ޖުޙާ އާއި ބޮލެއް ނެތް މީހާ


އެއްދުވަހަކު ޖުޙާ، އޭނާގެ ރަށުގެ އަހުލުވެރިންގެ ތެރެއިން މީހަކާއެކު ސިކާރަކުރަން ދިޔައެވެ. އެކަމުގައި އެ ދެ މީހުން އުޅެނިކޮށް ފަރުބަދަ މަތީގައި އުޅުނު ވަރަށް ބޮޑު މިނިކާ ވަގެއް ފެނުނެވެ. އެހިނދު ޖުޙާ ބުންޏެވެ.

"އެ މިނިކާވަގު ސިކާރަކުރަން ހިނގާށެވެ!"

ދެން އެއް ފަރާތުން ޖުޙާ، އަނެއް ފަރާތުން އެކުގައި ދިޔަ މީހާ އެ މިނިކާވަގަށް ފާރަލާން ފެށިއެވެ. މިނިކާވަގަށް އެކަން އެނގިގެން، އެސޮރުގެ ހޮހަޅަށް ވަދެ ފިލިއެވެ. ދެން ޖުޙާއާ އެކުގައި ދިޔަ މީހާ ގޮސް އެ ހޮހަޅަށް ބޯ ކޮއްޕާލިއެވެ. މިނިކާ ވަގު އޮތް ހިސާބެއް ފެނޭތޯއެވެ. އޭނާ ބޯ ކޮށްޕާލި ގޮތަށްއޮވެ، މާގިނައިރު ވާތީ، ޖުޙާ ގޮސް އޭނާ އެތަނުން ދުރަށްލިއެވެ. އެހިނދު ޖުޙާއަށް ފެނުނީ، ބޮލެއް ނެތް ހަށިގަނޑެކެވެ!

މިކަން އޭނާގެ ގާތްތިމާގެ މީހުންނަށް ބުނެދޭނެ މޮޅު ގޮތަކާމެދު ވިސްނުމަށްފަހު، ޖުޙާ އެމީހުންގެ ގާތަށް ގޮސް ބުންޏެވެ.

"ތިޔަ ޢާއިލާގެ މިވެނި މީހަކީ ބޮލެއް ހުންނަ މީހެއް ހެއްޔެވެ؟"

ޖުޙާ އެބުނާ މީހަކީ، ކުޑަކޮށް ސޭކު ގޮތެއް ހުންނަ މީހެއް ކަމަށްވާތީ، އެމީހުން ބުންޏެވެ.

"ނޫނެކެވެ. އޭނާއަކީ ބޮލެއް ނެތް މީހެކެވެ!"

ޖުޙާ ބުންޏެވެ.

"އެހެންކަމަށްވަނީނަމަ، ރަށްބޭރުގައިވާ ފަރުބަދައިގެ ހޮހަޅަ ކައިރީގައި އެއޮތީ އޭނާތާއެވެ! މިނިކާވަގު ކައިލުމުގެ ކުރިން އޭނާގެ ހަށިގަނޑު ސަލާމަތްކުރަން އަވަސްވާށެވެ!"