ހުވަފެނުގައި އިބްލީސް ފެނުމުގެ ތަޢުބީރު


ހުވަފެނުމުގައި އިބްލީސް ފެނިއްޖެނަމަ، އެކަމުން ދޭހަވާ މާނަތަކެއް ވެ އެވެ. އެފަދަ ހުވަފެން ތަޢުބީރުކުރެވެނީ، އެ މާނަތަކުގެ މައްޗަށް ބިނާކޮށްގެންނެވެ. އާންމު ނަޒަރަކުން ބަލާއިރު، ހުވަފެނުގައި ފެންނަ އިބްލީހަކީ، އަނިޔާވެރި ވެރިއެއް ކަމަށް ބުނެވެ އެވެ. އަލްޙަސަނުލްބަޞްރީގެ އަރިހުގައި ދެންނެވުނެވެ. "އަބޫސަޢީދެވެ! އިބްލީސް ނިދާނެތޯ އެވެ؟" އެކަލޭގެފާނު ވިދާޅުވި އެވެ. "އިބްލީސް ނިދާނެ ނަމަ، އެސޮރުގެ ވަސްވާސްތަކުން ސަލާމަތްވެ، އަހުރެމެންނަށް ލައްކަ ބޮޑު ރާޙަތެއް ލިބުނީހެވެ!"

ހުވަފެނުގައި އިބްލީސް ފެނުމުގެ މާނަތަކުގެ ތެރޭގައި އަންނަނިވި ކަންތައް ހިމެނެ އެވެ.

1. ނަމާދު އެޅުން.
2. ކުށްފާފަތައް ކުރުން.
3. މަކަރާއި ޙީލަތް ހެދުން.
4. ސިޙުރު ހެދުން.
5. ޙަސަދަވެރިކަން.
6. ދެމަފިރިން ވަރިވުން.
7. މުރުތައްދުވުން.
8. ބާރުގަދަ އަނިޔާވެރި ކާފިރު ވެރިއެއް.
9. ޖާނާއި މާލަށް ގެއްލުން ލިބުން.

ހުވަފެނުގައި މީހަކު އިބްލީހަކަށް ބަދަލުވެފައިވަނިކޮށް ފެނިއްޖެނަމަ، އެއިން ދޭހަވާ މާނަތަކަކީ:

1. ލޮލަށް ގެއްލުމެއް ލިބުން.
2. ދީނުން ބޭރުވެ މުރުތައްދުވުން.
3. އެކަހެރި ޙާލެއްގައި ދިރިއުޅުން.
4. ނިކަމެތި ޙާލެއްގައި މަރުވުން.
5. ދަރިފަސްކޮޅު އިތުރުވުން.
6. މުދަލާއި ފައިސާ ލިބި މުއްސަނދިވުން.
7. މަކަރާއި ޙީލަތް ހަދައިގެން ދުޝްމަނުންގެ މައްޗަށް ނަޞްރު ހޯދުން.
8. ޤައުމެއްގެ ވެރިކަން ލިބުމުގެ ޤާބިލުކަން ލިބިފައިވާ މީހެއްނަމަ، އޭނާއަށް އެ މަޤާމު ލިބުމާއި، އެ މަޤާމުގައި ހުރެ، މުންކަރާތްތަކަށް އަމުރުކޮށް، ހެޔޮކަންތައްތައް މަނާކުރުން.

ތިމާ އިބްލީހެއް މަރަނިކޮށް މީހަކަށް ފެނިއްޖެނަމަ، އެ ހުވަފެނުގެ ތަޢުބީރަކީ، މަކަރުވެރިއަކު އޭނާއަށް މަކަރާއި ޙީލަތް ހެދުމެވެ.

ހުވަފެނުގައި އިބްލީހާއެކު ކުރެވޭ ބައެއް މުޢާމާލާތްތަކުގެ ތަޢުބީރު ތިރީގައި މިވަނީ އެވެ.

1. މީހެއްގެ އަތުގައި އިބްލީސް ހިފައިފިނަމަ، އޭނާ ބޮޑުފާފައެއް ކުރާނެ އެވެ.
2. އިބްލީހުގެ ބަހަށް ހެއްލިއްޖެނަމަ، އޭނާ ހަވާނަފުސަށް ހެއްލޭނެ އެވެ.
3. އިބްލީހުގެ އަތުން އެއްޗެއް ލިބިއްޖެނަމަ، އޭނާއަށް ޙަރާމް މުދާތަކެއް ލިބޭނެ އެވެ.
4. އިބްލީސް މަރަން އުޅެނިކޮށް އިބްލީސް ފިލައިފިނަމަ، ޢަދުލުވެރިކަން ޤާއިމުވާނެ އެވެ.
5. މީހަކު އިބްލީސް މަރާލައިފިނަމަ، އޭނާ ހަވާނަފުސުން އެއްކިބާވެ، ތެދުމަގުގައި ފައިތިލަ ސާބިތުކުރާނެ އެވެ.
6. މީހަކު އަޅުކަންކުރަން އިންދާ، އިބްލީސް އަވަލައިފިނަމަ، އޭނާގެ ދުޝްމަނުން ގިނަވާނެ އެވެ.
7. އިބްލީހާ ދެކޮޅުވެރިވެ، އިބްލީހާ ދެކޮޅަށް ހަނގުރާމަކޮށްފިނަމަ، އެއީ، އެމީހެއްގެ ދީންވެރިކަން ޞައްޙަ ކަމުގެ ދަލީލެކެވެ.
8. އިބްލީސް، މީހަކަށް ބިރުދައްކައިފިނަމަ، އެއީ، އޭނާ ދީނާމެދު އިޚުލާޞްތެރިކަމުގެ ދަލީލެކެވެ.
9. އިބްލީސް ފެނުނުއިރު އުފާވެފައިވާނަމަ، އެއީ، އޭނާ ދުންޔަވީ އެދުންތަކުގެ ތެރެއަށް ގެނބިގެންދާނެ ކަމުގެ ދަލީލެކެވެ.
10. އިބްލީސް މީހެއްގެ ހެދުން ބާލަނިކޮށް ފެނިއްޖެނަމަ، އޭނާ މަޤާމުން ދުރުކުރެވޭނެ އެވެ.
11. އިބްލީސް މީހަކަށް ދުއްތުރާކުރަނިކޮށް ފެނިއްޖެނަމަ، އޭނާ ރިބާ ކާނެ އެވެ.
12. އިބްލީސް މީހަކާ ދިމާއަށް ލޮލުން އިޝާރާތްކުރަނިކޮށް ފެނިއްޖެނަމަ، އޭނާގެ އަނބިމީހާއާއެކު ލޯބީގެ ގުޅުން ހިންގާ ފިރިހެނަކު އެބައުޅެ އެވެ.
13. އިބްލީސް މީހަކަށް އަނިޔާކުރަނިކޮށް ފެނިއްޖެނަމަ، އުނދަގޫތަކަކަށްފަހު އޭނާއަށް ކާމިޔާބުލިބޭނެ އެވެ.
14. އިބްލީސް މީހަކު ކާލަނިކޮށް ނުވަތަ މީހަކު އިބްލީހުގެ އަނގައިގެ ތެރެއަށް ވަންނަނިކޮށް ފެނިއްޖެނަމަ، އޭނާ ކަނޑަށް ޣަރަޤުވާނެ އެވެ. މިފަދަ ހުވަފެނެއް ފެނިއްޖެ މީހަކު، ދަތުރަކަށް ތައްޔާރުވެފައިވާނަމަ، ދަތުރު ފަސްކުރުމަށް ބުނެވެ އެވެ.