އެއްކައުވަންތަކަން ސާބިތުވާ ބައެއް ދަލީލުތައް


މާތް ﷲ ގެ އެއްކައުވަންތަކަމަށް އީމާންވުމެވެ، ބުނެވޭ ބަހުގެ މާނައަކީ، އެ ކަލާނގެ ފިޔަވައި އެހެން އެއްވެސް އިލާހަކު ނުވާކަން ހިތުގެ އަޑިން ތެދުކޮށް ޤަބޫލުކުރުމެވެ. އަދި އެ ކަލާނގެ ފިޔަވައި ޚާލިޤުވަންތަ އެހެން އިލާހަކު ނުވާކަމާއި، އެ ކަލާނގެ ޚަލްޤުތަކުންގެ ހިސާބުބައްލަވާނެ ކަމަށް ވެސް އީމާންވުމެވެ. ގިނަގުނަ އިލާހުންތަކެއްގެ މައްޗަށް އިސްވެވޮޑިގެންވާ ކަލަކު ވޮޑިގެންވާކަމަށް ބުނާ ޢަޤީދާތަކަކީ، މާތް ﷲ ގެ އެއްކައުވަންތަކަމަށް ގޮވާލާ އިސްލާމީ ޢަޤީދާއާ އެއްފަދަ ޢަޤީދާތަކެއް ނޫނެވެ. އެހެނީ، އިސްލާމީ ޢަޤީދާގައިވާ މާތް ﷲ ގެ އެއްކައުވަންތަކަމުގައި ޝަރީކުކުރުމެއް ނެތެވެ.

މާތް ﷲ އީ، އެއްކައުވަންތަ ކަލާނގެ ކަމާއި، އެކަލާނގެ އެއްކައުވަންތަކަން ސާބިތުވާ އެތައް ދަލީލުތަކެއް ވެއެވެ. އޭގެ ތެރޭގައި، މުޤައްދަސް ފޮތްފޮތުގައިވާ ކިތާބިއްޔަ ދަލީލުތަކާއި، ފަލްސަފީ ދަލީލުތަކާއި، ތާރީޚީ ދަލީލުތައް ވެއެވެ. މި ލިއުމުގައި އަލިއަޅުވައިލާނީ އެއިން ބައެއް ދަލީލުތަކުގެ މައްޗަށެވެ.


1. ކިތާބިއްޔަ ދަލީލުތައް

ކިތާބިއްޔަ ދަލީލުތަކުގެ ތެރެއިން، ތައުރާތުގެ ސިފުރުއްތަސްނިޔާ (Deuteronomy) ގައިވާ ދެ ދަލީލެއް ފާހަގަކޮށްލެވެއެވެ. އެއިން އެއް ދަލީލުގައި ވެއެވެ.

(ليس آخر سواه)
ސިފުރުއްތަސްނިޔާ: އިޞްޙާޙު: 4، ބަސްފުޅު: 35

މާނައީ، "އެކަލާނގެ ފިޔަވައި އެހެން އެއްވެސް އިލާހަކު ނުވެއެވެ."

އަނެއް ދަލީލުގައިވެ އެވެ.

(الرب إلهنا رب واحد)
ސިފުރުއްތަސްނިޔާ: އިޞްޙާޙު: 6، ބަސްފުޅު: 4

މާނައީ، "އަހުރެމެންގެ ކަލާނގެއީ ރައްބެވެ. އެކަލާނގެއީ، އެއްކައުވަންތަ ރައްބެވެ."

ތައުރާތާއި އިންޖީލުގައި ވެސް، މާތް ﷲ ގެ އެއްކައުވަންތަކަން ސާބިތުކޮށްދޭ މިފަދަ އެތައް ދަލީލުތަކެއް ވެއެވެ. އަޅުގަނޑުމެން އެންމެން ދަންނަ ފަދައިން، ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި ވަނީ މާތް ﷲ އެއްކައުވަންތަކަން ކަށަވަރުކޮށްދެއްވާފައެވެ. އެއްކައުވަންތަކަމުގެ 1102 އާޔަތް ކީރިތި ޤުރުއާނުގައިވާ ކަމަށް ބައެއް އިޙުޞާއިއްޔާތުގައި ވެއެވެ.


2. ފަލްސަފީ ދަލީލުތައް

މި ކައުނުގައި އެއް އިލާހަށްވުރެ ގިނަ އިލާހުންތަކެއް ނުވާކަން ސާބިތުކޮށްދޭ ވަރަށް ގިނަ ފަލްސަފީ ދަލީލުތައް ވެއެވެ. ތިރީގައި މިވަނީ އެއިން ތިން ދަލީލެކެވެ.

1. މި ކައުނުގައި އެއް އިލާހަށްވުރެ ގިނަ އިލާހުން ވާ ކަމަށްވަނީނަމަ، ކައުނުގައިވާ ކަންތައްތައް އެއް ހަމަތަކެއްގެ މަތިން ހިނގަމުން ނުދާނެއެވެ. ގުޅިލާމެހިފައިވާ ނިޒާމެއްގެ ތެރޭގައި އެމުނިއެކުލެވިގެން ހިނގަމުންދާ ކައުނުގެ ތެރެއަށް ނަޒަރުހިންގައިލާއިރު އެންމެ އިލާހެއް ފިޔަވައި އެހެން އެއްވެސް އިލާހެއް ނުވާކަން ކަށަވަރުވެއެވެ.

2. ބުއްދީގެ ހަމަތަކުން ބަލާއިރު، އިލާހަކީ މުޅިން ފުރިހަމަ ފަރާތެއް ކަމުގައި ވާންޖެހެއެވެ. އެއް އިލާހާ ތަފާތު ސިފަތަކެއް ލިބިފައިވާ އަނެއް އިލާހަކު ވާކަމަށްވަނީނަމަ އެ ދެ އިލާހުންކުރެ އިލާހަކު ފުރިހަމައެއް ނުވެއެވެ. ވީމާ، އެފަދަ އެއްވެސް އިލާހަކީ އިލާހެއް ކަމުގައި ނުވެއެވެ. ކިއެއްތޯއެވެ. އިލާހަކީ، އެހެން އެއްވެސް ފަރާތަކަށް ބޭނުންވެވޮޑިގެންނުވާ، ހުރިހައި ގޮތަކުން ފުރިހަމަވެވޮޑިގެންވާ، އެއްކައުވަންތަ އިލާހެވެ.

3. ފެށުމެއް ނިމުމެއް ނުވާ އަޒަލިއްޔަ ސިފަފުޅަކީ، އެއްކައުވަންތަ އިލާހުގެ ސިފަފުޅެކެވެ. އެ ސިފަފުޅު އެ އިލާހުގެ ޒާތުފުޅުން ވަކިކޮށް އުނިކޮށެއް ނުލެވޭނެއެވެ. އަދި އެ އިލާހުގެ ޒާތުފުޅަށް އެއްވެސް އެއްޗެއް އިތުރެއް ވެސް ނުކުރެވޭނެއެވެ. އެހެންވީމާ، އެ އިލާހު ފިޔަވައި އެހެން އިލާހަކު މި ކައުނުގައި ނުވާނެއެވެ. އަދި، އެ އިލާހުގެ ޒާތުފުޅާ ޚިލާފު އެހެން ކޮންމެ އިލާހަކީ އިލާހެއް ނޫނެވެ.


3. ތާރީޚީ ދަލީލުތައް

އެއްކައުވަންތަ ކަލަކު ވޮޑިގެންވާ ކަމުގެ އެތައް ހެކިތަކެއް ދީންތަކުގެ ތާރީޚުން ފެންނަން އެބަހުއްޓެވެ. އެއިން ބައެއް ހެކިތަކަކީ:

1. ކީރިތިވަންތަ ކަލާނގެ އެއްކައުވަންތަކަމުގެ ޢަޤީދާއަކީ، އެންމެހައި ދީންތަކުގައި ފުނަން މޫލާފައިވާ ޢަޤީދާއެކެވެ.

2. ގިނަ އިލާހުންތަކެއް ވާކަމަށް އީމާންވާ މުޖުތަމަޢުތަކުގެ ތާރީޚު ދިރާސާކުރާއިރު، އެ މުޖުތަމަޢުތަކުގެ ބޯދާ ޢަޤީދާގައިވަނީ، އެއްކައުވަންތަ އިލާހެއްގެ ފިކުރުކަން އނގިފައިވެއެވެ. އެ ފަދަ ޢަޤީދާތަކުގެ ފިކުރުގައި ވަނީ، ފިރިހެން އިލާހެކެވެ. އުޑުގައި ވޮޑިގެންވާ އިލާހެކެވެ. ދުނިޔެ ހެއްދެވީ އެ އިލާހެވެ. އެއީ، ދެނެވޮޑިގަތުމާއި، ކުޅަދުންވަންތަކަމުގައި އިމެއް ނެތް އިލާހެކެވެ. އިންސާނުން ދިރިއުޅެންވީ އަޚުލާޤީ ހަމަތައް އައީ އެ އިލާހުގެ ޙަޟުރަތުންނެވެ. ނަމަވެސް މީސްތަކުން އެ އިލާހުގެ އެންގެވުންތަކާ ޚިލާފުވެ، އެ އިލާހު ދެއްކެވި އަޚުލާޤީ ހަމަތަކުން ވެސް އެއްކިބާވީއެވެ.

3. މިދުނިޔޭގައިވާ ކޮންމެ ދީނެއްގައި ވެސް، އެއްކައުވަންތަ އިލާހެއްގެ ޢަޤީދާ ވެއެވެ. އެއީ އެ ދީނުގައި ގިނަ އިލާހުންތަކެއްގެ ވާހަކަ ފެށުމަށްވުރެ މާ ޤަދީމީ ޢަޤީދާއެއްކަން އެ ދީނުގެ ތާރީޚުން އެނގެއެވެ. އެ ދީނުގެ އަހުލުވެރިން ގިނަ އިލާހުންނަށް އީމާންވުމާއި، ސިޙުރު ހެދުމާއި، ބުދަށް އަޅުކަންކުރުން ފަދަ ކަންތައްތައް ކުރަން ފަށާފައިވަނީ މާ ފަހުގެ ތާރީޚެއްގައި ކަން ވެސް އެނގެއެވެ.

4. މިޒަމާނުގައި ގިނަ އިލާހުންތަކަށް އީމާންވާ މީހުން ވެސް، އެމީހުން އީމާންވާ ގިނަގުނަ އިލާހުންތަކަށްވުރެ މާ މަތިވެރި އިލާހަކު ވޮޑިގެންވާކަމަށް ޤަބޫލުކުރެއެވެ. ނަމަވެސް އެމީހުން އެހެން އިލާހުންތަކަށް އަޅުކަންކޮށް އުޅެނީ، އެއީ މަތިވެރި އިލާހާ އެމީހުންނާ ދެމެދު ގުޅުވައިދޭ ވާސިޠާތަކެއްގެ ގޮތުގައެވެ. މި ބީދައިން ޝަރީކުކުރުމަކީ، މާތްވެގެންވާ އިސްލާމްދީނުގައި މަނާކުރައްވާފައިވާ ކަމެކެވެ.


ނަންގަނެވިދިޔަ ހެކިތަކުގެ މައްޗަށް ނަޒަރުހިންގައި ބަލާއިރު، އެއްކައުވަންތަ އިލާހަކު ވޮޑިގެންވާކަން ސާބިތުވެއެވެ. އެ އިލާހަކީ، ޢާލަމްތަކުގެ ވެރި މާތް ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. މި ކައުނުގައިވާ ލޮލަށް ފެންނަ އެންމެހައި ތަކެއްޗާއި، ލޮލަށް ނުފެންނަ އެންމެހައި ތަކެތި ޚަލްޤުކުރެއްވީ މާތް ﷲ އެވެ. ވީމާ، އަޅުގަނޑުމެންގެ މައްޗަށް އޮތީ، މާތް ﷲ ގެ އެއްކައުވަންތަކަން ގަބޫލުކޮށް، އެ އިލާހު ފިޔަވައި އެހެން އެއްވެސް އިލާހަކު ނުވާކަން ހިތުގެ އަޑިން ތެދުކޮށް ޤަބޫލުކުރުމެވެ.