުންކޮޅެވެ. މިރަސްގެފާނުގެ ޚާއްޞަ ދުވަހަކީ، ބުދަ ދުވަހެވެ.

5. ކިންގ ޝަމްހޫރަޝް: މިރަސްގެފާނުގެ ނަންފުޅު "ޝަމްހޫރަސް" މިގޮތަށް ވެސް ކިޔަ އެވެ. މިރަސްގެފާނުގެ އިސްތަށިފުޅުގައިވަނީ ހުދުކުލައިގެ ތާޖެކެވެ. މިރަސްގެފާނު ތުރުކުރައްވަނީ ވެސް ހުދުކުލައިގެ ހެދުންކޮޅެވެ. ޖިންނީންގެ މެދުގައި ޝަރީޢަތްކުރައްވައި ނިޔާކަނޑައަޅުއްވާ ފަނޑިޔާރަކީ މިރަސްގެފާނެވެ. ނަމަވެސް މިއީ ވަރަށް ހިތްޕުޅު ހެޔޮ، އޯގާވެރި ރަސްކަލެކެވެ. މިރަސްގެފާނުގެ ޚާއްޞަ ދުވަހަކީ، ބުރާސްފަތި ދުވަހެވެ.

6. ކިންގ އަބްޔަޟު: މިރަސްގެފާނަކީ، ޝަރީޢަތްކުރެއްވުމުގައި ޝަމްހޫރަޝް ރަސްގެފާނުގެ ނާއިބެވެ. މިރަސްގެފާނުގެ ޚާއްޞަ ދުވަހަކީ، ހުކުރު ދުވަހެވެ.

7. ކިންގ މައިމޫނު: މިރަސްގެފާނުގެ އިސްތަށިފުޅުގައިވަނީ ކަޅުކުލައިގެ ތާޖެކެވެ. މިރަސްގެފާނު ތުރުކުރައްވަނީ ވެސް ކަޅުކުލައިގެ ހެދުންކޮޅެވެ. މިރަސްގެފާނުގެ ޚާއްޞަ ދުވަހަކީ، ހޮނިހިރު ދުވަހެވެ.

ކޮންމެ ރަސްކަލަކަށް ޚާއްޞަ ދުވަހަކީ، އެ ރަސްކަލަކު ސީދާ ޚިދުމަތްކުރައްވާ ދުވަހެވެ. ވަކި ރަސްކަލެއްގެ ޚިދުމަތަށް އެދޭ މީހުން އެރަސްކަލެއްގެ އަރިހަށް ދާނީ، އެ ރަސްކަލަކަށް ޚާއްޞަ ދުވަހުގައެވެ.

ޖިންނީންގެ ހަތް ރަސްކަލުންގެ ޚާއްޞަ ލަގަބަކީ، "ހަތް ބޮޑުން" އެވެ. އާރާއި ބާރު ވަރުގަދަވެގެންވާ އެއިން ކޮންމެ ރަސްކަލެއްގެ އަމުރު ދަށުގައި، 49 ގަބީލާ ވެއެވެ. އެއިން ކޮންމެ ގަބީލާއެއްގެ އަމުރު ދަށުގައި އިތުރު 49 ގަބީލާ ވެއެވެ. އެއިން ކޮންމެ ގަބީލާއެއްގެ ރައްޔިތުންގެ އަދަދު އެތައް އެތައް ބިލިއަނަކަށް އަރައެވެ.

ޖިންނީންގެ ހަތް ރަސްކަލުންނާ އެންމެ އަރިސް ޖިންނިއަކީ، އަބޫޔޫސުފެވެ. އޭނާއަކީ މުސްލިމު ޖިންނިއެކެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ކުރިފުޅުމަތީގައި އިސްލާމްވި ޖިންނީންގެތެރޭގައި އަބޫޔޫސުފު ހިމެނޭކަމަށް ބުނެވެއެވެ.

ވަކި ކަންތައްތަކަށް ޚާއްޞަކުރެވިފައިވާ ޖިންނީންގެ ރަސްރަސްކަލުން ވެއެވެ.

ކިންގ ޠާރިޝް: މިއީ، އިންސާނުން ދިރިއުޅޭ ގެދޮރުގައި ވަޒަންވެރިވާ ޖިންނީންގެ ރަސްގެފާނެވެ.
ކިންގ އަބޫދީބާޖު: މިއީ، އިންސާނުންނާއެކުގައިވާ ޤަރީނު ޖިންނީންގެ ރަސްގެފާނެވެ.


ޖިންނީންގެ ގަބީލާތައް

1. ބަނުލްޤަމާޤިމް ޤަބީލާ

2. ބަނުއްނުޢުމާން ޤަބީލާ

3. ބަނޫ ޤީޢާން

4. ބަނޫ ދަހުމާން

5. ބަނޫ ޣީލާން

6. އައްޝަމާޝިޤާ (އަލްޣާވޫން)

7. އައްޠަމާޠިމާ: މިއީ އިބްލީހުގެ ދަރިފަސްކޮޅުން އައި ބާގައެވެ.

8. އައްދަނާހިޝާ: މިއީވެސް އިބްލީހުގެ ދަރިކޮޅުން އައި ބަޔެކެވެ.

9. ކުނިގޮނޑުގެ ރައްވެހިން

10. ޚަރާބާތުގެ ރަށްވެހިން

11. ބަނިލްއަޙުމަރު: މިއީ ވަރަށް ބައިބޯ ގަބީލާއެކެވެ. މި ގަބީލާގެ ރަސްގެފާނަކީ، އަޙުމަރު ރަސްގެފާނެވެ.

12. އަލްމަޔާމީން: މިއީ ޢަދަދުގެ ގޮތުން ޖިންނީންގެ އެންމެ ބޮޑު ގަބީލާއެވެ. މި ގަބީލާގެ ރަސްރަސްކަލުންގެ ލަގަބަކީ މައިމޫނެވެ. މި ގަބީލާގެ ހައިބަތުހުރި ރަސްރަސްކަލުންގެ ތެރޭގައި، މައިމޫނު އަބާނޫޚު އާއި، މައިމޫނުއް ސަޙާބީ އާއި، މައިމޫނުއް ސައްޔާފާއި، މައިމޫނުލް ޣައްވާޞާއި، މައިމޫނުލް ޣަމާމީ އާއި، މައިމޫނުއް ޠައްރާޤާއި، މައިމޫނުލް އަސްވަދާއި، މައިމޫނު އިބްނު ސަލީޠާއި، މައިމޫނުލް ޚައްޠާފު ހިމެނެ އެވެ.

13. ޠޫފާންތަކުގެ އަހުލުން: މިގަބީލާގެ ރަސްގެފާނަކީ އަބުޔަޟު ޒައުބަޢާއެވެ.

ޖިންނީންގެ ބައްޕައަށް ލިބުނީ ހަތަރު ދަރީންނެވެ. އެއީ، މާޒިރު އާއި، ކުމްޠުމް އާއި، ޤަސްވަރާ އާއި، ޠައިކަލްއެވެ.


ޖިންނީންގެ ދީންތައް

ޖިންނީންގެ ތެރޭގައި ޔަހޫދީންނާއި، ނަޞާރާއިންނާއި، މުސްލިމުން އުޅެއެވެ. އަދި އެއްވެސް ދީނަކަށް ބޯ ނުލަނބާ ކާފިރުން ވެސް އުޅެއެވެ.


ބައެއް ޔަހޫދީ ޖިންނި

ރުޅިވެރިސިންގާ: މީނާގެ ލަގަބުތަކުގެ ތެރޭގައި، އަބުލްޢުހޫދު އާއި އައްލައިޘުލްވަޘޫބު ހިމެނެ އެވެ. މީނާއަކީ މީހުން ރުޅިއަރުވައި، ދެމަފިރިންގެ ދެމެދަށް ވަނަން ޖިންނިއެކެވެ.

ކިންގ ޒަންޤަޠު: މީނާގެ ސިފައަކީ ބުޅަލެއްގެ ސިފަ ކަމަށް ބުނެވެއެވެ.

ޡާމު: މީނާއަށް ކަޅުބުޅަލުގެ ނަން ދެވިފައިވެއެވެ. މީނާއަކީ، ކިންގ މައިމޫނުގެ އައުވާނުންގެ ތެރެއިންވާ ޖިންނިއެކެވެ. ސުލައިމާނުގެފާނުގެ ޒަމާނުގައި މީނާ ނުކިޔަމަންތެރިވުމުން އެކަލޭގެފާނު ވަނީ މީނާގެ ގައިގައި ހިލިހިލާއިން ކަސްތޮޅުއަޅުއްވައި ހައްޔަރުކުރައްވާފައެވެ.


ބައެއް ނަޞާރާ ޖިންނި

ޚުރުބްޠު: މި ޖިންނީގެ މަންމައަކީ، ކިންގ އަޙުމަރުގެ ދަރިކަނބަލުން ޒަޚުބީލާއެވެ. ހުކުރު ވަގުތު މީހުން އުޅޭ ތަންތަނަށް މި ޖިންނި ހާޒިރުވާކަމަށް ބުނެވެއެވެ. މިޖިންނި ފެންނާނީ ތުރުކީވިލާތުގެ ޚަވާޖާއިން ލާކަހަލަ ހެދުމެއްގައި ފަރަންޖީއެއްގެ ސިފައިގައި ކަމަށް ވެސް ބުނެވެއެވެ.

ޠުލްމުޝް: ވެއްޓޭ ބަލި ޖެހިފައިވާ މީހުން ވެއްޓޭއިރު މި ޖިންނި ހާޒިރުވާކަމަށް ބުނެވެއެވެ.


ބައެއް ކާފިރު ޖިންނި

ކާފިރު ޖިންނީންނަކީ އިބްލީހުގެ ދަރިފަސްކޮޅުން އައި ޖިންނީންނެވެ. އެއިން ބައެއް ޖިންނިތަކަކީ:

ޢަޒާޒީރު: މި ޖިންނި ހާޒިރުވާނީ ހަޑި ފާޚާނާތަކަށާއި އެނޫނަސް ނަޖިސްކަން ގަދަ ހަޑި ތަންތަނަށެވެ. މި ޖިންނީގެ ސިފައަކީ، ބިޔަ އެތެއް ފާޑުގެ އެއްޗެއް ކަމަށް ބުނެވެއެވެ.

ޒައިތޫން: މިޖިންނި ހާޒިރުވަނީ ހަޑި ފާޚާނާތަކަށެވެ. އަދި އެ ފާޚާނާތަކުގައި ޤަޟާޙާޖަތްކުރަން ތިބޭ މީހުނަށް ވަސްވާސްދެއެވެ.

ސާރޫޚު: މިއީ، އިބްލީހުގެ އެންމެ ދޮށީ ދަރިއެވެ. މި ޖިންނި ހާޒިރުވާނީ ޢައުރަ ނިވާނުކޮށް އުޅޭ މީހުންގެ ގާތަށެވެ.

ދަންހަޝް: މިއީ، އިބްލީހުގެ އެންމެ ބާރުގަދަ ދަރިއެވެ. މިޖިންނި ހާޒިރުވާނީ މީހެއްގެ ސިފައިގައެވެ. ވާތުގައި ދަނޑިބުރިއެއް ނުވަތަ ކާލިގަނޑެއް ކަހަލަ އެއްޗެއް އޮންނާނެއެވެ.

ނަންގަނެވިދިޔައީ އިބްލީހުގެ ބައެއް ފިރިހެން ދަރީންނެވެ. އިބްލީހުގެ އަންހެން ދަރީންގެ ތެރޭގައި އަންނަނިވި ޖިންނިތައް ހިމެނެއެވެ.

ޒާތުލްމަޙާސިން: މި ޖިންނި ހާޒިރުވާނީ ގަބުރުސްތާންތަކަށެވެ.

ޢާއިނާ: މި ޖިންނި ގެންނަން ބޭނުންވާ މީހާ ނިދާފައި އޮންނައިރު، އޭނާގެ ގާތަށް މި ޖިންނި ހާޒިރުވެ އޭނާ ހޭލައްވައެވެ.

ނާއިލާ: މި ޖިންނީގެ އިސްތަށިގަނޑު ވަރަށް ދިގުވާނެއެވެ. މިޖިންނީގެ މުޅި ހަށިގަނޑު ނިވާކުރެވޭ ވަރުގެ އިސްތަށިގަނޑެއް މި ޖިންނީގެ ބޮލުގައި ވެއެވެ. މިހެންވެ، މި ޖިންނިއަށް އުންމުއްޝުޢޫރުލްމާއިލާ ގެ ލަގަބު ދެވިފައިވެއެވެ.


ބައެއް ޝައިޠާނުން

ޚަންނާސް ގެ އަންހެންދަރިން: މި ޝައިޠާނުން ހާޒިރުވަނީ ހަޑި ތަންތަނަށެވެ.

ނާޞޫރު: މިއީ ވަރަށް ހަޑިކޮށް އުޅޭ ނުތާހިރު މާރިދު ޝައިޠާނެކެވެ. ޖިންނި ގެންނަ ސިހުރުވެރިން ވެސް މި މާރިދު ގެންނަން ޖެހިލުންވެއެވެ. އެއީ މި މާރިދުގެ ނުލަފާކަން ބޮޑުކަމުންނެވެ.

މައިމޫނުއްނައްކާޙު: މިއީ މައިމޫނު ޖިންނިތަކުގެ ތެރެއިން ޔަހޫދީ ޝައިޠާނެކެވެ. އަންހެނުންނާ އަޅައިގަންނަ މި ޝައިޠާނާ، އަންހެނަކާ އަޅައިގެންފިނަމަ، އޭނާ ނިދާފައި އޮންނައިރު، މީހަކު އޭނާއާ އެއްދާންކުރާކަމަށް އިޙުސާސްކުރެވޭނެއެވެ.

ސިންޖާބު: މިޝައިޠާނުގެ ބައްޕައަށް ކިޔަނީ "ބައްވާބު" އެވެ. މި ޝައިޠާނުގެ ވަރަށް ގިނަ އަތްތައް ވެ އެވެ. ކޮންމެ އަތެއް ވަނީ ވަކި ކަމެއް ކުރުމަށެވެ.

ޒަޢުޒޫޢު: މިއީ ޖިންނީންގެތެރެއިންވާ ޝައިޠާނު ކުއްޖެކެވެ. މިކުއްޖާގެ ބައްޕައަކީ އަބުއްޒަޢާޒީޢުއެވެ. މިކުއްޖާ ހާޒިރުވާނީ ގަބުރުސްތާނުގައިވާ މަހާނަގަލެއްގެ ކައިރިއަށެވެ. އެއަށްފަހު، ކޮންމެވެސް ކަމެއް ކޮށްފައި، އޭނާގެ މަންމަގެ ގާތަށް އެނބުރިދެއެވެ.


އެހެނިހެން ޖިންނި

ޖިންނީންގެ ތެރޭގައި ތަޤުވާވެރި އަޅުވެރިން ވެސް އުޅެއެވެ.

އައްޝައިޚު ޢަލީ އަބޫހަލާހީލު: މިއީ، ތަޤުވާވެރި ޒާހިދު އަޅުވެރި ޖިންނިއެކެވެ. މި ޖިންނިއަށް އަބޫހަލާހީލެވެ ކިޔަނީ އޭނާގެ ހެދުންތައް ދެރަކަމުން ވީދިފައިވާތީއެވެ. އޭނާ ބޮޅުގައި އަޅަނީ ވެސް ވަރަށް ދެރަ ފަގުޑިއެކެވެ. އޭނާ އެފަދަ ހެދުން ލަނީ އޭނާގެ ޒާހިދުކަމުގެ ބޮޑުކަމުންނެވެ.

ޖިންނީންގެ ތެރޭގައި ޙިކުމަތްތެރިން ވެސް އުޅެއެވެ.

ޙަކީމު އަބޫ ޔަޒީދު: މިއީ ޖަބަލު ޤާފުގެ ހިޚުމަތްތެރި ޖިންނިއެކެވެ. މީނާގެ އިތުރުން، ޙަކީމު ފަޤުޠަޝް އާއި ޙަކީމު ޔޫނާސް ވެސް ޙިކުމަތުގެ މައިދާނުގައި ފާހަގަކުރެވެއެވެ.

މިނޫން ޖިންނިތައް ވެސް ވެއެވެ.
<><><>

މިއީ ބައެއް މަޞްދަރުތަކުގައިވާ ޖިންނީންނާބެހޭ ބައެއް މަޢުލޫމާތެވެ. މިއީ ތެދު ކަމެއް ނުވަތަ ތެދުނޫން ކަމެއް ނޭނގެއެވެ. ބައެއް މީހުން މި ވާހަކަތައް ގަބޫލުކުރެއެވެ. ބައެއް މީހުން މި ވާހަކަތައް ދޮގުކުރެއެވެ.