އިސްބަސް


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
الْحَمْدُ للهِ رَبِّ اْلعَالَمِيْن، وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ اْلأَنْبِيَاءِ وَالْمُرْسَلِيْن، وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن. أَمَّا بَعْدُ:

ބަޙުރު އީމަޖައްލާގެ ފަސްވަނަ ޢަދަދު ދުނިޔޭގެ އަލިކަން ދެކޭއިރު، މި މަޖައްލާ މިވަނީ އަދި ޅަފަތުގައި ކަމަށް ޤަބޫލުކުރަމެވެ. ޢުމުރު ކުރެވެ. އެހެނަސް ލުއިނޫން މިންވަރެއްގެ ތަޖުރިބާތަކެއް ޙާޞިލުކުރެވިފައި ވެއެވެ. މުޖުތަމަޢުގައިވާ ހަލަބޮލިކަމުގެ ނަތީޖާތައް ވަރަށްވެސް ހިއްޗެވެ. އެއާމެދު ހޭލާތިބެ، ވިސްނުންތެރިކަމާއެކު މަސައްކަތްކުރުން ނޫން ކަމެއް ކުރެވޭކަށެއް ނެތެވެ. ކުރެވެމުންދާ އެންމެ ހިތި ތަޖުރިބާއަކީ، ހިނގަމުންދާ ވައްކަމުގެ ހާދިސާތަކެވެ. އެކަމުގެ ސަބަބުން ލިޔުންތެރިކަމަށް އަންނަ ހީނަރުކަމެވެ. އެތައް އަހަރެއް ވަންދެން ކޮށްފައިވާ ބޮޑެތި މަސައްކަތްތައް، ހިނދުކޮޅެއްގެ ތެރޭގައި ގެއްލިގެންދާކަމެވެ.

ބަޙުރު އީމަޖައްލާގެ މި ޢަދަދުގައި ވެސް މަޒުމޫނާއި، ވާހަކައާއި، ޅެމާއި، ފޫހިފިއްލި ފަދަ ލިޔުންތައް ވާނެއެވެ. މި ޢަދަދުގައިވާ ލިޔުންތަކަކީ ވެސް، ކިޔުންތެރިންގެ މަޤުބޫލުކަން ލިބޭނެ ލިޔުންތަކެއް ކަމަށް އުންމީދުކުރަމެވެ.

މި މަޖައްލާ ޕްރިންޓްކޮށްގެން ނެރުމަށް ބައެއް ކިޔުންތެރިން އެދިވަޑައިގަންނަވާކަން ފާހަގަކުރަމެވެ. އެހެނަސް އެކަމަކީ، މި މަޖައްލާގެ ރޫޙާ ގުޅޭ ކަމެއް ކަމުގައި ނުވާތީ، އެކަން ކުރެވެން ނެތް ވާހަކަ ހިތާމައާއެކު ދަންނަވަމެވެ. މިއީ، އީމަޖައްލާއެކެވެ. މާތް ﷲ ގެ ވާގިފުޅާއެކު މި މަޖައްލާ ދެމިއޮންނާނީ، އީމަޖައްލާއެއްގެ ގޮތުގައެވެ. ދެމެހެއްޓެނިވި ގޮތެއްގައި މި މަޖައްލާ ނެރެވެން އޮތީ ވެސް އީމަޖައްލާއެއްގެ ގޮތުގައެވެ.

މި ޢަދަދުގައި ގެނެސްދީފައިވާ ލިޔުންތަކަކީ، ދިވެހި ލިޔުންތެރިކަމާއި، އަދަބިއްޔާތަށް ކުރެވޭ ވެދުމެއް ކަމުގައި މާތް ﷲ ލައްވާށިއެވެ! އަދި މި ލިޔުންތަކަކީ ކިޔުންތެރިންނަށް ފައިދާކުރަނިވި އެއްޗެއް ކަމުގައި ވެސް އެކަލާނގެ ލައްވާށިއެވެ! އާމީން!