ނުބައި މާނަ އެކުލެވޭ އަންހެން ނަންތަކެއް


ޢަރަބި ބަހުގައި ނުބައި މާނަ އެކުލެވޭ އަންހެން ނަންތަކެއް ވާކަމަށް ބުނެވެއެވެ. އެފަދަ ބައެއް ނަންތައް އުފެދިފައިވަނީ، ޢަރަބި ބަހުގައިވާ އަންހެން ނަމާއި ފިރިހެން ނަމުގެ ސަބަބުން ކަމަށް ވެސް ބުނެވެއެވެ. އެއީ، ފަހަރެއްގައިވެސް އަންހެނުންނަށް އިހާނެތިކޮށް ހިތުމުގެ ގޮތުން އުފެއްދިފައިވާ ނަންތަކެއް ނޫނެވެ. އެއީ އަންހެނުންނަށް އިހާނެތިކޮށް ހިތާ ނަންތަކެއް ކަމަށް ވެގެންދަނީ، އޭގައި ހިމެނޭ ބައެއް މާނަތައް ޤަޞްދުކުރުމުންނެވެ.

ތިރީގައި މިވަނީ އެފަދަ ބައެއް ނަންތަކާއި އޭގެ މާނައެވެ.

ފިރިހެނަކު ދިރިހުރި ކަމަށްވަނީ ނަމަ އޭނާއާ މެދު ބުނެވެނީ (هُوَ ‏حَيّ) "އޭނާ އަކީ ދިރިހުރި މީހެއް" ކަމަށެވެ.

އަންހެނަކު ދިރިހުރި ކަމަށްވަނީ ނަމަ އޭނާއާ މެދު ބުނެވެނީ (هِيَ ‏حَيَّة) "އެކަނބުލޭގެ އަކީ ހަރުފައެއް" ކަމަށެވެ.

ފިރިހެނަކު ކުރާ ކަމެއް ރަނގަޅަށް ކޮށްފިނަމަ އޭނާއާމެދު ބުނެވެނީ، (هُوَ ‏مُصِيْب) "އޭނާ އަމާޒަށް ވާޞިލުވެއްޖެ" ކަމަށެވެ.

އަންހެނަކު ކުރާ ކަމެއް ރަނގަޅަށް ކޮށްފިނަމަ އޭނާއާމެދު ބުނެވެނީ، (هِيَ ‏مُصِيْبَة) "އެކަނބުލޭގެ އަކީ ބޮޑު ބަލާއެއް" ކަމަށެވެ.

ފިރިހެނަކު ފަނޑިޔާރެއްގެ މަޤާމަށް އިސްކުރެވިއްޖެނަމަ އޭނާއާމެދު ބުނެވެނީ (هُوَ ‏ قَاضِي) "އޭނާއަކީ ނިޔާ ކަނޑައަޅާ މީހެއް" ކަމަށެވެ.

އަންހެނަކު ފަނޑިޔާރެއްގެ މަޤާމަށް އިސްކުރެވިއްޖެނަމަ އޭނާއާމެދު ބުނެވެނީ (هِيَ ‏قَاضِيَة) "އެކަނބުލޭގެ އަކީ މީހާ ފަނާކޮށްލާ މަރު" ކަމަށެވެ.

ފިރިހެނަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވެއްޖެނަމަ އޭނާއާމެދު ބުނެވެނީ (هُوَ ‏نَائِب) "އޭނާއަކީ، ޢިއްޒަތްތެރި މެމްބަރެއް" ކަމަށެވެ.

އަންހެނަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވެއްޖެނަމަ އޭނާއާމެދު ބުނެވެނީ (هِيَ نَائِبَة) " އެކަނބުލޭގެ އަކީ ފަނާކޮށްލަނިވި ބޮޑު ކާރިސާއެއް" ކަމަށެވެ.

ފިރިހެނަކު ހުސްވަގުތު ހޭދަކުރުމަށްޓަކައި ހޮބީއެއް އަދާކުރާނަމަ އޭނާއާމެދު ބުނެވެނީ (هُوَ هَاوِي) "އޭނާއަކީ ހޮބީއެއްގެ ވެރިއެއް" ކަމަށެވެ.

އަންހެނަކު ހުސްވަގުތު ހޭދަކުރުމަށްޓަކައި ހޮބީއެއް އަދާކުރާނަމަ އޭނާއާމެދު ބުނެވެނީ (هِيَ ‏هَاوِيَة) "އެކަނބުލޭގެ އަކީ ނަރަކަ" ކަމަށެވެ.

ނަންގަނެވިދިޔަ، އަންހެން ނަންތަކުގެ މާނަތައް ބަސްފޮތްތަކުގައި ވެއެވެ. އެހެނަސް އަންހެނެއްކަން ބަޔާންކުރުމުގެ ގޮތުން އެ ނަންތައް ބޭނުންކުރެވެނީ، އެ މާނަތަކުގައެއް ނޫނެވެ. އެއިން އެ މާނަތައް ޤަޞްދުކުރެވެނީ، ފުރައްސާރަ ކުރެވޭ ޙާލަތުތަކުގައި ކަމަށް ބެލެވެއެވެ.

ތިރީގައި މިވަނީ، ބަސްފޮތުގައިވާ ބައެއް މާނަތަކެވެ.

ޙައްޔާ (الحَيّةُ): އެއީ،ބިންމަތީގައި ބަނޑުލާ ދެމޭ އެއްޗެހީގެ ތެރެއިން ބާވަތެކެވެ. އޭގެ ވަރަށް ގިނަ ވައްތަރުތައް ވެއެވެ. އެއީ، ބިޔަ ހަރުފަ (ثُعْبان) އާއި، ވިހަ ހަރުފަ (أَفْعَى) އާއި، ބިރުވެރި ހަރުފަ (الصِّل) އާއި އެނޫނަސް އެފަދަ އެއްޗިއްސެވެ.

މުޞީބާ (المُصيبَةُ): އެއީ، މީހަކާ ކުރިމަތިވާ ކޮންމެ ނުބައި، ނުރައްކާތެރި، ބޮޑު ބަލާއެކެވެ.

ޤާޟިޔާ (القَاضِيَةُ): އެއީ، އިންސާނާ ހަލާކުކޮށް ފަނާކޮށްލާ މަރެވެ.

ނާއިބާ (النَّائِبَةُ): އެއީ، ބޮޑެތި މުޞީބާތެވެ. އެއީ، މީހާއާ ކުރިމަތިވާ ވޭންދެނިވި ހާދިސާތަކާއި، ކާރިސާތަކެވެ.

ހާވިޔާ (الهَاوِيَةُ): އެއީ، ނަރަކައިގެ ނަންތަކުގެ ތެރެއިން ނަމެކެވެ.

އެދެވިގެންވަނީ، މިފަދަ ނަންތަކުން ދަރިންނަށް ނަން ނުކިއުމެވެ. އޭގައި އެކުލެވޭ ނުބައި މާނަތައް މީހުން ޤަޞްދުކޮށްފާނެތީއެވެ. އަދި އެކަމުގެ ސަބަބުން ދަރިންނަށް ނޭދެވޭ އަސަރުތައް ކުރާނެތީއެވެ.