ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ މަޒުހަބުތައް



ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން ވެސް ބެހިގެންވަނީ މަޒުހަބުތަކަކަށެވެ. އޭން ކޮންމެ މަޒުހަބެއްގެ ބަޔަކުމެ ގަބޫލުކުރަނީ، ދުންފަތުގެ އިސްތިޢުމާލުކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެބަޔަކު ތަބާވާ މަޒުހަބުގައި އޮތް ގޮތް ކަމަށެވެ. އަޅުގަނޑުގެ ރަޙުމަތްތެރިންގެ ތެރޭގައި ވެސް ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން އުޅެއެވެ. އޭން އެކަކީ، ހަސަނެވެ. އޭނާގެ މަޒުހަބަކީ، ސިނގިރޭޓްގެ އެއްބައެއް ވަންތަކަމުގެ މަޒުހަބެވެ. އެ މަޒުހަބުގެ އަހުލުވެރިން މާނަކުރާ ގޮތުގައި، "ސިނގިރޭޓުގެ އެއްބައެއް ވަންތަކަމުގެ" މާނައަކީ، ރެއާއި ދުވާލު އެންމެ ސިނގިރޭޓެއް ރޯކޮށް، އެ ސިނގިރޭޓް ނިވުމުގެ ކުރިން އޭން އެހެން ސިނގިރޭޓެއް ރޯކޮށްގެން، ސިނގިރޭޓަކަށްފަހު ސިނގިރޭޓެއް ފުލުފުލުގައި ބޮމުން ގެންދިއުމެވެ. އެ މަޒުހަބުގެ އެހެން މީހުންނެކޭ އެއްފަދައިން، ސިނގިރޭޓް ބުއިމަކީ ޞިއްޙަތަށް ގެއްލުންހުރި ކަމެއް ކަން ހަސަނަށް ވެސް އެނގެއެވެ. އޭނާގެ ފުއްޕާމޭ ވަނީ ދުމުން ކަޅިވެފައިކަން ވެސް އޭނާއަށް އެނގެއެވެ. އަދި ހާޓް-އެޓޭކެއް ޖެހިގެން އޭނާ މަރުވެދާނެ ކަމަށް ވެސް ގަބޫލުކުރެއެވެ. އެންމެފަހުން، އޭނާ މަރުވީ ހަމަ އެގޮތަށް ކަމަށް އަޅުގަނޑުގެ ގާތުގައި މީހަކު ބުންޏެވެ.

ސިނގިރޭޓުގެ އެއްބައެއް ވަންތަކަމުގެ މަޒުހަބުގެ އަހުލުން ގަބޫލުކުރާ ގޮތުގައި، އަލިފާނުން އިސްރާފުނުކުރާ ބަޔަކީ ވެސް އެމީހުންނެވެ. އެހެނީ އެ މީހުން ރެއާއި ދުވާލު އަޅަނީ އެންމެ އަލިފާން ދަނޑިއެކެވެ. އޭން މީހަކަށް އެންމެ އަލިފާން ފޮށްޓަކުން މަސްދުވަހަށް ފުދެއެވެ. އެންމެ ލައިޓަރަކުން އަހަރު ދުވަހަށް ފުދެއެވެ.

އަޅުގަނޑުގެ އެކުވެރިއެއް ކަމަށްވާ، އަބޫ ކާތިޔާ ގެ މަޒުހަބު މުޅިން ތަފާތެވެ. އޭނާގެ މަޒުހަބުގައި އޮންނަނީ، ހަމައެކަނި، މި ދުނިޔޭގައި ދުންފަތުގެ އިސްތިޢުމާލުކުރުމެއް ނޫނެވެ. ކަށްވަޅުގައި އޮންނައިރު ވެސް ދުންފަތުގެ އިސްތިޢުމާލުކުރުމަކީ، އޭނާގެ މަޒުހަބުގައި ޚިލާފެއް ނެތް މައްސަލައެކެވެ. އޭނާ ބުނެއުޅެ އެވެ. "މަރުވުމަށްފަހު، ސިނގިރޭޓެއް ނުބޮއި ކަށްވަޅުގައި ވެސް ނޯވެވޭނެއެވެ." ބައެއް މީހުން އޭނާގެ ގާތުގައި ބުނެއުޅެއެވެ. ތިބާ މަރުވެއްޖެނަމަ، ތިބާގެ މަހާނައިގައި ދުންފަތް ގަހެއް އިންދަން ވަޞިއްޔަތްކުރާށެވެ! އޭރުން އެ ގަހުގެ މޫތައް އަޑިއަށް ފައިބައިގެންގޮސް ތިބާގެ ކަށިތަކުގެ ތެރެއަށް ވަދެ، އެއާއެކު ދުންފަތުގެ މޫތަކުން ވިއުގައެއް ގަތައިލާނެއެވެ! އޭރުން ތިބާގެ ކަށްވަޅަކީ، ނިކޮޓިންގެ ދާނެއް ކަމުގައި ވެގެންދާނެއެވެ!

ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ މަޒުހަބުތައް ވެސް ވަރަށް ތަފާތެވެ. އަބޫ ޙާމިދުގެ މަޒުހަބު ބުނާ ގޮތުގައި ދުންފަތުގެ އިސްތިޢުމާލުކުރުމަށް އެންމެ އަރާމު ހުރި ގޮތަކީ، ފާޚާނާ ތަށިމަތީގައި އިނދެ ސިނގިރޭޓު ބުއިމެވެ. އަބޫ ޢަލީގެ މަޒުހަބުގައި އޮންނަނީ، ކެއުމަށްފަހު ސިނގިރޭޓެއް ބުއިމަށެވެ. އެކަމަކު، ސިނގިރޭޓްގެ ދުންތައް ފުއްޕާމޭގެ ތެރޭގައި އިރުގަނޑެއް ވަންދެން ހިފަހައްޓައިލައިގެން ހުރުމަކީ އެ މަޒުހަބުގައި ގަދަވެގެންވާ ސުންނަތެކެވެ! ދުން ހޮޅިއަކުން ދުން ބޭރުވާހެން ނޭފަތުގެ ދެ ހިނދުރިން ދުން އެރުވުމަކީ އެ މަޒުހަބުގައި ޢައިނިއްޔަ ފަރުޟެކެވެ!

އަޅުގަނޑުގެ ބޮޑުބޭބެ، ފަހުމީ އަކީ ވެސް ދުންފަތުގެ އިސްތިޢުމާލުކުރުމުގައި ފުންނާބުއުސް ބޭކަލެކެވެ. އޭނާ ސިނގިރޭޓް ބޯއިރު އިންނަނީ އެއްފައި މައްޗަށް އަނެއް ފައި ލައިގެންނެވެ. ސިނގިރޭޓެއް ރޯކޮށްލަން އަލިފާން ދަނޑިއެއް އަޅައިލަނީ ވެސް ޖާދޫގަރެއްގެ ބަހުލަވާނީ ޙަރަކާތަކުންނެވެ! ސިނގިރޭޓެއްގެ ދެބައިކުޅަ އެއްބައި ބޯލަނީ ވެސް އެއް ނޭވައިންނެވެ! އެއަށްފަހު، ސިނގިރޭޓް ބޯން އިނދެގެން ދައްކާނީ ހުސް ސިޔާސީ ވާހަކައެވެ. އެ ވާހަކަތައް ބިނާވެފައިވާނީ، ބީބީސީގެ ޢަރަބި ރޭޑިޔޯއިން އޭނާއަށް އިވިފައިވާ އާ ޚަބަރުތަކެއްގެ މައްޗަށެވެ. އަޅުގަނޑުގެ މަރްޙޫމު ބައްޕަ، އޭނާ ދައްކާ ވާހަކަ އަޑުއަހަން އިންނަވައެވެ. އެ ދެ ބޭކަލުންނަކީ ވެސް ލިޔަންކިޔަން ނުދަތުމުގެ ދުނިޔޭގައި ބޮޑު ޝުހުރަތެއް ލިބިފައިވާ ފުންނާބުއުސް ދެ ޢާލިމުންނެވެ! އެ ބޭކަލުންގެ ދުނިޔޭގައި ފޮތަކީ ނެތް އެއްޗެކެވެ. ޢިލްމުގެ މަޞްދަރަކީ، ކަންފަތަށް އިވޭހައި އަޑުތަކެކެވެ! އެ ބޭކަލުން ބަހުސްކުރައްވާ ގިނަ މައްސަލަތަކަކީ، އެއްވެސް ތާކުންތާކު ނުޖެހޭ ޔޯލަވާހަކަތަކެކެވެ!

އަބޫ ޢާމިރަކީ ވެސް އަޅުގަނޑުގެ އެކުވެރިންގެ ތެރެއިން ސިނގިރޭޓް ބުއިމަށް އަރާހުރި ފަހުލަވާނެކެވެ. ދުންފަތުގެ އިސްތިޢުމާލު ނުކުރުމަށް އަޅުގަނޑު އޭނާއަށް ވަރަށް ބޮޑަށް ނަސޭހަތްދެމެވެ. ވީނުވީ ތަނެއް ނޭނގި ކުއްލިއަކަށް އޭނާ ގެއްލުނެވެ. އެކަމާމެދު އަޅުގަނޑު ކަންބޮޑުވެފައި ހުއްޓައި، ދުވަސްކޮޅެއް ފަހުން އައިސް ބުންޏެވެ. "ޑަކުޓަރުން ތިމަންނާގެ މޭ ފަޅާލާފައި، އާ ލޭ ހޮޅިތަކެއް ހިތަށް ލައްވައިފިއެވެ!" އެކަން ކުރީ ކިހިނަކުންތޯ އެހީމައި، ބުންޏެވެ. "ޑަކުޓަރުން އެކަން ކުރިއިރު ތިމަންނާގެ މޭ އޮތީ ފޮތެއް ހުޅުވާހެން ހުޅުވައިލާފައެވެ." ދެން ދުވަހަކު ވެސް ސިނގިރޭޓަކާ ދިމާއަށް ލޮލުގެ ހިމަކޮޅުން ވެސް ބަލައިނުލާނެ ކަމަށް ބުނެ، އެދުވަހު އަބޫ ޢާމިރު މަތިމައްޗަށް ހަތް ހުވާކުރިއެވެ. ނަމަވެސް ޖެހިގެން އައި ހަފުތާގައި، ރޭލެއްގެ ދުން ހޮޅިން ދުން އަރާހެން، ނޭފަތުން ދުންއަރުވަމުން ދިޔަތަން ދުށީމެވެ!

ހިތުގެ ޑަކުޓަރެއް ކަމަށްވާ، ޑރ. ޢައުދާގެ އަރިހުން އެހީމެވެ. "ދުންފަތުގެ އިސްތިޢުމާލުކުރާ މީހެއްގެ އަޖަލު ގާތްވެއްޖެކަން ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވަނީ ކިހިނަކުންތޯއެވެ؟" އޭނާ ޖަވާބުދެއްވަމުން ބުނުއްވިއެވެ. "ހިތުގެ ވިންދު ބެލީމާ، މަލަކުލްމައުތު ހުންނެވި ހިސާބެއް ހިތުގެ މާހިރުންނަށް އެނގޭނެއެވެ!!!"

އަބޫ ޢައްބޫދަށް ހާޓް-އެޓޭކެއް ޖެހުނު ދުވަހު އޭނާގެ އަނބި ފާތުމައަށް ގޮވާލާފައި ރޮއިހޭރެމުން ބުންޏެވެ. "މަގޭ މެޔަށް ޖިންނި ޝައިޠާނުން ވަޅިތަކެއް ހަރަނީއެވެ! ނިކަން އަވަހަށް ފަންޑިތަވެރިއަކު ގެނެސްދީބަލާށެވެ!" ފާތުމައަކީ، ނަރުހެކެވެ. އެހެންކަމުން، އަބޫ ޢައްބޫދު ލަވާ ހަޅޭކަކަށް ނުބަލައި، އެންމެ ކައިރީގައި ހުރި ހިތުގެ ފަރުވާދޭ ހޮސްޕިޓަލަށް އޭނާ އަވަހަށް ގެންދިޔައެވެ. ޑަކުޓަރުން އޭނާގެ ހިތަށް ބެލޫނެއް ލެއްވިއެވެ. ދުންހޮޅިއަކުން ގެދަބުޅި ކަހައި ސާފުކުރާހެން، އޭނާގެ ހިތުގެ ލޭ ހޮޅިތައް ކަހައި ސާފުކުރި އެވެ. އަދި އޭނާއަށް ހަންދަރެއްގެ ބޭސް ވެސް ދިނެވެ!

އަބޫ ޢައްބޫދަށް ގޮވާލަން ދިޔަ ދުވަހު، އޭނާ ކުރެން އެހީމެވެ. "މިހާރު ދުވާލަކު ކިތައް ކާޓޫނު ހުސްކުރަން ހެއްޔެވެ؟" ދެ ބުމަ ގޮށްޖަހާލާފައި އޭނާ ޖަވާބުދިނެވެ. "ކާޓޫނެއް ކީއްކުރަން ހެއްޔެވެ؟ ދުވާލަކު އެންމެ ދެ ސިނގިރޭޓަށްވުރެ ގިނައިން ބޯކަށް ހުއްދައެއްނެތެވެ. ހެނދުނު ނާސްތާ ކޮށްގެން ބޯލާ އެއްޗަކާއި، ރޭގަނޑު ބަތް ކައިގެން ބޯލާ އެއްޗެކެވެ!"

ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނާއި، އެމީހުންގެ މަޒުހަބުތަކަށް ނަޒަރު ހިންގައިލުމުން އެނގޭ އެއްޗަކީ، ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް، ބޯ މީހަކު، ބޯ އެއްޗެއް، ހުއްޓައިނުލައި ބޯނެ ކަމެވެ. ކޮންމެ މަޒުހަބެއްގެ މީހަކު ވެސް އެމީހެއްގެ މަޒުހަބުގައި ބޯން އޮތް އެއްޗެއް، ބޯން އޮތް ގޮތަކަށް ބޯނެ ކަމެވެ! ބުއިމަކީ، ދެވިހިފައިފި މީހަކު ހުއްޓައިލާނެ ކަމެއް ކަމުގައި ނުވެއެވެ. ދުން ބުއިމަކީ، ކްރިސްޓޮފަރ ކޮލަމްބަސް "ދުނިޔޭން ބޭރަށް" ގޮސްފައި އެނބުރި އައިއިރު، ބޭރު ދުނިޔެއިން ރަނާއި، ރިއްސާއި، ޕޮޓޭޓޯ އާއި، ޓޯމާޓޯ ގެނައިއިރު އެ ތަކެއްޗާ އެކު ގެނައި ބިދުޢައެކެވެ. ކޮންމެ ބިދުޢައަކީ މަގުފުރެދުމެއް ކަމަށްވިޔަސް، ކޮންމެ މަގުފުރެދުމެއް ވަނީ ނަރަކައިގައި ކަމަށްވިޔަސް، ދުން ބުއިމުގެ ބިދުޢައަށް ދެވިހިފައިފި މީހަކު އެ ބިދުޢައިން މިންޖެއް ނުވާނެއެވެ! ކޮންމެ މީހަކު ވެސް އެމީހެއްގެ މަޒުހަބުގައި ބޯން އޮތް ގޮތަކަށް އެކަން ކުރާނެއެވެ!


ނޯޓް:
މިއީ، ޑރ. ޚާލިޞް ޖަލަބީ ލިއުއްވާފައިވާ މަޒުމޫނެއްގެ ތަރުޖަމާއެކެވެ. މި މަޒުމޫނު ދިވެހި ބަހަށް ގެނެސްފައިވަނީ، ލަފުޒީ މާނައަށްވުރެ ބޮޑަށް ޑރ. ޚާލިޞް ޖަލަބީ ގެ ލިއުންތެރިކަމުގެ ވައްޓަފާޅިއާއި އުސްލޫބަށް އިސްކަންދީގެންނެވެ. ޑރ. ޚާލިޞް ޖަލަބީ އަކީ، ސީރިއާއަށް އުފަން، ހުޅަނގަށް މަޝްހޫރު މެޑިކަލް ޑަކުޓަރެކެވެ. މެދުއިރުމަތީގައި އޭނާގެ ފޮތްތަކަށް ދެވަނައެއް ނެތް ޝުހުރަތެއް ލިބިފައިވެއެވެ. ސީރިއާގެ ރައްޔިތުންގެ އިންތިފާޟާއާ ވިދިގެން އޭނާ ވަނީ ރަހަމީރު ސިޔާސީ ލިއުންތަކެއް ވެސް ލިއުއްވާފައެވެ.