އިމްތިޙާނެއްގައި ކުއްޖަކު ދީފައިވާ ޖަވާބުތަކެއް


ސުވާލު: ބޮޑު ޝިރުކާއި ކުޑަ ޝިރުކަކީ ކޮބައިހެއްޔެވެ؟
ޖަވާބު: ބޮޑު ޝިރުކަކީ ބޮޑު ބުދަށް އަޅުކަންކުރުމެވެ. ކުޑަ ޝިރުކަކީ ކުޑަ ބުދަށް އަޅުކަންކުރުމެވެ.

ސުވާލު: ވާރޭވެހެނީ ކޮން މޫސުމެއްގައި ހެއްޔެވެ؟
ޖަވާބު: ވާރޭވެހެނީ ފުރާޅު ނެތް މޫސުމުގަ އެވެ.

ސުވާލު: ދެ ކުކުޅު ލާފައިވާ ކޮށްޓަކަށްވަދެ، ހިޔަޅު އެއްކުކުޅު ކާލައިފި އެވެ. އެއަށްފަހު ކޮށީގައިވާނީ ކިތައް ކުކުޅުހެއްޔެވެ؟
ޖަވާބު: ދެވަނަ ކުކުޅެވެ.

ސުވާލު: މެންދުރު ވަގުތާއި ޢިޝާ ވަގުތަކީ ކޮބައިހެއްޔެވެ؟
ޖަވާބު: މެންދުރު ވަގުތަކީ މެންދުރު ކެއުން ކާ ގަޑި އެވެ. ޢިޝާ ވަގުތަކީ، ރޭގަނޑު ކެއުން ކާ ގަޑި އެވެ.

ސުވާލު: އަލިފާން ފަރުބަދައަކީ ކޮންއެއްޗެއްހެއްޔެވެ؟
ޖަވާބު: ފޮތުގެ 75 ވަނަ ޞަފުޙާގައިވާނެ އެވެ.

ސުވާލު: ޔަރުމޫކު ހަނގުރާމަ ކުރެވުނީ ކޮން ތާރީޚެއްގައި ހެއްޔެވެ؟
ޖަވާބު: އޭރު އަހަރެމެން ވަރަށް ކުޑަ އެވެ. އެހެންކަމުން ތާރީޚު ހަނދާނެއް ނެތެވެ.

ސުވާލު: މަޝްހޫރު ޅެންވެރިޔާ، މުތަނައްބީ ނިޔާވީ ކޮންއިރަކު ހެއްޔެވެ؟
ޖަވާބު: ވަރަށް ކުރިންނެވެ.

ސުވާލު: އަލިފާންފަރުބަދައެއް ގޮވަނީ ކީއްވެހެއްޔެވެ؟
ޖަވާބު: މީހަކު އިންތިހާ ދަރަޖައަށް ރުޅިގަދަވުމުންނެވެ.

ސުވާލު: ސްކޫލުން އައިސް މަންމަ ގާތުގައި ތިބާ ބުނަނީ ކީކޭހެއްޔެވެ؟
ޖަވާބު: މަންމާއެވެ! އަދިވެސް ކާންދޭކަށް ނުވޭހެއްޔެވެ؟

ސުވާލު: ގަސްދުގައި މީހަކު މެރުމާއި، ގަސްދު ނެތި ކުރާ ކަމަކުން މީހަކު މަރުވުމުގެ ތަފާތަކީ ކޮބައިހެއްޔެވެ؟
ޖަވާބު: ގަސްދުގައި މީހަކު މަރާނީ މަހެއްހައި ދުވަހު، އޭނާގެ މައްޗަށް ހަސަދަލައިގެން އުޅުމަށްފަހުގަ އެވެ. ގަސްދު ނެތި ކުރާ ކަމަކުން މީހަކު މަރުވާނީ، މީހެއްގެ ފަހަތުން ގޮސް މަރާލީމަ އެވެ.

ސުވާލު: މަންމައާއި ބައްޕަ އަރާރުންވާއިރު، އަންހެން ދަރިފުޅު މަންމަ ގާތުގައި ބުނާނީ ކީކޭހެއްޔެވެ؟
ޖަވާބު: ބައްޕައާ އަރާރުންވެ، ބައްޕަގެ ގައިގައި ފުރަތަމަ ޖެހީ މަންމަ ނޫންހެއްޔެވެ؟

ސުވާލު: ހިތުގެ ވަޒީފާއަކީ ކޮބައިހެއްޔެވެ؟
ޖަވާބު: މަރުވަންދެން ވިންދު ޖެހުމެވެ!!!