ބުއްދި މަދު، ކަންނެތް ޤައިދީ
ޖަލުގައި ބަންދުކޮށްފައިވާ ޤައިދީއެއްގެ މައްޗަށް މަރުގެ ޙުކުމް
އިއްވުނެވެ. ރަސްގެފާނަށް އެ ޚަބަރު ލިބިވަޑައިގަތުމުން،
އެމަނިކުފާނުގެ ހިތްޕުޅުގައި އޭނާގެ މައްޗަށް އޯގާވެރިކަން
އުފެދުނެވެ. ދެން ސަލާމަތްވާނެ މަގެއް އޭނާ އަށް ދެއްކެވުމަށްޓަކައި ސިޓީފުޅެއް ފޮނުއްވިއެވެ. އެ
ސިޓީފުޅުގައި ވެއެވެ.
"މާދަމައަކީ، ތިބާގެ މައްޗަށް
މަރުގެ ޙުކުމް ތަންފީޒުކުރެވޭނެ ދުވަހެވެ. ނަމަވެސް ތިބާ
މިރޭ ޖަލުން ނުކުމެއްޖެނަމަ، ތިބާގެ މައްޗަށް މަރުގެ
ޙުކުމް ތަންފީޒު ނުކުރުމަށް އަންގައިފީމެވެ. ތިބާ ޖަލުން
ނުކުންނާނެ ތަނެއް ވަނީ ތަނަވަސްކުރެވިފައެވެ."
ރަސްގެފާނުގެ ސިޓީފުޅު ކިއުމަށްފަހު، ޖަލުގައިވާ ޤައިދީ،
ޖަލުން ނުކުމެވޭނެ ތަނެއް ހޯދަން ފެށިއެވެ. އެހެނަސް އެރޭ
އޭނާއަށް ކުރެވުނު މަސައްކަތުން ޖަލުން ނުކުމެގެންދާނެ
އެއްވެސް މަގެއް އޭނާއަކަށް ނުފެނުނެވެ.
ޖެހިގެން
އައި ދުވަހު ހެނދުނު އޭނާ ޖަލުން ނެރެ، އޭނާގެ މައްޗަށް
މަރުގެ ޙުކުމް ތަންފީޒުކުރަން ގެންދެވުނެވެ. އަނެއްކާވެސް
ރަސްގެފާނުގެ ހިތްޕުޅުގައި އޭނާގެ މައްޗަށް ރަޙުމާއި
ހަމްދަރުދީ އުފެދިގެން އޭނާއަށް ވީގޮތެއް ބަލާނެ މީހަކު
ފޮނުއްވިއެވެ. އެމީހާ ގޮސް އޭނާ ކުރެން އެއްސެވެ.
"ތިބާ މަރުން ސަލާމަތްވުމަށް ރަސްގެފާނު ފުރުޞަތު
ދެއްވުމުން އެ ފުރުޞަތުގެ ބޭނުން ނުހިފީ ކީއްވެހެއްޔެވެ؟"
ޤައިދީ ބުންޏެވެ.
"ޖަލުން ނުކުމެވޭނެ ތަނެއް
ފެނޭތޯ ރޭގައި ވަރަށް ގިނައިރު މަސައްކަތްކުރީމެވެ.
ނަމަވެސް އެފަދަ ތަނެއް ނުފެނުމުގެ ސަބަބުން، ޖަލުން
ނުނުކުމެވުނީއެވެ."
ރަސްގެފާނު ފޮނުއްވި މީހާ
ބުންޏެވެ.
"ތިބާގެ ގަބުކަމާމެދު
ޙައިރާންވެއްޖައީމެވެ! ރޭ ހަތަރުދަމު ޖަލުގެ ދޮރު ހުރީ
ތަޅުނުލައެވެ!"
<><><>
ޢިބްރަތް:
ބުއްދި މަދުކަމާއި، ކަންނެތް ކަމަކީ، ލިބޭ ރަނުގެ
ފުރުޞަތުތައް ގެއްލިދާ ކަމެކެވެ.