މުސައިލަމަތުލް ކައްޛާބުގެ ޤުރުއާން


ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ނަބީކަމަށް ދަޢުވާކުރި މީހުންގެ ތެރެއިން އެކަކީ މުސައިލަމަތުލް ކައްޛާބެވެ. އޭނާއަކީ، ބަނޫ ޙަނީފާ ޤަބީލާގެ މީހެކެވެ. އޭނާއަކީ، ދޮގުވެރި ކައްޒާބެއްކަން އެ ޤަބީލާގެ މީހުންނަށް އެނގެއެވެ. އެހެންކަމާއެކުވެސް، އެ ޤަބީލާގެ މީހުން އޭނާއާ ތަބާވެ، އޭނާގެ ބަސް ގަބޫލުކޮށްގެން އުޅުނެވެ.

މުސައިލަމަތުލް ކައްޛާބު ނަބީކަމަށް ދަޢުވާކޮށް، އެ ދޮގު ދަޢުވާ ސާބިތުކޮށްދިނުމަށްޓަކައި އެތައް މަކަރެއް ހެދިއެވެ. އެއް މަކަރަކީ، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، ގެނެސްދެއްވި ފަދަ މުޢުޖިޒާތްތައް ގެނެސްދޭން އުޅުމެވެ. އަނެއް މަކަރަކީ، ކީރިތި ޤުރުއާނާ އެއްފަދަ ފޮތެއް ހެދުމަށް މަސައްކަތްކުރުމެވެ. މިފަދަ މަކަރުތައް ހެދުމުގައި ވެސް އޭނާވަނީ ނާކާމިޔާބުވެފައެވެ.

އިބްނު ކަޘީރު ވިދާޅުވެފައިވެއެވެ. އެއްފަހަރަކު މުސައިލަމަތުލް ކައްޛާބު ވަޅެއްގެ ފެން ގިނަކުރުމުގެ މުޢުޖިޒާތެއް ދެއްކުމަށްޓަކައި އެވަޅުގެ ތެރެއަށް ކުޅެއް ޖެހިއެވެ. އެކަމާވިދިގެން އެވަޅުން ފެން ހިނދުނެވެ! އެހެންފަހަރަކު، އޭނާ، ލޮލަށް ބައްޔެއް ޖެހިފައިވާ މީހެއްގެ ލޮލުގައި ފިރުމާލިއެވެ. އެހިނދު އެމީހާގެ ލޮލަށް ޝިފާ ލިބުމުގެ ބަދަލުގައި ލޯކަނުވިއެވެ! އަދި އެހެންފަހަރަކު އޭނާ ވުޟޫކުރި ފެނުން ކަދުރު ރުކަކަށް ފެންދިނެވެ. އެކަމާ ވިދިގެން އެ ކަދުރު ރުއް މަރުވިއެވެ. މިނޫނަސް މިބާވަތުގެ ދޯހަޅި އެތައް ކަމެއް އޭނާ ކޮށްފައިވެއެވެ.

މުސައިލަމަތުލް ކައްޛާބަށް ބާވައިލެއްވި ކަމަށް އޭނާ ދަޢުވާކުރި ޤުރުއާނުގައި ވެސް ވަނީ ވަރަށް ތާކުންތާކު ނުޖެހޭ ވާހަކަތަކެވެ. އޭނާ މަސައްކަތްކޮށްފައިވަނީ، ކީރިތި ޤުރުއާނުގެ ބައެއް ސޫރަތްތައް ކޮޕީކޮށްގެން އެފަދަ ސޫރަތްތަކެއް ހެދޭތޯއެވެ. ނަމަވެސް އޭނާއަކަށް އެކަމެއް ނުކުރެވުނެވެ. އަދި އެހެން މީހަކަށް ވެސް ދުވަހަކުވެސް އެކަމެއް ނުކުރެވޭނެއެވެ. ތިރީގައި މިވަނީ، އޭނާގެ ޤުރުއާނުގެ ސޫރަތްތައް ކަމުގައި ބުނެ ކިޔައިދިން ބައެއް އެއްޗިއްސެވެ.


ސޫރަތުލްފީލު

އަލްފީލު، މަލްފީލު. (އެތެވެ. ކޮން އެތެއް ހެއްޔެވެ؟)
ވަމާ އަދުރާކަ މަލްފީލު. (އެތަކީ ކޮން އެއްޗެއްކަން ތިބާއަށް އަންގައިދިނީ ކޮން އެއްޗެއް ހެއްޔެވެ؟)
ލަހޫ ޛަނަބުން ޤަޞީރު. (އޭގައި ކުރު ނިގުލެއް ވެއެވެ.)
ވަޚުރުޠޫމުން ޠަވީލު. (އަދި ދިގު ހޮނޑެއް ވެސް ވެއެވެ.)


ސޫރަތުއްޟުފުދަޢު

ޔާ ޟުފުދަޢާ ބިންތި ޟުފުދަޢައިނި. (އޭ! ދެ ބޮކުގެ އަންހެންދަރި ބޮކާއެވެ!)
ނުއްޤީ މާ ތަނުއްޤީން. (ތިބާ ސާފުކުރާ އެއްޗެއް ސާފުކުރާށެވެ!)
ނިޞްފުކަ ފިލްމާއި ވަނިޞްފުކަ ފިއްޠީން. (ތިބާގެ އެއްބައި ވަނީ ފެނުގަ އެވެ. އަނެއްބައި ވަނީ ކިސަޑުގައެވެ.)
ލަލްމާއަ ތުކައްދިރީން. (ތިބާއަކު ފެނެއް ކިލަނބެއް ނުކުރެއެވެ.)
ވަލައްޝާރިބަ ތަމްނަޢީން. (އަދި ތިބާ، މީހަކު ފެން ބުއިން މަނައެއް ވެސް ނުކުރެއެވެ.)


ސޫރަތުލްޖަމާހިރް

އިންނާ އަޢުޠައިނާކަލް ޖަމާހިރް. (ހަމަކަށަވަރުން އަހުރެން ތިބާއަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދެއްވީމެވެ.)
ފަޞައްލި ލިރައްބިކަ ވަޖާހިރް. (ތިބާގެ ވެރިރަސްކަލާނގެ ޙަޟުރަތަށް ނަމާދުކޮށް އަދި ފާޅުކުރާށެވެ!)
އިންނަ ޝާނިއަކަ ހުވަލް ކާފިރް. (ހަމަކަށަވަރުން ތިބާގެ ދުޝްމަނަކީ، ކާފިރެކެވެ.)


ޤުރުއާން ކަމަށް ބުނެ، މުސައިލަމަތުލް ކައްޛާބު މިފަދަ އެތައް އެއްޗިއްސެއް ކިޔާފައިވެއެވެ. އޭނާ ކިޔަމުންދިޔަ މިފަދަ އެއްޗިއްސަކީ، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަށް ބާވައިލައްވާ ކީރިތި ޤުރުއާނާ އެއްފަދަވެގެންވާ އެއްޗެއް ނޫންކަން އެޒަމާނުގެ ޢަރަބީންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުގައިވާ ރީތިކަމާއި ފުރިހަމަކަމާއި ބަލާޣާތްތެރިކަން އޭގައި ނުވާތީއެވެ. އަދި އެމީހުން ނުދަންނަ އާ ވާހަކައެއް ވެސް އޭގައި ނުވާތީއެވެ. މުސައިލަމަތުލް ކައްޛާބަށް ވުރެ ފަހުން ދުނިޔެއަށް އައި ބައެއް ޖާހިލުން ވެސް، ކީރިތި ޤުރުއާނުގެ އާޔަތްތައް ބަދަލުކޮށްފައި ވެއެވެ. އަދި އެއާ އެމީހުންގެ ހަވާނަފުސުގެ ބަސްތަކާ މައްސުނިކޮށް، އެއީ ޤުރުއާން ކަމަށް ދަޢުވާކޮށްފައި ވެސް ވެއެވެ.

މުސައިލަމަތުލް ކައްޛާބު ޤަތުލުކުރެވުނީ، އަބޫބަކުރުގެފާނުގެ ޚިލާފަތުގައި މުސްލިމުން އޭނާއާ ދެކޮޅަށް ކުރި ހަނގުރާމައެއްގަ އެވެ. ބުނެވޭ ގޮތުގައި އޭނާ ޤަތުލުކުރެވުނުއިރު، އޭނާގެ ޢުމުރަކީ، 150 އަހަރެވެ.