ޙައްޝާޝީން


ޙައްޝާޝޫން ނުވަތަ (Hashshashin) ޙައްޝާޝީންނަކީ، އިސްމާޢީލިއްޔަ ވަންހައިގެ ނިޒާރިއްޔަ ދަރިކޮޅުގެ ބަޔެކެވެ. އިސްލާޢީލިއްޔަ ވަންހައަކީ، މުސްލިމުންގެ ގިންތިތަކުގެ ތެރެއިން ސުންނީންނާ ތަފާތު ގޮތްތަކެއް ގަބޫލުކުރާ ބަޔެކެވެ. ޙައްޝާޝީން ހީވާގިކަމާއެކު ހަރަކާތްތެރިވެފައިވަނީ، 8 ވަނަ ޤަރުނުން ފެށިގެން 14 ވަނަ ޤަރުނާ ހަމައަށެވެ. އެމީހުންނާމެދު ޚިލާފުތަކާއި، ޖަދަލުތައް އުފެދިފައިވެއެވެ. ބައެއް މަޞްދަރުތައް ބުނާ ގޮތުގައި، އެމީހުންނަށް ޙައްޝާޝީންގެ ނަން އެންމެފުރަތަމަ ދިނީ، އިޓަލީވިލާތުގެ ދަތުރުވެރިޔާ، (Marco Polo) މަރކޯ ޕޯލޯ (1254-1324) އެވެ. އޭނާ މި ނަން ދިނީ، އެމީހުންގެ މައި މަރުކަޒު ކަމަށްވާ (Alamut castle) "ޤަލްޢަތު އަލަމޫތު" (قلعة ألموت) ނުވަތަ "އަލަމޫތު ކިއްލާ" އަށް ޒިޔާރަތްކުރުމަށްފަހުގައެވެ. އެތަން ވަނީ، އީރާނުގެ ވެރިރަށް ތެހެރާނާ 100 ކިލޯމީޓަރ ދުރުގައެވެ.

އިޓަލީވިލާތުގެ ދަތުރުވެރިޔާ ލިޔެފައިވާ ގޮތުގައި، ޙައްޝާޝީންނަކީ، ޖާނުންފިދާވުމުގެ ހަމަލަތައް ދިނުމަށް ކުޅަދާނަ ބަޔެކެވެ. އެކަމުގެ ހެވިކަން އެމީހުންނަށް ވަނީ މަތީދަރަޖައަކަށް ލިބިފަ އެވެ. އެމީހުން އެ ހަމަލަތައް ދެނީ، މީހުން މެރުމަށްޓަކައެވެ.

ޙައްޝާޝީންގެ މަޝްހޫރު ޒަޢީމަކީ، ޝައިޚު ޙަސަނު ބްނު ޞަބާޙު (الشيخ حسن بن صباح) އެވެ. ނުވަތަ ޝައިޚު ޙަސަނުއްޞައްބާޙު (الشيخ حسن الصباح)، (Hassan-i Sabbah) އެވެ. އޭނާގެ ލަޤަބަކީ، "ޝައިޚުލް ޖަބަލު" (شيخ الجبل) އެވެ. މާނައަކީ، "ފަރުބަދައިގެ ޝައިޚު" އެވެ.

ޙައްޝާޝީންނާ ބެހޭ ގޮތުން އުފެދިފައިވާ ޚިލާފުތައް އެއްކިބާކޮށްފައި ބަލާއިރު، އެނގެން އޮތް ޙަޤީޤަތްތަކެއް ވެއެވެ. އެމީހުންނަކީ، އިންތިހާދަރަޖައަށް މަސްތުވާތަކެތި ބޭނުންކުރި ބަޔެކެވެ. އަދި އެމީހުން، މީހުން މެރުމުގެ ޖަރީމާތައް ހިންގާފައިވަނީ ވަރަށް ބޮޑަށް ރާވައިގެން، ވަރަށް ފުރިހަމައަށް އިންތިޒާމުކޮށްގެންކަން ވެސް އެނގެއެވެ. އެމީހުންގެ ހަމަލަތައް އަމާޒުވެފައިވީ، އިސްލާމީ ދުނިޔޭގައި އޭރު ތިބި ކްރިސްޓިއަނުންނަށާއި، ޢައްބާސީ ދައުލަތަށާއި، ސަލްޖޫގީ ދައުލަތަށެވެ. އިސްލާމީ ދައުލަތުގައި އިސްކޮށް ތިއްބެވި ވެރިން މެރުމަކީ އެމީހުން ޖޯޝާއެކު ކުރި ކަމެކެވެ.

މަސްތުވާތަކެތި ދީގެން ޒުވާނުން ލައްވާ ޖަރީމާތައް ހިންގުމުގެ ބާނީއަކީ، ޙައްޝާޝީންގެ ޒަޢީމު، ޝައިޚު ޙަސަނުއްޞަބާޙު (الشيخ حسن الصباح) (430 ހ. 1037 މ. - 518 ހ. 1124 މ.) އެވެ. "ޤަލްޢަތު އަލަމޫތު" އަށާއި، އެ ސަރަހައްދުގައިވާ ފަރުބަދަތަކަށް ވެރިވެގަތީ އޭނާއެވެ. އެކަމުގެ ސަބަބުން ޙައްޝާޝީންގެ އާރާއިބާރު ގަދަވެގެން ދިޔައެވެ. އީރާނުގެ އުތުރު ބިތަށާއި، ސަލްޖޫގީ ދައުލަތަށް އޭނާ ހަމަލަތައް ދެމުން ގެންދިޔައީ، "ޤަލްޢަތު އަލަމޫތު" އިންނެވެ. ޙަސަނުއްޞަބާޙު ގެ ރޭވުމުގެ މަތިން، ޙައްޝާޝީން ޖާނުން ފިދާވެގެން ނުރައްކާތެރި ހަމަލަތައް ދޭން ފަށާފައިވަނީ، މީލާދީން 1092 ވަނަ އަހަރުން ފެށިގެންނެވެ. އެ ހަމަލާތަކުގެ އަމާޒަކީ، ސުންނީންގެ އިސް ވެރިން ޤަތުލުކުރުމެވެ. ސުންނީންނަކީ އެމީހުންގެ ޢަޤީދާ ޤަބޫލުނުކުރާ ބަޔެއް ކަމަށްވާތީއެވެ. އެމީހުންގެ ގޮތްތައް ގަބޫލުނުކުރާ ކޮންމެ މީހަކު މަރާލުމަކީ އެމީހުންގެ ޢަޒުމެއް ކަމުގައިވިއެވެ.

ޙައްޝާޝީންނަކީ އެމީހުންގެ ސިއްރުތައް ވަރަށް ބޮޑަށް ހިފެހައްޓާ ބަޔެކެވެ. އެމީހުން ދިރިއުޅެނީ ވެސް އެހެން މީހުންނާ ވަކިން، މުޅިން އެކަހެރިވެގެންނެވެ. މިއަދާ ހަމައަށް ވެސް އެމީހުންގެ ޢަޤީދާގެ މަތީގައި އެމީހުންނަށް ދެމިތިބެވުމުގެ ސިއްރަކީ އެއީއެވެ.

މީލާދީން 12 ވަނަ ޤަރުނުގައި، އިސްލާމީ ދައުލަތުގެ ވެރިން ޤަތުލުކުރުމުގެ ޙަރަކާތެއް، ޙައްޝާޝީން ފެށިއެވެ. އެކަމުގައި އެމީހުން ވަނީ ބައެއް ފަހަރު ޞަލީބީ ހަނގުރާމަވެރިންގެ ކިބައިން ވެސް އެހީތެރިކަން ހޯދާފައެވެ.

އެއްވެސް ޖެހިލުމެއްނެތި ބޮޑެތި ޖަރީމާތައް ހިންގުމަށް ޙައްޝާޝީންނަށް ކެރެނީ، އެމީހުން މަސްތުވާތަކެތި ބޭނުންކުރާތީއެވެ. ނިޒާރީންނަކީ، ފާޅުކަން ބޮޑު ގޮތެއްގައި ހަޝިޝް ބޭނުންކޮށް އުޅުނު ބަޔެކެވެ.

ފާރިސްކަރައިގެ ސަރަހައްދުގައި އޮތް، ޙައްޝާޝީންގެ އާރާއި ބާރު ފުނޑުފުނޑުކޮށްލީ، ތަތާރުންގެ ލީޑަރު، ހުލާކޫ ނުވަތަ ހުލާގޫ (هولاكو)، (Hulagu Khan) އެވެ. އޭނާ ނެއްތައިލީ "ޤަލްޢަތު އަލަމޫތު" ގައި އޮތް ޙައްޝާޝީންގެ ބާރެވެ. އެއަށްފަހު، ޝާމުކަރައިގައި އޮތް އެމީހުންގެ ބާރުތައް ނެއްތައިލީ، މިޞްރުގެ މަމާލިކުންގެ ލީޑަރު، އައްޡާހިރު ބައިބަރަސް (الظاهر بيبرس) އެވެ. އެކަން ހިނގީ، މީލާދީ ސަނަތުން 1270 ވަނަ އަހަރުގަ އެވެ.

އިނގިރޭސި ބަހާއި، ޔޫރަޕުގެ ބައްރުގެ އެހެން ބަސްތަކުގައިވާ އަސެސިން (Assassin) ގެ އަޞްލަކީ، ޙައްޝާޝީން (Hashshashin) އެވެ. ޙައްޝާޝީންނަކީ، މީހުން މެރުމަށް މަޝްހޫރު ބަޔެއް ކަމަށްވާތީ، އެ މާނަ ދޭހަވާ ބަސް އެމީހުންގެ ނަމުން ނަގާފައިވަނީއެވެ.