އަލްބަޤަރާ ސޫރަތުގެ 44 ވަނަ އާޔަތުގެ ތަފުސީރު
މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.
(أَتَأْمُرُونَ
النَّاسَ بِالْبِرِّ وَتَنسَوْنَ أَنفُسَكُمْ وَأَنتُمْ
تَتْلُونَ الْكِتَابَ ۚ أَفَلَا تَعْقِلُونَ)
އަލްބަޤަރާ: 44
މާނައީ، "ތިޔަބައިމީހުން ފޮތް
ކިޔަވަކިޔަވައި ތިބޭ ޙާލުގައި ތިޔަބައިމީހުންގެ އަމިއްލަ
ނަފުސުތަކުގެމަތިން ހަނދާންނައްތާލައި، މީސްތަކުންނަށް
ހެޔޮކަންތަކަށް އަމުރުކުރަނީހެއްޔެވެ؟ ފަހެ،
ތިޔަބައިމީހުން ނުވިސްނަނީހެއްޔެވެ؟"
މިއާޔަތުގެ
ތަފުސީރުގައި ވެއެވެ.
ތިޔަބައިމީހުންގެ އަމިއްލަ
ނަފުސުތަކުގެމަތިން ހަނދާންނައްތާލުން، ތިޔަބައިމީހުންނާ
ލާއިޤުވެގެންވަނީ ކިހިނަކުން ހެއްޔެވެ؟ ފަހެ،
ތިޔަބައިމީހުން މީސްތަކުންނަށް ކުރާ ހެޔޮ އަމުރުތަކާ،
ތިޔަބައިމީހުންނަކު ތަބާނުވަމުއެވެ. އެހެންކަމާއެކުވެސް
ތިޔަބައިމީހުން އެބަ ފޮތް ކިޔަވަމުއެވެ. މާތް ﷲ ގެ
އަމުރުފުޅުތައް އޭގައި ވެއެވެ. އެ އަމުރުފުޅުތައް
ތިޔަބައިމީހުން ދަންނަމުއެވެ. ނަމަވެސް
ތިޔަބައިމީހުންނަކު، އެޔަށް ޢަމަލެއް ނުކުރަމުއެވެ.
ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކުގެ ޙާލަތު ހުރި
ގޮތާމެދު، ތިޔަބައިމީހުން ވިސްނައި ފިކުރުނުކުރަނީ
ހެއްޔެވެ؟ ތިޔަބައިމީހުން އެކަން ކުރަން އެބަޖެހެއެވެ. ތިޔަބައިމީހުންގެ ނަފުސުތައް، ޣާފިލުކަމުގެ
ނިދިން ހޭލެއްވުމަށްޓަކައެވެ. ތިޔަބައިމީހުންގެ ލޯތައް،
އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް
ގެނައުމަށްޓަކައެވެ.
މި އާޔަތުގެ ތަފުސީރުގައި ޢިލްމުވެރިން
ވިދާޅުވެފައި ވެއެވެ.
މާތް ﷲ އަށް ޠާޢަތްތެރިކަން
އަދާކުރުމަށާއި، ތަޤުވާވެރިވުމަށާއި، ހެޔޮކަންތައްތައް
ކުރުމަށް، ބަނޫއިސްރާއީލު ބާގައިގެ މީހުން އަމުރުކޮށް
އުޅުނެވެ. އެހެނަސް އެމީހުން ކުރާ އަމުރުތަކާ އެމީހުން
ޚިލާފުވަމުން ދިޔައެވެ. މިހެންވެ، މާތް ﷲ، އެމީހުންގެ އެ
ޢަމަލުގެ ހުތުރުކަމުގެ ބޮޑުކަން ބަޔާންކުރައްވައި މި
އާޔަތް ބާވައިލެއްވިއެވެ.
ކީރިތި މާތް ނަބިއްޔާ
ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ.
(مَثَلُ الَّذِي يُعَلِّمُ النَّاسَ الْخَيْرَ
وَيَنْسَى نَفْسَهُ كَمَثَلِ السِّرَاجِ يُضِيءُ لِلنَّاسِ
وَيُحْرِقُ نَفْسَهُ)
ރިވާކުރެއްވީ: އައްޠަބަރާނީ.
މާނައީ، "މީސްތަކުންނަށް ހެޔޮކަންކަން ދަސްކޮށްދީ،
އޭނާގެ އަމިއްލަ ނަފުސު ހަނދާންނައްތައިލާ މީހާގެ
މިސާލަކީ، މީސްތަކުންނަށް އަލިކޮށްދީ، އޭގެ އަމިއްލަ
ނަފުސު އަންދަމުންގެންދާ ދަންމަރެއްގެ މިސާލެވެ."
މި ޙަދީޘްފުޅުގައިވާ، "އޭނާގެ އަމިއްލަ ނަފުސު
ހަނދާންނައްތައިލާ މީހާ" ކަމަށް އޮތް ބަސްފުޅުގެ
މުރާދަކީ، އޭނާ ކުރާ ހެޔޮކަންކަމާ އެއްގޮތަށް އޭނާ
އަމިއްލައަށް ޢަމަލުނުކުރާ މީހާއެވެ.
އެހެން
ޙަދީޘްފުޅެއްގައި ވެއެވެ.
(رَأَيْتُ لَيْلَةَ
أُسْرِيَ بِي رِجَالا تُقْرَضُ شِفَاهُهُمْ بِمَقَارِضَ
مِنْ نَارٍ، فَقُلْتُ: مَنْ هَؤُلاءِ يَا جِبْرِيلُ ؟
فَقَالَ: الْخُطَبَاءُ مِنْ أُمَّتِكَ، يَأْمُرُونَ
النَّاسَ بِالْبِرِّ، وَيَنْسَوْنَ أَنْفُسَهُمْ، وَهُمْ
يَتْلُونَ الْكِتَابَ)
ރިވާކުރެއްވީ: އިބްނު ޙިއްބާން.
މާނައީ، "ތިމަންކަލޭގެފާނާއިގެން އިސްރާގެ ދަތުރުފުޅު
ކުރެއްވުނު ރޭގައި، އަލިފާނުން ހައްދަވާފައިވާ
ކަތުރުތަކަކުން، ފިރިހެނުންތަކެއްގެ ތުންފަތްތައް
ކޮށެމުންދަނިކޮށް ދެކެވަޑައިގަތީމެވެ. ތިމަންކަލޭގެފާނު
އެއްސެވީމެވެ. އޭ ޖިބުރީލުގެފާނެވެ! އެއީ ކޮން
ބަޔެއްތޯއެވެ؟ ފަހެ، ޖިބުރީލުގެފާނު ވިދާޅުވިއެވެ. އެއީ،
ކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ބަސްމޮށުންތެރި
މުޤައްރިރުންނެވެ. އެމީހުންނީ، އެމީހުން ފޮތް
ކިޔަވަކިޔަވައި ތިބޭ ޙާލުގައި، އެމީހުންގެ އަމިއްލަ
ނަފުސުތަކުގެމަތިން ހަނދާންނައްތާލައި، މީސްތަކުންނަށް
ހެޔޮކަންތަކަށް އަމުރުކުރަމުންދިޔަ މީހުންނެވެ."
އެހެން ޙަދީޘްފުޅެއްގައި ވެއެވެ.
(إنَّ اللَّهَ
يُعَافِي الْأُمِّيِّينَ يَوْمَ الْقِيَامَةِ مَا لَا
يُعَافِي الْعُلَمَاءَ)
ރިވާކުރެއްވީ: އަލްބައިހަޤީ.
މާނައީ، "ހަމަކަށަވަރުން ޤިޔާމަތްދުވަހު މާތް ﷲ،
ޢިލްމުވެރިންނަށް ޢަފޫނުކުރައްވާނެ ކަންތައްތަކެއް، ހެޔޮނުބައި
ނުދަންނަ މީހުންނަށް ޢަފޫކުރައްވައެވެ."
އެހެން
ޙަދީޘްފުޅެއްގައި ވެއެވެ.
(إِنَّ اللَّهَ يَغْفِرُ
لِلْجَاهِلِ أَرْبَعِينَ ذَنْبًا، قَبْلَ أَنْ يَغْفِرَ
لِلْعَالِمِ ذَنْبًا وَاحِدًا)
ރިވާކުރެއްވީ: އިބްނު
ޢަސާކިރް.
މާނައީ، "ހަމަކަށަވަރުން ﷲ،
ޢިލްމުވެރިއަކަށް އެންމެ ފާފައެއް ފުއްސެވުމުގެ ކުރިން،
ޖާހިލަކަށް ސާޅީސް ފާފަ ފުއްސަވައެވެ."
އެއްދުވަހަކު އިބްނުޢައްބާސުގެފާނުގެ އަރިއަހުގައި މީހަކު
ދެންނެވިއެވެ.
އޭ އިބްނުޢައްބާސުގެފާނެވެ.
ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުމަށް
ތިމަންނަ ބޭނުމެވެ.
އިބްނުޢައްބާސުގެފާނު ވިދާޅުވިއެވެ.
ތިބާ އެކަމަށް ޤާބިލުވާ ދަރަޖައަށް ވާޞިލުވެއްޖެ ހެއްޔެވެ؟
އޭނާ ދެންނެވިއެވެ.
ތިމަން އެކަމަށް އެބަ
އުންމީދުކުރަމެވެ.
އިބްނުޢައްބާސުގެފާނު ވިދާޅުވިއެވެ.
މާތް ﷲ ގެ ފޮތުގައިވާ ތިން އާޔަތަކުން ތިބާ ފަޟީޙަތްވުމަށް
ބިރުވެތިނުވާނަމަ، އެކަން ކުރާށެވެ!
އޭނާ ދެންނެވިއެވެ.
އެ ތިން އާޔަތަކީ ކޮބައިތޯއެވެ؟
އިބްނު
ޢައްބާސުގެފާނު ވިދާޅުވިއެވެ.
ފުރަތަމަ އާޔަތަކީ:
(أَتَأْمُرُونَ النَّاسَ بِالْبِرِّ وَتَنسَوْنَ
أَنفُسَكُمْ وَأَنتُمْ تَتْلُونَ الْكِتَابَ ۚ أَفَلَا
تَعْقِلُونَ)
އަލްބަޤަރާ: 44
މާނައީ،
"ތިޔަބައިމީހުން ފޮތް ކިޔަވަކިޔަވައި ތިބޭ ޙާލުގައި
ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކުގެމަތިން
ހަނދާންނައްތާލައި، މީސްތަކުންނަށް ހެޔޮކަންތަކަށް
އަމުރުކުރަނީހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން
ނުވިސްނަނީހެއްޔެވެ؟"
ދެވަނަ އާޔަތަކީ:
(كَبُرَ مَقْتًا عِندَ اللَّهِ أَن تَقُولُوا مَا لَا
تَفْعَلُونَ)
އައްޞައްފު: 3
މާނައީ،
"ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ބުނުން، ﷲ ގެ
ޙަޟުރަތުގައި ނުރުއްސެވުން ބޮޑުވެގެންވެއެވެ."
ތިންވަނަ އާޔަތަކީ:
(وَمَا أُرِيدُ أَنْ
أُخَالِفَكُمْ إِلَىٰ مَا أَنْهَاكُمْ عَنْهُ)
ހޫދު: 88
މާނައީ، "އަދި އަހުރެން ތިޔަބައިމީހުންނަށް ނަހީކުރާ
ކަންތައް އަހުރެން ކުރާކަށް ބޭނުމެއް ނުވެއެވެ."
އޭނާ އަށް މި އާޔަތްތައް ވިދާޅުވެދެއްވުމަށްފަހު،
އިބްނުޢައްބާސުގެފާނު އެންގެވީ، އެހެން މީހުންނަށް
ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުމުގެ
ކުރިން، އެކަން އޭނާގެ އަމިއްލަ ނަފުސުގެ މައްޗަށް
ތަންފީޒުކުރުމަށެވެ.
އެއްދުވަހަކު، އަބޫ ޢުޘްމާނު
(أبو عثمان الحيري)، ޒިކުރުކުރުމުގެ މަޖިލީހެއްގައި އެތައް
އިރެއްވަންދެން ހަމަހިމޭނުން އިންނެވިއެވެ. އެއަށްފަހު
ޅެންބަހުން ވިދާޅުވިއެވެ.
"ތަޤުވާވެރިވުމަށް
މީސްތަކުންނަށް ގޮވާލާ ޣައިރު ތަޤުވާވެރިއެކެވެ.
އެއީ،
ބަލިމީހަކަށް ފަރުވާކުރާ، ބަލިޙާލުގައިވާ ބޭސްވެރިއެކެވެ!"
މަޝްހޫރު ޅެންވެރިޔާ، އަބުލްޢަތާހިޔާ (أبو العتاهية)
ގެ ޅެމެއްގައި ވެއެވެ.
(وَصَفْتَ التُّقَى حَتَّى
كَأَنَّكَ ذُو تُقًى -- وَرِيحُ الْخَطَايَا مِنْ
ثِيَابِكَ تَسْطَعُ)
މާނައަކީ، "ތިބާއަކީ
ތަޤުވެރިއެއް ފަދަ މީހަކު ކަމުގައި ދެއްކިއްޖައުމަށްދާންދެން
ތިބާ ތަޤުވާވެރިކަން ސިފަކޮށްފިންތާއެވެ! އެހެނަސް، ތިބާގެ
ލިބާހުގެ ފަސްބައިން ދުވަމުންދަނީ ކުށްފާފަތަކުގެ ވަސްވަހެވެ!"
ދީނީ ޢިލްމުތަކާއި، ބަހަވީ ޢިލްމުގައި ފުންނާބުއުސް
ޢިލްމުވެރިޔާ، އަބުލް އަސްވަދުއް ދުއަލީ (أبو الأسود
الدؤلي) ޅެންބަހުން ވިދާޅުވެފައި ވެއެވެ.
(لا تَنهَ
عَن خُلُقٍ وتَأتي مِثلَهُ -- عارٌ عَليكَ إذا فَعَلتَ
عَظيمُ)
މާނައަކީ، "ތިބާ (ނުބައި) ކަމެއް
ކުރަމުންދާއިރު، ތިބާ އެކަން ނަހީނުކުރަން ނޫޅޭށެވެ! ތިބާ
އެކަން ކޮށްފިނަމަ، ބޮޑުވެގެންވާ ބޭޒާރަކުން ތިބާ
ބޭޒާރުވާނެކަން ދަންނާށެވެ!"
މިފަދަ ބަސްފުޅުތަކުގެ
މުރާދަކީ، ހެޔޮކަންކަމަށް އަމުރުކުރުމާއި، ނުބައިކަންކަން
ނަހީކުރުން މަނާކުރުމެއް ނޫނެވެ. އެކަމަކު، ހެޔޮ
ކަންކަމަށް ގޮވާލާ މީހުންނަކީ، އެމީހުން ގޮވާލާ ކަންކަން
ޢަމަލާއި ބަހުން ދައްކާ ނަމޫނާ ބަޔަކު ކަމުގައި ހެދުމަށް ބާރުއެޅުމެވެ.
އެމީހަކު ގޮވާލާ ހެޔޮ ކަމެއް، އެމީހެއްގެ ޢަމަލާއި ބަހުން
ފެނުމަކީ، އެހެން މީހުންގެ މެދުގައި އެ ހެޔޮ ކަމެއް
ފެތުރިގެންދިއުން މާބޮޑަށް ފަހިކޮށްދޭނެ ކަމެއް ކަމުގައި
ވާތީއެވެ.
<><><>
ނޯޓް: މި މަޒުމޫނަކީ،
އަލްބަޤަރާ ސޫރަތުގެ 44 ވަނަ އާޔަތުގެ ތަފުސީރުގައި،
އިބްނު ކަޘީރު ބަޔާންކުރައްވާފައިވާ ބައެއް ނުކުތާތަކުގެ
ތަރުޖަމާއެކެވެ.