ޢީދު މިސްކިތުގައިވާ ދެ ލިއުމަކަށް ނަޒަރެއް


މާލޭ ޢީދު މިސްކިތުގައި، ވަރަށް މުހިންމު ދެ ތާރީޚެއް ބަޔާންކޮށްދޭ ދެ ލިއުމެއް ވެއެވެ. އެއް ލިއުމަކީ، މިސްކިތް ހިޔާކުރެވުނު ތާރީޚެވެ. އަނެއް ތާރީޚަކީ، މިސްކިތުގައި ޢީދު ނަމާދު ކުރެވުނު ތާރީޚެވެ. ފުރަތަމަ ލިއުން ހަރުކޮށްފައި ވަނީ، މިސްކިތުގެ ދޮރުމަތީގައެވެ. ދެވަނަ ލިއުން ހަރުކޮށްފައިވަނީ، ހުޅަނގު ފަރާތު ފާރުގެ މިންބަރާ ދިމާވާ ހިސާބު މަތީގައެވެ. މިންބަރަށް އަރާހުރެ އެ ލިއުން ކިޔާލެވެއެވެ. މިސްކިތުގެ ތަޅުންމަތީގައި ހުރެ ފުރަތަމަ ލިއުމާ ހަމައަށް އަތެއް ނުފޯރައެވެ. އެ ލިއުމާ ހަމައަށް ވާޞިލުވެވޭނީ، އުސް އެއްޗަކަށް އަރައިގެންނެވެ.

ތިރީގައި މިވަނީ، މިސްކިތަށް ވަންނަ ދޮރުގެ މަތީގައި ހަރުކޮށްފައިވާ ލިއުމެވެ.

قد سقف هذ المسجد الذي يصلى فيه صلاة العيدين بالقراميد (اِيْتُ) في عصر جلالة السلطان محمد شمس الدين اسكندر ابن السلطان ابراهيم نورالدين اسكندر ابن السلطان محمد عماد الدين اسكندر في 1 ربيع الاخر سنة 1322

ތިރީގައި މިވަނީ، މި ޢިބާރާތުގައިވާ ލަފުޒުތަކުގެ މާނައެވެ.

قد: ހަމަކަށަވަރުން.
سقف: ހިޔާކުރެވިއްޖެ.
هذ: މި.
المسجد: މިސްކިތް.
الذي: އެއީ.
يصلى: ނަމާދުކުރެވޭ.
فيه: އެތާނގައި.
صلاة: ނަމާދެއް.
العيدين: ދެ ޢީދު.
بالقراميد: އީޓުން.
(اِيْتُ): އީތު (އީޓު).
في: ގައި.
عصر: ޒަމާނެއް، ދުވަސްވަރެއް.
جلالة: ޖަލާލަތްތެރިކަމެއް، ޢަޡަމަތްތެރިކަމެއް، ޤަދަރު މަތިވެރިވުން.
السلطان: ރަސްގެފާނު.
محمد: (މުޙައްމަދު) ފިރިހެނުންނަށް ކިޔާ ނަމެއް.
شمس: އިރެއް.
الدين: ދީން (ދީނުގެ).

اسكندر: (އަލްއިސްކަންދަރު) މިއީ، Alexander އަށް ޢަރަބި ބަހުން ކިޔާ ނަމެވެ. ދިވެހިބަހުގެ ރަދީފުގައި، "އިސްކަންދަރު" ގެ ދެ މާނައެއް ވެއެވެ. އެއް މާނައިގައި އެއީ، 1058 ހ. (1648 މ.) ވަނަ އަހަރު ރާއްޖޭގެ ތަޚުތަށް އިސްވެވަޑައިގެންނެވި އައްސުލްޠާން އިބްރާހީމް އިސްކަންދަރު ސިރީކުލަ ރަންމީބަ ކައްތިރިބަވަނަ މަހާރަދުންނާއި އޭގެ ފަހުގައި އިސްވެވަޑައިގެންނެވި ބައެއް ރަސްކަލުންގެ ނަންފުޅުގެ ފަހަތަށް ގެންނަ ލަޤަބެކެވެ. އަނެއް މާނައިގައި އެއީ ލާރިއެވެ.

ابن: ފިރިހެންދަރިއެއް.
السلطان: ރަސްގެފާނު.
ابراهيم: (އިބްރާހީމު) ފިރިހެނުންނަށް ކިޔާ ނަމެއް.
نور: އަލިކަމެއް، ނޫރެއް.
الدين: ދީން (ދީނުގެ).
اسكندر: މިލަފުޒުގެ މާނަ އިސްވެހިނގައްޖެއެވެ.
ابن: ފިރިހެންދަރިއެއް.
السلطان: ރަސްގެފާނު.
محمد: (މުޙައްމަދު) ފިރިހެނުންނަށް ކިޔާ ނަމެއް.
عماد: ތަނބެއް.
الدين: ދީން (ދީނުގެ).
اسكندر: މިލަފުޒުގެ މާނަ އިސްވެހިނގައްޖެއެވެ.
في: ގައި.
1: އެކެއް.
ربيع الاخر: ރަބީޢުލްއާޚިރް (ހިޖުރީ ކަލަންޑަރުގެ 4 ވަނަ މަސް).
سنة: އަހަރެއް.
1322: ތޭރަސަތޭކަ ބާވީސް.

ދެން މިގެނެސްދެނީ، ޢިބާރާތާއި އޭގެ މާނައެވެ.

قد سقف هذ المسجد الذي يصلى فيه صلاة العيدين بالقراميد (اِيْتُ) في عصر جلالة السلطان محمد شمس الدين اسكندر ابن السلطان ابراهيم نورالدين اسكندر ابن السلطان محمد عماد الدين اسكندر في 1 ربيع الاخر سنة 1322

މި ޢިބާރާތުގެ މާނައަކީ:

ދެ ޢީދު ނަމާދުކުރެވޭ މި މިސްކިތުގެ ފުރާޅުގައި އީޓުޖަހައި ހިޔާކުރެވުނީ، އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީނު އިސްކަންދަރުގެ ދަރިކަލުން، އައްސުލްޠާނު އިބްރާހީމު ނޫރުއްދީނު އިސްކަންދަރުގެ ދަރިކަލުން، ޖަލާލަތުއްސުލްޠާން މުޙައްމަދު ޝަމްސުއްދީނު އިސްކަންދަރުގެ ޒަމާނުގައި، 1322 ވަނަ އަހަރު ރަބީޢުލްއާޚިރް މަހުގެ 1 ވަނަ ދުވަހުގައެވެ.

ދެން މި ބަލައިލަނީ، ހުޅަނގު ފަރާތު ފާރުގެ މިންބަރާ ދިމާވާ ހިސާބު މަތީގައި ހަރުކޮށްފައިވާ ލިއުމުގެ މައްޗަށެވެ.

وضع هذ المنبر الشريف في هذ المسجد المنيف المسمى بمسجد العيد واقيم اول خطبة عليه يوم عيد الفطر من سنة 1336 وذالك في عصر جلالة السلطان محمد شمس الدين اسكندر بن السلطان ابراهيم نور الدين اسكندر بن السلطان محمد عماد الدين اسكندر بن السلطان محمد معين الدين اسكندر الذي بنى هذ المسجد ادام الله ملكهم واقام عزهم على الدوام

ތިރީގައި މިވަނީ، މި ޢިބާރާތުގައި ހިމެނޭ ލަފުޒުތަކުގެ މާނައެވެ.

وضع: ބެހެއްޓުނީ.
هذ: މި.
المنبر: މިންބަރު.
الشريف: މަތިވެރި، ދަރަޖަ މަތިވެރި، މާތް.
في: ގައި.
هذ: މި.
المسجد: މިސްކިތް.
المنيف: ބިޔަ، އުސް، ފާޅުކަންބޮޑު.
المسمى: ނަންކިޔޭ.
بمسجد: މިސްކިތުން.
العيد: ޢީދު.
و: އަދި.
اقيم: ޤާއިމުކުރެވުނީ.
اول: ފުރަތަމަ.
خطبة: ޚުޠުބާއެއް.
عليه: އޭގެ މަތީގައި.
يوم: ދުވަހެއް.
عيد: ޢީދެއް.
الفطر: ފިޠުރު.
من: އިން.
سنة: އަހަރެއް.
1336: ތޭރަސަތޭކަ ސަތިރީސް.
و: އަދި.
ذالك: އެއީ.
في: ގައި.
عصر: ޒަމާނެއް، ދުވަސްވަރެއް.
جلالة: ޖަލާލަތްތެރިކަމެއް، ޢަޡަމަތްތެރިކަމެއް، ޤަދަރު މަތިވެރިވުން.
السلطان: ރަސްގެފާނު.
محمد: (މުޙައްމަދު) ފިރިހެނުންނަށް ކިޔާ ނަމެއް.
شمس: އިރެއް.
الدين: ދީން (ދީނުގެ).

اسكندر: (އަލްއިސްކަންދަރު) މިއީ، Alexander އަށް ޢަރަބި ބަހުން ކިޔާ ނަމެވެ. ދިވެހިބަހުގެ ރަދީފުގައި، "އިސްކަންދަރު" ގެ ދެ މާނައެއް ވެއެވެ. އެއް މާނައިގައި އެއީ، 1058 ހ. (1648 މ.) ވަނަ އަހަރު ރާއްޖޭގެ ތަޚުތަށް އިސްވެވަޑައިގެންނެވި އައްސުލްޠާން އިބްރާހީމް އިސްކަންދަރު ސިރީކުލަ ރަންމީބަ ކައްތިރިބަވަނަ މަހާރަދުންނާއި އޭގެ ފަހުގައި އިސްވެވަޑައިގެންނެވި ބައެއް ރަސްކަލުންގެ ނަންފުޅުގެ ފަހަތަށް ގެންނަ ލަޤަބެކެވެ. އަނެއް މާނައިގައި އެއީ ލާރިއެވެ.

بن: ފިރިހެންދަރި.
السلطان: ރަސްގެފާނު.
ابراهيم: (އިބްރާހީމު) ފިރިހެނުންނަށް ކިޔާ ނަމެއް.
نور: އަލިކަމެއް، ނޫރެއް.
الدين: ދީން (ދީނުގެ).
اسكندر: މިލަފުޒުގެ މާނަ އިސްވެހިނގައްޖެއެވެ.
بن: ފިރިހެންދަރި.
السلطان: ރަސްގެފާނު.
محمد: (މުޙައްމަދު) ފިރިހެނުންނަށް ކިޔާ ނަމެއް.
عماد: ތަނބެއް.
الدين: ދީން (ދީނުގެ).
اسكندر: މިލަފުޒުގެ މާނަ އިސްވެހިނގައްޖެއެވެ.
بن: ފިރިހެންދަރި.
السلطان: ރަސްގެފާނު.
محمد: (މުޙައްމަދު) ފިރިހެނުންނަށް ކިޔާ ނަމެއް.
معين: އެހީތެރިޔެއް. ވާގިވެރިޔެއް.
الدين: ދީން (ދީނުގެ).
اسكندر: މިލަފުޒުގެ މާނަ އިސްވެހިނގައްޖެއެވެ.
الذي: އެއީ، އޭނާ.
بنى: ބިނާކޮށްފި.
هذ: މި.
المسجد: މިސްކިތް.
ادام: ދަމަހައްޓައިފި.
الله: މާތް ﷲ.
ملكهم: އެއުރެންގެ ރަސްކަން.
و: އަދި.
اقام: ޤާއިމުކޮށްފި.
عزهم: އެއުރެންގެ އާރާއިބާރު.
على: މައްޗަށް.
الدوام: ދާއިމަށް.

ދެން މިގެނެސްދެނީ، ޢިބާރާތާއި އޭގެ މާނައެވެ.

وضع هذ المنبر الشريف في هذ المسجد المنيف المسمى بمسجد العيد واقيم اول خطبة عليه يوم عيد الفطر من سنة 1336 وذالك في عصر جلالة السلطان محمد شمس الدين اسكندر بن السلطان ابراهيم نور الدين اسكندر بن السلطان محمد عماد الدين اسكندر بن السلطان محمد معين الدين اسكندر الذي بنى هذ المسجد ادام الله ملكهم واقام عزهم على الدوام

މި ޢިބާރާތުގެ މާނައަކީ:

"ޢީދު މިސްކިތެވެ، ކިޔާ މި ފުރިހަމަ މިސްކިތުގައި، މި މަތިވެރި މިންބަރު ބަހައްޓައި، އޭގެ މަތީގައި ފުރަތަމަ ޚުޠުބާ ޤާއިމުކުރެވުނީ، 1336 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހުގައެވެ. އެއީ، އައްސުލްޠާނު މުޙައްމަދު މުޢީނުއްދީނު އިސްކަންދަރުގެ ދަރިކަލުން، އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީނު އިސްކަންދަރުގެ ދަރިކަލުން، އައްސުލްޠާނު އިބްރާހީމު ނޫރުއްދީނު އިސްކަންދަރުގެ ދަރިކަލުން، ޖަލާލަތުއްސުލްޠާނު މުޙައްމަދު ޝަމްސުއްދީނު އިސްކަންދަރުގެ ޒަމާނެވެ. މި މިސްކިތް ބިނާކުރެއްވީ އެ ރަދުންނެވެ. މާތް ﷲ، އެ ބޭފުޅުންގެ ރަސްކަން ދަމަހައްޓަވައި، އެ ބޭފުޅުންގެ ޢިއްޒަތް ދާއިމަށް ޤާއިމުކުރައްވާށިއެވެ!"

"މާލޭގެ މިސްކިތްތައް" އެވެ، ކިޔާ ފޮތުގައި، ޢީދު މިސްކިތާބެހޭ ގޮތުން ލިޔެފައިވާ ބައިގައި، މި ލިއުން ނަކަލުކުރެވިފައި ވެއެވެ. އެފޮތުގައި މި ލިއުން ނަކަލުކުރެވިފައިވާ ގޮތް ތިރީގައި މިވަނީއެވެ.

وضع هذ المنبر الشريف في هذ المسجد المنيف المسمى بمسجد العيد واقيم أول خطبة عليه عيد الفطر من سنة 1332 هـ وذلك في عصر جلالة السلطان محمد شمس الدين اسكندر بن السلطان ابراهيم نور الدين اسكندر بن السلطان محمد عماد الدين اسكندر بن السلطان محمد معين الدين اسكندر الذي بنا هذ المسجد وانام عزهم على الدوام

މި ޢިބާރާތުގެ މާނައަކީ:

"ޢީދު މިސްކިތެވެ، ކިޔާ މި ފުރިހަމަ މިސްކިތުގައި، މި މަތިވެރި މިންބަރު ބަހައްޓައި، އޭގެ މަތީގައި ފުރަތަމަ ޚުޠުބާ ޤާއިމުކުރެވުނީ، 1332 ވަނަ އަހަރުގެ ފިޠުރު ޢީދުގައެވެ. އެއީ، އައްސުލްޠާނު މުޙައްމަދު މުޢީނުއްދީނު އިސްކަންދަރުގެ ދަރިކަލުން، އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީނު އިސްކަންދަރުގެ ދަރިކަލުން، އައްސުލްޠާނު އިބްރާހީމު ނޫރުއްދީނު އިސްކަންދަރުގެ ދަރިކަލުން، ޖަލާލަތުއްސުލްޠާނު މުޙައްމަދު ޝަމްސުއްދީނު އިސްކަންދަރުގެ ޒަމާނެވެ. މި މިސްކިތް ބިނާކުރެއްވީ އެ ރަދުންނެވެ. މާތް ﷲ، އެ ބޭފުޅުންގެ ރަސްކަން ދަމަހައްޓަވައި، އެ ބޭފުޅުންގެ ޢިއްޒަތް ދާއިމަށް ނިދިޖައްސަވާށިއެވެ!"

މި ދެ ލިއުން އަޅާބަލާއިރު ތިން ތަފާތެއް ފާހަގަކުރެވެއެވެ.

1. މިސްކިތުގައިވާ ފިލާގައި ވަނީ، يوم عيد الفطر އެވެ. ފޮތުގައި ނަކަލުކުރެވިފައިވާ ލިއުމުގައި ވަނީ، عيد الفطر އެވެ.
2. މިސްކިތުގައިވާ ފިލާގައި ވަނީ، 1336 އެވެ. ފޮތުގައި ނަކަލުކުރެވިފައިވާ ލިއުމުގައި ވަނީ، 1332 هـ އެވެ.
3. މިސްކިތުގައިވާ ފިލާގައި ވަނީ، واقام عزهم على الدوام އެވެ. ފޮތުގައި ނަކަލުކުރެވިފައިވާ ލިއުމުގައި ވަނީ، وانام عزهم على الدوام އެވެ.

މި ތިން ތަފާތުގެ ތެރެއިން، ފުރަތަމަ ތަފާތުގައި ނަކަލުކުރުމުން އުނިވެފައިވަނީ يوم އެވެ. ދެވަނަ ތަފާތުގައި ނަކަލުކުރުމުން ހަތަރު އަހަރު އެވަނީ އުނިވެފައެވެ. އެހެނީ، ފިލާގައި ވަނީ، 1336 އެވެ. ނަކަލުކުރުމުގައި ވަނީ، 1332 އެވެ. މި ތާރީޚު ނަކަލުކޮށްފައިވަނީ، ކުރިން ހުރި އަޞްލަކުންތޯ ބަލަންޖެހެއެވެ. މިހާރު ހަރުކުރެވިފައިވާ ލިއުމަކީ، ފަހުގެ ތާރީޚެއްގައި ރީތި ނަސްޚު ލިއުމުން ލިޔެފައިވާ އެއްޗެއް ކަމަށް ފެންނާތީއެވެ. ނަމަވެސް އަޅުގަނޑަށް ފެނިފައިވާ ގިނަ މަޞްދަރުތަކުގައިވާ އަހަރަކީ، 1336 ހ. ކަން ފާހަގަކުރަމެވެ. ތިންވަނަ ތަފާތުގެ ނަކަލުކުރުމަކީ، ވަރަށް ބޮޑަށް މާނަ އަރާރުންވާ ތަފާތެވެ. އެހެނީ، ފިލާގައިވާ، واقام عزهم على الدوام ގެ މާނައަކީ، "އެ ބޭފުޅުންގެ ޢިއްޒަތް (އާރާއި ބާރު) ދާއިމަށް ޤާއިމުކުރައްވާށިއެވެ!" ނަކަލުކުރުމުގައި ލިޔެވިފައިވާ، وانام عزهم على الدوام ގެ މާނައަކީ، "އެ ބޭފުޅުންގެ ޢިއްޒަތް (އާރާއި ބާރު) ދާއިމަށް ނިދިޖައްސަވާށިއެވެ!" މިއީ، اقام (އަޤާމަ) ގެ ބަދަލުގައި، انام (އަނާމަ) ލިޔެވުމުން މާނައަށް އަންނަ ބަދަލެކެވެ.

ދަންނައެ، ނަކަލުކުރުމުގައި ތަފާތުތައް އުފެދިފައި ވާކަމީ، ދިވެހި އާސާރީ ލިއުންތަކުން ފާހަގަކުރެވޭ ކަމެކެވެ. ކުރިން ލިޔެވިފައިވާ އެއްޗެއް ބަލައިގެން ނަކަލުކުރެވޭއިރު، އަޞްލާ ޚިލާފަށް ނަކަލުކުރެވިފައިވާ ކިތަންމެ ލިއުންތަކެއް ވެއެވެ. މިފަދަ ކަމެއް ފާހަގަކުރެވޭ ހިނދު އަޞްލަށް ރުޖޫޢަވެ، ތަފާތު ނެއްތައިލުން މޮޅުއިތުރެވެ. އަދި ނަކަލުކުރި ފަރާތަކާމެދު ބަދުބަހެއް ބުނުމަކީ ކޮށްގެންވާނެ ކަމެއް ކަމުގައި ނުދެކެމެވެ. އޭރު ނަކަލުކުރުމަށް ފަހިވެފައިވާ އިންސާނީ ވަސީލަތްތަކާއި، މާއްދީ ވަސީލަތްތަކުގެ ފެންވަރަށް ބަލާއިރު، ނަކަލުކުރުމަކީ ނުހަނު ދަތި ކަމެއް ކަމުގައި ވާނެ ކަމަށާއި، އެކަމުގެ ސަބަބުން ތަފާތު ހުރެދާނެ ކަމަށް ގަބޫލުކުރެވޭތީއެވެ.

މިސްކިތުގައި މިހާރު ހުރި ދެ ލިއުމަށް ބަލާއިރު، މިސްކިތް ހިޔާކުރެވުނު ތާރީޚާއި، މިސްކިތުގައި ޢީދު ނަމާދު ކުރެވުނު ތާރީޚާ ދެމެދުގައި 14 އަހަރުގެ މުއްދަތެއް ހޭދަވެފައިވާކަން އެނގެއެވެ. މިކަމާމެދު، ސުވާލު އުފެދިގެން ދެ ލިއުމުގައިވާ ދެ ތާރީޚުގެ އަހަރު އެތައް ފަހަރަކު ބެލީމެވެ. މިސްކިތުގެ ދޮރުމަތީގައި ހަރުކުރެވިފައިވާ ލިއުމުން ފެންނަ (މިސްކިތް ހިޔާކުރެވުނު) ތާރީޚަކީ، 1 ރަބީޢުލްއާޚިރް 1322 އެވެ. މިންބަރުގެ މަތީގައި ހަރުކުރެވިފައިވާ ލިއުމުން ފެންނަ (ފުރަތަމަ ޢީދު ޚުޠުބާ ޤާއިމުކުރެވުނު) ތާރީޚަކީ، 1336 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހެވެ. ފިޠުރު ޢީދު ދުވަހަކީ، ޝައްވާލު މަހުގެ ފުރަތަމަ ދުވަހެވެ. މި ދެ ތާރީޚުގެ ދެމެދުގައިވާ ފަރަގަކީ، 14 އަހަރާއި، 5 މަސްދުވަހެވެ.

1 ރަބީޢުލްއާޚިރް 1322 ހ. އަކީ މީލާދީން ގާތްގަނޑަކަށް، 14 ޖޫން 1904 މ. އެވެ.
1 ޝައްވާލް 1336 ހ. އަކީ މީލާދީން ގާތްގަނޑަކަށް، 9 ޖުލައި 1918 މ. އެވެ.
ހިޖުރީ ތާރީޚާއި މީލާދީ ތާރީޚާ ދެމެދުގައި އެއް ދުވަހުގެ ތަފާތެއް ހުރެދާނެއެވެ.

ޢީދު މިސްކިތުގެ ފުރާޅުގައި އީޓު ޖަހައި، އެ މިސްކިތުގައި ޢީދުނަމާދު ކުރެވިފައިވަނީ، އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނު، ދެވަނަ ފަހަރު ރަސްކަންކުރެއްވި މުއްދަތުގެތެރޭގައެވެ. އެ ރަދުން އެފަހަރު ރަސްކަންކުރެއްވީ، 13 ޛުލްޙިއްޖާ 1320 ހ. (11 މާރޗް 1903 މ.) އިން، 27 ޖުމާދަލްއާޚިރާ 1353 ހ. (7 އޮކްޓޯބަރ 1934 މ.) އަށެވެ.

ޢީދު މިސްކިތަކީ، (މީލާދީ ސަނަތުން) 1799 އާއި 1835 އާ ދޭތެރޭ ބިނާ ކޮށްފައިވާ ބިނާއެއް ކަމަށް ހަވީރު ނޫހުގައި ޝާއިޢުކޮށްފައިވާ ލިއުމެއްގައި ވެއެވެ.

http://haveeru.com.mv/dhivehi/news/35194

ސަން.އެމްވީ ގައި ޝާއިޢުކޮށްފައިވާ ލިއުމަކުން އެނގޭ ގޮތުގައި، އައްސުލްޠާނު ޢިމާދުއްދީނު (1 ވަނަ) ގެ ރަސްކަމުގައި، މީލާދީ ސަނަތުން 1648 ވަނަ އަހަރު، ޢީދު މިސްކިތް ހުރި ތަނުގައި މިސްކިތެއް ބިނާކުރެވުނެވެ. އެ މިސްކިތުގެ ބަދަލުގައި، އައްސުލްޠާނު މުޙައްމަދު މުޢީނުއްދީނުގެ ރަސްކަމުގައި، މީލާދީ ސަނަތުން 1815 ވަނަ އަހަރު، އެހެން މިސްކިތެއް ބިނާކުރެވުނެވެ.

https://sun.mv/40892

ޢީދު މިސްކިތާބެހޭ ގޮތުން އިންޓަރނެޓްގައި މަޢުލޫމާތު ހިމެނިފައިވާ މުހިންމު އެއް މަޞްދަރަކީ، ޔުނެސްކޯ (whc.unesco.org) ގެ ވެބްސައިޓެވެ. ތިރީގައި މިވަނީ، އެ ވެބްސައިޓުގެ މަޢުލޫމާތު ނަގައިގެން ލިޔެފައިވާ ލިއުންކޮޅެކެވެ.

މާލޭގައި ޢީދު މިސްކިތް ބިނާކުރެވުނީ، 1815 މ. ވަނަ އަހަރު، އައްސުލްޠާން މުޙައްމަދު މުޢީނުއްދީނު (1799-1835 މ.) ގެ ޒަމާނުގައެވެ. އޭރު އެ މިސްކިތް ބިނާކުރެވުނީ، އޭގެ ކުރިން، އައްސުލްޠާން ޢިމާދުއްދީނު (1620-1648 މ.) ގެ ޒަމާނުގައި ބިނާކުރެވިފައިވާ މިސްކިތެއް ނެގުމަށްފަހު، އެ މިސްކިތް ހުރި ތަނުގައެވެ. ޙަސަން ތާޖުއްދީނު ލިއުއްވާފައިވާ ތާރީޚުގެ ލިއުންތަކުން އެނގޭ ގޮތުގައި، 1815 މ. (1230 ހ.) ވަނަ އަހަރު ހާތާނގައި، ކުރިން ހުރި އިހުގެ ޢީދު މިސްކިތް ތަޅާލެވުމެވެ. އަދި އެ މިސްކިތް ހުރި ތަނުގައި އާ ޢީދު މިސްކިތް ބިނާކުރެވުނެވެ.

މިސްކިތް ކައިރީގައި ވެވެއް އޮތެވެ. އެ ވެވަށް ކިޔަނީ، ކުޑަ ވެޔޮއެވެ.

ޢީދު މިސްކިތަކީ، ހިރިގަލުން ބިނާކުރެވުނު އެންމެ ފަހު މިސްކިތެވެ. ދިވެހިރާއްޖޭގައިވާ އެފަދަ މިސްކިތްތަކުގެ ތެރެއިން، ކުރެހުންތަކާއި، އަތުމަސައްކަތްތައް، އެންމެ ހެޔޮ ޙާލެއްގައި ހުރީ ޢީދު މިސްކިތުގައެވެ. މިސްކިތް ބިނާކުރެވުނު ފަހުން، އެކި ޒަމާންތަކުގައި އެކިއެކި ބައިތައް، މިސްކިތަށް އިތުރުކުރެވިފައި ވެއެވެ. އެހެނަސް، އިހުގެ މިސްކިތުގެ ބިނާ ސަލާމަތުން އެބަހުއްޓެވެ.

ޔުނެސްކޯ ގެ ވެބްސައިޓު (whc.unesco.org) ގައި، ކުށް ޢިބާރާތެއް ވެއެވެ. އެ ޢިބާރާތް ތިރީގައި މިވަނީއެވެ.

Sultan Mohammed Muinuddin (1799-1835 CE) built the Mosque in 1815 CE. The mosque which was there on was too old and Sultan Mohammed Muinuddin rebuilt the present Eid Mosque at the site.

މި ޢިބާރާތުގައި، އައްސުލްޠާން މުޙައްމަދު މުޢީނުއްދީނު ބިނާކުރެއްވި މިސްކިތް، އެ ރަދުން އަލުން ބިނާކުރެއްވި ކަމަށް އެބައޮތެވެ. އެއީ ކުށެކެވެ. ރަނގަޅު ގޮތަކީ، 1815 މ. ވަނަ އަހަރު، އައްސުލްޠާން މުޙައްމަދު މުޢީނުއްދީނު (1799-1835 މ.)، މިސްކިތެއް ބިނާކުރެއްވިއެވެ. އެ މިސްކިތް ބާވުމުން، އެ މިސްކިތް ހުރި ތަނުގައި، އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނު (1620-1648 މ.) އަލުން މިސްކިތެއް ބިނާކުރެއްވިއެވެ. މިހާރު ހުރި ޢީދު މިސްކިތަކީ، އެ މިސްކިތެވެ.

ޔުނެސްކޯގެ ވެބްސައިޓު (whc.unesco.org) ގައި ވަނީ، ޢީދު މިސްކިތް ފަނުން ހިޔާކޮށްފައިވާ ކަމަށާއި، ފަންފުރާޅު ނަގައި، އެންމެ ފުރަތަމަ އެ މިސްކިތުގައި ޓިނުޖެހީ، އައްސުލްޠާނު މުޙައްމަދު ޝަމްސުއްދީނު (ތިންވަނަ) (1903-1934 މ.) ކަމަށެވެ. ތިރީގައި މިވަނީ، އެ ވެބްސައިޓުގައިވާ ޢިބާރާތެވެ.

Sultan Muhammed Shamsuddin III (1903-1934 CE) when for the first time replaced the thatched roofs of the Mosque with corrugated iron sheets.

މި މަޒުމޫނުގައި އިސްވެ ބަޔާންވެދިޔަ، މިސްކިތުގެ ދޮރުމަތީގައިވާ ލިއުމުން އެނގޭ ގޮތުގައި، އައްސުލްޠާނު މުޙައްމަދު ޝަމްސުއްދީނު (ތިންވަނަ) (1903-1934 މ.) ގެ ޒަމާނުގައި، މިސްކިތް ހިޔާކުރެވުނީ އީޓުންނެވެ. ދަގަނޑު ޓިނަކުން ނޫނެވެ.

http://whc.unesco.org/en/tentativelists/5812

ޔުނެސްކޯގެ ލިއުމުގައިވާ ޞައްޙަ ނޫން މަޢުލޫމާތާމެދު ހިނދުކޮޅަކު ވިސްނަވައިލެއްވުމަށް މި ފުރުޞަތުގައި ދަންނަވަމެވެ. އެ މުއައްސަސާއަށް ފަހިވެފައިވާ ޒަމާނީ ވަސީލަތްތަކުގެ ފެންވަރާއި، ފަންވަރުގެ މޮޅުކަމާއެކު ވެސް، އެ މުއައްސަސާގެ ލިޔެކިއުންތަކުގައި ވެސް ކުށް އެބަހުރެއެވެ. ވީއިރު، އަޅުގަނޑުމެންގެ ރަސްކަލަކު ނުވަތަ އޮފީހެއްގެ ވެރިއަކު އިސްވެ ހުންނަވައިގެން ނަކަލުކުރައްވާ އެއްޗެއް، އަޞްލާ ތަފާތުވުމަކީ، ޙައިރާންވާންޖެހޭ ކަމެއް ނޫނެވެ. އެ ކަމަށްޓަކައި އެ ފަރާތަކަށް ބަދުބަސް ރައްދުކުރުމަކީ ވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އަޞްލާ ޚިލާފު ނަކަލެއް ފެނިއްޖެނަމަ، އެ އިޞްލާޙުކުރަންވީއެވެ. އިންސާނުން ކުރާ މަސައްކަތްތަކުގައި ކުށް ހުރުމަކީ ޖާއިޒުކަމެކެވެ.

ބަޔާންވެދިޔަ ތިން މަޞްދަރު (ހަވީރު ނޫހާއި، ސަން.އެމްވީ އާއި، ޔުނެސްކޯގެ ވެބްސައިޓް) ގެ ތެރެއިން، ސަން.އެމްވީ ގައިވާ މަޢުލޫމާތަށް ބާރުދޭ އެހެން މަޞްދަރެއް ވެއެވެ. އެއީ، "މާލޭގެ މިސްކިތްތައް" އެވެ، ކިޔާ ފޮތެވެ. އެ ފޮތުގެ 68 ވަނަ ޞަފުޙާގައި ވެއެވެ.

"އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ތާރީޚުގައި (އެބަހީ، އޭނާ ލިއުއްވި ތާރީޚު ފޮތުގައި) ހިޖުރައިން 1330 (1815 މ.) ވަނަ އަހަރުހާތާނގައި، ކުރިން ހުރި ޢީދު މިސްކިތް ބައުވެގެން އެހެން ޢީދު މިސްކިތެއް ބިނާކުރެއްވި ކަމުގައި ލިޔެވިގެން ވެއެވެ."

އެހެންވީމާ، ސަން.އެމްވީ ގައި ވާފަދައިން، ޢީދު މިސްކިތް ހުރި ތާނގައި، ކުރިން މިސްކިތެއް ހުރިކަން އެބައެނގެއެވެ. ބާވުމުގެ ސަބަބުން ނުވަތަ އެހެން ސަބަބަކާހުރެ އެ މިސްކިތް ނެގުމަށްފަހު، މީލާދީ ސަނަތުން 1815 ވަނަ އަހަރު އެހެން މިސްކިތެއް ބިނާކުރެވުނީއެވެ. މިހާރު ފެންނަން ހުރި ޢީދު މިސްކިތަކީ، އައްސުލްޠާނު މުޙައްމަދު މުޢީނުއްދީނުގެ ރަސްކަމުގައި، މީލާދީ ސަނަތުން 1815 ވަނަ އަހަރު، ބިނާކުރެވުނު ޢީދު މިސްކިތެވެ.

މި މަޒުމޫނުގައި އިސްވެ ބަޔާންކުރެވުނު (ޢީދު މިސްކިތުގައިވާ)، ދެ ލިއުން ލިޔެފައިވާ އަތުލިއުމުގެ ބާވަތް ތަފާތެވެ.

ޢީދު މިސްކިތުގެ ދޮރުމަތީގައި ހަރުކޮށްފައިވާ ލިއުން ލިޔެފައިވަނީ، ފަހުގެ ޘުލުޘު ލިއުމުންނެވެ. އެއާ ޚިލާފަށް، މިސްކިތުގައިވާ ކުރީގެ ޢަރަބި ލިއުންތައް ލިޔެފައިވަނީ، އިހުގެ ޘުލުޘު ލިއުމުންނެވެ. ދޮރުމަތީގައިވާ ލިއުން ލިޔެފައިވަނީ، ލަކުޑީގައި ބިންވަޅުނަގައިގެންނެވެ. އެކަން ކޮށްފައިވަނީ، އަކުރުތައް ފޮފަކޮށް، ފަސްމަންޒަރު ތިރިކޮށް ހުންނާނެހެންނެވެ. އެ ލިއުމަކީ، ޝަމްސުއްދީނުގެ ރަދުންގެ ޒަމާނުގައި، ފަހުގެ ރީތި ޘުލުޘް ނުވަތަ "އުއްމުލްޚުޠޫޠި" ގެ ނަން ދެވިފައިވާ ޘުލުޘު ލިއުން ދިވެހިރާއްޖެއަށް ވާޞިލުވެފައިވާ ކަމުގެ ހެއްކެކެވެ. އެއީ، އިހުގެ ޘުލުޘު ލިއުމާ ޚިލާފަށް، ތުނޑުކެނޑި ގަލަމުން ލިޔާ ލިއުމެކެވެ.

ޢީދު މިސްކިތުގެ ހުޅަނގު ފަރާތު ފާރުގެ މިންބަރާ ދިމާވާ ހިސާބު މަތީގައި ހަރުކޮށްފައިވާ ލިއުން ލިޔެފައިވަނީ، ފަހުގެ ނަސްޚު ލިއުމުންނެވެ. އެ ލިއުން ލިޔެފައިވަނީ، ލޮއި ފޮއްޗެއްގައި ކަށްޓަކުންނެވެ. އެއީ، ފަހުގެ ލިއުމެއް ކަމަށް ފެނެއެވެ.

މިދެންނެވި ދެ ލިއުމުން އެނގޭ މުހިންމު ދެ ތާރީޚަކީ، ޢީދު މިސްކިތުގައި އީޓުޖެހި ތާރީޚާއި، އެ މިސްކިތުގައި މިހާރު ހުރި މިންބަރުގެ މަތީގައި ފުރަތަމަ ޢީދު ނަމާދުގެ ޚުޠުބާ ކިއުނު ތާރީޚެވެ. ޢީދު މިސްކިތުގައި އީޓުޖެހި ތާރީޚަކީ، 1 ރަބީޢުލްއާޚިރް 1322 ހ. އެވެ. އެ މިސްކިތުގައި މިހާރު ހުރި މިންބަރު ބަހައްޓައި، އޭގެ މަތީގައި ޢީދު ނަމާދުގެ ޚުޠުބާ ކިއުނު ތާރީޚަކީ، 1 ޝައްވާލް 1336 ހ. އެވެ. މި ދެ ކަން ކުރެވިފައިވަނީ، އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނު (ތިންވަނަ) (1320-1353 ހ.)، (1903-1934 މ.)، ދެވަނަ ފަހަރު ރަސްކަންކުރެއްވި ޒަމާނުގައެވެ.

މާތް ﷲ، އައްސުލްޠާނު މުޙައްމަދު ޝަމްސުއްދީނު (ތިންވަނަ) އާއި، މިރާއްޖޭގެ އެންމެހައި ރަސްރަސްކަލުންގެ ފާފަތައް ފުއްސަވައި، އެ ރަދުންނަށާއި، އެ ރަސްރަސްކަލުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ! އާމީން!