ދަހި މީހަކާއި އޭނާގެ ދަރިފުޅުގެ ވާހަކަ


އެއްދުވަހަކު، މުށްބާރު، ބަޚީލު، ދަހި މީހެއްގެ ރަޙުމަތްތެރިއަކު އޭނާގެ ގެއަށް ޒިޔާރަތްކުރިއެވެ. އެ ރަޙުމަތްތެރިއާ އަށް، ދަހި މީހާއަކީ، ދީލަތި މީހެއް ކަމަށް ހީކުރުވުމަށްޓަކައި، ދަހިމީހާ އޭނާގެ ފިރިހެން ދަރިފުޅަށް ގޮވާލާފައި ބުންޏެވެ.

"ދަރިފުޅާއެވެ! ބައްޕަގެ ވަރަށް ގާތް ރަޙުމަތްތެރިއަކު، ގެއަށް އަތުވެއްޖެއެވެ. އޭނާއަށް ރަނގަޅު ޖާފަތެއް ތައްޔާރުކުރުމަށްޓަކައި، ބާޒާރުގައި ހުރި އެންމެ ތާޒާ، އެންމެ އަގުބޮޑު މަހުގެ ހައެއްކަ ކިލޯގްރާމު މަސް ގަނެގެން އައިސްބަލާށެވެ!"

ދެން ދަހި މީހާގެ ދަރިފުޅު ބާޒާރަށް ގޮސް، އިރުގަނޑެއް ކޮށްފައި، ހުސްއަތާ އެނބުރި ގެއަށް އަތުވެއްޖެއެވެ. އެހިނދު، އެކަމާމެދު ނުރުހުމުގެ ޝުޢޫރުތައް ފާޅުކުރަމުން، އޭނާގެ ބައްޕަ ސުވާލުކުރިއެވެ.

"ދަރިފުޅާއެވެ! މަސްކޮޅެއް ނުގަނެ ތިޔަ އައީ ކީއްވެގެން ހެއްޔެވެ؟ ބާޒާރުގައި މަސްކޮޅެއް ހަމަ ނެތީ ހެއްޔެވެ؟"

ދަހިމީހާގެ ދަރިފުޅު ބުންޏެވެ.

"ނޫނެކެވެ. ބާޒާރުގައި މަސް އެބަހުއްޓެވެ. ބާޒާރުގައި ހުރި އެންމެ ތާޒާ މަސް ވިއްކާ ފިހާރައަށް ގޮސް ބުނީމެވެ. އެންމެ ތާޒާ މަހުގެ ހައެއްކަ ކިލޯގްރާމް މަސް ކިރައިދޭށެވެ!"

މަސްކިރަން ހުރި މީހާ ބުންޏެވެ.

"އެންމެ ތާޒާ ގިތެލަށްވުރެ ތާޒާ މަސް މި ފިހާރައިގައި އެބަހުއްޓެވެ. އެއިން ހައެއްކަ ކިލޯގްރާމު ކިރައިދެން ހެއްޔެވެ؟"

ތިމަންނާގެ ހިތަށްއެރިއެވެ.

"އެންމެ ތާޒާ މަހަކީ، އެންމެ ތާޒާ ގިތެޔޮ ފަދަ އެއްޗެއް ކަމަށްވަނީނަމަ، މަސް ގަންނާނެ ކަމެއް ނެތްތާއެވެ! އެންމެ ތާޒާ ގިތެލުގެ ހައެއްކަ ކިލޯގްރާމު ގަނެގެން ދިޔައިމާ މާރަނގަޅުވާނެތާއެވެ!"

މިހެން ހިތައި މަސްނުގަނެ، ގިތެޔޮ ވިއްކާ ފިހާރައަކަށް ގޮސް ބުނީމެވެ.

"އެންމެ ތާޒާ ގިތެލުގެ ހައެއްކަ ކިލޯގްރާމް ކިރައިދޭށެވެ!"

ގިތެޔޮ ކިރައިދޭން ހުރި މީހާ ބުންޏެވެ.

"އެންމެ ތާޒާ ކަދުރު ސޯސް އަށްވުރެ ތާޒާ ގިތެޔޮ މި ފިހާރައިގައި އެބަހުއްޓެވެ. އެއިން ހައެއްކަ ކިލޯގްރާމު ކިރައިދެން ހެއްޔެވެ؟"

ތިމަންނާގެ ހިތަށްއެރިއެވެ.

"އެންމެ ތާޒާ ގިތެލަކީ، އެންމެ ތާޒާ ކަދުރު ސޯސް ފަދަ އެއްޗެއް ކަމަށްވަނީނަމަ، ގިތެޔޮ ގަންނާނެ ކަމެއް ނެތްތާއެވެ! އެންމެ ތާޒާ ކަދުރު ސޯސް ގެ ހައެއްކަ ކިލޯގްރާމު ގަނެގެން ދިޔައިމާ މާރަނގަޅުވާނެތާއެވެ!"

މިހެން ހިތައި ގިތެޔޮ ނުގަނެ، ކަދުރު ސޯސް ވިއްކާ ފިހާރައަކަށް ގޮސް ބުނީމެވެ.

"އެންމެ ތާޒާ ކަދުރު ސޯސް ގެ ހައެއްކަ ކިލޯގްރާމް ކިރައިދޭށެވެ!"

ކަދުރު ސޯސް ކިރައިދޭން ހުރި މީހާ ބުންޏެވެ.

"އެންމެ ތާޒާ މާމުޔަށްވުރެ ތާޒާ ކަދުރު ސޯސް މި ފިހާރައިގައި އެބަހުއްޓެވެ. އެއިން ހައެއްކަ ކިލޯގްރާމު ކިރައިދެން ހެއްޔެވެ؟"

ތިމަންނާގެ ހިތަށްއެރި އެވެ.

"އެންމެ ތާޒާ ކަދުރު ސޯސް އަކީ، އެންމެ ތާޒާ މާމުއި ފަދަ އެއްޗެއް ކަމަށްވަނީނަމަ، ކަދުރު ސޯސް ގަންނާނެ ކަމެއް ނެތްތާއެވެ! އެންމެ ތާޒާ މާމުއިގެ ހައެއްކަ ކިލޯގްރާމު ގަނެގެން ދިޔައިމާ މާރަނގަޅުވާނެތާއެވެ!"

މިހެން ހިތައި ކަދުރު ސޯސް ނުގަނެ، މާމުއި ވިއްކާ ފިހާރައަކަށް ގޮސް ބުނީމެވެ.

"އެންމެ ތާޒާ މާމުއިގެ ހައެއްކަ ކިލޯގްރާމް ކިރައިދޭށެވެ!"

މާމުއި ކިރައިދޭން ހުރި މީހާ ބުންޏެވެ.

"އެންމެ ސާފު ވާރޭ ފެނަށްވުރެ ސާފު މާމުއި މި ފިހާރައިގައި އެބަހުއްޓެވެ. އެއިން ހައެއްކަ ކިލޯގްރާމް ކިރައިދެން ހެއްޔެވެ؟"

ތިމަންނާގެ ހިތަށްއެރިއެވެ.

"އެންމެ ތާޒާ މާމުޔަކީ، އެންމެ ސާފު ވާރޭފެން ފަދަ އެއްޗެއް ކަމަށްވަނީނަމަ، މާމުއި ގަންނާނެ ކަމެއް ނެތްތާއެވެ! ގެއަށް ގޮސް ގޭގައިވާ ސާފު ވާރޭފެން ތާނގީން ހައެއްކަ ކިލޯގްރާމުގެ ވާރޭފެން ކިރައިގެން ނެގީމާ މާރަނގަޅުވާނެތާއެވެ!"

މިހެން ހިތައި ތިމަންނާ މިއަކީ، އެއްވެސް އެއްޗެއް ނުގަނެ ހުސްދެއަތާއެވެ! ގޭގައި ހުރި އެއްޗެއް ގަތީމާ ވާނީ ބޮޑު އިސްރާފަކަށް ނޫން ހެއްޔެވެ؟

ދަހިމީހާ ބުންޏެވެ.

"ދަރިފުޅާއެވެ! ތިބާއަށް ސާބަހާއި އައްސަރިބަސް ރައްދުކުރަމެވެ. ތިޔައީ ހަމަ މި ބައްޕަ ފަދަ ބުއްދިވެރި ދީލަތި ދަރިއެކެވެ!"

ބައްޕައާއި ދަރިފުޅުގެ ދެމެދުގައި ދެކެވުނު މިވާހަކަތައް އަޑުއަހަން، ދަތްކުނޑި ވިކާލަވިކާލައި އިނުމަކީ ރަޙުމަތްތެރިއާ އަށް މާފަސޭހަ ކަމެއް ކަމުގައި ނުވިއެވެ! އެ ވާހަކަތަކުގެ ޙަޤީޤަތް އޭނާއަށް މޭރުންވާތީ، ރުޅިގަދަވެގެން ގޮސް އޭނާ ފަޅަފަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ! ދެން ރަޙުމަތްތެރިޔާ އަވަސް އަވަހަށް އެ ގެއިން ނިކުންނަށް ހިނގައިގަތްތަނާ އޭނާއަށް ފުރަގަސްދީގެން ހުރެ، ބައްޕަ، ދަރިފުޅުގެ ގާތުގައި މަޑުމަޑުން ބުންޏެވެ.

"ދަރިފުޅާއެވެ! ތިބާ ބާޒާރަށް ގޮސް އެއް ފިހާރައިން އަނެއް ފިހާރައަށް ހިނގުމުގެ ސަބަބުން ތިބާގެ ފައިވާން ވާނީ ބިންމަތީގައި ގޭނި ގޭނި ހަލާކުވެފައެވެ. އެކަމުގެ ސަބަބުން ފައިވާނުގެ އުމުރު ކުރުވެ، ފައިވާން އަވަހަށް ހަލާކުވާނެއެވެ. ދެންފަހަރަކުން މިކަހަލަ ކަމެއް ދިމާވީމާ، އެހައި ގިނަ ފިހާރަތަކަށް ނުދައްޗެވެ!"

ދަރިފުޅު ބާރަށް ހީނގެންފައި ބުންޏެވެ.

"ބައްޕާއެވެ! ކަންބޮޑުނުވާށެވެ! ތިމަންނާ ދިޔައީ ގެއަށް އައި ރަޙުމަތްތެރިޔާގެ ފައިވާނަށް އަރައިގެންނެވެ!!!"