ތާނަ


1.
ހާ، ށަވިޔަނި، ނޫނާ، ރާޔާ، ބާޔާ،
މިގޮތަށް ގޮސް ނަލަ ޗަވިޔަންޏާ ހަމައަށް،
ކާބަފައިން ލިޔެ ދޫކޮށްދިޔަ ކަރުދާސް،
މީޔޭ ވާރުތައިން އައި މޮޅު މީރާސް!

2.
ގަލަމެއްގައި ހިފެހެއްޓޭވަރު ވީއިރު،
މުޅި ހިތުގައި ފެވުނީ ހާށަވިޔަންޏޭ،
ހެދެމުންދާ ނޫބިލެތުގެ ކުރިއެއްހެން،
ވަޖިދުވެ އިނދެ ފޯރީގައި ލިޔުނީމޭ!

3.
ހިތުގައި ކަނޑަމުން އަދި ބިންވަޅު ނަގަމުން،
ކުލަތައް ޖައްސައި ރޫޙާނީ އަކުރުން،
އައިނެއްގައިވާ ދޮންދޫނިތަކެއް ހެން،
ތާނައިގައި އާ ދިރުމެއް ޖެއްސީމޭ!

4.
ވާޞިލުވީމެ އުޑާ ހަމައަށް ލިޔުމުން،
ތަރިތައް ހެން ވިރުވައިއެޅި ރިހި އަކުރުން،
އަލިކަން ފަތުރައިދޭ ދޯދިތަކެއް ހެން،
ތާނައިގައި ވާހައި އަކުރެއް ފަވަމުން!

5.
ދުލަކުން ގަލަމުން ސިފަކޮށްލަން ނޭނގޭ،
ފުރިހަމަ ރީތިކަމެއްވީ މިއަކުރުގައި،
ފިލިތައް ޖެހިގެން އެތުރޭއިރު ޗާލުކަމުން،
ހިތްތައް ލަންބާ ޖަޒުބާތެއް ވާތީ!!!


މިއީ، 1994 ވަނަ އަހަރު ހަދާފައިވާ ޅެމެކެވެ. މި ޅެން އެންމެ ފުރަތަމަ ޝާއިޢުކުރީ، އަޅުގަނޑު އަތުން ލިޔެގެން ނެރުނު "ސިޖިއްލު" އެވެ، ކިޔާ މަޖައްލާއެއްގައެވެ.