މާލިކު ބްނު ދީނާރުގެ ހުވަފެންފުޅު
ތާބިޢީ ބޭކަލެއް ކަމުގައިވާ މާލިކް ބްނު ދީނާރު (مالك
بن دينار) އަކީ، މުސްލިމުންގެ އިމާމެކެވެ. އެކަލޭގެފާނުގެ
ޙަޔާތްޕުޅު ބަދަލުކޮށްލި ހުވަފެންފުޅުގެ ވާހަކަ
ކިޔައިދެއްވަމުން ވިދާޅުވެފައި ވެއެވެ.
ތިމަންކަލޭގެފާނުގެ ޙަޔާތްޕުޅު ފެށްޓެވީ، މަގުފުރެދުމުގެ
ކުންނާ ހިސާބުންނެވެ. އޭރު ތިމަންކަލޭގެފާނު ވަނީ،
އުރެދުމުގެތެރޭގައެވެ. އޭރު ތިމަންކަލޭގެފާނުގެ
ޙަޔާތްޕުޅުގައި ވަނީ، މަސްތުވުމާއި، އަނިޔާވެރިވުމާއި،
ރިބާ ކެއުމާއި، ބޮޑެތި ފާޙިޝް ޢަމަލުތައް ކުރުމެވެ. އޭރު
އެއްވެސް ފާފައެއް ކުރުމަކީ ތިމަންކަލޭގެފާނު
ބިރުވެތިވެވަޑައިގަންނަވާ ކަމެއް ނޫނެވެ. މީހަކަށް
ކިތަންމެ ބޮޑު ގެއްލުމެއް ދިނުމަކީ ވެސް
ޖެހިލުންވެވަޑައިގަންނަވާ ކަމެއް ނޫނެވެ. އޭރު
ތިމަންކަލޭގެފާނުގެ ނުބައިކަމާއި، އަނިޔާވެރިކަން
ބޮޑުކަމުން، މީސްތަކުން ތިމަންކަލޭގެފާނާ
މުޢާމަލާތުކުރުމަށް ބިރުގަނެ ފަސްޖެހެއެވެ.
އެ
ދުވަސްވަރު، އެއްދުވަހަކު ތިމަންކަލޭގެފާނުގެ ހިތްޕުޅުގައި
ޒަވާޖީ ޙަޔާތެއް ފެށްޓެވުމާއި، ޢާއިލާއެއް
ބިނާކުރެއްވުމުގެ ޝައުޤުވެރިކަން އުފެދުނެވެ. އަދި
ދަރިކަނބަލެއް ލިބިވަޑައިގަތުމަށް ވެސް ލޯބިކުރެއްވުނެވެ.
އެ ރޫޙުގައި ތިމަންކަލޭގެފާނު ކާވެނިބައްލައިގަތީމެވެ.
މާތް ﷲ، ތިމަންކަލޭގެފާނަށް އެ ކާވެނިން ދަރިކަނބަލަކު
ދެއްވެވިއެވެ. އެ ދަރިކަނބަލުންނަށް ފާޠިމާގެ ނަމުން
ނަންދެއްވީމެވެ. އެ ދަރިކަނބަލުން ދެކެ އިންތިހާ
ދަރަޖައަށް ލޯބިވެވަޑައިގެންނެވީމެވެ. އެ ދަރިކަނބަލުން
ބޮޑުފުޅުވަމުންދިޔައިރު، ތިމަންކަލޭގެފާނުގެ ހިތްޕުޅުގައި
އީމާންކަން އިތުރުވަމުންދިޔައެވެ. އަދި އުރެދުންތަކާއި
ފާފަތަކާ، ތިމަންކަލޭގެފާނާ ދެމެދުގައިވާ ދުރުމިން ވެސް
އިތުރުވަމުންދިޔައެވެ.
ދަރިކަނބަލުން ފާޠިމާގެ
ޢުމުރުފުޅުން ދެ އަހަރު ފުރުނުތަނާ، އެއްދުވަހަކު
ތިމަންކަލޭގެފާނު ބަނގުރާ ތަށްޓެއްގައި ހިއްޕަވަން
އުޅުއްވަނިކޮށް އޭނާ އަށް ފެނިވަޑައިގަތެވެ. ދެން އޭނާ
ތިމަންކަލޭގެފާނުގެ އަރިއަހުން އެ ރާ ތަށި ދުރަށް
ޖެއްސެވިއެވެ. އެހިނދު ތިމަންކަލޭގެފާނަށް
މޭރުންވެވަޑައިގަތީ، އެކަން ކުރެއްވުމަށް މާތް ﷲ އޭނާ އަށް
އިލްހާމުކުރެއްވީ ކަމަށެވެ.
ޢުމުރުފުޅުން ތިން
އަހަރު ފުރިފައި ވަނިކޮށް، ދަރިކަނބަލުން ފާޠިމާ
އަވަހާރަވިއެވެ. އެކަމުގެ ހިތާމައިގައި، ތިމަންކަލޭގެފާނު
ކުރިން އުޅުއްވި ވަރަށްވުރެ ނުބައި ދިރިއުޅުމަކަށް
އެނބުރިވަޑައިގަތީމެވެ. ބޮޑެތި މުޞީބާތްތައް
ތަޙައްމަލުކުރުމުގައި، މުއުމިނުންނަށް ލިބިފައިވާ ފަދަ
ކެތްތެރިކަމެއް އޭރު ތިމަންކަލޭގެފާނުގެ ހިތްޕުޅުގައެއް
ނެތެވެ. އެހެންކަމުން، ޝައިޠާނާގެ ވަސްވާސްތައް
ތިމަންކަލޭގެފާނުގެ ވިސްނުންފުޅަށް ވެރިވެގަތެވެ. އަދި
ކުރިން އުޅުއްވި ދިރިއުޅުމަށްވުރެ ނުބައި ދިރިއުޅުމަކަށް
އެ ވަސްވާސްތައް ތިމަންކަލޭގެފާނު ގެންދިޔައެވެ.
އެހެން އުޅުއްވަނިކޮށް، އެއްރެއަކު ޝައިޠާނާ
ތިމަންކަލޭގެފާނުގެ ހިތްޕުޅަށް ނުބައި ވަސްވާސްތަކެއް
ވެއްދިއެވެ. ކުރިން ދުވަހަކުވެސް ބަނގުރާ ހިއްޕަވާފައި
ނުވާވަރަށް އެ ހިއްޕެވުމަށެވެ. ދެން އެ ރޭ އެތައް އިރެއް
ވަންދެން އެކަން ކުރުމުގައި ތިމަންކަލޭގެފާނު ވަގުތު
ހޭދަކުރެއްވީމެވެ. އޭގެ މަސްތުގައި އަވަހާރަފުޅު
ލެއްޕެވިފައި ވަނިކޮށް ތިމަންކަލޭގެފާނަށް ހުވަފެންފުޅެއް
ފެނިވަޑައިގަތެވެ.
ތިމަންކަލޭގެފާނަށް
ފެނިވަޑައިގަތީ، ޤިޔާމަތްދުވަހެވެ. އިރުގައި ވަނީ ކޭތަ
ހިފާފައެވެ. މުޅި ތަނަށް ވަނީ އަނދިރިކަން ވެރިވެފައެވެ.
ކަނޑުތައް ވަނީ އަލިފާނަށް ބަދަލުވެފައެވެ. އެހިނދު ބިމަށް
ވަރުގަދަ ޒަލްޒަލާއެއް އަޔެވެ. އެ ޒަލްޒަލާގެ ބާރުން،
އެންމެހައި މީސްތަކުން މަޙުޝަރުގެ ބިމަށް ޖަމާކުރެވުނެވެ.
ދެން ނިދާއެއްގެ އަޑު އިވެންފެށިއެވެ.
އޭ! އެވެނި
މީހެއްގެ ދަރި މިވެނި މީހާއެވެ!
ޖައްބާރުވަންތަ
ރަސްކަލާނގެ ޙަޟުރަތަށް އަންނާށެވެ!
ހަމަ އެހިނދު އެ
މީހާގެ ހިތަށް ވެރިވާ ބިރެއްގެ ބޮޑުކަމުން، އެ މީހާގެ
ކުލަ، ގަދަ ކަޅުކުލައަށް ބަދަލުވެދެއެވެ.
އެގޮތަށް
އެކަން ހިނގަމުންގޮސް، އެންމެފަހުން ތިމަންކަލޭގެފާނަށް
ގޮވައިލެއްވުނެވެ. އެހިނދު ތިމަންކަލޭގެފާނުގެ ވަށައިގެން
ތިބި އެންމެން ގެއްލިއްޖެއެވެ. އެދުވަހު އެތާނގައި
ތިމަންކަލޭގެފާނު ފިޔަވައި އެއްވެސް މީހަކު ނެތްފަދައެވެ.
އަދި ބާރުގަދަ މާސިންގާ ބިޔަ ހަރުފައެއް ތިމަންކަލޭގެފާނާ
ދިމާއަށް އަންނަތަން ފެނިވަޑައިގަތެވެ. އެސޮރު އަންނަނީ
ތަންމިނަށް އަނގަ ހުޅުވައިގެންނެވެ. އެސޮރު
ފެނިވަޑައިގަތުމުން ތިމަންކަލޭގެފާނު ބިރުފުޅުން އެއާ
ދުރަށް ދުވެވަޑައިގަތީމެވެ. އެސޮރު ތިމަންކަލޭގެފާނުގެ
ފަހަތްޕުޅުން އާދެއެވެ. ތިމަންކަލޭގެފާނު
ދުވެވަޑައިގަންނަވަނިކޮށް، ނިކަމެތި ޙާލުގައިވާ ބަލިކަށި
މުސްކުޅިއަކާ ބައްދަލުވެވަޑައިގަތެވެ. ބިރުފުޅުގެންފައިވާ
ޙާލު، އޭނާގެ ގާތުގައި ތިމަންކަލޭގެފާނު ވިދާޅުވީމެވެ.
"އާދޭހާއެކު ވިދާޅުވަމެވެ. މި ހަރުފައިގެ ކިބައިން
ތިމަންކަލޭގެފާނު ސަލާމަތްކޮށްދީބަލާށެވެ!"
އެ
މުސްކުޅިޔާ ބުންޏެވެ.
"ކޮއިފުޅާއެވެ! ތިމަންނާއަކީ
ވަރަށް ނިކަމެތި މީހަކީމެވެ. ތިކަން ކުރުމުގެ
ކުޅަދާނަކަމެއް ތިމަންގެ ކިބަޔަކު ނެތެވެ. އެހެނަސް،
ދުވަން ކެރުނުހައި ބާރަކަށް ދުވެފައި، ސަލާމަތްވެވޭތޯ މި
ދިމާއަށް ދާށެވެ!"
ހުވަފެންފުޅު ކިޔައިދެއްވަމުން
މާލިކު ބްނު ދީނާރު ވިދާޅުވިއެވެ.
އެ މުސްކުޅިޔާ
ދެއްކި ދިމާއަށް ތިމަންކަލޭގެފާނު ދުވެވަޑައިގަތީމެވެ.
އޭރުވެސް ތިމަންކަލޭގެފާނުގެ ފަހަތްޕުޅުން އެ ހަރުފަ
އާދެއެވެ. ތިމަންކަލޭގެފާނަށް ވަކި ހިސާބަކަށް
ވަޑައިގެންނެވުނުއިރު، ކުރިފުޅުމަތީގައި ވަނީ ނަރަކައެވެ.
ދެން ފަހަތްޕުޅަށް އެނބުރިވަޑައިގެން ނަރަކައަށް
ފުރަގަސްދެއްވާފައި ދުވެވަޑައިގެންނެވީމެވެ. އޭރުވެސް ބިޔަ
ހަރުފަ ތިމަންކަލޭގެފާނުގެ ފަހަތްޕުޅުން އާދެއެވެ.
އަނެއްކާވެސް ތިމަންކަލޭގެފާނަށް ވަޑައިގެންނެވުނީ ކުރިން
ދިމާވި ނިކަމެތި މުސްކުޅިޔާގެ ގާތަށެވެ. ތިމަންކަލޭގެފާނު
އޭނާގެ ގާތުގައި ވިދާޅުވީމެވެ.
"މާތް ﷲ ގެ
ވަޖުހުފުޅަށްޓަކައި ތިމަންކަލޭގެފާނު
ސަލާމަތްކޮށްދީބަލާށެވެ!"
ތިމަންކަލޭގެފާނުގެ
ޙާލުކޮޅާމެދު ދެރަވިވަރުން ރޮއިގެންފައި އޭނާ ބުންޏެވެ.
"ސަލާމަތްވެވޭތޯ، އެހެރަ ފެންނަ ފަރުބަދައާ ދިމާއަށް
ނިކަން ދޭބަލާށެވެ!"
ދެން ތިމަންކަލޭގެފާނު އެ
ފަރުބަދައާ ދިމާއަށް ދުވެވަޑައިގަތީމެވެ. އޭރުވެސް
ތިމަންކަލޭގެފާނުގެ ފަހަތްޕުޅުން އެ ހަރުފަ އާދެއެވެ.
ފަރުބަދައާ ހަމައަށް ވަޑައިގެންނެވުނުއިރު، އެ ފަރުބަދަ
މަތިން ކުޑަކުދިންތަކެއް ދެކެވަޑައިގަތީމެވެ. އޭރު
އެކުދިންތައް ގޮވަމުން ގެންދެއެވެ.
"ފާޠިމާއެވެ!
ފާޠިމާއެވެ! އިބަގެ ބައްޕަ ސަލާމަތްކޮށްބަލާށެވެ!"
އެ ކުދިން ގޮވަމުން އެގެންދަނީ، ޢުމުރުން ތިން އަހަރުގައި
އަވަހާރަވި، ތިމަންކަލޭގެފާނުގެ ދަރިކަނބަލުން ފާޠިމާ އަށް
ކަން، ތިމަންކަލޭގެފާނަށް އެނގިވަޑައިގަތެވެ. އަދި އެ
ދަރިކަނބަލުން ތިމަންކަލޭގެފާނު ސަލާމަތްކޮށްދެއްވާނެކަން
ވިސްނިވަޑައިގަތެވެ. އެހިނދު، އެ ދަރިކަނބަލުންގެ
ކަނާތްޕުޅުން ތިމަންކަލޭގެފާނު ނަންގަވައި، ވައަތްޕުޅުން
ހަރުފަ ދުރަށް ޖައްސަވައިލެއްވިއެވެ. އަދި އަވަހާރަވުމުގެ
ކުރިން ތިމަންކަލޭގެފާނުގެ އަރިހުގައި އިށީނދެވަޑައިގެން
އިންނަވާ ގޮތަށް އިންނަވައި، ކިޔަވާވިދާޅުވިއެވެ.
(أَلَمْ يَأْنِ لِلَّذِينَ آمَنُوا أَن تَخْشَعَ
قُلُوبُهُمْ لِذِكْرِ اللَّهِ وَمَا نَزَلَ مِنَ الْحَقِّ
وَلَا يَكُونُوا كَالَّذِينَ أُوتُوا الْكِتَابَ مِن
قَبْلُ)
އަލްޙަދީދު: 16
މާނައީ، "ﷲ
ހަނދުމަކުރުމަށާއި، ޙައްޤު ބަސްފުޅުގެ ތެރެއިން
ބާވައިލެއްވި ފޮތަށް އެއުރެންގެ ހިތްތައް
މަޑުމައިތިރިވުމަށާއި، މީގެ ކުރިން ފޮތް ލިބުނު މީހުން
ފަދައިން ނުވުމަށް، އީމާންވި މީހުންނަށް އަދިވެސް ވަގުތު
ނާންނަނީ ހެއްޔެވެ؟"
މާލިކު ބްނު ދީނާރު
ވިދާޅުވިއެވެ.
"ދަރިކަނބަލުންގެ އަރިއަހުން
ތިމަންކަލޭގެފާނު އެއްސެވީމެވެ. އެ ބިޔަ ހަރުފައަކީ
ކޮންއެއްޗެއްތޯއެވެ؟"
ދަރިކަނބަލުން ވިދާޅުވިއެވެ.
"ބައްޕާފުޅާއެވެ! އެއީ، ބައްޕާފުޅު ކުރެއްވި ނުބައި
ޢަމަލުތަކާއި ފާފަތަކެވެ. ހަރުފައެއްގެ ސިފައިގައި އައިސް
ބައްޕާފުޅު ކައިލެވޭހައި ބިޔަ ވެއްޖައުމަށްދާންދެން
ބައްޕާފުޅަށް ވަނީ އެ ކަންކަން ކުރެއްވިފައެވެ."
ދެން ތިމަންކަލޭގެފާނު އެއްސެވީމެވެ.
"ބައްޕާފުޅަށް
ފެނިވަޑައިގަތް ބަލިކަށި މުސްކުޅިއަކީ
ކޮންއެއްޗެއްތޯއެވެ؟"
ދަރިކަނބަލުން ވިދާޅުވިއެވެ.
"އެއީ، ބައްޕާފުޅު ކުރައްވާފައިވާ ހެޔޮ ޢަމަލުތަކެވެ.
ބައްޕާފުޅު އެ ހެޔޮ ޢަމަލުތައް ކުރައްވާފައިވަނީ ވަރަށް
ބަލިކަށި ގޮތެއްގައެވެ. ބައްޕާފުޅުގެ ޙާލުކޮޅާމެދު އޭނާ
ރޮއި ހިތާމަކުރީ އެހެންވެގެންނެވެ. އަދި އޭނާއަށް
ބައްޕާފުޅު ސަލާމަތްކޮށްނުދެވޭނެ ދަރަޖައަށް އޭނާ
ނިކަމެތިވެފައި ވަނީ، ބައްޕާފުޅު ކުރެއްވި ހެޔޮ
ޢަމަލުތަކުގެ ނިކަމެތިކަމުންނެވެ."
އަދިވެސް ފާޠިމާ
ވިދާޅުވިއެވެ.
"ތިމަންކަމަނާ ޅަޢުމުރުގައި
އަވަހާރަވެފައި ނުވިނަމަ، މިއަދު ބައްޕާފުޅަށް މަންފާއެއް
ކޮށްފާނެ އެއްވެސް އެއްޗެއް މިތާނގައި ނުވީހެވެ."
މާލިކު ބްނު ދީނާރު ވިދާޅުވިއެވެ.
އެ ހުވަފެންފުޅު
ފެނިވަޑައިގެން ތިމަންކަލޭގެފާނަށް ހޭފުޅުލެއްވުނުއިރު،
ދޫފުޅުން ގޮވެމުންދިޔައީ:
"ހައްދަވައިބޮޑުކުރެއްވި
ރަސްކަލާކޮ! ހަމަކަށަވަރުން ވަގުތު ޖެހިއްޖެއެވެ!"
މިފަދައިންނެވެ.
ދެން ތިމަންކަލޭގެފާނު
ނާނެއިފުޅުފިއްލަވައި، ޠާހިރުވެވަޑައިގެން، ފަތިސްނަމާދަށް
ވަޑައިގެންނެވީމެވެ. އެދުވަހު، ތައުބާވެ ވަޑައިގެން،
ޙައްޤުގެ މަގަށް ރުޖޫޢުވެވަޑައިގެންނެވުމުގެ ނިޔަތް،
ހިތްޕުޅުގައި ކަށަވަރުކުރެއްވީމެވެ.
<><><>
ނަންގަނެވިދިޔައީ، މާލިކު ބްނު ދީނާރާއި، އެކަލޭގެފާނަށް
ފެނިވަޑައިގަތް ހުވަފެންފުޅުގެ ވާހަކައެވެ. އެއީ،
ތައުބާވެވަޑައިގަތުމަށް އެކަލޭގެފާނަށް މަގުދެއްކި
ހުވަފެންފުޅެވެ. ތައުބާވެވަޑައިގަތުމަށްފަހު،
އެކަލޭގެފާނަކީ، ތާބިޢީ ބޭކަލުންގެ ތެރެއިން އިމާމުވެރި
މާތް ބޭކަލެކެވެ.