ނަމުގެ ފުރަތަމަ އަކުރުން ދޭހަވާ މާނަ


ތިރީގައި މިވަނީ، އަންހެންކުދިންގެ ނަމުގެ ފުރަތަމަ އަކުރުން ދޭހަވާ ބައެއް މާނަތަކާއި، އޭގައިވާ ބައެއް ސިއްރުތަކެވެ.

أ: އ
ތިބާގެ ކިބައިގައި ވަރަށް ގިނަ ރަނގަޅު ސިފަތަކެއް ވާނެ އެވެ. އޭގެތެރޭގައި، ދީލަތިކަމާއި، އިޚުލާޞްތެރިކަމާއި، ލޯބިވެތިކަން ހިމެނެއެވެ. އެއާއެކު ނޭދެވޭ ދެ ސިފައެއް ވެސް ވެއެވެ. އެއީ ރުޅިގަދަކަމާއި، އަމިއްލަ އެދުން ބޮޑުކަމެވެ. ނަމަވެސް ބައެއް ފަހަރު، މި ދެ ސިފައިގެ މައްޗަށް ތިބާގެ ހިތްހެޔޮކަން ގަދަވެގަންނާނެއެވެ.

ب: ބ
ތިބާއަކީ ދުންޔަވީ އުފާތަކަށް ލޯބިކުރާނެ އަންހެންކުއްޖެކެވެ. ޚާއްޞަކޮށް މީރު ކާނާ ކާހިތްވާނެއެވެ. ތިބާ ކުރާ ކަންތައްތަކަށް އިތުބާރުލިބޭނެއެވެ.

ت: ތ
ތިބާއަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ އަންހެންކުއްޖެކެވެ. ހިތްވަރާއެކު ކުރިމަތިލައިފި ކޮންމެ ކަމެއް ތިބާއަށް ކާމިޔާބުވާނެއެވެ. ގަދަބާރުން ކަންކުރުވުމާއި، ޚުދުމުޚުތާރު ގޮތް ތިބާގެ ކިބައިގައި ވާނެއެވެ.

ث: ޘ
އަންހެންވަންތަކަމާއި އަންހެންވަންތަ ސިފަތައް، ތިބާގެ ކިބައިގައި މަތީދަރަޖައަކަށް ވާނެއެވެ. ތިބާގެ ކިބައިގައި ރުޅިގަދަކަމާއި، ގޮތްދޫނުކުރުން ވެސް ހުންނާނެއެވެ. ނަމަވެސް ތިބާ ކުރާ ކޮންމެ ކަމެއް ކުރާނީ ވިސްނުންތެރިކަމާއި، ތޫނުފިލިކަމާއެކުގައެވެ.

ج: ޖ
ދުންޔަވީ ޙަޔާތުގެ ފޮނިމީރުކަމަށް ތިބާ ލޯބިކުރާނެއެވެ. މުސްތަޤުބަލު އުޖާލާކޮށް، މޮޅު ގޮތްތައް ލިބިގަތުމަށް ތިބާގެ ހިތް އެދޭނެއެވެ. ވަޒީފާއެއް އަދާކުރާނަމަ، އެ ވަޒީފާގައި ކާމިޔާބާއި ކުރިއެރުން ލިބޭނެއެވެ. ނަމަވެސް، ޢާއިލީ ދިރިއުޅުން ނުވަތަ އަމިއްލަ ދިރިއުޅުމުގައި ކޮންމެވެސް ވަރަކަށް މައްސަލަތައް ކުރިމަތިވެދާނެއެވެ.

ح: ޙ
ތިބާއަކީ، ޙަޤީޤަތް ގަބޫލުކުރާނެ އަންހެންކުއްޖެކެވެ. ޖެހިލުމެއްނެތި އަނެކުންނަށް އެހީތެރިވުމަކީ ތިބާގެ ކިބައިގައިވާ ވަރަށް މަގުބޫލު ސިފައެކެވެ. އެހެން މީހުންގެ އިޖުތިމާޢީ މައްސަލަތައް ހައްލުކޮށްދޭން ތިބާއަށް އެނގޭނެއެވެ. އެކަމަކު ތިބާގެ ކިބައިގައިވާ ކުށްތަކެއް ތިބާ ގަބޫލެއް ނުކުރާނެއެވެ. އެއީ ތިބާއަށް އެކަން ނޭނގޭތީއެވެ.

خ: ޚ
ތިބާގެ ކިބައިގައި ހަރުކަށިކަމެއް ވާނެއެވެ. ނިންމުންތައް ހަރުދަނާވުމާއި، އަނެކުންނަށް ދޫނުދިނުން ތިބާގެ ކިބައިގައި ވާނެއެވެ. އެކަންތައްތައް ވާނީ، އާއިލާ އާއި، ޝަރަފާއި، ގައުމީ ކަންތައްތަކުގެ އިމުގެ ތެރޭގައެވެ. މިއިން ކޮންމެ ކަމެއްގެ ދިފާޢުގައި ތިބާ އިންތިހާ ދަރަޖައަށް މަސައްކަތްކުރާނެއެވެ. މިއިން ކަމެއްގައި ތިބާއާއެކު ސަމާސައެއް ނުކުރެވޭނެއެވެ. އެހީތެރިކަން އެދިއްޖެ ކޮންމެ މީހަކަށް ތިބާ އެހީތެރިވެދޭނެއެވެ.

د: ދ
ތިބާގެ ރޭވުންތައް އޮމާންވެފައި ހިކުމަތްތެރިވާނެއެވެ. ތިބާގެ އުޅުމާއި ގުޅުން ވެސް ރީތިވާނެ އެވެ. ނާކާމިޔާބާ ކުރިމަތިލާންޖެހިދާނެތީ ތިބާ ބިރެއް ނުގަންނާނެއެވެ.

ذ: ޛ
ޙަޤީޤަތް ގަބޫލުކޮށް، ޙަޤީޤަތާ އެއްގޮތަށް ވާހަކަ ދެއްކުމަކީ، ތިބާގެ ކިބައިގައިވާ ކަމެކެވެ. އެކަމުގެ ސަބަބުން ތިބާއަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް ތިބާ އެކަމެއް ދުލެއް ނުކުރާނެއެވެ. ތިބާގެ ކިބައިގައިވާ ބަނިޔާދަން ސިފަތަކުގެ ތެރޭގައި، އިޚުލާޞްތެރިކަމާއި، ވަފާތެރިކަން ހިމެނެއެވެ.

ر: ރ
ތިބާގެ އަމާޒަކީ ކޮބައިކަން ތިބާއަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ނަމަވެސް ތިބާގެ މަންޒިލްމަޤުޞޫދު ޙާޞިލުވުމަށް ދިގު މުއްދަތެއް ނަގާފާނެއެވެ. ތިބާގެ ހުވަފެންތައް ޙަޤީޤަތަކަށް ވާނީ ގިނަ ދުވަސްތަކަކަށް ފަހުގައެވެ. ނަމަވެސް ނާއުންމީދު ނުވާށެވެ! މަންޒިލްމަޤުޞޫދަށް ވާޞިލުވުމަށްޓަކައި ކުރާ މަސައްކަތުން ތިބާއަށް އުފަލާއި ހިތްހަމަޖެހުން ލިބޭނެއެވެ.

ز: ޜ
ތިބާއަކީ އަނެކުންގެ މައްޗަށް ނުފޫޒު ފޯރުވާނެ ޖިންސްލަޠީފެކެވެ. ނަމަވެސް ލޯބިވެތި ގޮތްތަކެއް ވެސް ތިބާގެ ކިބައިގައި ވާނެއެވެ. ތިބާ ކުރާ ކަންތައްތައް ކުރާނީ ނުހަނު ހަރުދަނާކަމާއެކުގައެވެ. ބައެއް ފަހަރު ތިބާ ވަރަށް ހަރުކަށިވާނެއެވެ.

س: ސ
ކިތަންމެ ކުޑަކަމަކުން ވެސް ތިބާގެ ހިތަށް ވަރަށް ބޮޑަށް އަސަރުކޮށްފާނެއެވެ. ތިބާގެ ހިތުގެ އަޑި ދެނެގަތުމަކީ އެހެން މީހުންނަށް ފަސޭހަ ކަމަކަށް ނުވާނެއެވެ. ޝުޢޫރުތަކާއި، އިޙުސާސްތައް އަބަދުވެސް ތިބާ ފޮރުވައިގެން އުޅޭނެތީއެވެ. އެއްވެސް މީހެއްގެ ކުރިމަތީގައި ތިބާގެ އިޙުސާސްތައް ތެދުތެދަށް ބުނުމަކީ ތިބާ ކުރާނެ ކަމެއް ނޫނެވެ.

ش: ޝ
ތިބާގެ ކިބައިގައި ރުޅިގަދަ ގޮތެއް ހުންނާނެއެވެ. އަދި ގަދަބާރުން މީހުން ލައްވާ ކަންތައްތައް ކުރުވަން ވެސް އުޅޭނެއެވެ. މިއީ، ނާކާމިޔާބާ ކުރިމަތިލާން ޖެހޭ އެންމެ ބޮޑު ދެ ސަބަބެވެ. ތިބާއަށް ލިބިފައިވާ ރީތިކަމަކީ، ތިބާގެ ކިބައިގައިވާ ފަހި ކަމެކެވެ.

ص: ޞ
ތިބާގެ ކިބައިގައި ޖެހިލުންވާ ކަހަލަ ގޮތެއް ހުންނާނެއެވެ. އެހެންކަމުން، ކުރަން ބޭނުންވާ ކަންތައްތައް ކުރުމާމެދު ހުންނާނީ، ކުރަން، ނުކުރަން، ދެ ފިކުރުމަތީގައެވެ. ތިބާ ގުޅިގެން އުޅޭނީ ކައިރީގައި އުޅޭ މީހުންނާއެވެ. އެކަހެރިކަމަށް ތިބާ ލޯބިކުރާނެއެވެ. ތިބާގެ ކިބައިގައި ބޮޑާކަމެއް ހުރެދާނެއެވެ. ނަމަވެސް ނުރުހޭ ކަންތައްތަކަށާއި، ހިތާމަތަކަށް ބޯލަނބާނެއެވެ. ކަންތައްތަކާ ކުރިމަތިލުމަށް ތިބާ ނުހަނު ޝައުޤުވެރިވާނެއެވެ.

ض: ޟ
އެހެން މީހުން ތިބާގެ މައްޗަށް ޑިޕެންޑްވެގެން އުޅޭނެއެވެ. އެއީ ތިބާގެ ކިބައިގައިވާ ހަރުދަނާ ޝަޚުޞިއްޔަތެއްގެ ސަބަބުންނެވެ. ތިބާގެ ކިބައިގައި އާދަޔާ ޚިލާފު ތޫނުފިލިކަމެއް ވެސް ވާނެއެވެ. އޭގެ ބޭނުންކޮށްގެން ތިބާ ރުހޭ މީހުން ސަލާމަތްކޮށް ޙިމާޔަތްކުރުމަކީ، ތިބާ ކުރާނެ ކަމެކެވެ.

ط: ޠ
އަވަސް އަވަހަށް ތިބާގެ މޫޑު ބަދަލުވެދާނެއެވެ. ބައެއް ފަހަރު ފުންހިތާމައިގެ ތެރެއަށް ގެއްލިފައިވެދާނެއެވެ. ބައެއް ފަހަރު ފޮނި އުންމީދުގެ ތެރެއަށް ވެސް ގެއްލިފައިވެދާނެއެވެ. އެހެން މީހުންނަށް ގަބޫލުކުރަން ދަތި އެތައް ކަމެއް ތިބާގެ ޚިޔާލާއި ފިކުރުގައި އެނބުރޭނެއެވެ.

ظ: ޡ
ސާދާކަމާއި، ސީދާކަން ތިބާގެ ކިބައިގައި ވާނެއެވެ. ތިބާ ކުރާ ކޮންމެ ކަމެއް ވެސް ކުރާނީ، ނުހަނު އިތުބާރާއެކުގައެވެ. ތިބާ ކުރާ ކަންތައްތަކުން ތިބާއަށް ފައިދާއެއްނުކުރާ ޙާލު، އެހެން މީހުންނަށް އެއިން ފައިދާކުރާނެއެވެ. ތިބާގެ ޙައްޤުތަކުގެ ދިފާޢުގައި ތިބާ މަސައްކަތްކުރާނެއެވެ. ނަމަވެސް މީހަކަށް ކޮށްދޭ ކަމެއްގެ ބަދަލަކަށް ތިބާ އިންތިޒާރެއް ނުކުރާނެއެވެ.

ع: ޢ
ތިބާއަކީ، އުންމީދުން ފުރިގެންވާ ޖިންސްލަޠީފެކެވެ. ޢާއިލާ ދެކެ ލޯބިވުމާއި، ހިތްހެޔޮކަމާއި، މޫނު އަލިކަމަކީ، ތިބާގެ ކިބައިން ފާހަގަކޮށްލެވޭ ސިފަތަކެކެވެ. ނަމަވެސް ވަރަށް އަވަހަށް ރުޅިގަދަވުމާއި، ރުޅި އަންނަ ވަގުތު ނަފުސު ކޮންޓްރޯލް ނުކުރެވުމަކީ ވެސް ތިބާގެ ކިބައިގައިވާ ދެ ސިފައެކެވެ. މި ދެ ކަމާމެދު ވިސްނައިގެން އުޅޭށެވެ.

غ: ޣ
ޢިލްމީ ކަންތައްތަކުގައި ބަހުސްކުރުމާއި، ހޯދައިބެލުމަށް ތިބާ ލޯބިކުރާނެއެވެ. ކުރާ މޮޅު ކަންތަކުގައި އަނެކުން ބައިވެރިކުރާކަށެއް ތިބާގެ ހިތެއް ނުރުހޭނެއެވެ. ކުރިމަތިވާ ނާކާމިޔާބަކަށް ތިބާ ބަލައެއް ނުލާނެއެވެ. ތިބާގެ ކިބައިގައިވާ އުނިސިފައަކީ، ބައެއް ފަހަރު، މީހުންނާ މުޢާމަލާތްކުރާއިރު ރުންކުރުވުމާއި، މަރްޙަބަ ނުކިއުމެވެ. މި ދެ ކަން އިޞްލާޙުކުރާށެވެ!

ف: ފ
ތިބާގެ އުޅުމާއި ގުޅުން، އެހެން މީހުންނާ ތަފާތުވެދާނެއެވެ. އެހެންކަމާއެކު ވެސް، އެހެން މީހުންގެ ހިތްދަމައިގަތުމަކީ ތިބާގެ ކިބައިގައިވާނެ ސިފައެކެވެ. ތިބާ ކުރާ ކަންތައްތަކަށް އެހެން މީހުންގެ ނަޒަރު ހުއްޓޭނެއެވެ. ޢަމަލީ މައިދާނުގައި ތިބާގެ ކުޅަދާނަކަމާއި ހުނަރުވެރިކަން ފެނިގެންދާނެއެވެ. ތިބާގެ ކިބައިގައިވާ އުނި ސިފައަކީ، ވަޢުދަށް ކަމޭހިތާހިތް ނުވުމެވެ. މިކަމާމެދު ފަރުވާތެރިވެ، މި އުނިސިފައިން އެއްކިބާވުމަށް މަސައްކަތްކުރާށެވެ!

ق: ޤ
ތިބާއަކީ ވަރަށް ނަސީބުގަދަ އަންހެންކުއްޖެކެވެ. ހިންމަތާއެކު ކުރިމަތިލައިފި ކޮންމެ ކަމެއްގައި ކާމިޔާބު ޙާޞިލުކުރެވޭނެއެވެ. ތިބާގެ ފަހި މަސައްކަތްތަކުން ލިބެމުންދާނީ ފޮނި ނަތީޖާތަކެވެ. ނަމަވެސް އެ ނަތީޖާތަކުގެ ދަޅައަށް ނުހެއްލޭށެވެ! އެއަށް ހެއްލި، ތިބާއަށް ތިބާ ފެނިއްޖެނަމަ، އެއީ ތިބާގެ ހަލާކުކަމުގައިވާނެއެވެ.

ك: ކ
ތިބާއަކީ ހީވާގި ޖިންސްލަޠީފެކެވެ. ހަރުކަށި ކަމެއް ތިބާގެ ކިބައިގައި ވެދާނެއެވެ. އެހެން މީހުންގެ ޙައްޤުތަކުގެ ދިފާޢުގައި ތިބާ މަސައްކަތްކުރާނީ، ވަރުގަދަ ޢަޒުމަކާއެކުގައެވެ. މީހުންނާ މުޢާމަލާތު ކުރުމުގައި ޙިކުމަތްތެރި ގޮތެއް ތިބާގެ ކިބައިގައިވާނެއެވެ. ފުރިހަމަ ރޭވުންތެރިކަމާއި، ހުނަރުވެރިކަމަކީ، ތިބާގެ ކިބައިގައިވާނެ ޚާއްޞަ ދެ ސިފައެކެވެ.

ل: ލ
ތިބާގެ ވިސްނުން ފުޅާވާނެއެވެ. އަދި ދަތުރުފަތުރު ކުރުމާއި، އެއްތަނުން އަނެއްތަނަށް ގޮސް އުޅުމަކީ ވެސް ތިބާ ލޯބިކުރާނެ ކަންތައްތަކެކެވެ. ބަސްމޮށުންތެރިކަމާއި ވާހަކަދެއްކުމުގެ ހުނަރު، ތިބާގެ ކިބައިގައި މަތީ ދަރަޖައަކަށް ވާނެއެވެ. އަނެކުން ދައްކާ ވާހަކަ އަޑުއެހުމާއި، އަނެކުންނަށް ސަމާލުކަން ދިނުމަކީ ވެސް ތިބާގެ ކިބައިގައިވާނެ ސިފަތަކެކެވެ.

م: މ
ތިބާއަކީ، ހިތްހެޔޮ، ހިތް ތަނަވަސް ޖިންސްލަޠީފެކެވެ. އިންސާނިއްޔަތުކަމާ ގުޅުންހުރި ދީލަތި މަސައްކަތްތަކުގައި އުޅުމަކީ ތިބާ ކުރާހިތްވާނެ ކަމެކެވެ. ޚާއްޞަކޮށް ކުޑަކުދިންނަށާއި މުސްކުޅިންނަށް އަޅާލުމަކީ، ތިބާ ލޯބިކުރާނެ ކަމެކެވެ. އެހެން މީހުންނަށް ރަނގަޅު ކަންތައްތައް ކޮށްދީ، އެހީތެރިވެ އުޅުމަކީ ވެސް ތިބާ ނުހަނު ކުރާހިތުން ކުރާނެ ކަމެކެވެ. ތިބާގެ މޮޅުކަމަކީ، މިހުރިހައި ކަމެއް ވެސް މެދުމިނުން ކައްސާލިޔަނުދީ ހިފަހައްޓާ ކަމެވެ!!!

ن: ނ
އިސްވެ ޙަރަކާތްތެރިވެއުޅުމުގެ ކުޅަދާނަކަން މަތީދަރަޖައަކަށް ތިބާއަށް ލިބިފައިވާނެއެވެ. އެހެން މީހުން ގޮވައިގެން ވެރިއެއްގެ ގޮތުގައި އުޅުމަކީ، ތިބާގެ ކިބައިގައިވާ ޠަބީޢީ ސިފައެކެވެ. ތިބާގެ އުންމީދުތައް ތަނަވަސްވާނެއެވެ. އެއާއެކު، ތިބާގެ ކިބައިގައި، ވެރިއެއްގެ ކިބައިގައި ހުންނަ ކިބުރުވެރިކަން ވެސް ހުންނާނެއެވެ. ކާމިޔާބު ޙާޞިލުކުރުމަށްޓަކައި، ހިފެން ހުރި ހުރިހައި ވަސީލަތެއްގެ ބޭނުން ތިބާ ހިފާނެއެވެ. ކުރިއަށް ދާއިރު ހުރަސްތަކެއް ކުރިމަތިވުމަކީ، ތިބާ ފަހަރެއްގައިވެސް ފަސްޖެހޭނެ ކަމެއް ނޫނެވެ.

هـ: ހ
ތިބާއަކީ ޙަޤީޤަތް ގަބޫލުކުރާނެ އަންހެންކުއްޖެކެވެ. ތިބާގެ ފިޔަވަޅުތައް ސާބިތުވާނެއެވެ. ހޭލުންތެރިކަމާއި، އެހީތެރިވުމަކީ ތިބާގެ ކިބައިގައިވާ ދެ ސިފައެކެވެ. އިޖުތިމާޢީ ކަންކަމުގައި އެހެން މީހުންނާ ގުޅިލާމެހިގެން އުޅުމަކީ ވެސް ތިބާގެ ކިބައިން އެހެން މީހުން ފާހަގަކުރާނެ ސިފައެކެވެ.

و: ވ
އަބަދުވެސް ތިބާގެ ހިތަށް ޝައްކުތައް ވެރިވެފައިވާނެއެވެ. އެއާއެކު، ކުރިއަށް ދިއުމަށް ޖެހިލުންވާނެއެވެ. ސާފުތާހިރުކަމާއި، ހަރުކަށިކަމަކީ، ތިބާގެ ކިބައިގައިވާނެ ދެ ސިފައެކެވެ. މީހަކަށް ކުށެއް ކުރެވުމަކީ ތިބާ ގަބޫލުކުރާނެ ކަމެއް ނޫނެވެ. އެހެންކަމުން އަނެކުންނަށް މަޢާފުކުރުމާއި، އަނެކުންނަށް ދޫދިނުމަކީ ވެސް ތިބާގެ ހިތް ގަބޫލުކުރާނެ ކަމެއް ނޫނެވެ. މިކަންކަމާމެދު ވިސްނައިގެން ރަނގަޅަށް އުޅޭށެވެ!

ي: ޔ
ތިބާ ވިސްނައި ފިކުރުކުރާނީ ތިލަފަތުގެ ދެފަރާތް ހަމަހަމަ ގޮތެއްގައެވެ. ތިބާއަށް ކަންތައްތައް ރަނގަޅަށް ފަހުމުވާނެއެވެ. ތިބާއަށް ނުހަނު ތަނަވަސް ބުއްދިއެއް ލިބިފައިވާނެއެވެ. އެހެންކަމުން، ގިނަ ކަންތައްތަކުގެ ތެރެއަށް ވަދެގަތުމުގެ ރޫޙު ވެސް ތިބާގެ ކިބައިގައި ވާނެއެވެ. އެކަމަކު އެއީ ތިބާގެ ބަލި ފަޔެކެވެ. އެހެނީ، އެކަމުގެ ސަބަބުން ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފިދާނެއެވެ. މިކަމާމެދު ވިސްނައިގެން އުޅޭށެވެ!